އައު އަހަރަށް ކުރިމަތިލާ އިރު ރިސޯޓްތަކުގެ އަގުތައް ދަށަށް!

ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހާވަށް ރިސޯޓުގެ ވިލާއެއް ---

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު ކޮންމެ އަހަރެއް ވެސް ނިމޭ ހިސާބަށް އަންނަ އިރު ރިސޯޓްތައް ފުރި ބާރުވެ އެވެ. އަދި އެ މުއްދަތަކީ ރިސޯޓްތަކަށް އެންމެ ގިނަ އަދަދަށް އާމްދަނީ ވަންނަ ދުވަސްވަރެވެ. ޒަމާނުންސުރެ އެ ގޮތަށް އެކަން ހިނގަމުން އައި ނަމަވެސް ރިސޯޓްތަކަށް އަންނަ ޓުއަރިސްޓުންގެ އަދަދު މަދުވެ އަގުތައް އެތައް ތަނެއް ދަށް ކުރަން ޖެހިފައިވާ ކަމަށް ރާއްޖޭގެ ރިސޯޓްތައް ހިންގާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ބޮޑެތި ރިސޯޓްތަކުން 30 ޕަސެންޓްގެ ޑިސްކައުންޓް

ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓްތަކަށްބަލާ އިރު އެ ރިސޯޓްތަކުން އާންމުކޮށް އެނދު ދޫކުރާ އަގަށް ވުރެ މި އަހަރު އެންމެ ބާރުބޮޑު ދުވަސްވަރު އެނދުތައް ދޫކުރާ އަގު ވަނީ އެތައް ތަނެއް ދަށްވެފަ އެވެ. ބައެއް ތަންތަނުން 20 ޕަސެންޓް އަގު ދައްކޮށްފައިވާ އިރު ބައެއް ރިސޯޓްތަކުން ވަނީ 30 ޕަސެންޓާ ހަމައަށް އަގުތައް ކުޑަކޮށްފަ އެވެ.

މާލެ ކައިރީގައި އޮންނަ އެއް ރިސޯޓް، ޕެރަޑައިސްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމް ވިދާޅުވީ މި ދުވަސް ކޮޅު ރާއްޖެ އަށް އަންނަ މަތީ ފެންވަރުގެ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށް ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖެ އަށް އާންމުކޮށް އަންނަނީ މެދު ފަންތީގެ( ބަޖެޓް) ޓޫރިސްޓުން ކަމަށާއި އެމީހުން ބޮޑަށް ބޭނުން ވަނީ އަގުހެޔޮ ތަންތަނުގައި ޗުއްޓީ ހޭދަކުރަން ކަމަށެވެ.

ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ވޯޓާ ވިލާ އެއް--

"ވަރަށް ބޮޑަށް އަގުތައް ދަށަށް ގޮސްފައި މިވަނީ. އަޅުގަނޑުމެން ވެސް މިއުޅެނީ 30 އިންސައްތައާ ހަމައަށް އަގުތައް ދަށްކޮށްގެން. ޑިމާންޑް ދަށްވެ، އެނދުގެ އަދަދު ގިނަވީމާ އެބަ ޖެހޭ ފަތުރުވެރިން ގެންނަންޏާ އަގު ތިރިކުރަން." ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 2015 ވަނަ އަހަރުން ފެށިގެން އެ ބަދަލު ފެންނަމުންދާ ކަމަށާއި އަގުތައް ތިރިނުކޮށް ޓޫރިސްޓުން ރާއްޖެ ގެނެވެން ނެތް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ޖުމުލަކޮށް ހުރިހާ ރިސޯޓަކަށް ވެސް ކުރިމަތިވަމުންދާ ކަމަށާއި ހުރިހާ ރިސޯޓަކުން ހެން އަގުތައް ދަށް ކުރަމުންދާ ކަމަށެވެ.

ދެވޭ ހިދުމަތަށް ވުރެ އަގުތައް މާމަތީގައި

ރާއްޖޭގެ ރިސޯޓްތަކަށް ބަލާއިރު ބައެއް ރިސޯޓްތަކުގެ އަގުތައް މާބޮޑު ކަމުގެ ޝަކުވާއަކީ ވެސް އާންމުކޮށް އަޑު އިވޭ ވާހަކައެކެވެ. ބައެއް ރިސޯޓްތަކުގެ އަގުތައް އިންތިހާއަށް މަތީގައި އުޅޭ އިރު އެއަށް ވުރެ ކުޑަ އަގެއްގައި ހަމަ އެ ހިދުމަތްތައް ލިބޭ ރިސޯޓްތައް ހުރުމުން ވެސް ބޮޑެތި އަގުތަކުގައި ހިދުމަތްދޭ ރިސޯޓްތަކުގެ އަގު ކުޑަކުރަން މަޖުބޫރުވާ ކަމަށް ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓްގެ ޖެނެރަލް މެނޭޖަރު އަބްދުﷲ ތަމްހީދު ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުންދޭ ހިދުމަތަށް ބަލާ އިރު ވެސް އަގުތައް ހުރީމާ މަތީގައި ކަމަށެވެ. އަދި މި އަހަރު ތެރޭގައި އެ އަގުތައް ދަށްކުރީ އަސްލު ހުންނަން ޖެހޭ މިން ގަނޑަށް އަގުތައް ދަށް ކުރެވިފައިވާ ކަމަށެވެ.

ސަން ސިޔާމް އިރުފުށި މޯލްޑިވްސް --

"އެބަޖެހޭ ދެވޭ ހިދުމަތާ އެއްވަރުގެ އަގެއް ފަތުރުވެރިންގެ އަތުން ނަގަން. ޕްރައިޒް ވާން ޖެހޭ އެބަ ރީޒަނަބަލް ޕްރައިޒް އަކަށް. މި ފަހަކަށް އައިސް އެކަން މި ފެންނަނީ. މިހާރު ހުރިހާ ރިސޯޓްތަކުން ވެސް އަސްލު އަގުތައް ހުންނަން ޖެހޭ މިންވަރަށް އަގުތައް ދަށްކޮށްފައި މިހުރީ،" ތަމްހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންނަކީ މުޅިން އެހެން ކެޓަގަރީއެއްގެ ފަތުރުވެރިން ކަމަށާއި އެކަމާ ރިސޯޓްތަކުގެ އަގުތައް ދަށްވުމާ މާބޮޑު ގުޅުމެއް ނެތް ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅަށް އައިއިރު ރިސޯޓްތަކުގެ "އޮކިއުޕެންސީ" ވެސް ރަނގަޅު ކަމަށް ތަމްހީދު ވިދާޅުވި އެވެ.

އަގުތައް ދަށަށް ދަނީ އިސްތިހާރު ނުކުރެވޭތީ

އަހަރަކަށް ވުރެ އަހަރެއް އެނދުގެ ނިސްބަތް އިތުރުވި ނަމަވެސް ޑިމާންޑް ދަށަށް ދިޔުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ ބޮޑެތި ބާޒާރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ނުކުރެވުން ކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ފާހަގަ ކުރެ އެވެ.

އެ ޖަމިއްޔާ އިން ފާހަގަ ކުރާ ގޮތުގައި އަގު ދަށަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ޗުއްޓީ ހޭދަކޮށްލަން ބޭނުންވާ މުއްސަނދިންނާއި ހިސާބަށް ރާއްޖެ އިސްތިހާރު ނުކުރެވުމެވެ.

މަޓާޓޯގެ ޖެނެރަލް ސެކެރެޓަރީ އިބްރާހިމް މުނާޒް ވިދާޅުވީ އާންމު ގޮތެއްގައި ރާއްޖޭ އަންނަ ޓޫރިސްޓުންގެ ތެރޭގައި ދެ ބައެއް ހިމެނޭ ކަމަށެވެ. އެއް ބަޔަކީ އޮންލައިން ވެބްސައިޓްތައް މެދުވެރިވެގެން އަގުހެޔޮކޮށް ޗުއްޓީ ހަދާލަން އަންނަ ފަތުރުވެރިންނެވެ. އެފަދަ މީހުން ޗުއްޓީ ހޭދަކޮށްލުމުގައި ޚިޔާރު ކުރަނީ ގެސްޓްހައުސްތައް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެފަދަ އޮންލައިން ވެބްސައިޓްތަކަކީ އެމީހުން އަމިއްލައަށް އިސްތިހާރު ކުރާ ބަޔަކަށްވާ އިރު ރިސޯޓްތަކަށް އަންނަ މީހުންގެ އަދަދު ދަށަށް ގޮސް ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު މަތިވުމަކީ އެކަމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ބެލޭ ކަމަށެވެ.

"ބުކިން ސައިޓްތައް މެދުވެރިކޮށް އާންމުކޮށް މި ބުކް ކުރަނީ ތަންކޮޅެއް އާދައިގެ ފަތުރުވެރިން. އެމީހުން ބޭނުން ވަނީ ވިހާ ވެސް ކުޑަ އަގެއްގައި ޗުއްޓީ ހޭދަކޮށްލަން. އެހެންވެ އެމީހުން މި ޚިޔާރު ކުރަނީ ގެސްޓް ހައުސްތައް. އެކަމަކު ރިސޯޓްތަކުން މި ވިސްނަން ޖެހެނީ ވީހާ ވެސް ގިނައިން ފައިސާ ހަރަދު ކުރާނެ މުއްސަނދިންނަށް،" މުނާޒް ވިދާޅުވި އެވެ.

ދުބާއީގައި ކުރިއަށްދިޔަ އޭޓީއެމް ފެއާގައި ބަހައްޓާފައި ހުރި ރާއްޖޭގެ ސްޓޭންޑް -- ފޮޓޯ: އެމްއެމްޕީއާރުސީ

އޭނާ ވިދާޅުވީ އެފަދަ ފަތުރުވެރިން ރާއްޖެ ގެންނަން ބޭނުން ނަމަ މިހާރަށް ވުރެ ބޮޑަށް އިސްތިހާރު ކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި އަހަރަކަށް ވުރެ އަހަރެއް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށް ވަމުންދާ އިރު ވިސްނަންޖެހެނީ ވީހާ ވެސް ކުރިއާލައިގެން ގިނަ ބަޔަކަށް މެސެޖް ފޯރުކޮށްދެވޭނެ ގޮތަށް އިސްތިހާރު ކުރުމަށް ކަމަށެވެ.

ގެސްޓްހައުސް ވިޔަފާރި ރަނގަޅު

ކ.ދިއްފުށީގައި ހޮލިޑޭ ހޯމް ކޮންސެޕްޓަށް ހަދާފައިވާ ބީޗް ގެސްޓް ހައުސް "ވެލި ވިލާ" --

އައު އަހަރާ ދިމާކޮށް ރިސޯޓްތަކުގައި ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް ގެސްޓް ހައުސް ވިޔަފާރިއަށް މިދުވަސްކޮޅަކީ މާބޮޑަށް ވެސް ރަނގަޅު ދުވަސްކޮޅެކެވެ. އެގޮތުން މާލެއާ ކައިރި ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ 85 ޕަސެންޓާއި 100 ޕަސެންޓާ ހަމައަށް ހުރި އިރު އަންނަ އަހަރުގެ މާރިޗު މަހާ ހިސާބަށް ވެސް އެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ލަފާ ކުރެ އެވެ.

comment ކޮމެންޓް