ފަތްޕިލާވެއްޔަށް ޚާއްސަ "ހެބިޓަސް ފްރެޝް" ހުޅުވައިފި

ފަތްޕިލާވެއްޔަށް ޚާއްސަ "ހެބިޓަސް ފްރެޝް" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތާޒާކަމާއެކީގައި ފާތްޕިލާވެލީގެ ބާވަތްތަށް ވިއްކުމަށް "ހެބިޓަސް ފްރެޝް" ގެ ނަމުގައި ޚާއްސަ ފިހާރައެއް ހުޅުވައިފިއެވެ.

ކުރީގެ އަރަބިއްޔާ ސުކޫލް ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރަތްކޮށްފައިވާ މާލޭ ގްރޭންޑް ފްލެޓުގައި އެ ފިހާރަ ހުޅުވާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ފިހާރަ ހުޅުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެބިޓަސް ފްރެޝްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހުމަދު ޒައިން ވިދާޅުވީ، އެ ފިހާރައަކީ ތާޒާކަންމަތީ ފަތްޕިލާވެލި ވިއްކުމަށް ހުޅުވި ފިހަރައެއް ކަމަށެވެ.

އެ ފިހާރައިން ވިއްކާނީ ވާޓިކަލް ފާމިން މެތަޑް ނުވަތަ އެތެރޭގެ ވަކި ޚާއްސަ މާހައުލެއްގައި ގަސް ހައްދައިގެން ލިބޭ ފަތްޕިލާވެލީގެ ބާވަތްތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ހެބިޓަސް ފްރެޝްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އަހުމަދު ޒައިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒައިން ވިދާޅުވީ، އެތަނުން ވިއްކާ ފަތްޕިލާވެލީގެ ގަސްތައް ހައްދަނީ އެއްވެސް ކަހަލަ ކެމިކަލެއް ބޭނުން ކޮށްފައިނުވާ އޮށުން ކަމަށެވެ. އަދި ގަސް ހެއްދުމުގައި އެއްވެސް ކަހަލަ ކެމިކަލް ބޭހެއް ބޭނުން ނުކުރާކަމަށް އޭނާވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ހައްދާ ގޮތުން އެއްވެސް ކަހަލަ ޕެސްޓިސައިޑްއެއް ބޭނުން ކުރަންނުޖެހި އޭގެ އެންމެ ފުރިހަމަ ލެވެލްގައި ހާވެސްޓްކުރުމުގެ ފުރުސަތު ލިބިގެންދޭ،" ޒައިން ވިދާޅުވިއެވެ.

ފަތްޕިލާވެއްޔަށް ހާއްސަ "ހެބިޓަސް ފްރެޝް" ހުޅުވުމުގެ ރަސްމިއްޔާތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހުޅުވި ހެބިޓަސް ފްރެޝްގެ ފުރަތަމަ ފިހާރައިން ލެޓިއުސްގެ ހަތް ބާވަތަކާއި މައިކްރޯ ގްރީންސްގެ 18 ބާވަތެއް ލިބެން ހުންނާނެ ކަަމަށް ޒައިން ވިދާޅުވިއެވެ. އަދި އެ ފިހާރައިގެ އިތުރު އައުޓްލެޓްތައް މާލެއާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް