ޗައިނާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ރައީސް ޔާމީނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން --- ފޮޓޯ: ޒިންހުއާ ނިއުސް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ޗައިނާއަށް ވަޑައިގެންނެވީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެއީ ޗައިނާގެ ރައީސް ހިޒް އެކްސެލެންސީ ޝީ ޖިންޕިންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

އެ ދަތުރުފުޅުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު ވަނީ 12 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭގެތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުން ހިމެނެއެވެ.

ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ދެމެދުގައި ސޮއިިކުރި އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރިއާއި އިގްތިޞާދީ އަދި އިޖްތިމާއީ ދާއިރާއިން ދެގައުމުގެ ގުޅުން އިތުރަށް ފުޅާ ކުރުމާއި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ފަދަ މުހިންމު އެއްބަސްވުންތައް ހިމެނޭ ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް ޔާމީން ވަނީ ޗައިނާގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި އިގްތިޞާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ މެދު ވެސް މަޝްވަރާ ކުރައްވާފައެވެ.

ބައެއް މިނިސްޓްރުންނާއި ދައުލަތުގެ ބައެއް އިސްވެރިން ވެސް ވަނީ އެކަނިކުފާނުގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް