މާރުކޭޓް ގޮޅިތަކާއި ގާޑިޔާތައް ހުސްކުރަން ދިން މުހުލަތު އިތުރުކޮށްފި

މާލޭގައި ހިންގާ ގާޑިޔާތައް ---

މާރުކޭޓް ގޮޅިތަކާއި ގާޑިޔާތައް ހުސްކުރަން ހައުސިން މިނިސްޓްރީ އިން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓެންޓް އަހުމަދު ފަޒާލް ވިދާޅުވީ ގާޑިޔާތަކާއި މާރުކޭޓް ގޮޅިތައް ހުސްކުރަން ދިން މުހުލަތު މި މަހުގެ 31ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

ގާޑިޔާތައް ކުއްޔަށް ދޫކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވާތީ، އެ ލިޔުން ލިބޭތާ ތިން ދުވަސް ތެރޭގައި ހުސްކުރުމަށް ހައުސިން މިނިސްޓްރީ އިން ގަޑިޔާތަކަށް އަންގާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.

ދަތުރުވެރިންގެ މާރުކޭޓް. މަރުކޭޓް ގޮޅިތައް ހުސްކުރަން މި މަހުގެ ނިޔަލަށް މުއްދަތު ވަނީ ދީފައި --ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހައުސިން މިނިސްޓްރީ އިން ގާޑިޔާތަކާއި ގޮޅިތައް ހުސްކުރަނީ އެތަންތަން ކުއްޔަށް ދިނުމަށް މި އަހަރު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެތަންތަން ލިބުނު ފަރާތްތަކަށް ދިނުމަށް ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.

މާލޭގެ ދެކުނު ފަރާތުގައި 30 އަށް ވުރެ ގާޑިޔާ ހުރި އިރު އެ ގަޑިޔާތަކަކީ ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފައިދާތަކެއް ލިބެމުންދާ ތަންތަން ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މާރުކޭޓް ގޮޅިތަކާއި ގާޑިޔާތަކުގައި ބިދޭސިންގެ ނުފޫޒު ބޮޑުވެފައިވާ ކަމުގެ ޝަކުވާ، އެ މަސައްކަތް ކުރާ ދިވެހިން އަންނަނީ ކުރަމުންނެވެ.

ހައުސިން އިން ބުނީ މާރުކޭޓު ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމުގެ އާ އުސޫލުގެ ދަށުން އެތަންތަން ހަވާލު ކުރުން އަންނަ މަހު ފަށާނެ ކަމަށެވެ.

comment ކޮމެންޓް