ފަލަސްތީނުގެ ގުދުސް އަކީ އިސްރާއިލް ވެރިރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިއުލާނު ކުރެއްވުމާ އެކު އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް އިސްލާމީ ގައުމުތަކާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތް ކޮށްދިނުމަށް އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މުސްލިމުންގެ ފުރަތަމަ ގިބުލަ، އަލްމަސްޖިދުލް އަޤްސާ ހުންނަ ގުދުސް އަކީ އިސްރާއީލްގެ ވެރިރަށަށް ހެދުމަށް އެމެރިކާ އިން ކުރަމުންދާ މަސަތްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ މައްސަލައަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިލިޔަނަކަށް ވުރެ ގިނަ މުސްލިމުންގެ ދީނީ އަގީދާއާ ގުޅިފައިވާ ކަމެއްކަން ފާހަގަކޮށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައި ވަނީ ބައިނަލަގްވާމީ ގާނޫނުތަކާ ހަމަޔާ އިންސާފުގެ ބޭރުން ބަޔަކު މީހުން ކުރަމުންގެންދާ ދައުވާއަކަށް ބާރުދިނުމަށް ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ނިގުޅައިގަތުމަކީ ބަލައިގަނަވޭނެ އަމަލެއް ނޫން ކަމަށެވެ.
"..ހަމަޔާއި އިންސާފުގެ ބޭރުން ނުފޫޒު ގަދަ ގައުމުތަކުން ނިންމާ މިފަދަ ނިންމުންތަކުގެ ސަބަބުން ފަލަސްތީނާއި އިސްރާއީލުގެ މެދުގައި ހަމަޖެހޭ ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ކުރަމުންދާ މަސައްކަތަށް ވަރަށްބޮޑަށް ހުރަސްއެޅި މީހާރު ވެސް ހަމަނުޖެހުން ބޮޑު މެދުއިރުމަތީގެ މަސްރަހު އިތުރަށް ފާލުން ނެއްޓިގެންދާނެ ކަމުގައި ވެސް ފާހަގަކުރަމެވެ،" އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި ދުނިޔޭގެ ގައުމުތަކުން ވަކިން ހާއްސަކޮށް އަރަބި އިސްލާމީ ގައުމުތަކުން ތަކުރާރުކޮށް ގޮވާލަމުންދާ ގޮވާލުންތަކަށް އިޖާބަދީ، ހަމަހަމަކަމާއި އަދުލުވެރިވުމުގެ އިމުން ނެއްޓިފައިވާ ނިންމުންތައް ބަދަލުކޮށް ދެމެހެއްޓެނިވި ސުލްހައަށް މަގުފަހިވާނެ ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވެސް އަދާލަތު ޕާޓީ އިން ވަނީ ގޮވާލައިފަ އެވެ.
"...އިސްލާމީ ދައުލަތްތަކާ ގުޅިގެން ބައިނަލްއަގުވާމީ މުއައްސަސާތައް މެދުވެރިކޮށް މި މައްސަލަ ހައްލުކުރުމަށް ޓަކައި ކުރެވެންހުރި އެންމެހޭކަންކަން ކުރުމަށް މި ފުރުސަތުގައި ދިވެހި ސަރުކާރަށް ގޮވާލަން،" ގިނަ ދީނީ އިލްމްވެރިންތަކެއް ހިމެނޭ އަދާލަތު ޕާޓީގެ ބަޔާނުގައިވެ އެވެ.