މަސްޖިދުލް އަޤްޞާ ކޮބާ؟ ގިނަ ދިވެހީންނަށް މަސްޖިދުލް އަޤްޞާ ރަނގަޅަށް އެނގޭބާ؟

މަސްޖިދުލް ޢަޤްޞާ (ވ) އަދި ރަން ގުއްބުލީ މިސްކިތް (ކ)، ރަތް ރޮނގުން ފާހަގަކޮށްފައި އެވަނީ އަޤްސާ މިސްކިތުގެ ހަރިންމަ ---

ފަލަސްޠީނުގައި ހުރި މުސްލިމުންގެ އެންމެ މުޤައްދަސް ތަނަކީ ޤުދުސްގައިވާ އަލްމަސްޖިދުލް އަޤްޞާއެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވައިފައިވަނީ ކީރިތި ރަސޫލާ އިސްރާގެ ދަތުރުފުޅު ކުރައްވައިފައިވަނީ އަލްމަސްޖިދުލް ޙަރާމްއިން އަލްމަސްޖިދުލް އަޤްޞާއަށް ކަމުގައެވެ. ހަމައެހެންމެ މަސްޖިދުލްއަޤްޞާއަކީ އެތަނުގެ ވަށައިގެން ﷲ ބަރަކާތް ލައްވައިފައިވާ ތަނެއް ކަމުގައި ވަރަށް ސާފުކޮށް ޤުރުއާނުގައި ބަޔާން ކުރައްވައިފައިވެއެވެ. މަސްޖިދުލްއަޤްޞާއަކީ ކީރިތި މާތް ރަސޫލާގެ އިސްރާގެ ދަތުރުފުޅާ ވެސް ގުޅިފައިވާ ބަރަކާތްތެރި މަޤާމްފުޅެކެވެ.

އަލް މަސްޖިދުލް ޢަޣްޞާ ގެ ގަދީމީ ޢިމާރާތް ---

ތާރީޚު އޮޅުވާލުމަށް ޓަކައި މިއަދު ޔަހޫދީން ބުނަނީ މަސްޖިދުލްއަޤްޞާ އަކީ ކީރިތި ރަސޫލާ އަވަހާރަވެ ޚުލަފާއުއްރާޝިދޫންގެ ޚިލާފަތުވެސް ނިމުނު ފަހުން އުމަވީންގެ ފަސްވަނަ ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން ބިނާ ކުރެއްވި މިސްކިތެއް ކަމުގައެވެ. އެހެންނަމަވެސް ހަގީގަތަކީ މަސްޖިދުލްއަޤްޞާގެ ގަދީމީ އިމާރާތް ވީރާނާވެ ހަލާކުވެފައިވަނިކޮށް ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން އެތަން އާކުރެއްވީއެވެ. ޚަލީފާ ޢަބްދުލްމަލިކު ބިން މަރްވާން މުޅީން އަލަށް ބިނާކުރެއްވި މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާގެ ހަރިންމައިގައި އަލްއަޤްޞާގެ ޤިބްލީ މިސްކިތާ މާދުރު ނޫން ހިސާބެއްގައި ހުރި ރަން ގުއްބު ލީ މިސްކިތް ނުވަތަ މަސްޖިދު ޤުއްބަތުއްޞަޚްރާއެވެ.

މަސްޖިދު ޤުއްބަތުއް ޞަޚްރާ ނުވަތަ ރަން ގުއްބު ލީ މިސްކިތް ---

މި މިސްކިތް ބިނާ ކުރެވިފައިވަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅު ހުރިތަނުގައެވެ. ޤުދުސްގައި ފަތުރުވެރިންގެ ދައްލާލުންގެ ގޮތުގައި އުޅޭ ޔަހޫދީން، މަސްޖިދުލްއަޤްޞާއޭ ކިޔާފައި މީހުންނަށް ދައްކައި ހަދަނީ ވެސް ހަމަ އެކަނި ރަން ގުއްބު ލީ މިސްކިތެވެ. މިއީ ވެސް މުޅި މަސްޖިދުލްއަޤްޞާއާއި އެތަނުގެ ތާރީޚު އޮޅުވައިލުމަށް ޔަހޫދީން ކުރަމުންދާ މަސައްކަތުގެ އެއްބައެވެ. ޔަހޫދީންގެ ބޭނުމަކީ އަލްމަސްޖިދުލް އަޤްޞާ މުސްލިމުންނަށް ދީފީމޭ ކިޔާފައި، ހަމައެކަނި ރަން ޤުއްބު ލީ މިސްކިތުގައި މުސްލިމުންނަށް ނަމާދު ކުރުމުގެ ހުއްދަ ދީފައި، އެ ނޫން ހުރިހާ ތަނެއް އަމިއްލަ ކުރުމެވެ. ހަގީގަތަކީ މަސްޖިދުލް އަޤްޞާގެ މުޅި ހަރިންމައަކީ ބަރަކާތް ލައްވައިފައިވާ އެ މިސްކިތުގެ ބައެއް ކަމެވެ. ޢިމާރާތް ކުރެވިފައި ހުރި ބަޔަށް ބަލާއިރު އަޤްޞާގެ އަސްލު މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާގެ އަލްޖާމިޢުލް ޤިބްލީގެ ނަމުން މަޝްހޫރު ވެފައިވާ ގަދީމީ މިސްކިތެވެ.

ރަން ގުއްބު ލީ މިސްކިތް (ކ) އަދި މަސްޖިދުލް ޢަޤްޞާގެ ގަދީމީ އިމާރާތް (ވ) ---

ޤުދުސް މައްސަލަ ހޫނުވެފައިވާ މި ދަނޑިވަޅުގައި ވަރަށް ގިނަ ދިވެހީން އަންނަނީ ޤުދުސްގެ މުހިންމުކަން އަންގައިދިނުމަށް ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކުރަމުންނެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ވަރަށް މަދު މީހަކު މެނުވީ ޤުދުސްގައި ހުންނަ ޢަޤްޞާ މިސްކިތް ކަމަށް ހީކޮށް، ހިއްސާކުރަމުން ދަނީ ހަމައެކަނި ރަން ގުއްބުލީ މިސްކިތުގެ ފޮޓޯ އެވެ.

އެހެންކަމުން މިއަދުގެ މުސްލިމުން ދެނެގަންނާން ޖެހޭ ހަގީގަތަކީ މަސްޖިދުލް އަޤްޞާއަކީ ރަން ޤުއްބުލީ މިސްކިތް ނޫން ކަމެވެ. އެކަމަކު ރަން ޤުއްބު ލީ މިސްކިތް ވެސް ހުރީ އަލްމަސްޖިދުލް އަޤްޞާގެ ހަރިންމައިގައި ކަމެވެ. އަދި ހަމައެފަދައިން މަސްޖިދުލް އަޤްޞާގެ އިމަކީ ހަމައެކަނި މަސްޖިދުލް އަޤްޞާގެ ޤިބްލީ މިސްކިތުގެ ޢިމާރާތް އެކަނި ވެސް ނޫން ކަމެވެ. އެހެނީ އަލްމަސްޖިދުލް އަޤްޞާގެ މުޅި ހަރިންމައަކީ އަލްމަސްޖިދުލް އަޤްޞާއަށް ނިސްބަތްވާ އަދި އެމިސްކިތާ ވަކި ނުކުރެވޭނެ ބައެކެވެ.

މަސްޖިދުލް އަޤްޞާ: ކީރިތި ރަސޫލާ އިސްރާގެ ދަތުރުފުޅުގައި އިމާމުވެ ނަމާދުކުރެއްވީ މި މިސްކިތުގައި ---

އިސްރާގެ ދަތުރުފުޅުގައި ކީރިތި ރަސޫލާ އިމާމުވެ ނަމާދު ކުރެއްވީ މަސްޖިދުލް އަޤްޞާގެ ގަދީމީ އިމާރާތް ހުރި ތަނުގައެވެ. މައްކާގައި ހުންނަ އަލްމަސްޖިދުލް ޙަރާމަށް ފަހު ދުނިޔޭގެ ބިންމަތީގައި އިމާރާތް ކުރެވުނު ފުރަތަމަ މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއެވެ. އަލްމަސްޖިދުލް ޙަރާމާއި އަލްމަސްޖިދުލް އަޤްޞާއާ ދެމެދު ހުރީ 40 އަހަރު ދުވަހުގެ ތަފާތެވެ. ސަލާމްލެއްވި ޔަޢުޤޫބުގެފާނުގެ ދުވަސްވަރުގައި އެކަލޭގެފާނުވެސް އެ މިސްކިތް އާކުރެއްވިއެވެ. އަދި ދާއޫދުގެފާނާއި ސުލައިމާނުގެފާނުވެސް އެމިސްކިތް އާ ކުރެއްވިއެވެ. ޢަބްދުލްމަލިކު ބިން މަރްވާންވެސް އެމިސްކިތް އާކުރެއްވީއެވެ. އަދި އެމިސްކިތުގެ ހަރިންމައިގައި އިތުރު އެހެން މިސްކިތެއް ވެސް ބިނާ ކުރެއްވީއެވެ. އެހެންވީމާ އަލްމަސްޖިދުލް އަޤްޞާގެ މުޅި ހަރިންމައާ މެދު މުސްލިމުން ސަމާލުވުން ހުއްޓުވައި، އެންމެ ތަންކޮޅަކަށް މުސްލިމުންގެ ނަޒަރު އަމާޒުކުރުވުމަކީ ޔަހޫދީން ރާވައިގެން ކުރާ ކަމެއް ކަން ދެނެގަނެ، މިކަމާ މެދު ހޭލުންތެރިވުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ.

comment ކޮމެންޓް