ތާރީހީ ދަތުރެއްގައި ބަހުރެއިން ސަރުކާރުގެ ވަފުދެއް އިސްރާއިލަށް ހިނގައްޖެ

ބަހުރެއިންގެ ރަސްގެފާނު ފޮނުއްވި ވަފުދު އިސްރާއިލުގައި --

ތެލްއަވީވް (11 ޑިސެމްބަރު):ބަހުރެއިން ސަރުކާރުގެ ވަފުދެއް ތާރީހީ ދަތުރެއްގައި އިސްރާއިލަށް ހިނގައްޖެ އެވެ. ސައުވީސް މެމްބަރުން ހިމެނޭ ވަފުދުން އިސްރާއިލަށް ކުރި ޒިޔާރަތަކީ، ބަހުރެއިންގެ ސަރުކާރުގެ ފަރާތުން އިސްރާއިލަށް ކުރި ފުރަތަމަ ދަތުރެވެ.

އިސްރާއިލުގެ ހަދާޝޮޓް ޓިވީ އަށް ދިން އިންޓަވިއުއެއްގައި އެވަފުދުން ބުނީ އެ ޒިޔާރަތަކީ ބަހުރެއިންގެ ރަސްގެފާނު ބޭނުންވެގެން ކުރި ޒިޔާތަރެއް ކަމަށާއި އަދި އެ ދަތުރުގެ ބޭނުމަކީ މުޅި ދުނިޔެއަށް ސުލްހައިގެ މެސެޖެއް ދިނުން ކަމަށެވެ.

އެ ވަފުދު އިސްރާއިލަށް ޒިޔާރަތްކުރި އިރު، ގުދުސްގެ މައްސަލާގައި ފަލަސްތީނުން ދަނީ ބޮޑެތި މުޒަހާރާތަކެއް ބާއްވަމުންނެވެ. އެ މުޒާހަރާގައި މިހާތަނަށް 13 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

އެމެރިކާއިން ގުދުސް އިސްރާއިލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ބަލައިގަތްކަމުގައި ވިޔަސް ބައިނަލަގްވާމީ ގައުމުތަކުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. ބައިނަލަގްވާމީ ގައުމުތަކުން ދެކޭ ގޮތުގައި އިސްރާއިލުން ވަނީ ގުދުސް އިސްތިއުމާރުކޮށްފަ އެވެ.

ބަހުރެއިންގެ ވަފުދުން ބުނީ އެ މީހުން އެއްވެސް ދީނެއްގެ ބަޔަކާ ނަފްރަތުކަމެއް ނެތް ކަމަށެވެ.

އެ ވަފުދުން ވަނީ އިސްރާއިލުގެ ކޮމިޔުނިކޭޝަން މިނިސްޓަރު އަޔޫބް ކާރާ އާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް ފަހު އަޔޫބް ވިދާޅުވީ އިސްރާއިލާ އަރަބި ގައުމުތަކާ ގުޅުންތައް ވަރަށް ބޮޑަށް ބަދަހިވަމުން އަންނަ ކަމަށާއި އަދި އަންނަ އަހަރު ބަހުރެއިންއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބަހުރެއިން އިސްރާއިލާ ގުޅުންތައް ބަދަހިވަމުން ދާ ދިޔުމުގައި، ބަހްރެއިން އާއި އިރާނާ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ބަހްރެއިންގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އިރާނު ކަމަށް ބަހުރެއިން އަބަދު ވެސް ތުހުމަތުކުރެ އެވެ.

ބަހުރެއިންގެ އާބަދީގެ ބޮޑުބަޔަކީ ޝީއީން ނަމަވެސް، އެ ގައުމުގައި ވެރިކަން ކުރަނީ ބައިމަދު ސުންނީ ޝާހީއާއިލާ އަކުންނެވެ.

ބަހުރެއިންގެ އޮފިޝަލަކު ވިދާޅުވީ އިސްރާއިލުގެ ފަރާތުން އެގައުމަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އަދި ނުރައްކާ އޮތީ ހަމައެކަނި އިރާނުގެ ފަރާތުން ކަމަށެވެ.

އިސްރާއިލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒް އަވަހާރަވެގެން ހަމައެކަނި ތައުޒިޔާކީ ގައުމަކީ ވެސް ބަހުރެއިން އެކަންޏެވެ.

ޕްރެސްޓީވީ

comment ކޮމެންޓް