ގެއެއްގެ މަތިން ބާލާފައި ހުރި ލަކުޑި ފިލައެއްގައި ޖެހި ޒަހަމްވި ޒުވާނަކު އައިސީޔޫގައި

އަނިޔާ ލިބުނު ޒުވާނާ ދުއްވި ސައިކަލް، ލަކުޑި ފިލާގަނޑުގައި ޖެހި ވެއްޓިފައި -- ސަން ފޮޓޯ

ހެންވޭރު ކަލާފާނު ހިނގުމުގައި ހުރި ގެއެއްގެ މަތިން މަގުމައްޗަށްވާ ގޮތަށް ބާލާފައި ހުރި ލަކުޑި ފިލައެއްގައި ޖެހި ސީރިއަސް އަނިޔާތަކެއްވި ޒުވާނަކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު އިރުއޮއްސި 6:20 އެހާކަންހާއިރު އެވެ. އަނިޔާވި ޒުވާނާގެ ބައްޕަ 'ސަން' އަށް ބުނީ، އޭނާގެ ދަރިފުޅު ކަލާފާނު ހިނގުމުން، ސައިކަލުގައި ދުއްވާފައި ދަނިކޮށް ލަކުޑި ބުރީގައި ޖެހި ވިއްސައިގެން ގޮސްފައިވާ ކަމަށެވެ.

ގާތްގަނޑަކަށް ތިން އިންޗި ބޯ، ހައިންޗި ފުޅާ، ދިގުމިނުގައި 15 ވަރަކަށް ފޫޓު ހުންނަ އެ ލަކުޑި ފިލާ ބާލާފައި ވަނީ ކަލާފާނު ހިނގުމުގައި ހުރި 'ސިލްވަ ސޭންޑް" ނަމަކަށް ކިޔާ ގެއިން ކަމަށް އޭނާ ބުންޏެވެ.

އަނިޔާ ލިބުނު ޒުވާނާ ދުއްވި ސައިކަލް ޖެހުނު ލަކުޑި ފިލާގަނޑު، އެ ނެރުނު ގޭގެ ދޮރުކައިރީން މަގުމަތީގައި ބާއްވާފައި -- ސަން ފޮޓޯ

އެ ހާދިސާގައި ދަރިފުޅުގެ މޫނު މަތިން ކަށިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށާއި މިހާރު އައިސީޔޫގައި ފަރުވާދެމުން ދާ ކަމަށް ބައްޕަ ބުންޏެވެ.

"އަދި ޑޮކްޓަރުންނަށް ވެސް ވަކި އެއްޗެއް ބުނަން ނޭނގޭ. އައިސީޔޫގައި ފަރުވާ ދެމުން ދަނީ. ވަރަށް ސީރިއަސް،" ޒުވާނާގެ ބައްޕަ ބުންޏެވެ.

ޒުވާނާ ދުއްވަން އިން ސައިކަލަށް ވެސް ވަނީ އެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ. ވެފައިވާ ގެއްލުންތައް އާއިލާއިން ވަނީ 'ސަން'ގެ ނޫސްވެރިންނަށް ދައްކާލައިފަ އެވެ. ސައިކަލުގެ ކަވަރު ފަޅި އެއްކޮށްހެން ވަނީ ހަލާކުވެފަ އެވެ.

އާއިލާއިން ބުނީ ހާދިސާ ހިނގުމުން ފުލުހުންނަށް އެކަން އެންގި ކަމަށާއި ފުލުހުން ސީންއަށް އެޓެންޑްވީ ގަޑިއެއްހާއިރު ފަހުން ކަމަށެވެ.

"6:20ގައި އެކްސިޑެންޓް ހިނގީ. 7:20 ވީ ފަހުން ފުލުހުން އެތަނަށް ހާޒިރުވީ،" އާއިލާއިން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓު ކުރިތާ ހަތް މިނެޓްގެ ތެރޭގައި ފުލުހުން ސީންއަށް އެޓެންޑްވެފައިވާނެ ކަމަށެވެ. އަދި ހާދިސާއެއް ރިޕޯޓު ކުރުމުން ފުލުހުން އަމަލުކުރާ ޕްރޮސީޖާގެ ތެރެއިން ހޮސްޕިޓަލަށް ވެސް ފުލުހުން އެޓެންޑްވެފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް