އިސްރާއިލާ ގުޅުން ކަނޑާލައިފި ނަމަ ސައުދީއާ އެކު ގުޅުން ގާއިމްކުރަން ތައްޔާރު: އީރާން

އިސްރާއިލާ ގުޅުން ކަނޑާލާ ނަމަ ސައުދީއާ އަލުން ގުޅުން ގާއިމުކުރުމަށް ތައްޔާރު ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވަނީ ވިދާޅުވެފައި--

ތެހެރާން ( 11 ޑިސެމްބަރު): އިސްރާއިލާ ގުޅުން ކަނޑާލާ ނަމަ ސައުދީއާ އަލުން ގުޅުން ގާއިމުކުރުމަށް ތައްޔާރު ކަމަށް އިރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން ރޫހާނީ ވިދާޅުވީ ސައުދީން އިސްރާއިލު ބުނާ ހާގޮތެއް ހެދުމުގެ ބަދަލުގައި އަމިއްލައަށް ކަންކަންނިންމާ ނަމަ، އިރާނާ ދެކޮޅުވެރިކަން އޮންނާކަށް ނުޖެހުނީސް ކަމަށެވެ. އަދި އިސްރާއިލާ ގުޅުން ކަނޑާލާ ނަމަ އިރާނުން ސައުދީއާ އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.

"އިރާނުން ސައުދީގެ ކިބައިން ބޭނުން ވަނީ ދެކަމެއް. ފުރަތަމަ އިސްރާއިލާ ގުޅުން ކަނޑާލުން. ދެން ޔަމަނަށް ބޮން އެޅުން ހުއްޓުން،" ރޫހާނީ ވިދާޅުވި އެވެ.

ސައުދީން އިރާނާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލީ 2016 ވަނަ އަހަރު އިރާނުގެ ބަޔަކު އެގައުމުގައި ހުންނަ ސައުދީ އެމްބަސީ އަށް ވަދެ ދިން ހަމަލާތަކާ ގުޅިގެންނެވެ. އިރާނުގެ ބަޔަކު ސައުދީ އެމްބަސީއަށް ވަދެގަތީ، ސައުދީން އެ ގައުމުގެ ޝީއީ ލީޑަރަކަށް މަރުގެ ހުކުމް އިއްވުމުން އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.

ދާދި ފަހުން ޔަމަނުގެ ހޫތީން ސައުދީއަރަބިއްޔާ އަށް ބެލެސްޓިކް މިސައިލްއެއް ފޮނުވާލި މައްސަލާގައި ސައުދީ އާއި އިރާނުގެ ގުޅުން ވަނި އިތުރަށް ގޯސްވެފަ އެވެ. ސައުދީން ތުހުމަތުކުރާ ގޮތުގައި ޔަމަނުގެ ހޫތީންނަށް ބެލެެސްޓިކް މިސައިލް ފޯރުކޮށްދީފައި ވަނި އިރާނުންނެވެ.

ސައުދީގެ ވަލީއަހުދު ވަނީ އިރާނުގެ ރުހީ ލީޑަރު އަޔާތުﷲ ޚާމަނާއީ އަކީ މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކޮށްފަ އެވެ.

އިސްރާއިލާ ސައުދީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނޯވެ އެވެ. ނަމަވެސް އަޑިއަޑިން ދެ ގައުމުގެ ދެމެދުގައި ގުޅުން އޮންނަ ކަމަށް ވަރަށް ބޮޑަށް އަޑުފެތުރިފައިވެ އެވެ. ހުދު އިސްރާއިލުގެ ބޮޑުވަޒީރު ވެސް ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.

އަލްޖަޒީރާ

comment ކޮމެންޓް