އިސްލާމްދީނާއި މީޑިޔާ

މީޑިޔާގެ މަޠުލަބަކީ އިންސާނީ ޙަޔާތުގެ ތަފާތު ދާއިރާތަކާ ބެހޭގޮތުން ޚަބަރާއި، މައުލޫމާތު ގެނެސްދިނުމެވެ. ޙާދިޘާތަކާއި ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން ޚާއްޞަ ތަރުތީބަކުން މައުލޫމާތު ޖަމާކޮށް ޢާއްމުންނަށް ފަހުމުވާފަދަ ގޮތަކަށް އަތުރައިލައި ހުށަހަޅައިލުމެވެ.

ބަސްފޮތްތަކުގައި މީޑިޔާ މާނަކޮށްދީފައިވާގޮތަށް ނަޒަރުހިންގާއިރު ނޫސްތަކާއި، ޓެލެވިޒަނާއި، ރޭޑިއޯގެ ޒަރީޢާއިން ޢާއްމުންނާ ހަމަޔަށް މަޢުލޫމާތު ގެނެސްދިނުމާއި، ޕްރޮގްރާމްތައް ހުށަހެޅުމަކީވެސް މީޑިޔާގެ މަސައްކަތެވެ. މިއީ ވަރަށް މަތިމަތީން ޖުމްލަގޮތެއްގައި ބަލާއިރު މީޑީޔާ މާނަކުރެވޭ ގޮތޭ ދެންނެވިދާނެއެވެ. އިންސާނީ ޙަޔާތުގެ ކޮންމެ ދައުރެއްގައިވެސް މީހުންގެ ޚިޔާލުތަކާއި އަނެކުންނަށް އަންގަންބޭނުންވާ ކަންތައްތައް އެންގުމަށާއި މަޢުލޫމާތުތައް ރައްދުކުރުމަށް އެކިބާވަތުގެ ތަފާތު ޒަރީއާތައް އޮތެވެ. ތާރީޚުގެ މިޒަމާންކަމުގައި ފާހަގަކުރާ ދުވަސްވަރު އެންމެ ފުރަތަމަ އިޖާދުވެގެން އައި އެއްކަމަކީ ޓެލެގްރާފެވެ. އެއަށްފަހު ރޭޑިއޯއެވެ. ނޫހާއި، މަޖައްލާ ފަދަ ޗާޕުކުރި ތަކެއްޗާއި، ޓެލެވިޒަނެވެ. ނަމަވެސް އެންމެ މިހާރަށް ނަމެއް ކިޔަން ބަލާއިރު ކިޔަން ޖެހޭނީ އިންޓަނެޓުގެ ޒަމާނެވެ. އިންޓަނެޓަކީ މައުލޫމާތު ލިބިގަތުމާއި، ރައްދުކުރުމުގެ އެންމެ ހަލުވި ވަސީލަތެވެ. އެންމެ ކުރުމަގެވެ. މިޒަމާނުގައި މީޑިޔާގެ ދައުރު އަދާކުރާ މުހިންމު ތިން ދާއިރާއެއް އެބަ އޮތެވެ. އެއީ

  1. ނޫހާއި މަޖައްލާފަދަ ޗާޕުކޮށްގެން ނެރޭތަކެތި (ޕްރިންޓް މީޑިއާ)
  2. އިލެކްޓްރޯނިކް މީޑިޔާ
  3. ސައިބަރ މީޑިޔާ

މިތިން ދާއިރާއެވެ.

ޕްރިންޓް މީޑިޔާގެ ތެރޭގައި ހިމެނެނީ، ނޫހާއި މަޖައްލާ ފަދަ ތަކެއްޗެވެ. އެއީ، އަދުގެ ދުނިޔޭގެ ކަންތައްތައް ހިނގާގޮތް އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް ކަންކަން އޮޅުންފިލުވައިދޭ އެންމެ ފަސޭހަ އަދި އެންމެ އަގުހެޔޮ ވަސީލަތެވެ. މިއީ، މައުލޫމާތު ފެތުރުމާއި މުވާސަލާތުކުރުމުގެ އެންމެ ދުވަސްވީ ވަސީލަތްކަމުގައިވުމާއެކުވެސް މިހާރުވެސް އެވަސީލަތުގެ މުހިންމުކަމަކަށް ބަދަލެއްނާދެއެވެ.

އިލެކްޓްރޯނިކް މީޑިޔާ، މީޑިޔާއެއްގެ ގޮތުގައި ވުޖޫދަށް އައިކަމުގައި ޢާއްމުގޮތެއްގައި ބަލަމުންދަނީ 1991 ގައި ލިބަރަލް އިޤްތިސާދީ ނިޒާމު ބާރުވެރިވުމުގެ ފަހެވެ. އިލެކްޓްރޯނިކް މީޑީޔާގައި ހިމެނެނީ ރޭޑިޔޯ އާއި ޓީ.ވީ އާއި، ކޭބަލް ޓީވީ އާއި، ފިލްމާއި ސީރީޒުތަކާއި، އިޝްތިހާރުތަކެވެ. މިއީ، މައުލޫމާތު ފެތުރުމާއި މުވާސަލާތުކުރުމުގެ ޒަމާނީ ވަސީލަތްތަކެވެ.

ސައިބަރ މީޑީޔާއަކީ އެންމެ މިހާރުގެ އެންމެ ދެނަ މީޑިޔާއެވެ. އެހެންކަމުން ޒަމާނީ މީޑިޔާގެ ނަމުންވެސް ސައިބަރ މީޑިޔާއަށް ނަންދެވެއެވެ.

މީޑީޔާގެ އަހަންމިއްޔަތު

ކޮންމެ ޤައުމެއްވެސް، ކޮންމެ ދައުލަތެއްވެސް ކޮންމެ ތަހްރީކެއްވެސް އެބައެއްގެ ބަސް އަޑުއިއްވަން ބޭނުންވެއެވެ. ހަމައެފަދައިން ޤައުމާއި ރައްޔިތުންގެ ބަސްމަގު ހުންނަ ގޮތާއި ރައްޔިތުންގެ ޚިޔާލާއި، އުންމީދުތަކާއި ޢާއްމު ދިރިއުޅުމުގެ މައްސަލަތައް ދެނެގަތުމަކީވެސް ލާޒިމުކަމެއްކަމުގައި ބަލައެވެ. މިޒަމާނުގައި މިބޭނުން ޙާޞިލުކުރަނީ މީޑިޔާ މެދުވެރިކޮށެވެ. މީޑިޔާއަކީ މައްސަލައަކާމެދު ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މީހުންގެ ވިސްނުން ވަކިތައްގަނޑަކަށް ފައްތައިލުމުގެ ބާރުލިބިފައިވާ ހަތިޔާރެވެ. މީޑިޔާއިން މީހުންގެ ރައުޔު ވަކި ގޮތަކަށް އަނބުރައިލުމަކީ ދާދި ފަސޭހަކަމެކެވެ. މީހުން ޝައުޤުވެރިވަނީ ކޮންކޮން ކަންކަމަކަށްކަން ކަމާއި ތަރްޙީބުދެނީ ކޮންކަހަލަ ކަންކަމަކަށްކަން ކަނޑައަޅަނީވެސް މީޑިއާއެވެ. މީޑިޔާ ވަކި ކަމަކާއިގެން މީހުންތައް ތެދުކުރުވައެވެ. މީހުންތައް ކައްކައިލައެވެ. މީހުންގެ ސަމާލުކަން ވަކިކަމަކަށް ހުއްޓުވައެވެ. މީހުންގެ ސަމާލުކަން ވަކިކަމަކުން އެއްކިބާކުރުވައެވެ. އެހެންކަމުން މިއަދުގެ ދުނިޔޭގައި ފަރުދުންގެވެސް ސަރުކާރުތަކުގެވެސް ލަގަން އޮންނަނީ މީޑިޔާގެ އަތުގައޭ ބުނުމަކީ މާކަންބޮޑުކޮށްގެން ބުނާ ބުނުމަކަށް ނުވާނެއެވެ.

ވަރަށް ކުރީއްސުރެ ބެލެވެމުން އަންނަ ގޮތުގައި ޤާނޫނުހެދުމުގެ ބާރާއި، ނިޔާކަނޑައެޅުމުގެ ބާރާއި، ހިންގުމުގެ ބާރަކީ ދައުލަތެއްގެ މުހިންމު ތިން ތަނބެވެ. މިމުހިންމު ތިންދާއިރާގެ ޒަރީއާއިން ޤައުމަކަށް ކޮންމެ ފަދަ ބަދަލެއްވެސް ގެނެވިދާނެއެވެ. ނަމަވެސް މިހާރުމިވަނީ ޒަމާންބަދަލުވެފައެވެ. ޖުމްހޫރީ ދައުލަތެއް އޭގެމަތީގައި ޤާއިމުކުރެވޭ ހަތަރުވަނަ ތަނބެއް އިތުރުވެއްޖެކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. އެތަނބަކީ މީޑިޔާއެވެ. މިކަމާ ބެހޭގޮތުން މިލްނަރ އޭ ލިޔުއްވައިފައިވެއެވެ.

" މީޑީޔާއަކީ ހަމައެކަނި މުޖްތަމައުގެ ޙިއްސާއެއް އެކަންޏެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ މީޑިޔާއަކީ ޖުމްހޫރީ ދައުލަތެއްގެ އެންމެ މުހިންމު އެއްތަނބެވެ. ޖުމްލަ ގޮތެއްގައި އެއީ ރައްޔިތުންގެ އަޑެވެ. ރައްޔިތުންގެ ހަތިޔާރެވެ."

ދެބަސް ނުވެވޭނެ ޙަޤީޤާތެކެވެ. މީޑީޔާގެ މުހިންމުކަމާއި، ބޭނުންތެރިކަން މިހާރަކަށްއައިސް ވަނީ ހުރިހާ ގޮތަކުންވެސް ވަރަށް ބޮޑުވެފައެވެ. ކުރިއަރައި ފުޅާވެފައެވެ. ސަބަބަކީ މީޑީޔާއަކީ ހަމައެކަނި ރައްޔިތުންގެ ޚިޔާލު އެއްގޮތްކޮށްލައި ހަމަޖައްސައިލާ ވަސީލަތެއްނޫނެވެ. މީހުންގެ ވިސްނުމާއި ފިކުރު ބަދަލުކޮށްލުމުގައި ބޭނުންކުރެވޭ އެންމެ ތޫނު އެންމެ މުޖައްރިބު ހަތިޔާރުވެސް މެއެވެ. މީހުންގެ ވިސްނުން ބިނާކުރުމުގައިވެސް އަދި މުގުރުމުގައިވެސް އެންމެ މުހިންމު ވަސީލަތަކީ މީޑިޔާއެވެ. މާޓިން އެލަންއާއި، ނިކްލަސްކާލަރ ފަދަ މިފަންނުގެ އަފޫރުއްބަ ޢިލްމުވެރީން ވިދާޅުވާގޮތުގައި " މީޑިޔާއަކީ ޚަބަރުފެތުރުމާއި، މެސެޖްތައް ރައްދުކުރުމުގައި ހުރިހާ ގޮތަކުންވެސް މީހުންގެ މައްޗަށް އެންމެ ބޮޑަށް އަސަރުފޯރުވާ ބާރެވެ. މީޑިޔާގެ ބާރުގައި މީހުންގެ ވިސްނުން ބަދަލުކޮށްލައެވެ."

ތަރައްޤީވެފައިވާ ޤައުމުތަކުން އެމީހުންގެ ފިކުރުތަކާއި ނަޒަރިއްޔާތަކާއި، ތަހްޒީބާއި، ފެޝަނާއި، ވެރިކަމުގެ ވައްޓަފާޅިއާ މިހުރިހާކަމެއްގެ ނުފޫޒު ދުނިޔެއަށް ފަތުރަނީ މީޑިޔާގެ ބާރުގައެވެ. މިއަދުގެ ދުނިޔެއަށް ނަޒަރުހިންގާއިރު ދުނިޔޭގައި އެބައެއްގެ "ސިހުރު" ޢާއްމުވަނީ އެބައެއްގެ އަތުގައި މީޑީޔާގެ ބާރުގަދަ ވަސީލަތްތައްހުރި ބައެއްގެއެވެ. ހަމައެކަނި ބިމަކުނޫނެވެ. ހަނދާއި ތަރިތަކުގައި ކަމަންދު އެޅުވޭނީވެސް ސައިންސާއި ޓެކްނޮލޮޖީއާއި މީޑިޔާގެ ދާއިރާގައި ފޯރުންތެރިކަން ހުރި ބަޔަކަށެވެ.

މީޑިޔާގެ ދާއިރާގައި ފާހަގަކުރެވޭ މުސްލިމު ޢިލްމުވެރިއެއްކަމުގައިވާ ޑީ.އޭ. ޞިއްދީޤީ ވިދާޅުވެފައިވަނީ ވަރަށް ތެދު ބަސްފުޅެކެވެ.

"ޤައުމެއްވެސް މިއްލަތެއްވެސް ސީދާމަގުގައި ކުރިޔަށް ގެންދިއުމުގައި އެންމެ ވަރުގަދަ ދައުރެއް އަދާކުރެވޭނީ ބާރުގަދަ މީޑީޔާއަކަށެވެ. އުސޫލަށް ތަބާވުމާއި، އަޚްލާޤީ އަގުތައް ހިފެހެއްޓުމުގައި މިޑީޔާ އިހްމާލުވެއްޖެނަމަ އެކަންވާނީ ޤައުމުގެ ޢާއްމު އަފުރާދުން ހަލާކުގެ ތެރެއަށް ވެއްޓުމުގެ ވަސީލަތަކަށެވެ. ރައްޔިތުންގެ މަޖްލީހާއި، ނިޔާކަނޑައެޅުމުގެ ބާރަށްވުރެވެސް ބައެއްފަހަރު މީޑިޔާ އަޑުގަދައެވެ. ނުފޫޒުވަރުގަދައެވެ. އެހެނީ މީޑީޔާއަކި، އަނިޔާވެރީން ކަންތައް ކުރަމުންގެންދާގޮތާއި އަނިޔާ ލިބޭ މީހުންނާ މެދު ކުރެވޭ ނާއިންސާފާއި، ނިކަމެތީންގެ އާރެއްބާރެއްނެތްކަމުގެ ވާހަކަތައް ހާމަކުރުމުގައި ބޭނުންތެރި ހަތިޔާރެއްކަން ވަނީ ސާބިތުވެފައެވެ. މީޑިޔާއަކީ ބިނާކުރުމާއި ކުރިއަރުވައި އަލާކުރުމުގެވެސް ޒަރީއާއެކެވެ. ހަލާކުކޮށް ފަނާކުރުމުގެވެސް ވަސީލަތެކެވެ. މިއަދު އަހަރެމެން ދިރިއުޅެމުން މިގެންދާ ދުނިޔޭގައި ހަނގުރާމަކުރެވޭނީވެސް މީޑިޔާގެ ބާރުގައެވެ."

މުސްލިމުންގެ އެހެން މުފައްކިރެއްކަމުގައިވާ މުރްތަޟާ މަސީކު ވިދާޅުވެފައިވެއެވެ.

"މިޒަމާނަކީ މީޑިޔާގެ ޒަމާނެވެ. މިޒަމާނުގައި ހަނގުރާމަތައް ފައްޓުވަނީވެސް މީޑިޔާއިންނެވެ. ހަނގުރާމަތައް ހުއްޓުވައި ސުލްޙަކުރުވަނީވެސް މީޑިޔާއިންނެވެ. ޢާއްމުންގެ ޚިޔާލުއެއްގޮތްކޮށް ހަމަޖައްސަނީވެސް މީޑިޔާއެވެ. މީޑީޔާގެ ބޭނުންކުރެވެނީ މުހިންމު ހަތިޔާރެއްގެ ގޮތުގައެވެ. ޙަޤީޤަތްތައް ހާމަކޮށްދެނީވެސް ފޮރުވަނީވެސް މީޑިޔާއެވެ. އަހަރެމެންނަށް ދުނިޔެ ފެންނާނީ މީޑިޔާއިން ދެއްކި ގޮތަކަށެވެ."

ހުޅަނގުގެ މީޑިޔާގެ ދައުރު

މިއަދުގެ ދުނިޔޭގެ ހަތަރު އުދަރެހަށް ގުގުމައިފައިވަނީ ހުޅަނގުގެ މީޑިޔާގެ އަޑެވެ. ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގެ މީޑިޔާގެ ހަތްދިހަ އިންސައްތަ ވަނީ ހުޅަނގުގެ ބާރުގެދަށުގައެވެ. ހުޅަނގުގެ މީޑިޔާއިން ވަނީ އަޚްލާޤީ ހުރިހާ އުސޫލުތަކެއް ބޮލުން އެއްލައިލައިފައެވެ. ހުޅަނގުގެ މީޑިޔާއިން ހުދުކުލަ ކަޅުކުލައަށް ހަދައެވެ. ކަޅުކުލަ ހުދުކުލަ އަށް ބަދަލުކުރެއެވެ. އަނިޔާވެރީން އަނިޔާލިބޭމީހުންގެ ގޮތުގައި ސިފަކުރެއެވެ. އަނިޔާލިބޭމީހުން އަނިޔާވެރީންގެ ގޮތުގައި ދުނިޔެއަށް ދައްކައެވެ. ސުލްޙަމަސަލަސްކަމާއި އަމަންއަމާންކަމަށް ލޯބިކުރާމީހުން ނިރުބަވެރީންގެ ގޮތުގައި ދުނިޔެއަށް ނެރެހާމަކުރެއެވެ. މިއީ ހުޅަނގުގެ މީޑިޔާއިން ރެއެއް ދުވާލެއްނެތި ކުޅޭ ކުޅިސަމާއެކެވެ.

ހުޅަނގުން ނުހަނު ހުނަރުވެރިކަމާއި ރޭވުންތެރިކަމާއެކު އަންނަނީ އެބައިމީހުންގެ ފިކުރާއި، ތަހްޒީބު ދުނިޔޭގައި ފަތުރަމުންނެވެ. މީޑިޔާގެ ބޭނުންކޮށްގެންނެވެ. ބަވަނަވަމުންދާ ދުނިޔޭގައި މީޑިޔާ މެދުވެރިކޮށް ހުޅަނގުން ގެންދަނީ ޢިލްމާއި ފިކުރުގެ އިތުރަށް އިންސާނުން ވިސްނާގޮތްވެސް އެމީހުނާ އެއްގޮތަށް ބަދަލުކުރުވަމުންނެވެ. ކެއިންބުއިމާއި، އުޅުންބުޅުމާއި، ވާހަކަދައްކާ ގޮތާއި، އެތެރެގެތަކުގެ މުއާމަލާތަކަށް ދަންދެން އެބައިމީހުންގެ ތައްގަނޑަށް ފައްތަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހުޅަނގުގެ ފިކުރިއްޔާތާއި ތަހްޒީބާއި، އަގުތައްވަނީ މުޅިދުނިޔޭގައި ސުނާމީއެއް އުފައްދައިފައެވެ.

ބައިނަލްއަޤްވާމީ މީޑިޔާއިން ޚާއްޞަކޮށް ހުޅަނގުގެ މީޑިޔާއިން ވަނީ އިސްލާމްދީނާއި އިސްލާމީ އުންމަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައެވެ. އިރުމައްޗާއި ހުޅަނގުގައެވެ. އެބައީމިހުންގެ އެންމެ ޚާއްޞަ އެއްމަސައްކަތަކީ އިސްލާމްދީނާއި މުސްލިމުންގެ ބުރުސޫރަ ހަޑިކޮށް ސިފަހުތުރުކުރުމެވެ. ހުޅަނގަށް ލިބިފައިވާ ސުމާރެއްނެތްހައި ގިނަ ވަސީލަތްތަކުގެ ބާރުގައެވެ.

ހުޅަނގުގެ މީޑިޔާއިން ބޭނުންވާއިރަށް އެކިއެކި އިސްޠިލާޙުތައް އުފައްދައިލައެވެ. ކޮންމެވެސް ފަސާދައިގެ އައު ވާހަކައެއް ފަތުރައިލައެވެ. ދުނިޔޭގެ މީޑިޔާގެ އެންމެ ޒަމާނީ އަދި އެންމެ އައުވަސީލަތްތައް ހުރީ ހުޅަނގުގައެވެ. އަދަބީ، ތަޙްޤީޤީ، ސިޔާސީ ނޫސްމަޖައްލާތަކަށް ބެލިކަމުގައިވިޔަސްވެހެވެ. ހުޅަނގުން ބޭނުންވާ ގޮތަކަށް ޚާއްޞަ ނުކުތާތަކެއް ނެރެ ފަތުރައިލައެވެ. އިސާހިތަކު އެވާހަކައެއް ދުނިޔެއަށް ފެތުރިގަންނަނީ ބޯކަށިކެޔޮވަލަކަށް ހުޅުލުމުން އަލިފާން ފެތުރިގެންދާ ގޮތަށެވެ. ދުނިޔޭގެ ވަރަށް ތަނަވަސް އަކްސަރިއްޔަތެއް އެވާހަކަ އެއް ޤަބޫލުކުރެއެވެ.

(ނުނިމޭ)

comment ކޮމެންޓް