އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑަށް ގަލާޑޯ، ކަންޑޭލާ، ސްޓެވާޓް، ލިމްބޫ އަދި އިލިއާ ވާދަކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ފުޓްބޯޅަ ހަބަރުތައް ގެނެސްދޭ މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ދޭ "މޯލްޑިވްސް ފުޓްބޯލް އެވޯޑްސް"ގެ އެންމެ ބިދޭސީ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާންކޮށްފިއެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިޔަކާއި ޓީސީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިއެއް އަދި ކްލަބު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއެކެވެ.

އެ އެވޯޑަށް ނިއު އިން ވާދަކުރާ ބިދޭސީ ދެ ކުޅުންތެރިންނަކީ މިސީޒަނުގައި ނިއުގެ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސްދައުރެއް އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ގަލާޑޯ އެޑްރިއަން ވަލްޑޭސްއާއި ރުއިޒް ޕަޒް އެންޖެލް ލުއިޒް (ކަންޑޭލާ) އެވެ.

ޓީސީން އެވޯޑަށް ނޮމިނޭޓްވެފައިވަނީ ކޯނެލިއަސް ސްޓެވާޓް އެޒެކީލް އަދި އެ ކްލަބުގެ ގޯލްކީޕަރު ލިމްބޫ ކިރަން ކުމާރެވެ. ސްޓްވާޓްއާއި ކީޕަރު ލިމްބޫ ކިރަން ކުމާރަކީ މިސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕްގެ ރަނަރަޕް މަގާމު ޓީސީއަށް ހޯދައިދިނުމަށް މުހިންމު ދައުރެއް އަދާކުރި ދެ ކުޅުންތެރިންނެވެ.

އެ އެވޯޑަށް ދެން ވާދަކުރާ ކުޅުންތެރިޔަކީ ގްރީންގެ ސުބޮލް އިލިއާއެވެ. އިލިއާގެ ކުޅުން އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ މާލޭ ލީގުގައެވެ. ގްރީނަށް މާލޭ ލީގުގެ ދެވަނަ ހޯދައިދިނުމަށް އިސްދައުރެއް އަދާކުރި އިލިއާގެ ފަރާތުން މިސީޒަނުގައި މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިން އަދި އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ކޯޗުންގެ ނަންތައް ވެސް ވަނީ އިއުލާންކޮށްފައެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ނިއުގެ އަލީ އަޝްފާގު (ދަގަނޑޭ)އާއި ހަމްޒާ މުހައްމަދު (ހަމްޕު)އާއި އަލީ ފާސިރު (ސެންޓޭ)އާއި ޓީސީގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)އާއި ނާއިޒް ހަސަން (ދާދު) އަދި މާޒިޔާގެ މުހައްމަދު އުމައިރެވެ.

އެންމެ މޮޅު ކޯޗުންގެ އެވޯޑަށް ނޮމިނޭޓްވި ތިން ކޯޗުންނަކީ މާޒިޔާއަށް މާލޭ ލީގު ކާމިޔާބުކޮށްދިން ކޯޗު މަރްޔާން ސެކުލޮވްސްކީއާއި ނިއުއަށް ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްދިން ކޯޗު އޮސްކާ ބްރުޒޮން އަދި މިދިޔަ އަހަރު އެ އެވޯޑު ހޯދި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

comment ކޮމެންޓް