ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން އޮފީސް ހުޅުވައިފި

"ރައީސް ޔާމީން ކެމްޕެއިން އޮފީސް" ހުޅުވުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ ކެމްޕޭން އޮފީސް މިރޭ ހުޅުވައިފި އެވެ.

"ރައީސް ޔާމީން ކެމްޕެއިން އޮފީސް"ގެ ނަމުގައި މާފަންނު ވެސްޓު ޕާކުގައި ހެދި ތިން ބުރީގެ އޮފީސް ހުޅުއްވައިދެއްވީ އޮފީސް ކުރިމަތީގައި ބޭއްވި ހަފުލާއެއްގައި ރައީސް އަބްދުﷲ ޔާމީނެވެ.

ކެމްޕޭން އޮފީހާ ގުޅޭ ގޮތުން ޗެނަލް13 އަށް މައުލޫމާތު ދެއްވަމުން ކެމްޕެއިންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ އަދި މިފްކޯގެ މެނޭޖިން ޑައިރެކްޓަރު އަދްލީ އިސްމާއިލް ވިދާޅުވީ، މިރޭ ހުޅުއްވި ކެމްޕެއިން އޮފީހަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހޭ ކަންކަން ހިނގާނެ ރަސްމީ އޮފީސް ކަމަށެވެ.

"ރައީސް ޔާމީން ކެމްޕެއިން އޮފީސް" ހުޅުވުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި އެ އޮފީހުގެ ކަންކަމުގައި އިސްކޮށް އުޅުއްވާނީ ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ކަމަށް އަދުލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިރޭ ހުޅުވި ކެމްޕޭން އޮފީހުން ކެމްޕޭނަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ރައްޔިތުން ބޭނުންވާ ބޭނުންތައް ދެނެގަނެ، ރައްޔިތުންނާ ހަމައަށް ރައީސްގެ މެސެޖު ތަކާއި މެނިފެސްޓޯގެ މައުލޫމާތު ފޯރުކޮށް ދެވޭނެ ކަމަށެވެ.

އޭގެ އިތުރުން އަތޮޅު ތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އޮފީހުގައި ކޮންމެ އަތޮޅަކަށް ހާއްސަ މޭޒެއް ބަހައްޓާފައިވާއިރު އަތޮޅުތެރޭގައި ހުރި ޕީޕީއެމްގެ ޖަހަގަ ތައްވެސް ބަލަމުންދާނީ މިރޭ ހުޅުވި އޮފީހުން ކަމަށް އަދުލީ ވިދާޅުވި އެވެ.

"ރައީސް ޔާމީން ކެމްޕެއިން އޮފީސް" ހުޅުވުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި ކެމްޕޭން އޮފީހަކީ ކޮންމެ ރައްޔިތަކަށް ވެސް ހުޅުވިފައި ހުންނާނެ ކޮންމެ ރައްޔިތަކާ ގާތުން މަސައްކަތް ކުރެވޭނެ ތަނެއް. ފޯނުން ކަމަށް ވިޔަސް އެސްއެމްއެސް އަކުން ވިޔަސް ފޭސްބުކަކުން ވިޔަސް ވަޑައިގެން މިތާ ތިރީގައި ވާހަކަދައްކާލަން ކަމަށް ވިޔަސް މިތަނުގައި ހިނގަމުންދާނެ،" އަދުލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މެޑަމް ފާތިމަތު އިބްރާހިމްއާ ގުޅުންހުރި ކަންކަން ވެސް ކުރިއަށްދާނީ ކެމްޕެއިނާ ގުޅޭ ރަސްމީ އޮފީހުގައި ކަމަށެވެ.

ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމުގެ ގޮތުން ހޮޓްލައިނެއް ގާއިމް ކުރުމާއި ކެމްޕޭން މެނޭޖަރުން ތަމްރީން ކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީން ކެމްޕެއިން އޮފީސް" ހުޅުވުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕީޕީއެމުން ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި އެ ޕާޓީގެ ޖަގަހަތައް ހުޅުވައި އެކި ނަންނަމުގައި މާލެއާއި އަތޮޅު ތެރޭގައި ޖަލްސާތައް ބާއްވަމުންނެވެ.

އެގޮތުން ފުރުގާން މިސްކިތް ކުރިން ހުރި ސިނަމާލޭ ހުސްބިމުގައި "ރުމާލު 2"ގެ ނަމުގައި މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ބޮޑު ޖަގަހައެއް ހުޅުވިއިރު ހަމަ އެ މަހުގައި "ޕީޕީއެމް ރާސްޓަސް"ގެ ނަމުގައި ވެސް ވަނީ ޖަގަހަ އެއް ހުޅުވައިފައެވެ.

އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޝީ ބިލްޑިން ކައިރީގައި "ފިޔާތޮށި ޖަގަހަ"ގެ ނަމުގައި ޕީޕީއެމްގެ ޖަގަހަ އެއް ހުޅުވައިފައެވެ.

ޕީޕީއެމް އިން ޖަގަހަތައް ހަަދަމުންދާއިރު އިދިކޮޅު ފަރާތްތަކުން ދަނީ އެ ޖަގަހަތައް ހެދުމުގައި ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ.

ޖަގަހަތައް ހެދުމުގައި ހައުސިން މިނިސްޓްރީގެ މުވައްޒަފުން ބޭނުންކުރަމުންދާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ މީގެ ކުރިން އިއުތިރާފުވެވަޑައިގެންފައެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުގެ އެ ތުހުމަތުތައް ޕީޕީއެމްގެ ލީޑަޝިޕުން ގެންދަވަނީ ދޮގު ކުރަމުންނެވެ.

comment ކޮމެންޓް