ފައިސާގެ މުހިއްމުކަން ކުދިންނަށް ވިސްނައިދިނުން

ފައިސާގެ މުހިއްމު ކަމާއި ފައިސާ ހޯދަން ކުރާ މަސައްކަތްތަކާ ބެހޭގޮތުން، ދަރީން ކުޑައިރުއްސުރެން، ކުއްޖާގެ އުމުރާ އެކަށީގެންވާ ގޮތަކަށް ވިސްނައިދިނުމަކީ މައިންބަފައިން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ކުދިން ބޮޑުވަމުން އަންނައިރު ފައިސާގެ މުހިއްމުކަން ވިސްނި އޭގެ އަގު ވަޒަން ކުރަން ދަސްވާނީ އޭރުންނެވެ.

މިފަދަ ވާހަކަ ތަކަކީ ސްކޫލުގައި ކިޔައިދޭ ފިލާވަޅެއްގެ އިތުރުން މައިންބަފައިންގެ ފަރާތުން އެކުދިންނަށް އެނގެންޖެހޭ ކަންތަކެވެ. ފައިސާ ހޯދުމަށް ކުރާ މަސައްކަތާއި ފަހަށް ރައްކާކުރުމުގެ މުހިއްމުކަން ކުދިންގެ އުމުރާ ގުޅޭވަރަކުން ކިޔައިދޭންޖެހެއެވެ.

އެކުދިންގެމުސްތަޤްބަލަށްޓަކައި ފަހަށް ރައްކާ ކުރުމަކީވެސް މައިންބަައިންގެ ޒިންމާއެކެވެ.

ފަހަށް ރައްކާ ކުރުމުގެ މުހިއްމުކަން އަންގައިދިނުމަށް ކުއްޖާއަށް "ޕިގީ ބޭންކެއް" ހަދައިދޭށެވެ. އެފައިސާ ބޭނުން ކުރާނީ ކުއްޖާ ބޮޑުވުމުން ކޮންމެވެސް ހުވަފެނެއްގައި ކުލަޖައްސަން ކަމަށް ބުނެ ވިސްނައިދޭށެވެ. ދުވަސް ދުވަހުން ހަދިޔާއެއްގެ ގޮތުގައި ދޭ ވަކި ލާރިއާއި ހެޔޮއެދޭ ފަރާތްތަކުން ކުދިންނަށް ހަދިޔާގެ ގޮތުގައި ދޭލާރި މިއަށް އަޅައި ރައްކާކުރާށެވެ.

ކުދިން ބޮޑުވުމުން އެ ކަނޑާގޮތަށް ހަމަޖައްސައި، އޭގެ ކުރިން އެ ނުހުޅުވުމަށް ނަސޭހަތްތެރިވާށެވެ. އަދި އެގޮތަށް ކަންކުރޭތޯ ބެލުމަކީ ބެލެނިވެރިން ކުރަންޖެހޭނެ ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން ދަރިންނަށް ފަހަށް ރައްކާކުރަން ދަސްވާނެއެވެ.

މީގެ އިތުރުން ކުދިން ކުޑައިރު އެކުދިންގެ ނަމުގައި ބެންކް އެކައުންޓްތައް ހުޅުވައިދިނުމަކީވެސް މުހިއްމު ކަމެކެވެ. ބެލެނިވެރިން ނޫނީ މައިންބަފައިންގެ ފަރާތުން ކޮންމެ މަހަކުވެސް ވަކިވަރެއް އެކުދިންގެ މުސްތަޤްބަލަށްޓަކައި ރައްކާ ކުރާށެވެ. އެންމެ މުހިއްމު ކަމަކީ ކުދިންގެ ކުރިމަތީ ބޭކާރު ޚަރަދު ކުރުން ހުއްޓާލުމެވެ. ކުދި ކުދި ބޭކާރު އެެއްޗެހި ގަތުމަށް ބޮޑާހޭކިނަމަވެސް ފައިސާގެ މުހިއްމުކަން ވިސްނައިދީ، އެފަދަ އާދަތަކުން ކުދިން ދުރުކުރާށެވެ. ފައިސާ ހޯދުމަށް ކުރާ ބުރަ މަސައްކަތް ކުއްޖާގެ އުމުރާ ގުޅޭގޮތަށް ވިސްނައިދިނުމަކީވެސް މުހިއްމު ކަމެކެވެ.

ކުއްޖާ ބޮޑުވަމުން އަންނައިރު ހަރުދަނާ މީހަކަށް ވާނީ އޭރުންނެވެ.

comment ކޮމެންޓް