ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް ޗައިނާގެ ބޭންކްތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސް ޔާމީން ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ޒިންހުއާ ނިއުސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައި، ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ ވަފުދެއް، ޗައިނާގެ ބޭންކްތަކުގެ އިސް ވެރިންނާ މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، ދިވެހި ވަފްދުގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޙްމަދު ނަޞީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓް އިބްރާހީމް އިމްޖާދު ޖަލީލް ހިމެނޭކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ޗައިނާގެ ބޭންކްތަކުގެ ތެރޭގައި އައިސީބީސީ ބޭންކާއި، އެގްޒިމް ބޭންކާއި، ސީޑީބީ ބޭންކާއި، ބީއޯސީއޯއެމް ބޭންކުގެ އިސްވެރިން ހިމެނޭކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ވަފްދުން ވަނީ ޗައިނާގެ އެ ބޭންކްތަކަކީ މިހާރުވެސް ރާއްޖޭގައި ހިންގާ ބޮޑެތި ބައެއް މަޝްރޫޢުތަކުގެ މާލީ ބައިވެރިންކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މާލީ ބާޒާރުގައި ހުރި ފުރުޞަތުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އެ ބޭންކުތަކުގެ އިސްވެރިންނާ ރާއްޖޭގެ ވަފުދުން ހިއްސާ ކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ޗައިނާގެ ބޭންކްތަކުގެ އިސްވެރިން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ވެވުނު އެއްބަސަވުންތަކުގެ ސަބަބުން ރާއްޖޭގައި ތަރައްޤީގެ އާ މަޝްރޫޢުތަކެއް ހިންގުމަށް ފުރުޞަތު ހުޅުވިގެން ދާނެކަން ފާހަގަކުރައްވައި، މަޝްރޫޢުތަކުގައި އިންވެސްޓުކުރަން ޝައުގުވެރިވާކަން ފާޅުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވާ ފުރަމަނާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދުގައި ރަސްމީ މަޝްވަރާތައް ވަނީ ބާއްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

comment ކޮމެންޓް