ރިލްވާން ރަހީނުކުރިކަން ސާބިތުކުރަން 29 ހެކި

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން އަބްދުﷲ

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ރަހީނުކުރި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން 29 ހެއްކެއް އެބަހުރި ކަމަށް ދައުލަތުން ބުނެފިއެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިފައިވަ ރިލްވާން ރަހީނު ކުރި ކަމުގެ ތުހުމަތުގައި ދައުވަ އުފުލާފައިވާ މީހުންނަނީ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދު އާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ އިތުރުން ހ. ހިލްޓަން އަހުމަދު އާލިފް ރައޫފްގެ މައްޗަށެވެ.

ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ސުއައިދު ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ.

މިއަދު މެންދުރުފަހު ބޭއްވި އަޑުއެހުމުގައި ދައުވާ އިއްވަވަމުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ނާޝިދު ވިދާޅުވީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭ ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން ކާރަކަށް އޭނާ އަރުވައިގެން ގަދަކަމުން އޭނާ ފޯރުވާފައިވާ ކަމަށެވެ. ނޫރައްދީނާއި އާލިފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރިލްވާން ރަހީނުކޮށްފައިވަތީ ކަމަށް ނާޝިދު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދިޔައީ އިބްތިދާއީ އަޑުއެހުން ކަމަށްވާތީ ދައުލަތުން ވަނީ އެ ދެ މީހުންނާ ދެކޮޅަށް ހުރި ހެކިތައް ކިޔައިދީފައެވެ.

އެ މައްސަލާގައި ހިމެނޭ 29 ހެކީގެ ތެރޭގައި ރިލްވާން މާލެއިން ހުޅުމާލެއަށްދާ މަންޒަރުގެ ސީސީޓީވީ ފްޓޭޖުގެ އިތުރުން ސިއްރު ހެކި ހިމެނޭ ކަމަށް ނާޝިދު ވިދާޅުވިއެވެ.

ރިލްވާންއާ އެއް ފެރީއެއްގައި އެ ރޭ މާލެއިން ހުޅުމާލޭއަށް ދަތުރުކުރި މީހަކު ވެސް ސިއްރު ހެކީގެ ތެރޭގައި ހިމެނެއެވެ.

ސިއްރު ދެވަނަ ހެއްކަކީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ކާރަކަށް މީހަކު ގަދަކަމުން އެރުވި ކަމާއި އެތަނުން ދޮން ކުލައިގެ އެއްޗެއް ފެނިފައިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދަށް ދިޔުމުން އެ ތަނުން ވަޅިއެއް ފެނުނު މީހެއް ކަމަށް ނާޝިދު ވިދާޅުވިއެވެ.

ތިން ވަނަ ސިއްރު ހެއްކަކީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ރޭ އާދަޔާ ޚިލާފަށް މީހަކު ހަޅޭލަވައިގަތް އަޑުއިވިގެން އޭނާ ދިރިއުޅޭ ފްލެޓްގެ ބެލެކަނިން މަގުމަތި ބެލިއިރު ގަދަކަމުން މީހަކު ކާރަށް އަރުވާ މަންޒަރު ފެނުނު މީހެކެވެ. އެ ކާރުގެ ފަހަތު ސީޓް ހުރީ ހުޅުވިފައި ކަމާއި އެ ސީޓުން މީހަކު އަތް ދިއްކުރާ މަންޒަރު ފެނުނު ކަމަށް އެ ހެކިވެރިޔާ ބުނެއެވެ.

ބާކީ ތިބި ހަތަރު ސިއްރު ހެކިވެރިންގެ ތެރެއިން ތިން ހެކީންނަކީ މީހެއްގެ ފުރަގަހުގައި ހިފަހައްޓައިގެން ގަދަކަމުން ކާރަކަށް އަރުވާ މަންޒަރު ފެނުނު ދެ މީހެއް ކަމަށް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ އެ ދެ މީހުންނަށް ވެސް އެ މަންޒަރު ފެނުނީ އެމީހުން ދިރިއުޅޭ ފްލެޓްގެ ބެލްކަނިން ކަމަށެވެ.

ހަތަރު ވަނައަށް ހުށަހެޅި ސިއްރު ހެކިވެރިޔާ އަކީ ރިލްވާން ގެއްލުނު ރޭ އޭނާ ދިރިއުޅޭ ފްލެޓް ކައިރިން "އޭ އޭ އޭ" ކިޔައި މީހަކު ވަރަށް ބާރަށް ގޮވި އަޑު އިވުނު މީހެއް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.

ދައުވާ ސާބިތުކުރަން ހުށަހަޅާ ހެކީންގެ ތެރޭގައި ރިލްވާންގެ މަންމަ އާމިނަތު އީސާ އާއި ރިލްވާންގެ ތިން ބޭބެއަކާއި ހަތަރު ދައްތައެއް ހިމެނެއެވެ. އެމީހުން ހެކީގެ ގޮތުގައި ހުށަހަޅަނީ ދެ ތިބި ހެކިން ބުނާ ރަތް ކާރުން އެ އާއިލާގެ އެއްވެސް މީހަކު ދަތުރުކޮށްފައިނުވާނެކަން ސާބިތުކުރުމަށް ކަމަށް ނާޝިދު ވިދާޅުވިއެވެ.

އެ ރަތްކާރުން ފެނުނު އިސްތައްޓެއްގެ ޑީއެންއޭ ވަނީ ރިލްވާންގެ މަންމަގެ ޑީއެންއާ ދިމާވެފައެވެ. އެ ޑީއެންއޭ ރިޕޯޓް ހެކީގެ ގޮތުގައި ހުށަހަޅަން ވަނީ ނިންމާފައެވެ.

ރިލްވާންގެ ދަތްއުނގުޅާ ބުރުހުގެ ޑީއެންއޭ ރިޕޯޓު ވެސް ހެކީގެގޮތުގައި ހުށަހަޅަން ވަނީ ނިންމާފައެވެ. އެ ބުރުހުގެ ޑީއެންއޭ ވަނީ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެފައި ކަމަށް ޑީއެންއޭ ރިޕޯޓުން އެނގެއެވެ.

ނޫރައްދީނާއި އާލިފް ތަހުގީގަށް ދީފައިވާ ބަޔާން ވެސް ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

އެ ދެ މީހުން ތަހުގީގަށް ދިން ބަޔާނުގައިވާގޮތުން 2014 ވަނަ އަހަރު ޖުލައި މަހު އެ ރަތް ކާރު ވާނީ ނޫރައްދީން ދުއްވުމަށް ހުޅުމާލެއަށް ފޮނުވާފައި ކަމަށާއި އެ ކާރަކީ އާލިފްގެ ކާރެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި އެ ކާރު ފޮނުވީ މާލެއިން ހުޅުމާލެއަށް ކަމަށް އެ ދެ މީހުންގެ ބަޔާނުގައިވާކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.

އެ ކާރު މާލެއިން ހުޅުމާލެއަށް ގެންދިޔަ ކަމާއި އޯގަސްޓް މަހުގެ 13 ވަނަ ދުވަހު އަނބުރާ ކާރު މާލެ ގެނައިކަން ސާބިތުކުރުމަށް ހަތް މީހަކު ހެކީގެ ގޮތުގައި ހުށަހަޅަން ވަނީ ނިންމާފައެވެ. އެ ހެކީންގެ ތެރޭގައި އެ ކާރު ގެންދިޔަ ދޯނީގެ މީހުން ވެސް ހިމެނެއެވެ.

ނާޝިދު ވިދާޅުވީ ހުޅުމާލޭގައި އެ ކާރު ނޫރުއްދީން ދުއްވި މަންޒަރު ފެނުނު ދެ މީހެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާނެ ކަމަށެވެ.

އެ ދައުވާ އަށް އިންކާރުކުރަމުން ނޫރައްދީނާއި އާލިފް ބުނީ ދައުވާ ސާފުނުވާ ކަމަށެވެ.

އެ ދެ މީހުންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ދައުލަތުން ހުށަހަޅާ ހެކީގެ ތެރޭގައި ނޫރައްދީނާއި އާލިފް ކުރި އަމަލެއް ސާބިތުވާ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ.

ނޫރުއްސަލާމް ވިދާޅުވީ ރަތް ކާރަކަށް ގަދަކަމުން އެރުވީ ރިލްވާންކަން ކަނޑައެޅިގެން ބުނަން އެނގޭ މީހަކު ނެތް ކަމަށެވެ. ހަމައެހެންމެ ރިލްވާން ގަދަކަމުން ކާރަށް އެރުވުމުގައި އުޅުނީ ނޫރައްދީނާއި އާލިފް ކަމަށް ބުނަން އެނގޭ އެއްވެސް މީހަކު ނެތް ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ.

އެރޭ ފެނުނު ކާރުގެ ތަފްސީލު އެނގޭ މީހަކު ނެތް ކަމަށް ވެސް އެ ދެ މީހުންގެ ވަކީލު ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ ދިފާއުން ދެއްކި ވާހަކަތަކަށް ޖަވާބުދާރީވާން ދައުލަތަށް އިތުރު ފުރުސަތު ދެއްވުމަށްފަހުއެވެ.

އެ މައްސަލާގައި ދައުވާ ލިބޭ ތިން ވަނަ މީހާ ކަމުގައިވާ ސުއައިދު އަކީ ރިލްވާން ގެއްލުނުރޭ އޭނައަށް ފާރަލުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ސީސީޓީވީ ފްޓޭޖުން އެ މަންޒަރު ފެނެއެވެ.

comment ކޮމެންޓް