އައިއެސް ޖަމާއަތް ވުޖޫދަށް އައުމާއި އެޖަމާއަތުގެ ކުރިއެރުމާއި ވެއްޓުން

އައިއެސް ޖަމާއަތް ވުޖޫދަށް އައީ އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ދެހާސް ތިންވަނަ އަހަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަނެ ސައްދާމް ހުސައިންގެ ވެރިކަން ވައްޓާލުމާ ގުޅިގެން އިރާގުގެ ރައްޔިތުންނަށް ޚާއްސަކޮށް ސުންނީންނަށް ކުރިމަތިވެގެންދިޔަ އަނިޔާތަކާއި ލާއިންސާނީ ޖަރީމާތަކަށް ބަދަލުހިފުމުގެ ގޮތުން ނުކުތް ސަލަފީ ޖިހާދީ ފިކުރުގެ މީހުންގެ ތެރެއިންނެވެ. ސައްދާމުގެ ވެރިކަން ވައްޓާލުމަށް ފަހު އިރާގުގެ ސުންނީންނާ ދެކޮޅަށް ހިންގި ޖަރީމާތަކާއި އަނިޔާވެރި އަމަލުތަކުގެ ފަހަތުގައި ތިބީ އެމެރިކާ އިރާގުގެ ވެރިކަމަށް ގެނައި އިރާގުގެ ޝިޔައީންނެވެ. އިރާގުގެ ޝިޔައީން ސުންނީންނާ ދެކޮޅަށް ބަދަލުހިފީ އިރާގުގައި ސުންނީން ވެރިކަންކުރި ދުވަސްވަރު (ޚާއްސަކޮށް ސައްދާމްގެ ވެރިކަމުގައި) ސުންނީންގެ ފަރާތުން ޝިޔައީންނަށް ކުރި އަނިޔާތަކާ ގުޅިގެންނެވެ.

އަބޫ މުޞްޢަބު އައްޒަރްޤާވީ

އެދުވަސްވަރު އެމެރިކާގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުގެ ނަމުގައި އިރާގުގައި އުފެދުނު ލީޑަރުންގެ ތެރެއިން އުރުދުންގެ ރައްޔިތެއްކަމަށްވާ އަބޫ މުޞްޢަބު އައްޒަރްޤާވީގެ ޒަޢާމަތުގެ ދަށުން ޙަރަކާތްތެރިވި "ހަރަކަތުއް ތަވްޙީދު ވަލްޖިހާދު" ޖަމާޢަތަކީ "އިސްލާމިކް ސްޓޭޓް" އުފެދުމުގެ އަސާސެވެ. އަބޫ މުޞްޢަބުއް ޒަރުޤާވީއަކީ ކުރީގެ ސޮވިއެޓް ޔޫނިއަންއިން 1980 ވަނަ އަހަރު އަފްޣާނިސްތާނަށް ވަދެގަތުމާ ގުޅިގެން އަފްޣާން މުޖާހިދުންގެ ނަމުގައި އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ ސީއައިއޭ ގެ ބެލުމުގެ ދަށުން ރޫސީ ސިފައިންނާ ދެކޮޅަށް 1980ގެ އަހަރުތަކުގައި ހަނގުރާމަކޮށް ވަރަށް މޮޅަށް ތަމްރީން ލިބިފައިވާ އަސްކަރީ ކުޅަދާނަ ކޮމާންޑަރެކެވެ.

އަލްޤައިދާގެ ލީޑަރު އުސާމާ ބިންލާދިން އަކީވެސް އެދުވަސްވަރު މިގޮތަށް އެމެރިކާގެ އަތްދަށުން ތަމްރީން ލިބުނު މީހެކެވެ. ދެހާސް ހަަ ވަނަ އަހަރު އަބޫ މުޞްޢަބު އައްޒަރުޤާވީ އަލްޤައިދާއަށް ބައިޢަތުހިފި އެވެ. އަދި އޭނާގެ "ހަރަކަތުއް ތަވްޙީދު ވަލް ޖިހާދު" ޖަމާޢަތުގެ ނަން "ތަންޟީމުލްޤައިދާ ފީ ބިލާދިއްރާފިދައިން" މިނަމަށް ބަދަލުކުރި އެވެ. އެއަށް ފަހު 2006 ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާ ސިފައިން އިރާގުގައި އޭނާ މަރާލި އެވެ. އެމެރިކާއަށް ޒަރްގާވީ މަރާލެވުނީ އެކަމަށް މަސައްކަތްކުރާތާ ތިންއަހަރު ފަހުންނެވެ. އެއަށް ފަހު އެޖަމާއަތުގެ ވެރިކަމާ ހަވަލުވީ އަބޫ ޢުމަރު އަލްބަޣްދާދީ ކިޔާ އަލްގާއިދާގެ ކޮމާންޑަރެކެވެ. އޭނާ އެޖަމާއަތުގެ ނަން "އިސްލާމިކް ސްޓޭޓް އޮފް އިރާޤް" އަށް ބަދަލުކުރި އެވެ.

ޖަބްހަތުއްނުސްރާ އުފެދުން

އެމެރިކާގެ ޙަމަލާއެއްގައި 2010 ވަނަ އަހަރު އަބޫ ޢުމަރު އަލްބަޣްދާދީ މަރާލުމުން ދެން "އިސްލާމިކް ސްޓޭޓް އޮފް އިރާޤް"ގެ ވެރިކަމާ ޙަވާލުވީ އައިއެސްގެ މިހާރުގެ ލީޑަރު އަބޫބަކުރު އަލްބަޣްދާދީ އެވެ. އަބޫބަކުރު އަލްބަޣްދާދީގެ ޒަޢާމަތުގެ ދަށުން އިސްލާމިކް ސްޓޭޓް އޮފް އިރާޤުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެޖަމާޢަތް އަސްކަރީގޮތުން ބާރުގަދަކޮށް އެ ޖަމާޢަތުގެ ގުނަވަންތަކުގެ ފުރިހަމަ ކޮންޓްރޯލް އޭނާގެ ދަށަށްގެނައެވެ. އަރަބި ބައެއް ގައުމުތަކުގެ ޚުދުމުޚްތާރު ވެރިންނާ ދެކޮޅަށް 2011 ވަނަ އަހަރު އައި އަރަބި ރަބީއު (އަރަބް އަޕްރައިޒިން)ގައި ސޫރިޔާގައި ބައްޝާރުލް އަސަދާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ތެދުވުމުން ފުރްސަތުގެ ބޭނުންކޮށްގެން "އިސްލާމިކް ސްޓޭޓް އޮފް އިރާޤް"ގެ ބާރު ސޫރިޔާއަށް ފޯރުވައި ސޫރިޔާއަށް ވަދެގަތުމަށާއި އެޖަމާއަތުގެ ގޮތްޕެއް ސޫރިޔާގައި އުފެއްދުމަށް ބަޣްދާދީ މަސައްކަތް ފެށިއެވެ. މިކަމުގައި ބަޣްދާދީ އަށް އެހީތެރިވެދިނީ އަބޫ މުޙައްމަދު އަލް ޖޫލާނީ ނަމަކަށްކިޔާ ސޫރިޔާގެ ސަލަފީ ޖިހާދީ ފިކުރުގެ މީހެކެވެ. ޖޫލާނީގެ ކޮމާންޑްގެ ދަށުން ސޫރިޔާގައި އުފެއްދި "އިސްލާމިކް ސްޓޭޓް އޮފް އިރާޤް" ގޮތްޕަށް ޖޫލާނީ ދިން ނަމަކީ ޖަބްހަތުއްނުސްރާއެވެ. ނުސްރާ ޖަމާއަތް އުފެއްދުމަށްޓަކައި ބަޣްދާދީ، ޖޫލާނީއަށް އެތައް މިލިޔަން ޑޮލަރެއް ދިންކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެއަށް ފަހު އަބޫ މުހައްމަދުލް ޖޫލާނީގެ ވިސްނުން ބަދަލުވެ، "ޖަބްހަތުއްނުސްރާ" އަކީ އޭނާގެ އަމިއްލަ ޖަމާއަތެއް ކަމަށް ހަދަން މަސައްކަތް ފެށި އެވެ. ނަތީޖާއަކަށްވީ "އިސްލާމިކް ސްޓޭޓް އޮފް އިރާޤް"އާއި "ޖަބްހަތުއްނުސްރާ"އާ ދެމެދު ވަރުގަދަ ހަތުރުވެރިކަމެއް އުފެދި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއްކޮށް އެއްބަޔަކު އަނެއް ބައެއްގެ ބޯބުރި ކުރިކުރަން ފެށުމެވެ. ވެރިކަމުގެ ކޯޅުމުގައި ދެފަރާތުން މިކަންވެސް ކުރީ ޖިހާދުގެ ނަމުގަ އެވެ.

ސޫރިޔާގައި ވަކި ޖަމާއަތެއްގެ ގޮތުގައި "ޖަބްހަތުއްނުސްރާ" ހަރަކާތްތެރިވާން ފެށުމާއެކު އަބޫބަކުރުލްބަޣްދާދީ "އިސްލާމިކް ސްޓޭޓް އޮފް އިރާޤް"ގެ ނަން "އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސޫރިޔާ" (އައިސިސް)ގެ ނަމަށް ބަދަލުކުރި އެވެ. މިއާ އެކު އައިސިސް އާ ކުރިމަތިލުމަށް ޓަކައި "ޖަބްހަތުއްނުސްރާ"ގެ ލީޑަރުން އަލްޤައިދާއަށް ބައިޢަތު ހިފައި އަލްގާއިދާގެ ގޮތްޕެއްގެ ގޮތުގައި ސޫރިޔާގައި ހަރަކާތްތެރިވުމަށް އަބޫމުހައްމަދުލް ޖޫލާނީ ނިންމިއެވެ.

އެދުވަސްވަރަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމާ ދެކޮޅަށް އެގައުމުގެ އިދިކޮޅު ފަރާތްތައް (ފްރީސީރިޔަން އާމީ ޖަމާއަތް) ހަނގުރާމަ ފަށައިގެން ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ހުޅަނގުގެ އެހީއާއި ގަލްފުގެ އަރަބި ގައުމުތަކުގެ އެހީއާއި ތުރުކީގެ އެހީއާ އެކު ވަރުގަދައަށް ހަނގުރާމަ ކުރަމުން ދިޔަދުވަސްވަރެކެވެ. އެދުވަސްވަރު ބައްޝާރު ބޭނުންވީ ސިޔާސީ މަގްސަދުތަކެއް ޙާސިލް ކުރުމަށްޓަކައި އަބޫބަކުރު އަލްބަޣްދާދީގެ "އައިސިސް" ޖަމާޢަތަށް މަގުފަހިވާގޮތަށް ހަނގުރާމައިގެ ޓެކްޓިކްތަކެއް ކުރިޔަށް ގެންދިޔުމަށެވެ. އެއީ އެކަމުގެ ސަބަބުން އޭނާގެ ވެރިކަމުގެ ނިޒާމާ ހަނގުރާމަކުރާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތައް ބަލިކަށިވެގެންދާނެތީ އެވެ. އައިސިސްއަކީ ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް މަސައްކަތްކުރާ އިދިކޮޅު ހަނގުރާމަވެރިން (ފްރީސީރިޔަން އާމީ ޖަމާއަތް) ނާވެސް ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތަކަށް ވާތީ އެވެ.

ނަތީޖާއެއްގެ ގޮތުން އައިސިސް ޖަމާޢަތުގެ ބާރު މުޅި ސޫރިޔާއަށް ފެތުރިގެންގޮސް ބައްޝާރާ އިދިކޮޅު ޖަމާއަތްތަކާއި (ފްރީސީރިޔަން އާމީ ޖަމާއަތް ފަދަ) އައިސިސްއާ ދެމެދު ވަރުގަދައަށް ހަނގުރާމަ ފެށި ސޫރިޔާ ސިފައިންނަށް ލުއިތަކެއް ލިބި އަސްކަރީ ބޮޑެތި މަގްސަދުތަކެއް ބައްޝާރުގެ ސަރުކާރުން ޙާސިލް ކުރި އެވެ. މިގޮތުން އައިސިސް ޖަމާޢަތު އެއްވަގުތަކު އެއްފަހަރާ ޖަބްހަތުއްނުސްރާއާއި ފްރީ ސީރިޔަން އާމީއާއި ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިޔަ އެވެ.

އައިއެސް ޖަމާއަތް މުއްސަނދިވެ ބާރުގަދަވެގެން ދިޔުން

ސޫރިޔާގެ ބޮޑު ސަރަޙައްދެއްގެ ބާރު އައިސިސްއަށް ލިބިގެން ދިޔުމާ އެކު އެ ޖަމާޢަތް މުއްސަނދިވެ ބާރުގަދަވެގެން ދިޔަ އެވެ. އެއީ ސޫރިޔާގެ ތެލުގެ ސިނާއަތުގެ ސަރަހައްދުތަކާއި ބައެއް ބޭންކްތައް ވެސް އައިސިސް ގެ ހަނގުރާމަވެރިންގެ އަތްދަށަށް ދިޔުމުގެ ސަބަބުންނެވެ. މިގޮތުން ތުރުކީއާއި އެމެރިކާގެ ކުންފުނިތަކަށް ސޫރިޔާގެ ތެޔޮ ހެޔޮއަގުގައި ކަޅުބަޒާރުގައި ވިއްކައިގެންނާއި ސޫރިޔާގެ ބޭންކްތަކާއި މާލީ އިދާރާތަށް ލޫޓުވައިގެންނާއި ގަލްފުގެ ގައުމުތަކުން ލިބޭ މާލީ އެހީގައި އައިސިސް ޖަމާއަތް ވަރަށް ބޮޑަށް މުއްސަނދިވެގެން ދިޔަ އެވެ.

ބަޣްދާދީ "އިސްލާމިކް ސްޓޭޓް" އިޢްލާން ކުރުން

އައިސިސްގެ މުއްސަނދިކަމާއި އެޖަމާއަތުގެ އަސްކަރީ ބާރު އިންތިހާއަށް މައްޗަށް ދިޔުމާ އެކު 2014 ވަނަ އަހަރު އަބޫބަކުރުލް ބަޣްދާދީ އޭނާގެ ޖަމާޢަތުގެ ނަން، "އިސްލާމިކް ސްޓޭޓް" (އައިއެސް) އަށް އަށް ބަދަލުކޮށް އިސްލާމީ ޚިލާފަތުގެ ނަމުގައި ބާތިލް ޚިލާފަތެއް އިޢުލާންކުރި އެވެ. އަދި އޭނާއަކީ މުސްލިމުންގެ ޚަލީފާ ކަމަށްބުނެ އިރާގާއި ސޫރިޔާގައި ބަޣްދާދީ އުފެއްދ އިސްލާމިކް ސްޓޭޓަށް މުސްލިމުން ހިޖުރަކުރުމަށާއި އެ ދައުލަތަށް ވާގިވެރިވެ އެހީތެރިވުމަކީ މުސްމުންގެ ވާޖިބެއް ކަމަށް ބަޣްދާދީ ފަތުވާ ދިނެވެ. މިކަން އޭނާ އިއުލާންކުރީ އިރާގުގެ ނޫރީ މިސްކިތުގައި ދިން ހުކުރު ހުތުބާ އެއްގަ އެވެ.

އައިއެސް ވުޖޫދަށް އައީ މިހިސާބުންނެވެ. އައިއެސް ބާރުގަދަވެގެން ދިޔުމުގައި ސޫރިޔާ ސަރުކާރުގެ އިތުރުން އެމެރިކާއާއި ތުރުކީއާއި ގަލްފުގެ ގައުމުތައް ވެސް މުހިއްމު ދައުރެއް އަދާކުރި އެވެ. މިއިން ކޮންމެ ގައުމަކުން ވެސް އެއްކޮޅުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރިނަމަވެސް އަނެއްކޮޅުން ސިޔާސީ މަގްސަދްތައް ހާސިލް ކުރުމަށްޓަކައި އައިއެސް އަށް އެހީތެރިވަމުން ދިޔަ އެވެ. އެއީ އައިއެސް އަށް ތާއީދުކުރާތީ އެއްނޫނެވެ. އެޖަމާއަތް ޓޫލެއްގެ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ އަދި އަސްކަރީ މަގްސަދްތައް ހާސިލް ކުރުމަށެވެ.

މިގޮތުން 2014 ވަނައަހަރާއި 2015 ވަނަ އަހަރު އައިއެސްގެ ބާރު ކުއްލި ގޮތަކަށް ގަދަވުމުން ބައެއް ފަރާތްތަކަށް އެއީ ރަނގަނޅު ޖަމާއަތެއް ކަމުގެ އިޙްސާސް ވެސް ކުރެވިގެންދިޔަ އެވެ. މިކަމުގެ ސަބަބުން އައިއެސް ގެ ޕްރޮޕަގެންޑާވެސް ވަރުގަދަ ވެގެންދިޔަ އެވެ. އައިއެސް އިން ހަލާކުކޮށްލި ތަންތަނުގެ ތެރޭގައި ސޫރިޔާއާއި އިރާގުގެ ތާރީޚީ އެތައް ތަނެއް ހިމެނެ އެވެ. މީގެ ތެރޭގައި މޫސަލްގައި ހުންނަ ޔޫނުސްގެފާނުގެ މަގްބަރާ އާއި ރޯމަނުންނާއި އާޝޫރީންގެ ދުވަސްވަރުގެ ތާރީޚީ ބިނާތަކާއި ސޫރިޔާގެ އާސާރީ ރަށެއްކަމަށްވާ ތަދްމުރު ނުވަތަ ޕަލްމެއިރާ ހިމެނެ އެވެ.

އައިއެސް ޖަމާއަތް ބަލިކަށިވެ ހީނަރުވާން ފެށުން

އައިއެސް ބަލިކަށިވުމުގެ ފެށުންއައީ 2015 ވަނަ އަހަރު އިރާގު ސިފައިން އައިއެސް ބަލިކޮށްލުމުގެ އަގީދާގެ ދަށުން ފެށި ހަނގުރާއަށްފަހުގަ އެވެ. މިހަނގުރާމާގައި އެ އަހަރުގެ މާޗް މަހު އިރާގު ސިފައިން އައިއެސްގެ އަތްދަށުން ތިކްރީތު މިނިވަންކުރި އެވެ. އެއަށް ފަހު އިރާގު ސިފައިންފެށި ދެވަނަ އަސްކަރީ އޮޕަރޭޝަންގައި 2016 ވަނަ އަހަރު، ފައްލޫޖާ އައިއެސްގެ އަތްދަށުން މިނިވަންކުރި އެވެ. ފައްލޫޖާ މިނިވަންކުރެވުމާ އެކު މޫސަލް މިނިވަންކުރުމުގެ ހަނގުރާމަ އިރާގު ސިފައިން ފެށި އެވެ.

މިހަނގުރާމަ ކާމިޔާބުކޮށް މޫސަލްއިން އައިއެސް ބޭރުކޮށް އެޖަމާއަތް ވިއްސިވިހާލި ކޮށްލެވުނީ 2017 ވަނައަހަރުގެ ކުރީކޮޅުގަ އެވެ. އެއަށް ފަހު އައިއެސް ޖަމާއަތް ނޭވާ ހޮޅިއަށް އެޅުނެވެ. މޫސަލް މިނިވަން ކުރެވުމާ އެކު ސޫރިޔާގައި ވެސް އައިއެސް ބަލިކުރުމުގެ މަސައްކަތް ސީރިޔަސްކަމާ އެކު ފެށުނެވެ. މިގޮތުން އެމެރިކާގެ އެހީއާއެކު އިރާގުގެ ކުރުދީ ހަނގުރާމަވެރިން ވަނީ ސޫރިޔާގައިވާ އައިއެސްގެ މައި މަރުކަޒު ކަމަށްވާ އައްރިއްޤާ މިނިވަންކޮށްފަ އެވެ. މިދަނޑިވަޅުގައި އައިއެސްގެ އަތްދަށުގައިވާ ސޫރިޔާގެ އެހެން ރަށްތައް މިނިވަންކުރުމުގެ ހަނގުރާމަ ސޫރިޔާ ސިފައިން ވެސް ކާމިޔާބު ކުރި އެވެ.

މޫސަލް މިނިވަން ކުރެވުމާ އެކު އައިއެސްގެ އަތްދަށުގައިވާ އިރާގުގެ އަލްގާއިމް ތެލަޢްފަރު ފަދަ ރަށްތައް މިނިވަންކުރަން އިރާގު ސިފައިންނަށް ފަސޭހަވެގެން ދިޔަ އެވެ. އެންމެ ފަހުން ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އިރާގު ސިފައިން ކުރީ އިރާގާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ހަނަފަސް ސަހަރާގެ ބިންތައް އައިއެސް އަތްދަށުން މިނިވަންކުރުމުގެ މަސައްކަތެވެ. މިމަސައްކަތް ކާމިޔާބުކަމާ އެކު ނިންމައި އިރާގުގެ ބިމުން އައިއެސް ނައްތާލައި އެޖަމާއަތުގެ ވުޖޫދު އިރާގުން ފުހެލެވުނުކަން އިރާގުން އިޢްލާންކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިއާއެކު އިރާގުން ވަނީ އައިއެސް އާ ދެކޮޅަށް ފެށި ހަނގުރާމަ ވެސް ނިންމާލިކަން ރަސްމީކޮށް އިޢްލާންކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް