ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ނިޒާމްބެ

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ):--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް ކަމަށާއި އޭގެ ސަބަބުން އަސަރު ކުރާނީ ޓީސީ ސްޕޯޓްސް ކްލަބަށް އެކަނި ނޫން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިއެވެ.

އެފްއޭ ކަޕް ފައިނަލުގައި ރޭ ޓީސީ ވަނީ ދެ ގޯލުގެ ލީޑެއް ގެއްލުވާލައި ޕެނަލްޓީގައި ނިއު ރޭޑިއަންޓް އަތުން ބަލިވެފައެވެ. މިއީ އެ ޓީމު ފާއިތުވި ދެ އަހަރު ތެރޭ ބަލިވި ތިން ވަނަ ފައިނަލް މެޗެވެ. ނިއު ވަނީ ފައިނަލް މެޗުގައި ފަހަތުން އަރައި ޓީސީ ކޮޅަށް ދެ ލަނޑު ޖަހައި 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް ޕެނަލްޓީގައި 2-4 އިން މެޗު ކާމިޔާބު ކޮށްފައެވެ.

ނިއު އިން 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކުރުން: ނިއު އިން މިއަހަރުގެ އެފްއޭ ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްގެން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރޭގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ ފައިނަލް މެޗުގައި ޓީމުގެ ކުޅުން ރަނގަޅު ކަމަށާއި މެޗުން ބަލިވީ ކައިރި ކައިރީގައި ގިނަ މެޗުތަކެއް ކުޅެން ޖެހި، ފައިނަލުގައި 120 މިނެޓު ކުޅެން ޖެހުމުން ކުޅުންތެރިން ވަރުބަލިވެގެން ކަމަށެވެ.

"ފައިނަލް މެޗު ވަރަށް ރަނގަޅަށް ދިޔައީ. ކުޅުންތެރިން ވެސް ވަރަށް ރަނގަޅަށް ކުޅުނު. ދިމާވި މައްސަލައަކީ ޓީސީ ކަހަލަ ބެންޗު ވެސް އެހާ ވަރުގަދަ ނޫން ޓީމަކަށް މެޗުގެ ޕްރެޝަރު ބޮޑުވީ. ގިނަ ވަގުތު ކުޅުން ޖެހުމުން ފިޓްނަސް ގެއްލުނީ. މިހެން މި ދިމާވީ ކައިރި ކައިރީގައި ގިނަ މެޗު ކުޅެން ޖެހުމުން،" މިއަހަރުގެ ކުރީކޮޅު ބަނގުލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޓީސީ އަށް ކާމިޔާބު ކޮށްދިން ނިޒާމްބެ ބުންޏެވެ.

"މާޒިޔާ މެޗަކީ ޓީސީ ވަރަށް ޕްރެޝަރުގައި ކުޅުނު މެޗެއް. އެ މެޗަށް ފަހު ކުޑަ ދުވަސްކޮޅެއް ތެރޭގައި އަނެއްކާ ވެސް އެ ފެންވަރުގެ މެޗެއް ކުޅެން މި ޖެހުނީ."

އެފްއޭ ކަޕްގެ ފައިނަލުގައި ނިއު އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ކާމިޔާބުކޮށް، ނިއު އިން ވަނީ 12 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ނިޒާމްބެ ބުނީ ފައިނަލުގައި ބަލިވިޔަސް ޓީމު އޮތީ ޕޮޒިޓިވްކޮށް ކަމަށާއި ކުރިއަށް އޮތް ޕްރެޒިޑެންޓްސް ކަޕުގައި ވެސް ރަނގަޅު ކާމިޔާބީ އެއް ހޯދޭތޯ މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް ރޭގެ ފައިނަލަށް ފަހު ދެ ދުވަސް ފަހުން ޕްރެޒިޑެންޓް ކަޕުގެ ސެމީ ފައިނަލުގައި ކުޅެން ޖެހުމަކީ ނުތަވަސްކަމެއް ކަމަށް އޭނާ ބުންޏެވެ.

"މިހާ ކައިރި ކައިރީގައި މެޗު ކުޅެން ޖެހުމުން ހުރިހާ ޓީމަކަށް ވެސް އުނދަގޫވާނެ. ނިއު އަށް ވެސް. ޓީސީ ޓީމުގައި އަނިޔާގެ މައްސަލަތައް ވެސް ވަރަށް ގިނަ. ދެ ދުވަސް ތެރޭގައި އެ ކުޅުންތެރިން ފިޓެއް ނުވާނެ. އެކަމަކު އަހަރެމެން ރަނގަޅު ފައިޓެއްދީ މުބަރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނަން،" ނިޒާމްބެ ބުންޏެވެ.

އަހަރުގެ ފަހު މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ފެށޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ހޮނިހިރު ދުވަހު ހަވީރު ބައްދަލުކުރާނީ ނިއު އާއި ޓީސީ އެވެ. މޮޅުވާ ޓީމަކަށް ފައިނަލަށް ދެވޭނެ އެވެ. އަދި ބަލިވާ ޓީމެއް ޖެހޭނީ އެރޭ މާޒިޔާ އާއި ގދ. ތިނަދޫ ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީ ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.

comment ކޮމެންޓް