ގަމީރާގެ ލޯބި ދިރިއުޅުން، ފަޅު ރަށެއްގެ ހިތްގައިމު މާހައުލުން!

ގަމީރާ ކަރާ ފަޅަނީ، ވަކިގޮތަކަށް ކަރާ ފޮތި ކުރީމަ މީރުވާނެ ކަމަށް ބުނި ---

ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ ބ. އަތޮޅު އަންހެނުންފުއްޓަށް އަހަރެން ދިޔައީ ބޭސްފަރުވާ އަކަށް ބޭނުންވާ ފަތްޕިލާވެލި ކޮޅެއް ހޯދާށެވެ. ރަށަކީ ފަޅުރަށެއް ނަމަވެސް މަލަމަތިން ފެންނަނީ ތަފާތު މަންޒަރެކެވެ. ރަށަށް އަރާ ފޭބުމަށް ނަލަ ފާލަމެއް ހަދާފައި އޮތް އިރު ފާލަމާ ދިމާލު އަތިރިމަތިން ފެންނަނީ އުނދޯލިތަކާއި ޖޯލިތަކެވެ. ހިތްފަސޭހަ ކޮށްލަން ހަދާފައި ހުރި އަށިތަކެކެވެ.

އަތިރިމައްޗާ މާ ދުރުނޫން ހިސާބެއްގައި ރާނާ ސިމެންތި ޖަހާފައި ހުރި ގެއެއް ފެނެ އެވެ. ބިއްލޫރި ކުޑަދޮރު ހަރުކޮށްފައި ހުރި ރީތި ގެއެކެވެ. ރަށަށް ދިޔަ އެކުވެރިންނާ އެކު އެގޭގެ ފެންޑާ މައްޗަށް އަރާ ސަލާމް ގޮވާލީމެވެ. ގޭތެރެއިން ސަލާމް ބަލައިގަތީ މެދު އުމުރުގެ އަންހެނެކެވެ. އެއީ އަންހެނުންފުށީގެ އަންހެނާ އެވެ. ދަނޑުވެރިކަމުގައި އެ އަންހެނެއްގެ ނަން ހިނގާ ތޮއްޑުއަށް އުފަން ހީވާގި ގަމީރާ އާދަމެވެ.

އަންހެނުން ފުށީގައި ގަމީރާ އަޅާފައި ހުރި ގޭގެ ބަދިގެ --

އެކުގައި ދިޔަ ރަހުމަތްތެރިން ފަތްޕިލާވެލި ހޯދަން ދިއުމުން ގަމީރާ ގާތު އަހަރެން މަޑު ކޮށްލީމެވެ. އޭރު އޭނާ އަވަދިނެތި އުޅުނީ މެންދުރަށް ބަތްކޮޅެއް މަޑުކޮށްލާށެވެ. އެ ދަނޑިވަޅުގައި ގޭތެރެއަށް ކަޅި ހިންގާލީމެވެ. ގަމީރާގެ ދެމަފިރިން އުޅޭ އެ ގެއަކީ ތަޅުން އަޅައި ނަލަކޮށްފައިވާ ޒަމާނީ ގެއެކެވެ. އާދައިގެ ގެއެއްގެ ގެންގުޅޭ ހުރިހާ އާލާތެއް އެގޭގައި އެބަ ހުއްޓެވެ.

ބޮތްކާއި ފަންކާ އިން ފެށިގެން ގޭސް އުނދުނާއި ޒަމާނީ ދޮންނަ މެޝިނަކާއި ފުރިޖެއް ވެސް މިގޭގައި ހުރި އިރު ކަރަންޓް ނަގަނީ ކޮންތާކުންތޯ އަހާލީމެވެ. ޖަވާބުގައި ގަމީރާ އަތް ދިއްކޮށްލީ ގެއާ ތަންކޮޅެއް ދުރުގައި ހުރި ތަނަކަށެވެ. އެއީ ގަމީރާގެ ކުޑަ އިންޖީނުގެ އެވެ.

މިހާ ހިސާބުން ގަމީރާގެ ދިރިއުޅުމާ މެދު އަހަރެން ޝައުގުވެރިވެއްޖެ އެވެ. އިތުރު ކަންތައްތަކެއް ހޯދަން ބޭނުންވި އެވެ. ދަނޑު ހައްދާ ފިސާރި ކަނބަލެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭ ގަމީރާ ދިރިއުޅުން އަހަރެން ކޮންނަން ފެށީމެވެ.

ގަމީރާ ގޭގެ ދޮރުމަތީގައި ހައްދާފައި ހުރި މާ ގަސްތަށް ---

ދިރިއުޅެނީ ފިރިމީހާ އާއެކު ފަޅުރަށުގައި، އުޅެނީ ލޯބިން

"ފިރިމީހާވީ ތަރުކާރީ ކޮޅު ހިފައިގެން ސަޕްލައި ދޯންޏަށް ލާން ގޮސް. އަންނަންވާ އިރާ މެންދުރު ކާން ތައްޔާރު ކޮށްލަނީ މި. އަމިއްލަ އަތުން ކައްކައިގެން ކާން މާ ހިތްހަމަ ޖެހޭ. އެމީހުން [ގަމީރާއަށް އެހީވާން އުޅޭ ބިދޭސީން] ބުނާނެ ކައްކާނެ ކަމެއް ނެތޭ ދައްތައާ އެއްކޮށް ކައްކާނަމޭ. އެކަމަކު އެގޮތެއް މަށަށް ކަމަކު ނުދޭ،" ގަމީރާ ބުންޏެވެ.

ގަމީރާއާ އެކު ދަނޑުވެރިކަމުގައި އެހީވާން އަންހެނުންފުށީގައި 11 ބިދޭސީން އުޅޭ އިރު އެމީހުންނަށް ކައްކަން ވަކިން މީހަކު ހުރެ އެވެ. ނަމަވެސް ކޮންމެ އިރެއްގައި ވެސް ގަމީރާ އާއި އޭނާގެ ފިރިމީހާ ކަނީ ވަކިން ކައްކައިގެންނެވެ.

ގަމީރާގެ ދިރިއުޅުމުގެ ވާހަކަތައް އަހަންނަށް ކިޔައިދޭން ފެށީ ވެސް މިހާރުގެ ފިރިމީހާއާ ބައްދަލުވި ހިސާބުންނެވެ. މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާ އިރު މިހާރު އިނދެގެން އުޅެނީ ކުރިން ރިސޯޓެއްގެ މަތީ ވަޒީފާގައި އުޅުނު މީހަކާ އެވެ. މިހާރު އެ ދެމަފިރިންގެ ކައިވެންޏަށް ތިން އަހަރު ވެފައިވާ އިރު ދެ މީހުން ދިމާވި ގޮތް ގަމީރާ ކިޔައިދިނެވެ.

ގަމީރާ ގޭގެ ސިޓިން ރޫމު ސޯފާގައި ---

"ފޭސްބުކުން ދިމާވީ. މަށަކީ ދެން ވަރަށް އޮންލައިންގައި އުޅޭ މީހެއް. މީގެ ތިން އަހަރު ކުރިން އޭރު ދެން އެކަނި މިރަށުގައި އުޅޭނީ. ރޭގަނޑު ވަރަށް ގިނަ ވަގުތު ހޭދަ ކުރެވޭ ފޭސްބުކްގައި. އެގޮތަށް ޗެޓް ކުރަމުން ގޮސް ދިމާވީ މިހާރުގެ ފިރިމީހާއާ،" ހިނިތުންވުމަކާ އެކު އިދެ ގަމީރާ ކިޔައިދިނެވެ.

ސަޕްލައި ދޯންޏަށް ތަރުކާރީ ކޮޅު ލާފައި ގަމީރާގެ ފިރިމީހާ އައުމުން ދެމަފިރިން އެކުގައި ފޮޓޯއެއް ނަގަން އަހަރެން ބުނީމެވެ. ނަމަވެސް މީހުންނަށް އެހާބޮޑަށް އެނގެން ބޭނުން ނުވާތީ ލަދުރަކި ހިނިތުންވުމަކާ އެކު ނޫނެކޭ ބުންޏެވެ.

ގަމީރާ މީގެ ކުރިން ކުރި ކައިވެނިތަކަށް ހަތް ކުދިން ތިބި، ގަމީރާގެ މިހާރުގެ ފިރިމީހާއަށް އަދި ކުއްޖަކު ނެތެވެ. ގަމީރާ ބުނާ ގޮތުގައި އޭނާއަށް ކުރިން ލިބިފައިވާ ކުދިންދެކެ މިހާރުގެ ފިރިމީހާ ވަރަށް ލޯބިވެ އެވެ.

ގަމީރާ ގޭގެ ސިޓިން ރޫމު ސޯފާގައި --

ކުދިން ދެކެ ލޯބިވާ އާއިލީ މީހެއް

ގަމީރާގެ ތިބެނީ ތިން ފިރިހެން ކުދިންނާއި ހަތަރު އަންހެން ކުދިންނެވެ. އެ ކުދިންނާއި އޭނާގެ މާމަ ކުދިން ޗުއްޓީއަށް އަންހެނުންފުއްޓަށް އައިސް ނަގާފައިވާ ފޮޓޯތައް އަހަންނަށް ދެއްކި އެވެ. އޭގެން ކޮންމެ ކުއްޖެއްގެ ވާހަކަ ވެސް ކިޔައިދިނީ ހިނިތުންވުމާއި އުފަލާ އެކު އެވެ.

"ހުރިހާ ކުދިން ވެސް ބޭނުންވާނީ ޗުއްޓީއެއް ލިބިއްޖެއްޔާ މަންމަ ރަށަށް [އަންހެނުންފުއްޓަށް] އަންނަން. މާމަ ކުދިން ވެސް ޗުއްޓީއެއް ނުލިބިފައި ތިބޭނީ. މިހާރު ވެސް އެބަ ތައްޔާރުވޭ އަންނަން،" ކުދިންގެ ފޮޓޯތައް ދައްކަމުން ގަމީރާ ބުންޏެވެ.

އެގޮތުން ފޮޓޯތައް ދައްކަމުން ގޮސް މާމަ ކުއްޖެއްގެ ފޮޓޯ ދައްކާފައި އެރަށަށް އައުމުން އެކުއްޖާ ގަނދަކޯޅި ފަތުން ފެންވެރުވި ވާހަކަ ވެސް ކިޔައިދިނެވެ. ކުދިން ކުޅިވަރުކުޅެ ބާބަކިއު ހަދާ ވާހަކައަކީ ވެސް ގަމީރާ ވަރަށް ގަޔާވެ ދެއްކި ވާހަކަ ތަކެވެ.

ގަމީރާ ގޭގެ ދޮރުމަތީގައި ހުއްޓިލައިގެން: އެންމެނާވެސް ގުޅޭ ގާތް އެކުވެރި އެއް ---

ގަމީރާއެކޭ އެއްގޮތަށް އޭނާގެ ކުދިން ވެސް ގަމީރާ ދެކެ ލޯބިވާކަން އަހަންނަށް ފާހަގަވި އެވެ. އެއީ އަހަރެންނާ އެކު ގަމީރާ ހޭދަކުރި ވަގުތު ކޮޅުގެ ތެރޭގައި އެ ކުދިން އެތައް ފަހަރަކު ގަމީރާއަށް ގުޅުމުންނެވެ.

ގަމީރާ ބުނާ ގޮތުގައި އޭނާގެ ހުވަފެނަކީ އެ ކުދިންނެވެ. ބުރަ މަސައްކަތް ކުރަނީ ކުދިންނަށް މުސްތަގުބަލެއް ހޯދައިދޭންށެވެ. އެގޮތުން ގަމީރާގެ މިހާރުގެ އުންމީދަކީ އޭނާގެ ތިބި ކޮންމެ ފިރިހެން ކުއްޖަކަށް ދޯންޏެއް ބަނދެދިނުމަށެވެ. މިހާރު ވެސް އަށް މިލިއަން ރުފިޔާގެ ދޯންޏެއް ދަނީ ބަންނަމުންނެވެ.

ގަމީރާ ދަނޑުން ކަރައެއް ބިންނަނީ: ކަރާ މީރުވާނީ ވަގުތުން ބިދެގެން ކާލަން ކަމަށް ބުނެ ކަރާ ދިން --

ދަނޑުގައި އުޅުނަސް ހަންގަޑަކަށް ބަދަލެއް ނާދޭ

ދަނޑުވެރިކަމަކީ ބުރަ ކަމެކެވެ. ރަތްދަކަ އަވީގައި ދަނޑުވެރިން ގިނަ ވަގުތު ދަނޑުގައި ހޭދަކުރަން ޖެހޭއިރު ހަންގަނޑު ކަޅުވެ ކުރަކި ވުމަކީ ބައެއް ފަހަރުވާ ކަމެކެވެ. ނަމަވެސް އަވީގައި ދަނޑު ހައްދަން އުޅޭ މީހަކޭ ގަމީރާއަށް ބަލާފައި މީހަކު ނުބުނާނެ އެވެ. އެހާ އޮމާންވެފައި ދޮނެވެ. އެވާހަކަ ދެތިން ފަހަރަކު އަހަންނަށް ބުނެވެސް ލެވުނެވެ.

"އަވީގައި ހަމަ އުޅެނީ. ހަންގަނޑު ރީތި ކުރާކަށް އެއްޗެއް ވެސް ނޫގުޅަންވަކި ކަމެއް ވެސް ނުކުރަން. އަބަދުވެސް ހުންނަ ގޮތް،" ހަންގަނޑު އޮމާންކަމުގެ ސިއްރު ހޯދަން އަހާލުމުން ގަމީރާ ބުންޏެވެ.

ގަމީރާ އާއެކު ---

ގަމީރާ ބުނާ ގޮތުން އެހީތެރިންނަށް ބިދޭސީން ގެންގުޅުނަސް، އެމީހުންގެ އަތް މައްޗަށް އެކަމެއް ދޫކޮށްލައިގެން އޭނާ ނުހުރެ އެވެ. އިސްކުރުން ފެންޖެހީމާ ކަމު ނުދާތީ ދަނޑުމައްޗަށް ފެންދީ ހަދަނީ އެއްޗަކަށް ފެން އަޅައިގެން ގޮހެވެ. ގަސްތަކަށް ބޭސް ޖެހުމާއި ފަރުވާ ދިނުމުގައި ވެސް އަމަލީ ގޮތުން އުޅެނީ ގަމީރާ އެވެ.

"ހަންގަނޑު ކަޅު ނުވާ ވާހަކަ ވަރަށް ގިނަ މީހުން ދައްކާ. ވަރަށް ފަހުން ކާބޯތަކެތީގެ ދުވަހަށް އިވެންޓަކަށް ދިޔަތަނުން ފިޝަރީޒް މިނިސްޓަރު ޝައިނީ ވެސް ވިދާޅުވީ ގަމީރާ ދަނޑުވެރިކަން ކުރާހެން ހީވެސް ނުވެއޭ ހަންގަނޑު އެހާ ރީއްޗޭ،"

ހަންގަނޑު ރީތި ކުރަން ގަމީރާ ވަކި ހާއްސަކަމެއް ނުކުރުރިޔަސް އޭނާ ކުރާ އެއް ކަމެއް އޮވެ އެވެ. ހަންގަނޑުގެ އޮމާންވުމާއި ދޮންވުމުގެ ސިއްރަކަށް ވެސް އެކަން ވެދާނެ އެވެ. އެއީ ތަރުކާރީ ކެއުމެވެ.

"ތަރުކާރީ ހަމަ ވަރަށް ގިނައިން ކެވޭނެ ކޮންމެ ގަޑިއެއްގައި ކާއިރު ވެސް ތަރުކާރީ ކެވޭ. އެއީ ދެން ހަމަ މީރުކަމުން. އެހެންވެ ކަމަށް ވެސް ވެދާނެ ދޯ [ހަންގަނޑު އޮމާންކޮށް ހުންނަނީ]،" ހީލާފައި ގަމީރާ ބުންޏެވެ.

ފަޅުރަށެއްގައި އެކަނި އުޅެން ބިރެއް ނުގަނޭ

ގަމީރާ ދަނޑުތައް ދައްކާލަނީ --

އަންހެނުންފުށީގައި ގަމީރާ އުޅޭތާ މިހާރު ހަ އަހަރު ވެފައިވާއިރު ގިނަ ވަގުތު އުޅެނީ ވެސް އެކަންޏެވެ. ނަމަވެސް ބިރުކުޑަ އަލީ އެކޭ ގަމީރާއެކޭ ތަފާތެއް ނެތެވެ. އޭނާ ބުނާ ގޮތުން ފަޅުރަށެއްގައި އެކަނި އުޅޭކަށް އޭނާ ބިރެއް ނުގަނެވެ.

މީގެ ކުރިން ގިނަ ރަށްތަކެއްގައި އެކަނި ދަނޑުވެރިކަން ކުރަން އުޅުނު އިރު ވެސް ބިރުވެރި ކަމަކާ ދިމާވީ އެންމެ ރަށަކުންނެވެ.

"އެރަށުގައި ހިގާފައި ދާއިރު ވެސް ބައެއް ފަހަރު ހީވާނެ ކަންފަތް ކައިރިން ބާރަށް ވައިޖެހޭ ހެން. ދެން އެވަރަކަށް އަޅައެއް ނުލަން. އެއްރޭ ނިދާފައި އޮވެފައި ހޭލުވުނު އިރު ފެންނަން ހުރީ ހުދުކުލައިގެ ބިޔަ ބޮޑު ރީތި ފިރިހެނެއް، ބިރުން މީހާ ހުއްޓުނީ ހަދާނެ ގޮތް ނޭންގުނު،" ރ. އަތޮޅުގައި އޮންނަ ފަޅުރަށެއްގައި ދަނޑު ހައްދަން އުޅެނިކޮށް ދިމާވި ވާހަކަ ގަމީރާ ކިޔައިދިނެވެ.

"އިރުކޮޅަކުން އެމީހާ ގެއްލުނު. ދެން ޖެހިގެން އައި ދުވަހު ބޭނުންވީ ދެވަނަ ފަހަރަށް އެމީހާ ބަލާލަން. އެކަމަކު ދެން ދިމައެއް ނުވޭ،" ގަމީރާއަށް ދިމާވި ހަމައެކަނި ބިރުވެރި ވާހަކަ އިތުރަށް ކިޔައިދިނެވެ.

ގަމީރާ ހައްދާފައި ހުރި ބައެއް ގަސް ދައްކާލަނީ -

ގޮންޖެހުމާއެކު ވެސް ހިތްވަރުން ފެށި މަސައްކަތުގައި މިއަދު ނަމޫނާއެއް

އަންހެނުންފުއްޓަކީ ގަމީރާ ދަނޑުވެރިކަން ކުރާ ފުރަތަމަ ރަށެއް ނޫނެވެ. މީހަކު ބުނި ދެރަ ބަހަކަށް ހިތްވަރުކޮށްފައި އެންމެ ފުރަތަމަ ފެށީ ވިޔަފާރި ކުރާށެވެ. އެގޮތުން ރާއްޖޭން ބޭރުން މުދާ ގެނެސްގެން މާލޭގައި ވިއްކި އެވެ. މާލޭގެ އިތުރުން އުފަން ރަށް ތޮއްޑޫގައި ވެސް ގަމީރާ ވިޔަފާރި ހިންގި އެވެ. އޭރު ވެސް ރަށުގައި ދަނޑުވެރިކަން ކުރި އެވެ.

އޭގެ ފަހުން ދެން ގަމީރާ އުޅުނީ މީހުންގެ ރަށްރަށުގައި ދަނޑުވެރިކަން ކޮށްދޭށެވެ. އަންހެނުންފުށީގެ ކުރިން ހަ ރަށެއްގައި އޭނާ ދަނޑުވެރިކަން ކުރި އެވެ.

"އެރަށްރަށުގައި އެހާ ކާމިޔާބެއް ނޫން. ގަސްތައް ހެއްދޭ ކޮންމެވެސް ވަރަކަށް އެކަމަކު މިރަށުގައި ވަރަށް ކާމިޔާބު. ހަރަދު ކަނޑާފައި ފައިދާއަށް ލިބޭ ތިން ލައްކައެއްހާ ރުފިޔާ،" ގަމީރާ ބުންޏެވެ.

ގަމީރާ ދަނޑިން ކަރައެއް ކަނޑަައިގެން، ދިޔަ މީހުންނަށް ކަރާ ދިން ---

ކުދިން ގޮވައިގެން ފެށި ގޮންޖެހުން ބޮޑު ދަތުރުގައި ގަމީރާ އަކީ މިއަދު ނަމޫނާ ދަނޑުވެރި އެކެވެ. ގަމީރާގެ މަސައްކަތަށް ބޭރުގެ ދަނޑުވެރިކަމާ ބެހޭ ތަޖުރިބާ ކާރުން ވެސް ތައުރީފު ކުރެ އެވެ. ގަމީރާ މަސައްކަތް ބަލާލަން ރާއްޖޭން ބޭރުގެ މީހުން އޭނާގެ ކައިރިއަށް ވެސް ދެ އެވެ.

"މިސްރުގެ ދަނޑުވެރިއެއް ވަރަށް ފަހުން އައި. އޭނާ ބުނި ކިހިނެއްހޭ މި ޕްލޭން ކޮށްފައި މިއޮތީ މީހަކު ގެނެސްގެންހޭ. ވަރަށް ފުރިހަމަ އޭ،" ގަމީރާ ބުންޏެވެ.

ގަމީރާ ދަނޑުން ކަރައެއް ކަނޑަައިގެން، ދިޔަ މީހުންނަށް ކަރާ ދިން ---

އަންހެނުންފުއްޓަކީ މިއަދު ގަމީރާގެ އަމިއްލަ ވަޒަނެވެ. އޭނާގެ ދިރިއުޅުމެވެ. ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް ވެސް އޭނާ ހޭދަކުރަން ބޭނުން ވަނީ އެ ފަސްގަނޑުގަ އެވެ.

"ކުދިން ކައިރިވެސް ބުންނަން މަންމަ މާ ބޮޑަށް ހިތްހަމަޖެހެއޭ މިތަނުގައި. ދަނޑިގަނޑު ޖަހައިގެން ހިނގާވަރުވިޔަސް މިރަށް އޮތިއްޔާ މަންމަ މިރަށުގައޭ އުޅެން ބޭނުމީ،"
comment ކޮމެންޓް