ތަހުގީގުގައި މަހުލޫފްގެ ބައްޕަ ހުންނެވީ ހަނު

މަހުލޫފްގެ ބައްޕަ ހައްސާނު ހައްޔަރުކޮށްގެން ގެންދަނީ ---- ސަން ފޮޓޯ

ފުލުހުންގެ ތަހުގީގުން ސުވާލުކުރުމުން ގާނޫނު އަސާސީން ލިބިދޭ ހަނު ހުރުމުގެ ހައްގު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ބައްޕަ މުހައްމަދު ހައްސާނު އިޚްތިޔާރު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު 3:00 އަށް މަހުލޫފްގެ ބައްޕަ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި އޭނާ އިސްވެ ހުންނަވައި ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާ ކުރި ކަމަށް ތުހުމަތުކޮށް ހިންގާ ތަހުގީގަށެވެ.

މަހުލޫފްގެ ބައްޕަ ހައްސާނު މިރޭ "ސަން" އަށް ވިދާޅުވީ ތަހުގީގުގައި އޭނާ އިޚްތިޔާރުކުރީ ހަނު ހުރުމުގެ ހައްގު ކަމަށާއި ހަނުހުރި ކަމުގެ ބަޔާނެއް މިއަދު ފުލުހުންނަށްދީފައިވާނެ ކަމަށެވެ.

ފުލުހުން ކުރާ ތުހުމަތަށް ހައްސާނު ވަނީ އިންކާރުކުރައްވާފައެވެ. ހައްސާނު ވިދާޅުވީ އޭނާ ބަދު ދުއާކޮށްފައިނުވާނެ ކަމަށާއި މާތްﷲ ގެ ހަޒުރަތުގައި ދުއާ ދެންނެވުމަކީ ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ހުކުރު ނަމާދަށްފަހު ދުއާކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ އަނިޔާވެރިއެއް ކަމަށް ބުނެ އަނިޔާވެރިޔާގެ އާރާއި ބާރު ނެތިގޮސް އަނިޔާވެރިކަމުން ސަލާމްތްކޮށްދިނުމަށް އެދި ކަމަށާއި އެއީ ބަދު ދުއާ އެއް ނޫން ކަމަށް ވެސް ހައްސާނު ވިދާޅުވިއެވެ.

ބަދު ދުއާ ކުރި ކަމަށް ބުނެ މީގެކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު ވެސް ހައްޔަރުކުރިއެވެ. ނަމަވެސް ފަހުން ވަނީ އޭނާ ދޫކޮށްލާފައެވެ. އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ނުއުފުލައެވެ.

comment ކޮމެންޓް