އިއްޔެ ފެނުނު ލަންކާގެ މަސްބޯޓް އުލިގަމަށް ގެންގޮސްފި

އިއްޔެ ފެނުނު ލަންކާގެ މަސްބޯޓު ކަފުޖަހައިގެން އުލިގަމަށް ގެނައުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ--- ފޮޓޯ/ އެމްއެންޑީއެފް

ހއ. އަތޮޅު އުލިގަމު ބޭރުން އިއްޔެ ފެނުނު ލަންކާގެ މަސް ބޯޓު އެމްއެންޑީއެފްގެ އުޅަނދެއްގައި ކަފު ޖަހައިގެން އުލިގަމަށް ގެންގޮސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ ބޯޓު ކަފުޖަހައިގެން މިއަދު ހެނދުނު ގެންގޮސްފައިވާ ކަމަށާއި ބޯޓުގެ އިންޖީން ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެ ބޯޓު ލަންކާ އަށް ފޮނުވާލުމުގެ މަސައްކަތް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ބޯޓު ފެނުނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 62 ނޯޓިކަލް މޭލު ބޭރުން ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއަށެވެ. އެ ބޯޓަކީ ލަންކާ ސަރަހައްދަށް މިފަހަކުން އެރި ތޫފާން އޯޗީގައި ގެއްލުނު މަސްބޯޓެއް ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފް އިން ބުނީ "ރަޝާނީ" ނަމަކަށް ކިޔާ މަސްބޯޓު ފެނުނު އިރު މަސް ބޯޓުގައި ހަތް މީހުން ތިބި ކަމަށާއި ނަމަވެސް ބޯޓުގައި ބޯފެން ނެތް ކަމަށެވެ.

ބޯޓު ފެނުނު އިރު ބޯޓުގައި ތިބި ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށާއި ވަގުތުން އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިފައިވާ އިރު، މީގެ ދެ ދުވަސް ކުރިން މީހަކު ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ބޭރުގެ މަސް ބޯޓެއް ވެސް ވަނީ ފެނިފަ އެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ސާފެއް ނުވެ އެވެ.

comment ކޮމެންޓް