އަހަރެން ފިކުރާވި އިސްލާމްދީން: ލޯތަކަށް ވަންހަނާވެވޮޑިގެންވާ ކަލަކަށް އަޅުކަންކުރުން

ހަރަމްފުޅު --- ފޮޓޯ: އޭޕީ

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅަކީ ދުނިޔޭގެ އެހެން އެއްވެސް އިންޤިލާބީއަކު (ނަބީބޭކަލުން ފިޔަވައި) ވިދާޅުވެފައިވާ ބަސްފުޅެއްނޫނެވެ. އިތުރު ސާހިބާ ގޮވައިލެއްވީ ބުދުތަކާއި ރޫފަތަކާއި ތަސްވީރުފަދަ (ޝިރުކުގެ ވަސީލަތްތަކުން) އެއްކިބާވުމަށެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއިރްޝާދު ދެއްވީ މީގެ ސާދަ ސައްތަ އަހަރުކުރިންނެވެ. ބުދުތަކާއި، ރޫފަތަކާއި ، ތަސްވީރު (ފަދަ ޝިރުކުގެ ވަސީލަތްތައް) ނުގެންގުޅޭށޭ މީހަކަށް ބުނެލެވިދާނެއެވެ. އެއީ ވަރަށް ފަސޭހަކަމަކަށްވެސް ވެދާނެއެވެ. ނަމަވެސް ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އެރޮނގުން އިތުރު ފިޔަވަޅުފުޅުތަކެއް ކުރިޔަށް އަޅުއްވައިފައެވެ. ބުދުތައް މުގުރުއްވައި (ޝަރީކުކުރެވޭ) ރޫފަތަކާއި (އަޅުކަންކުރެވޭ) ކުރެހުންތައް ނައްތައިލައްވައިފައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަމައެކަނި އެކަމަށް ގޮވައިލެއްވީކީ ނޫނެވެ. އެކަމަށް އަމަލުކުރައްވައި ނަމޫނާވެސް ދެއްކެވީއެވެ.

މިތާނގައި ތެމިލްނާޑޫގައި އަޅުގަނޑުމެން އީ.ވީ.އާރ (EVR) އާމެދު ދެކެނީ ވަރަށް މަތިވެރި އިންޤިލާބީ އިންސާނެއްކަމުގައެވެ. އެހެނީ އޭނާ ހަމައެކަނި ބުދަށް އަޅުކަންކުރުން ކުށްވެރިކުރެއްވީކީ ނޫނެވެ. އަދިކީއްތޯއެވެ. އޭނާވެސް ވަނީ ބުދު މުގުރުއްވައިފައެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމުގެ ނަމޫނާ ދެއްކެވީ ޤަރުނުތަކެއްގެ ކުރީންނެވެ.

"ޙައްޤު ތެދުމަގު އަތުވެއްޖެއެވެ. އަދި ބާޠިލްގޮތް ނެތި ފިލައި ހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ." (އަލްއިސްރާއު :71)

މިކީރިތި އާޔަތް ކިޔަވައި ވިދާޅުވަމުންނެވެ. އެމާތްސާހިބާ ކަޢުބާގައިހުރި ބުދުތައް މުގުރުއްވީ ކީރިތި ޤުރުއާނުގެ އިސްވެދިޔަ އާޔަތްކިޔަވައި ވިދާޅުވަމުންނެވެ.

މުސްލިމުންގެ އެންމެ ބޮޑު ޢީދަކީ ޢީދުލްއަޟުޙާއެވެ. އެޢީދަކީ ކޮންކަމަކާ ގުޅޭ ޢީދެއްތޯއެވެ؟ ކާކުގެ މަސައްކަތް ހަނދާންކޮށްދޭ ޢީދެއްތޯއެވެ. އޭނާކުރީ ކީއްތޯއެވެ؟

އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޞާލިޙު ދަރިކަލުން އިސްމާއީލު ޢަލައިހިއްސަލާމު ޤުރްބާން ކުރެއްވިއެވެ. އަރަހުށި މާތްﷲގެ މަގުގައެވެ. އަޟުޙާއީދު ފާހަގަކުރެވެނީ އެކަމުގެ ހަނދާން އައުކުރުމަށްޓަކައެވެ.

އާނއެކެވެ. އެމާތް ދެބަފައިކަލުންގެ ތަސްވީރުވެސް ގެފުޅުގެ ތެރޭގައި ބަހައްޓައިފައިހުއްޓެވެ. ކައުސާހިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އީދު ފާހަގަކުރައްވަން އަމުރުކުރެއްވިއެވެ. އެގޮތުން އެދެބަފައިކަލުންނަށް އިޙްތިރާމްކުރުން ޤިޔަމަތާ ހަމަޔަށް ދިރިދެމި އޮންނާނެގޮތް ހަމަޖެއްސެވިއެވެ. ނަމަވެސް އިތުރުސާހިބާ ވަނީ ބުދުތަކާއެކު އެބޭކަލުންގެ ތަސްވީރުތަކުންވެސް ކަޢުބަތުﷲ ގެފުޅު ޠާހިރު ކުރައްވައިފައެވެ. ވިދާޅުވެ ބައްލަވާށެވެ. މިއަށްވުރެ ބޮޑު އިންޤިލާބީ ފިޔަވަޅެއް ޚިޔާލަށްވެސް ގެނެވިދާނެތޯއެވެ.

އަނެއްކާ މިވަރުގަދަ އިންޤިލާބީ ފިޔަވަޅުފުޅު އެޅުއްވީ ކޮންޤައުމެއްގައި ތޯއެވެ. އިތުރުސާހިބާ މިފިޔަވަޅުފުޅު އެޅުއްވީ ޖާހިލުކަމާއި ބުދަށް އަޅުކަންކުރުން އެޤައުމެއްގެ މީހުންގެ ކަށީގައިހިފައިފައިވާ ޤައުމެއްގައެވެ. އެބައެއްގެ ލެޔާއި ނާރުތަކުގައި އެކަން ފެތުރި ޢާއްމުވެފައިވާ ޤައުމެއްގައެވެ.

ރަޝިޔާގައި އޮންނަނީ ކޮމިޔުނިޒަމުގެ ވެރިކަމެވެ. ކަލަކުވޮޑިގެންކަމަށް އިންކާރުކުރުމުގެ ވެރިކަމެވެ. ނަމަވެސް ރަޝިޔާގައި ހުރި ދޭވީންނާއި ދޭވަތާއިންގެ ބުދުތައް އެއްފަރާތްކޮށްލާކަށެއް އެކަކަށްވެސް ނުކެރުނެވެ.

މިތާނގައި ތެމިލްނާޑޫގައި އިންޤިލާބީ ބައެއް ޝާޢިރުންގެ ޅެންތަކުގައިވެއެވެ. " މިތާނގައި ބުދުތައް މުގުރުމުގެ ފަތިހެއް އަންނާނީ ކޮންއިރަކު ހެއްޔެވެ؟" މިސުވާލު ތަކުރާރުކުރެއެވެ. ނަމަވެސް މިތާނގެ މަގުތަކާއި ގޯޅިތަކުގައި މިއަދުވެސް ބުދުތައް ހުއްޓައި އަހަރެމެން އެބަދެކެމުއެވެ.

ނަމަވެސް މީގެ ސާދަސައްތަ އަހަރުކުރީން ވަނީ (ޢަރަބިކަރައިން ބުދުތައް ނައްތައިލެވިފައެވެ.) ކަޢުބާގައި ހުރި ޖާހިލިއްޔަތުގެ ބުދުތައް މުގުރައިލެވިފައެވެ. ޝައްކެއްނެތެވެ. އެއީ އިންސާނީ ތާރީޚުގައި ވަރަށް ކެރިގެން އެޅިފައިވާ ފިޔަވަޅެކެވެ.

ތިމާގެ އަމިއްލަ ވަޒަނުގައި ޚުދު ތިމާގެ ކާބަފައިން އަޅުކަންކުރަމުން އައި ބުދުތައް އެތަކެތި ހުރިތަންތަނުން ނަގައި މުގުރައި ސުންނާފަތިކުރުމަކީ ވަރަށް ޖެހިލުންކުޑަ ފިޔަވަޅެކެވެ. މިފަދަ އިންޤިލާބީ ޙާދިޘާއެއް އިންސާނީ ތާރީޚުގައި ހިނގައިފައިވަނީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅުމަތީގައެވެ.

މިއަދުގެ އިންސާނުން ތިމައުރެންނީ ތަރައްޤީއަށް ލޯބިކުރާ ބައެކޭ އެބަބުނެއެވެ. ވަރަށް ވަރުގަދައަށް އެކަމަށް އެބަ ދަޢުވާކުރެއެވެ. ތަރައްޤީއަށް ލޯބިކުރާކަމުގެ ހެތްކެއްގެ ގޮތުން އެމީހުން ހުށަހަޅަނީ ކަލަކު ވޮޑިގެންވާކަމަށް އިންކާރުމެވެ. ނަމަވެސް ބުދުތަކާއި ޝަރީކުކުރެވޭ ފަރާތްތަކުގެ ތަސްވީރުތަކުގެ ލޯބީން އެފަދަމީހުންގެ ހިތްތައް ހުންނަނީ ފޯވެފައެވެ. އެމީހުން ތިބެނީ އެލޯބީގައި ކަސްތަޅުއެޅި ހައްޔަރުވެފައެވެ.

ކިހައި އަޖައިބު ކަމެއްތޯއެވެ. މިދެންނެވި "ތަރައްޤީ އަށް ލޯބިކުރާ" ފަރާތްތަކުން ކަލަކުވޮޑިގެންވާކަމަށް އެބަ އިންކާރުކުރެއެވެ. އެއަށްވުރެވެސް ކުރިޔަށް އަރައި ދޭވީންނާއި ދޭވަތާއިންގެ ބުދުތަކަކީ ބޯދާފުލޯކު ކަންތައްތަކެއް ކަމުގައި ބުނަމުންވެސް އެބަގެންދެއެވެ. ނަމަވެސް އެބައިމީހުން ގެންދަނީ އެބައިމީހުންގެ ގާއިދުންގެ ބުދުތައް ހަދަމުންނެވެ. އެބުދުތަކުގެ ކުރިމަތީގައި ކަމޭހިތުމާއެކު ބޯލަނބަމުންނެވެ. ކުރުނީސްކުރަމުންނެވެ.

އެމީހުން ދޭވީންނާއި ދޭވަތާއިންގެ ތަސްވީރުތައް އެބަ އެއްފަރާތް ކުރެއެވެ. ނަމަވެސް އެތަންތާނގައި ޚުދުތިމަތިމާމެންގެ ތަސްވީރުތައް އެބަތަތްކުރެއެވެ. ޝައްކެއްނެތެވެ. ބުދުކަމުގައިވިޔަސް ތަސްވީރުކަމުގައިވިޔަސް އެތަކެއްޗަކީ އިންސާނީ ބަލިކަށިކަން ފާޅުކޮށްދޭ އެއްޗެއްސެވެ. ޒަމީރުގެ އަޅުވެތިކަން ހާމަކޮށްދޭ ތަކެއްޗެވެ.

މިބަލިކަށިކަމުގެ ޚަބަރުދެއްވައި އެކަމުން އިންސާނިއްޔަތު ސަލާމަތްކުރެއްވީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެމާތް ސާހިބާ އެވަރުގަދަ މަސައްކަތްޕުޅު ނިންމަލެއްވީ ސާދަސަތޭކަ އަހަރުކުރީންނެވެ. މިއަދުވެސް ބުދުތަކާއި ތަސްވީރުތަކުގެ ވާގިވެރިކަން ނުހޯދައި ހަމައެކަނި ޢިލްމާއި، ޢަޤީދާގެ ބިންގަލުގެމަތީގައި އެއްވެސް ތަހްރިކެއް ކުރިޔަށް ހިނގަމުންދާނަމަ އެތަޙްރީކަކީ އިސްލާމީ ތަޙްރީކެވެ.

ބައެއްމީހުން ބުނެއުޅެއެވެ. ބުދުހެދުމާއި، ތަސްވީރުކުރެހުމުގެ ޝައުޤުވެރިކަން ނައްތައިލެވިއްޖެނަމަ އިންސާނުންގެ ކިބައިން ޖާމާލިއްޔާތުގެ (ރީތިކަމާއި ފާޑުވެރިކަމުގެ ޒަރީޢާއިން މީރުކަމާއި އުފާލިބިގަތުމުގެ) ޒައުގެ ނެތިގެން ހިނގައިދާނެއެވެ. ނަމަވެސް މުސްލިމުންވަނީ އެޚުރާފާތުތަކުން އެއްކިބާވެތިބެ ރީތިކަމުގެ ނިހާޔަތެއްނެތް ފަންނީ މުތްތަކެއް ކަމުގައިވާ އިމާރާތްތަކެއް ހަދިޔާކޮށްފައެވެ. (ލިޔުމާއި ޤުދްރަތީ މަންޒަރުތައް ކުރެހުމުގެ ހައިރާންވާފަދަ މޮޅު އުފެއްދުންތަކެއްވެސް ހަދިޔާކޮށްފައެވެ.)

އިންސާނީ ތަޚައްޔުލާތު (ނުވަތަ އުފެއްދުންތެރިކަމުގެ ފިކުރިއްޔާތު) ބުދުހެދުމުގެ ކަސްތަޅުން މިނިވަން ކުރުމަށްފަހު މުސްލިމުން ޙާޞިލުކޮށްފައިވާ ބޮޑެތި ކާމިޔާބީތަކުގެ ޚުލާޞާއެއް މިތާނގައި ހުށަހަޅައިލާނަމެވެ.

  1. ހިސާބު ޢިލްމުގައި މުސްލިމުންވަނީ މިހާރު މިގެންގުޅޭ ހިސާބުއަކުރު އުފައްދައިފައެވެ.
  2. އަލްޖިބުރާ އުފައްދައި ތަރައްޤީކޮށްފައެވެ.
  3. އިމާރާތްކުރުމުގެ ފަންނުގައި އިންސާނީ ބުއްދިތައް ޙައިރާންވެ އަންތަރިސްވާފަދަ ރީތި މިސްކިތްތަކާއި ޢިމާރާތްތައް ބިނާކޮށްފައެވެ.
  4. ކެމިސްޓްރީގައި ސިލްވަރނައިޓްރޭޓް (SILVERNITRATE) އާއި ސެލްފަރިކު ހޯދައިފައެވެ.

ބޭސްވެރިކަމުގެ ފަންނުގައި

  1. ހ. އަލްފާރާބީގެ ފޮތެއްކަމުގައިވާ ފަންނުޖަރާހަތު

ށ. އިބްނު ސީނާގެ އަލްޤާނޫނު

ނ. އަލީ ބިން ޢައްބާސީގެ "ކިތާބުލް މާލިކީ" ފަދަ އަސާސީ ފޮތްތަކެއް ލިޔެފައެވެ.

ޅެންވެރިކަމުގައި:

  1. މުތަނައްބީގެ ދައުރުން ފެށިގެން އިޤްބާލާ ހަމަޔަށް މުސްލިމުންވަނީ ރީތި، ފަށުވި، މޮޅު ޚިޔާލުތަކުގެ ރާޅުބިންދަމުންދާ ކަނޑުތަކެއް އުފައްދައި ދުނިޔެއަށް ހަދިޔާކޮށްފައެވެ.

އަދަބިއްޔާތުގައި:

  1. އަލްފު ލައިލާއާއި، ލައިލާ ވަ މަޖްނޫނު ފަދަ ޚަޒާނާތަކެއް އިންސާނީ ދަރިފަސްކޮޅަށް ހޯދައިދީފައެވެ.

މީހަކު ސުވާލުކޮށްފާނެއެވެ. އެހެނިހެން ޤައުމުތަކުން ތިޔަފަދަ ފަޚުރުވެރިވުން ޙައްޤު އުފެއްދުންތަކެއް އުފައްދައިފައިނެތީހެއްޔެވެ؟ އަޅުގަނޑު ކުޑަވެސް ޖެހިލުމެއްނެތި ޖަވާބުދޭނަމެވެ. "އާނއެކެވެ. މިހާގިނައެއްކޮށެއް ނެތެވެ."

އަދިވެސް ފާހަގަކޮށްލަން ޖެހެނީ މި އިމްތިޔާޒީ ސިފަތަކުން ސިފަލިބިގެން މިޢިލްމުތަކާއިގެން ތެދުވި ޤައުމަކީ ޞަޙަރާއިން ނިކުތް ޤައުމެއްކަމެވެ. އެތާކު (ކަޅު ހިލައާއި) ރަތްދަކައަވި ފިޔަވައި އެހެން އެކައްޗެއްވެސްނެތެވެ. ފިޠުރަތުގެ ރީތި މަންޒަރުތައް އިންތިހާއަށް މަދެވެ. ކަންމިހެން ހުރުމާއެކުވެސް އެޤައުމުން ވަނީ އިންސާނުންގެ ކިބައިގައި ޖަމާލިއްޔާތުގެ އަންތަރީސް ވާފަދަ ޒައުގެއް އުފައްދައިފައެވެ.

ޝައްކެއްނެތެވެ. މިއީ އުންމީއަކު ފެތުރުއްވި ޢިލްމެވެ. އިންސާނީ ދުނިޔެ މިފަދަ މަތީ އުސްމިނަކަށް އުފުއްލެވީ އެ އުންމިއްޔަ ނަބިއްޔާއެވެ. ހައިރާނެއްފަހެ ނުވޭބާވައެވެ؟

އަޅުގަނޑު އިސްލާމްދީންދެކެ ފިކުރާވި ކީއްގެންތޯއެވެ؟ އޭގެ އިތުރު ސަބަބުތައް ކުރިޔަށް ހުރި ޞަފްޙާތަކުންވެސް ވިދާޅުވަމުން ގެންދަވާށެވެ.

comment ކޮމެންޓް