އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ސަލާހު އަށް

އެފްރިކާގެ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ސަލާހު--

މަޝްހޫރު ޚަބަރު ފަތުރާ އެޖެންސީ ކަމަށްވާ ބީބީސީން ހޮވި އެފްރިކާގެ އަހަރުގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފި އެވެ.

އިޓަލީގެ ރޯމާ އިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ލިވަޕޫލްއާ ގުޅުނު ސަލާހު އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ލީގުގައި މިހާތަނަށް އޭނާ ވަނީ 13 ގޯލު ކާމިޔާބުކޮށްފައެވެ.

އޮންލައިން ވޯޓަކުން ހޮވި އެ އެވޯޑު ސަލާހު ކާމިޔާބުކުރީ ލިވަޕޫލުގެ ސަޑިއޯ މާނޭ އާއި ޗެލްސީގެ ވިކްޓަ މޯސެސް އާއި ރެޑްބުލް ލީޕްޒިގް އަށް ކުޅެމުން އަންނަ ނަބީ ކެއިޓާއާ ވާދަކޮށްގެންނެވެ.

އެ އެވޯޑު ކާމިޔާބު ކުރުމަށް ފަހު ސަލާހު ބުނީ އެވޯޑު ލިބުމުން ވަރަށް އުފާވާ ކަމަށާއި އޭނާ އަށް މިއަހަރު ވަރަށް ރަނގަޅަށް މަސައްކަތް ކުރެވުނުކަން ގަބޫލު ކުރާ ކަމަށެވެ.

ލިވަޕޫލްގެ އިތުރުން މިސްރުގެ ގައުމީ ޓީމުގައި ވެސް މިއަހަރުތެރޭ ސަލާހު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 1990 ވަނަ އަހަރަށްފަހު މިސްރު ވޯލްޑް ކަޕަށް ގެންގޮސްދިނުމުގައި ވެސް ސަލާހު ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން މިސްރު ވޯލްޑް ކަޕަށް ކޮލިފައިވި ގޯލު ކާމިޔާބުކޮށްދިނީ ވެސް ސަލާހުއެވެ.

ސަލާހު އަކީ އެ އެވޯޑު ހޯދި މިސްރުގެ ތިންވަނަ ކުޅުންތެރިއާއެވެ. އެ އެވޯޑު މީގެކުރިން ހޯދި މިސްރުގެ ދެ ކުޅުންތެރިންނަކީ މުހައްމަދު ބަރަކާތު (2005 ވަނަ އަހަރު) އަދި މުހައްމަދު އަބޫތްރިކާ (2008 ވަނަ އަހަރު) އެވެ.

comment ކޮމެންޓް