ހައްގުތައް ވަނީ ސަރުކާރުގެ މުށުތެރޭގައި: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލިސްއެއްގެ ތެރެއިން ---

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަސް އިއްޔެ ފާހަގަކުރި އިރު ދިވެހިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުން އެތައް ގުރުބާނީއެއް ވެގެން ހޯދި ހައްގުތައް ސަރުކާރުގެ މުށުތެރެއަށް ލާފައި އޮތުން ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅުވައިގެން އެ ޕާޓީ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މީހުން މެރުމާއި ނަސްލީ ތަފާތުކުރުމާއި އެއްވެސް މިންވަރަކަށް އިންސާފު ނުލިބުމާއި ވީނުވީއެއް ނޭނގި ޖަލުތަކުގައި މީހުން މަރުވުން ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ސިޔާސަތުގެ ތެރެއިން ފެންނަނީ ނަސްލީ ތަފާތުކުރުންތައް ކަމަށް އެ ބަޔާނުގައި އެމްޑީޕީ އިން ބުނެފައިވެ އެވެ. އެގޮތުން ތަކުރާރުކޮށް ފެންނަމުން ދަނީ ރާއްޖޭގައި ބިދޭސިންނަށް ކުރާ އަނިޔާތައް އިތުރުވެ އެމީހުންގެ ހައްގުތަކަށް އަރައިގަންނަތަން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަންނަ އަހަރަކީ ދިވެހިންގެެ ޑޮމޮކްރެޓިކް ހަޔާތުގައި މުހިއްމު އަހަރެއް ކަން ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ ސިޔާސީ ޙައްގުތައް ހިމާޔަތްކުރުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެމްޑީޕީ އިން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށެވެ.

comment ކޮމެންޓް