ގްރޫޕް އެޗްގެ އެއް ވަނަ ޓޮޓެންހަމްއަށް، ދެ ވަނަ ރެއާލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް އާއި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ 'ގްރޫޕް އެޗް'ގެ އެއް ވަނަ ޓޮޓެންހަމް ހޮޓްސްޕާ އިން ހޯދި އިރު، ރެއާލް މެޑްރިޑް ދެ ވަނައިގައި ގްރޫޕް ސްޓޭޖު ނިންމާލައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ރެއާލް މޮޅުވީ 3-2 ގެ ނަތީޖާ އަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ރެއާލުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި އިސްކޯ ދިން ރީތި ބޯޅައަކުން ރެއާލަށް ލީޑު ހޯދައިދިނީ ބޯޖާ މޮޔަރާލް އެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ރެއާލްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެ ލަނޑާ އެކު އޭނާ ވެގެންދިޔައީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޑޯޓްމަންޑުން ވަނީ ލަނޑެއް ޖަހައި ރެއާލުން ދަމަހައްޓަމުން ދިޔަ ލީޑު ހަނިކޮށްފައެވެ. މާސެލް ޝުމެލްޒާ ދިން ބޯޅައަކުން ޑޯޓްމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕިއެރޭ އެމެރިކް އޮބަމަޔާން އެވެ.

މެޗުގެ ދެ ވަނަ ހާފު ފެށިތާ ތިން މިނެޓް ފަހުން ޑޯޓްމަންޑުން ވަނީ އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޝިންޖީ ކަގަވާ ދިން ބޯޅައަކުން ޑޯޓްމަންޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އޮބަމަޔާން އެވެ.

ރެއާލަށް އަލުން ލީޑު ހޯދުނީ މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށެވެ. ތިއޯ ހެނާންޑޭޒް ދިން ބޯޅައަކުން ރެއާލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކޭޒް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑޯޓްމަންޑްގެ ޑިފެންޑަރުންނަށް ރަނގަޅަށް ދިފާއު ނުކުރެވުމާ އެކު ލިބުނު ބޯޅައަކުންނެވެ.

އެ ގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ ވަނީ 3-0 ގެ ނަތީޖާއަކުން އަޕޮއެލް ނިކޯސިއާ އަތުން މޮޅުވެފައެވެ. އެ މެޗުގެ 20 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް ފެނާންޑޯ ލޮރެންޓޭ ލީޑު ހޯދައިދިން އިރު، މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ސޮން ހިއުން މިން އެވެ. މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ޓޮޓެންހަމްގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޖެސް ކެވިން އެންކޫޑޫ އެވެ.

ރޭ ކުޅުނު 'ގްރޫޕް އެޗް'ގެ މެޗުތަކަށް ނުކުތް އިރު ވެސް ޓޮޓެންހަމް އާއި ރެއާލަށް ވަނީ ގަދަ 16ގެ ޖާގަ ކަށަވަރުވެފައެވެ. ގްރޫޕުގެ އެއް ވަނަ ހޯދި ޓޮޓެންހަމްއަށް 16 ޕޮއިންޓް ލިބިފައިވާ އިރު، ދެ ވަނައިގައި ނިންމާލި ރެއާލަށް ލިބިފައި ވަނީ 13 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ޑޯޓްމަންޑް އަދި ހަތަރު ވަނައިގައި އޮތް އެޕޮއެލްއަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

comment ކޮމެންޓް