ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލަށް ޑްރޮގްބާ ރާއްޖެ ގެންނަނީ

ޗެލްސީ އަދި އައިވޮރީ ކޯސްޓުގެ ކުރީގެ ތަރި ޑިޑިއެ ޑްރޮގްބާ--

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ކުރީގެ ކުޅުންތެރިޔާ ޑިޑިއޭ ޑްރޮގްބާ ރާއްޖެ ގެންނަން ނިންމައިފިއެވެ.

ޗެލްސީއާ 2004 ވަނަ އަހަރު ގުޅުމަށް ފަހު ޑްރޮގްބާ ވަނީ އެ ޓީމާއެކު ހޭދަކުރި ނުވަ އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށް އެއް ފަހަރު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ.

ނ. މާޅެންދޫގައި މި މަހުގެ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފައިނަލަށް ޑްރޮގްބާ ރާއްޖެ އަންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ.

މުބާރާތުގެ އެއް ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފް "ސަން" އަށް ވިދާޅުވީ ފައިނަލަށް ޑްރޮގްބާ ގެނަންން ނިންމީ އޭނާ އަކީ ރާއްޖޭގައި ވަރަށް ގިނަ ސަޕޯޓަރުން ގިނަ ކުޅުންތެރިޔަކަށްވާތީ އެކަމުގެ ސަބަބުން ރާއްޖޭގެ ފުޓުބޯޅަ އަށް ކުރިއެރުން ލިބޭނެ ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

"ޑްރޮގްބާ އަކީ ޗެލްސީ އަދި އައިވޮރީ ކޯސްޓުގެ ލެޖެންޑެއް. ޗެލްސީ އަކީ ސަޕޯޓަރުން ގިނަ ކުލަބެއް. ރާއްޖޭގައި ވެސް ޑްރޮބާ ކަހަލަ މަޝްހޫރު ކުޅުންތެރިއެއް ފޮލޯ ކުރާ ބައިވަރު ޒުވާނުން އެބަތިބި. ނ. އަތޮޅު މުބާރާތް ފަދަ ބޮޑު މުބާރާތަކަށް އޭނަ ގެނައުމަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުމަށް ލިބޭ ހިއްވަރެއް ކަމަށް ގަބޫލު ކުރަނީ،" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ޑްރޮގްބާ އަކީ އެފްރިކާގެ ފުޓްބޯޅަ އަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ކުޅުންތެރިޔާ ކަމަށާއި އެފަދަ ކުޅުންތެރިއެއް ރާއްޖެ ގެނައުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

ޑްރޮބްގާ އެ މުބާރާތުގެ ފައިނަލަށް ގެނައުމުން ރާއްޖޭގެ ފުޓުބޯޅަ އަށް ސަޕޯޓުކުރާ ގިނަ މީހުންގެ އިތުރުން ނ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ގިނަ އަދަދެއްގެ ރައްޔިތުން މާޅެންދުއަށް ދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ފައިނަލް މެޗު ވަރަށް ފޯރިގަދަ ވާނެ،" މައުރޫފް ވިދާޅުވިއެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލަށް ރާއްޖެ ގެނެސްފައި ވަނީ ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް އެވެ.

comment ކޮމެންޓް