ފޯކައިދޫ އަންހެންމީހާ ދިއްދުއަށް ފޮނުވާލީ ކުޅުދުއްފުށީގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތިގެން

ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް --- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އިއްޔެ ހެނދުނު ށ.ފޯކައިދޫއިން ހދ. ކުޅުދުއްފުށްޓަށް ވިއްސަން ގެންދިޔަ މާބަނޑު އަންހެން މީހާ ހއ. ދިއްދުއަށް ފޮނުވާލީ ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލުގައި ކުޑަކުދިންނާ ބެހޭ ޑޮކްޓަރެއް ނެތިގެން ކަމަށް އެ އަންހެން މީހާގެ އާއިލާއިން ބުނެފިއެވެ.

އަންހެންމީހާގެ އާއިލާގެ މީހަކު "ސަން" އަށް މިއަދު ކިޔައިދިންގޮތުގައި އިއްޔެ ހެނދުނު އަންހެން މީހާ ކުޅުދުއްފުށްޓަށް ގެންދިޔައި ށ. ފުނަދޫ ހޮސްޕިޓަލުގައި އަންހެނުންނަށް ޚާއްސަ ޑޮކްޓަރެއް ނެތިގެން ކަމަށެވެ.

"ފުނަދޫގައި ނެތް އަންހެނުންނަށް ޚާއްސަ ޑޮކްޓަރެއް. އެތަނުން ބުނީ އަންނަ ހަފްތާއަށް މަޑުކުރަން. އެކަމަކު މަޑު ކުރެވޭކަަށް ނެތް. ދެން މިދިޔައީ އިއްޔެ ހެނދުނު ކުޅުދުއްފުއްޓަށް،" އެމީހާ ބުންޏެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް ގޮސް އެޑްމިޓްވާން ބުނުމުން އެ ހޮސްޕިޓަލުން އޮޕަރޭޝަން ކުރެވިދާނެ ކަަމަށާއި ނަމަވެސް އެޕަރޭޝަން ކޮށް ދަރިފުޅު ނެގުމަށްފަހު ދެން ދެވޭނެ ފަރުވާއެއް ނެތް ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފައިވާ ކަމަށް އާއިލާގެ މެމްބަރު ބުންޏެވެ.

"އެކޮޅުން މިބުނީ ކުޑަކުދިންގެ ޑޮކްޓަރެއް ނެތީމަ ދެން އޮޕަރޭޝަން ކޮށްގެން ދަރިފުޅު ނެގުމަށްފަހު ދެވޭނެ ފަރުވާއެއް ނެތޭ. އޮޕަރޭޝަން ކުރެވިދާނޭ،" އެމީހާ ބުންޏޭވެ.

އަންހެންމީހާ ގޮވައިގެން އެ އާއިލާއިން ދިއްދުއަށް ގޮސްފައިވަނީ އިއްޔެ މެންދުރެއްހާއިރުއެވެ. އަދި އޮޕަރޭޝަންކޮށްގެން ދަރިފުޅު ނަގާފައިވަނީ ހަވީރުއެވެ.

އާއިލާއިން ވާހަކަ ދެއްކި މީހާ ބުނީ ދަރިފުޅާއި މައިމީހާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހއ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ލިބެމުންދާކަމަށް އޭނާ ބުންޏެވެ.

"ކުޅުދުއްފުށީ ހޮސްޕިޓަލުން ދިއްދުއަށް ރިފަރ ކުރީ. އެކަމަކު އަޅުގަނޑުމެންނަށް މެޑިކަލް އެއްވެސް ސަޕޯޓެއްނުދޭ. ދިއްދުއަށް ދާން އެކުގައި ނަރުހެއް ފޮނުވަދޭން ބުނީމަ އެވަރުވެސްކޮށް ނުދިން،" އެމީހާ ބުންޏެވެ.

މިކަމާގުޅޭ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު އުސައިދު އަލީ ވިދާޅުވީ އެ ހޮސްޕިޓަލުގައި ބައެއް ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ނެތް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ޚިދުމަތްތައް ދިނުމަށް ދަތިވަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތަށް އެކަން ދިމާވަނީ އެހޮސްޕިޓަލް ހިންގާ އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ބައެއްކަންކަން ހަމަޖައްސައިދީފައި ނުވާތީ ކަމަށެވެ.

ފަހަކަށް އައިސް ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅޭ ގިނަ ޝަކުވާތަކެއް އަންނަނީ ފެންމަތިވަމުންނެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ކުރިއަރާފައިވާ ވަސީލަތްތައް ބޭނުންކޮށްގެން އެތަން ހިންގުމަށް އިންޑިއާގެ ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ (އެންއައިއައި) ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ހޮސްޕިޓާ އެންއައިއައިއާ ހަވާލު ކުރުމަށްފަހު ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ އެއްބަސްވުމުގައި ވާ ގޮތުން ސޮއިކުރިތާ 16 މަސްދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލް މިހާރު ހުރި 50 އެނދުން 150 އެނދަށް އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި އެކި ދާއިރާތަކުން ސްޕެޝިލިސްޓުންނާއި ސުޕަރސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ލިބިގެން ދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެ އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ހޮސްޕިޓަލަކީ ޖެނެޓިކް ޑިސްއޯރޑާސްގެ ދާއިރާއިން ސެންޓަރ އޮފް އެކްސެލެންސްއަކަށް ވެގެނެދިއުން އަދި އޭގެ ތެރޭގައި ތެލްސީމިއާ މައްސަލަތަކާއި އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހިމެނުމަށް ވެސް ވަނީ އެއްބަސް ވެފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގުން އެންއައިއައިއާ ހަވާލުކޮށްފައިވަނީ 50 އަހަރަށެވެ. އެ މުއްދަތުގެ ތެރޭގައި ހޮސްޕިޓަލަށް ގެންނަން ޖެހޭ ހުރިހާ ބަދަލުތަކެއް ވެސް ގެނައުމަށް ހަމަޖެހިފައިވަނީ އެ ކުންފުނީގެ ޚަރަދުގައެވެ.

comment ކޮމެންޓް