ތޫފާން އޯޗީގައި ގެއްލުނު ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިއްޖެ

ސިފައިން މީގެ ކުރިން ހޯދި ލަންކާ ބޯޓެއް -- ފައިލް ފޮޓޯ: ސިފައިން

ހާލުގައި ޖެހިފައިވާ ސްރީ ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިއްޖެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 62 ނޯޓިކަލް މޭލު ބޭރުން ކޯސްޓްގާޑު ޝިޕް ޝަހީދު އަލީއަށް ފެނުނު އެ ބޯޓަކީ ރާއްޖެ ސަރަހައްދަށް މިފަހަކުން އެރި ތޫފާން އޯޗީގައި ގެއްލުނު މަސްބޯޓެއް ކަމަށެވެ.

އެމްއެންޑީއެފުގެ ކޯސްޓްގާޑުން މީގެ ކުރިން ބުނީ، ސައިކްލޯން އޯޗީގައި އަވަށްޓެރި އިންޑިއާގެ 37 މަސް ބޯޓަކާއި ލަންކާގެ 30 މަސް ބޯޓެއް ގެއްލިފައިވާ ކަމުގެ ރިޕޯޓެއް އެ ފަރާތަށް ލިބިފައިވާ ކަމަށެވެ.

ކެޕްޓަން އާޒިމް ވިދާޅުވީ، މިއަދު 3:30 އެހާކަންހާއިރު ރާއްޖެ ސަރަހައްދުން ފެނުނު "ރަޝާނީ" ނަމަކަށް ކިޔާ މަސް ބޯޓުގައި ހަތް މީހުން ތިބި ކަމަށާއި ނަމަވެސް ބޯޓުގައި ބޯފެން ނެތް ކަމަށެވެ. ނަމަވެސް ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޯސްޓްގާޑުން މިހާރު ވަނީ ހާލުގައި ޖެހިފައިވާ މަސްބޯޓުގެ ފަޅުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް ރާއްޖޭގެ ސަރަހައްދުން ފެނިފައިވާއިރު، މީގެ ދެ ދުވަސް ކުރިން މީހަކު ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮތް ބޭރުގެ މަސް ބޯޓެއް ވެސް ވަނީ ފެނިފައެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ސާފެއް ނުވެއެވެ.

comment ކޮމެންޓް