ގޮޅިތަކާއި ގާޑިޔާތައް ހުސްކުރަން އެންގީ މުއްދަތު ހަމަވެގެން: ހައުސިންގް

ވަޅޯމަސް މާރުކޭޓު: އެތަނުގެ ގޮޅިތަށްވެސް ވަނީ ހުސްކުރަން އަންގާފައި --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ވަޅޯމަސް މާރުކޭޓުގެ ގޮޅިތަކާއި ގާޑިޔާތައް ހުސްކުރަން އެންގީ އެތަންތަން ކުއްޔަށް ދޫކުރި މުއްދަތު ހަމަވުމުން ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފި އެވެ.

ގާޑިޔާތަކާއި ވަޅޯމަސް މާރުކޭޓުގެ ގޮޅިތަށް ހުސްކުރަން ދިން މުއްދަތު މިމަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފަ އެވެ.

ހައުސިންގް މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ވިދާޅުވީ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދޫކުރި މުއްދަތު މި އަހަރުގެ ޖޫން މަހަށް ހަމަވެފައިވާ ކަމަށެވެ.

އޭގެ ކުރިން އޭޕްރީމް މަހު ވާނީ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމުގެ އުސޫލެއް އެކުލަވާލައި އިއުލާނު ކޮށްފައި ކަމަށް ފަޒާލް ވިދާޅުވި އެވެ.

އެ އުސޫލުގެ ދަށުން ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމަށް ޖޫން މަހު އިއުލާނު ކުރެވި ޖުލައި 20ގެ ނިޔަލަށް ފޯމު ބަލައިގެންފައިވާނެ ކަމަށް ފަޒާލް ވިދާޅުވި އެވެ.

އެ ފުރުސަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ގޮޅިތަކާއި ގާޑިޔާތަކަށް އެދި ކުރިމަތިލާފައިވާ ކަމަށް ވެސް ފަޒާލް ވިދާޅުވި އެވެ.

"ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ފަރާތެއް ހުރި ނަމަ އެ ފަރާތެއް ޝޯޓްލިސްޓެއް ނުވޭ،" ފަޒާލް ވިދާޅުވި އެވެ.

ފަޒާލް ވިދާޅުވީ ހުސްކުރަން އެންގީ މިހާރު ގޮޅިތަކާއި ގާޑިޔާތައް ހިންގާ ފަރާތްތަކުގެ ތެރެއިން ތަނަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް ކަމަށެވެ. އަދި ގާޑިޔާ ކުއްޔަށް ދޫކުރުމާ ބެހޭ އުސޫލާ ހިފާލަށް އަމަލުކުރާ ފަރާތްތަކަށް ވެސް ހުސްކުރަން އެނގި ކަމަށް ފަޒާލް ވިދާޅުވި އެވެ.

މާލޭގެ ދެކުނު ފަރާތުގައި 30 އަށް ވުރެ ގާޑިޔާ ހުރި އިރު އެ ގަޑިޔާތަކަކީ ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފައިދާތަކެއް ލިބެމުންދާ ތަންތަން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މާރުކޭޓް ގޮޅިތަކާއި ގާޑިޔާތަކުގައި ބިދޭސިންގެ ނުފޫޒު ބޮޑުވެފައިވާ ކަމުގެ ޝަކުވާ، އެ މަސައްކަތް ކުރާ ދިވެހިން އަންނަނީ ކުރަމުންނެވެ.

ހައުސިން އިން ބުނީ މާރުކޭޓު ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމުގެ އާ އުސޫލުގެ ދަށުން އެތަންތަން ހަވާލު ކުރުން އަންނަ މަހު ފަށާނެ ކަމަށެވެ.

comment ކޮމެންޓް