އިދިކޮޅު ފަރާތްތަކަށް އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭނެ: ވެނަޒުއޭލާގެ ރައީސް

ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ---

އަންނަ އަހަރު ވެނަޒުއޭލާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އާދިއްތަ ދުވަހު އެގައުމުގައި ބޭއްވި މޭޔަރުންގެ އިންތިޚާބުގައި ވާދަކުރި ޕާޓީތަކަށް އެކަނި ކަމަށް ވެނަޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވެއްޖެ އެވެ.

އިއްޔެ އެގައުމުގައި ބޭއްވި އިންތިޚާބު، އިދިކޮޅު މައި ޕާޓީތަކުން ވަނީ ބޮއިކޮޓްކޮށްފައެވެ. އެެ ޕާޓީތަކުން އިންތިހާބު ބޯއިކޮޓް ކުރީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށް ބުނެއެވެ. ނަމަވެސް ރައީސް ނިކޮލަސް ވިދާޅުވީ ވެނަޒުއޭލާގެ އިންތިޚާބީ ނިޒާމަކީ މިނިވަން އަދި އިންސާފުވެރި ނިިޒާމެއް ކަމަށެވެ.

ނިކޮލަސް އިއްޔެ ވިދާޅުވީ އެ ގައުމުގެ ސިޔާސީ ޕާޓީތައް "ސިޔާސީ މެޕުން ގެއްލިފައިވާ" ކަމަށެވެ. އަދި އިންތިޚާބުގައި ވާދަނުކުރާ ޕާޓީއަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިކޮލަސް ވިދާޅުވީ މޭޔަރުންގެ އިންތިޚާބުގައި އެމަނިކުފާނުގެ ޕާޓީ އިން ކުރި ހޯދާފައިވާ ކަމަށެވެ. އެގޮތުން އިންތިޚާބުގެ 335 ދާއިރާއިން 300 ދާއިރާ ކާމިޔާބުކޮށްފައިވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާއިރު އެގައުމުގެ އިގްތިސާދަށްވެސް އަންނަނީ ނުރަނގަޅު އަސަރުތައް ކުރަމުންނެވެ. އެގޮތުން އިންފްލޭޝަންރޭޓް ވެސް މައްޗަށްގޮސް ތަކެތީގެ އަގު ވަނީ ބޮޑުވެފައެވެ. ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތައް ގަންނަން ނުލިބުމުގެ މައްސަލަވެސް އެ ގައުމަށް ވަނީ ކުރިމަތިވެފައެވެ.

comment ކޮމެންޓް