ފަލަސްތީނާ މެދު އެމެރިކާގެ ނިންމުން ބަދަލުކުރަން ޕީޕީއެމުން ގޮވާލައިފި

ޕީޕީއެމްގެ "ރުމާލު2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން---ސަން ފައިލް ފޮޓޯ

ގުދުސްއަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް ރޭ އިއުލާނު ކުރެއްވުމުން، ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން އެކަން ކުށްވެރިކޮށްފިއެވެ.

ރޭ ޓްރަމްޕް ވިދާޅުވެފައިވަނީ "ޤުދުސް އަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނަންް ޖެހޭ ވަގުތު ޖެހިއްޖެ،" ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމުން ރޭ ނެރުން ބަޔާނުގައި ބުނެފަައި ވަނީ ޓްރަމްޕް ނިންމެވި ނިންމެވުމަކީ ވަރަށް ދަށުދަރަޖައިގެ ނިންމުމެއް ކަމަށެވެ. އެ ނިންމެވުމުން ހާމަވަނީ ގަސްތުގައި ފަލަސްތީނުގެ ރައްޔިތުން ނިކަމެތިކޮށް އިސްލާމީ އުންމަތަށް ކެހި ދިނުމަށް ނިންމެވުމެއް ގޮތަށް ޕީޕީއެމުން ވަނީ ސިފަކޮށްފައެވެ.

" އެމެރިކާ ސަރުކާރުގެ ތާކުން ތާކު ނުޖެހޭ މިފިޔަވަޅަކީ ބައިނަލްއަޤްވާމީ އެކިއެކި ގާނޫނުތަކުން އިންސާނީ އުންމަތަށް ކަށަވަރުކޮށްދޭ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެއްސެވުމަށް އެޅުއްވި ނާތަހުޒީބު ފިޔަވަޅެއް،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ އެ ނިންމުމާ ގުޅިގެން ފަލަސްތީނާ އިސްރާއީލާ ދެމެދު ކުރިއަށް ދާ ސުލްހައިގެ ވާހަކަތައް ހުއްޓުމަކަށް އަންނާނެ ކަމަށްވެސް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ވަނީ އެމެރިކާގެ އެ ނިންމުން އަނބުރާ ގެނދިއުމަށް ގޮވާލައިފައެވެ.

ޤުދުސަކީ މީގެ އެތަކެއް އަހަރު ކުރީން ބައިބައިވެފައިވާ ސަހަރެކެވެ. އެގޮތުން، އިސްރާއީލްގެ އިސްތިއުމާރުގެ ދަށަށް އެ ސަހަރު ގެންދިޔުމަށް ފަހު، ހުޅަނގު ގުދުސްއަކީ އިސްރާއީލްގެ ދައުލަތުގެ ބައެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފައެވެ. ހަމަ އެހެންމެ، ފަލަސްތީނުން އަންނަނީ، އިރުމަތީ ޤުދުސަކީ ކޮންމެވެސް ދުވަހަކުން އެ ގައުމުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައި ހަމަޖެހޭނޭ ކަމުގައި ދެކެމުންނެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ، އެމެރިކާގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކުރަމުންނެވެ. އަދި ފަލަސްތީނުގެ މަސްއޫލުވެރިން ވަނީ، ގުދުސަކީ އިސްރާއީލްގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން އިއުލާނުކުރުމަކީ ހަނގުރާމަ އިއުލާނުކުރުމުގެ ގޮތުގައި ސިފަކޮށްފައެވެ.

comment ކޮމެންޓް