މިނިވަން ވިޔަފާރި ކުރުމުގެ ހައްގު ކޮންމެ ގައުމަކަށް ވެސް އޮންނަން ޖެހޭ: މަސީހު

ރާއްޖޭގެ ވަފްދު "ދަ ޕާލަމެންޓަރީ ކޮންފަރެންސް އޮން ޑަބްލިއުޓީއޯ"ގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ --ފޮޓޯ / ޕީއެސްއެމް

މިނިވަން ވިޔަފާރި ކުރުމުގެ ހައްގު އެއްވެސް ގައުމެއް ތަފާތު ކުރުމެއް ނެތި އޮންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު އަދި އާދީއްތަ ދުވަހު އާޖެންޓީނާގައި ބޭއްވި ދުނިޔޭގެ ވިޔަފާރިއާ ބެހޭ ޖަމިއްޔާގެ ބައިނަލްއަގުވާމީ ވިޔަފާރި އާއި އިގްތިޞާދާ ބެހޭ "ދަ ޕާލަމެންޓަރީ ކޮންފަރެންސް އޮން ޑަބްލިއުޓީއޯ"ގެ 11 ވަނަ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޕަބްލިކް ސާވިސް މީޑިއާއާ ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ހަމަހަމަ ކަމާ އެކު ވިޔަފާރި ކުރުމުގެ ހައްގަކީ ކޮންމެ ގައުމަކަށް ވެސް އޮންނަން ޖެހޭނެ ހައްގެއް ކަމަށާއި އެ ފުރުޞަތު ކޮންމެ ގައުމަކަށް ވެސް ލިބެން ޖެހޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖެ އިން ބައިވެރިވި ވަފުދުގެ އިސް ވެރިއަކީ މަސީހެވެ.

އޭނާ ވިދާޅުވީ ރާއްޖެ ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުޅުވެމުންދާއިރު އަދި ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދާ އެކު މިނިވަން ވިޔަފާރިއެއް ކުރުމަށް މަސައްކަތް ކުރަމުންދާ އިރު އާޖެންޓީނާގައި ބޭއްވި ފަދަ ބޮޑެތި މަޝްވަރާ ބައްދަލުވުންތަކުގައި ބައިވެރިވެ އެހެން ގައުމުތަކާ އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރެވުމަކީ އެކަމުގެ ސަބަބުން ގައުމަށް ފައިދާ ކުރާނެ ކަންކަން ކަމަށެވެ.

އެ ބައްދަލުވުމުގެ ބޭނުމަކީ ވިޔަފާރި އާއި އިގްތިޞާދީ ދާއިރާއިން ކުރަމުން އަންނަ މުހިންމު ކަންކަމުގެ މައުލޫމާތު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީސްތަކުގެ މެމްބަރުންނަށް އެރުވުމެވެ. މިފަހަރުގެ މަޝްވަރާ ބައްދަލުވުމުގައި ޖުމުލަ 53 ގައުމަކުން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގެ ފަރާތުން މިފަހަރުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މަސީހުގެ އިތުރުން ދެން ބައިވެރިވެވަޑައިގެންފައި ވަނީ މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މުސާ މަނިކު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކެވެ.

comment ކޮމެންޓް