ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ދޭން ފަށައިފި

ގދ. ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ބީއެމްއެލް

ގދ. ފަރެސްމާތޮޑާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފިއެވެ.

ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފަރެސްމާތޮޑާގައި އިފްތިތާހުކޮށްދެއްވީ، މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިރެކްޓަރ އޮފް ބީއެމްއެލް އިސްލާމިކް، ޒުލްޤަރްނައިން ބިން ތަމަންއެވެ.

ގައުމީ ބޭންކުން ބުނީ، ފައިސާ ނެގުމުގެ އިތުރުން މި އޭޓީއެމް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތްވެސް 24 ގަޑިއިރު ލިބިގެންދާނެކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒުލްޤަރްނައިން ވިދާޅުވީ، އެންމެ ޒަމާނީ ސެލްފް ސާވިސް ބޭންކިންގ އޭޓީއެމް އެއް ފަރެސްމާތޮޑާގައި ގާއިމުކުރެވުމަކީ ގައުމީ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މިއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފުޅާ ދާއިރާއެއްގައި ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ފަށާފައިވާ އިންވެސްޓްމަންޓް ޕްރޮގްރާމަށް އިތުރުވާ މުހިންމު ބައެއް. މުޅި ރާއްޖެ ޝާމިލުވާގޮތަށް އާންމު ފަރުދުންނަށާއި އާއިލާތަކަށާއި ވިޔަފާރިތަކަށް މި ޕްރޮގްރާމްގެ ފައިދާ މިދަނީ ލިބެމުން. ފަރެސްމާތޮޑާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޭނާ ވިދާޅުވިއެވެ.

ގދ. ފަރެސްމާތޮޑާގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ފޮޓޯ: ބީއެމްއެލް

ފަރެސްމާތޮޑާގައި މިއަދު އިފްތިތާހުކުރި އޭޓީއެމް ޚިދުމަތަކީ، ރާއްޖޭގެ ސަރަހައްދުތަކަށް ޚިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަށް ގައުމީ ބޭންކުން ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ދޭން ފެށުނު ޚިދުމަތެކެވެ.

ގައުމީ ބޭންކުން މިހާރުވެސް ދަނީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 32 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 91 އޭޓީއެމް، 4900 ޕީއޯއެސް މަރޗަންޓުން، 205 ކޭޝް އޭޖެންޓުންގެ ޚިދުމަތަ ދެމުންނެވެ.

ބީއެމްއެލްގެ އަމާޒަކީ، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.

comment ކޮމެންޓް