ޓްރަމްޕްގެ ނިންމުމާ ގުޅިގެން އެމެރިކާއާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާނެ: އާދަމް ޝަރީފް

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ފަލަސްތީނުން ރާއްޖެ އާއި އިންޑިއާ އަދި ސްރީލަންކާއަށް ކަނޑައަޅާފައިހުންވާ ސަފީރު (ވ) އާ އެކު --- ސަން ފޮޓޯ: ފަޔާޒު މޫސާ

މާތްވެގެންވާ މަސްޖިދުލް އަޤްޞާ ހުންނަ ފަލަސްތީނުގެ ގުދުސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ރަސްމީކޮށް ބަލައިގަތުމަށް އެގައުމުގެ ރައީސް ޑޮނަލްޓް ޓްރަމްޕު ނިންމުމުން ރާއްޖެއާއި އެ ގައުމާ ދެމެދު އޮތް ގުޅުމަށް ފާރެއް ލެވިގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ރޭ "ސަން" އަށް ވިދާޅުވީ، ޓްރަމްޕުގެ ނިންމުމުގެ ސަބަބުން “މިހާރު އެމެރިކާ އާއި ރާއްޖެއާ އޮންނަ ގާތް ކަމާއި ރަހުމަތްތެރިކަމުގެ ދެމެދަށް ބޮޑު ފާރެއް ލެވިގެންދާނެ" ކަމަށް އަމިއްލަފުޅު ހައިސިއްޔަތުން ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެމެރިކާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ހީނަރު ކަމެއް އަޔަސް އެގުޅުން ކެނޑިދާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.

"....އެހެންނަމަވެސް އެމެރިކާ އާއި ރާއްޖެއާ ދެމެދު ގޮތް ގުޅުމެއް ނުކެނޑޭނެ އަޅުގަނޑު ގަބޫލުކުރާގޮތުގައި. އެހެންނަމަވެސް މިއީ މުސްލިމުންގެ އަދި ޚާއްސަކޮށް ދިވެހީންގެ ވެސް ޖަޒުބާތާ ކުޅޭ ކަމެއް. އެހެންވީމަ އަޅުގަނޑު ގަބޫލުކުރާގޮތުގައި މިކަމުގެ ސަބަބުން ބީރައްޓެހި ކަމެއް ވަންނާނެ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ދުނިޔޭގެ ސުލްހައަށް އަސަރުކުރާ ކަހަލަ ކަމެއްގައި އެމެރިކާ ކަހަލަ ގައުމަކުން މަޝްވަރާ ކުރުމެއް ނެތި ކުއްލިއަކަށް އެފަދަ ނިންމުމެއް ނިންމުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ދެކޮޅުނުޖެހޭ ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

"ދުނިޔޭގެ މުޅި ސިޔާސީ މަސްރަހަށް ބެލިކަމުގައި ވިޔަސް އަދި ގައުމުތަކުގައި މި އޮންނަ ސަލާމަތާއި ރައްކާތެރި ކަމަށް ބެލިޔަސް އޭގެސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރު ކުރާނެ ކަމެއް. އަނެއްކޮޅުން މުސްލިމުންގެ ހިތްތަކުގައި ވަރަށް ބޮޑަށް ހިތްދަތިކަމުގެ އިހްސާސްތަކެއް ކުރެވޭނެ ކަމެއް އެކަމަކީ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ޓްރަމްޕުގެ ނިންމުމާ ދެކޮޅަށް އިސްލާމީ ގައުމުތަކުން މަސައްކަތް ކުރާނެ ކަމަށާއި އެމެރިކާ އަކީ ޑިމޮކްރެސީއަށް ލޯބިކުރާ ގައުމަކަށް ވަންޏާ އެ ނިންމުން ބަދަލުކުރާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމުގައި ބަލައިގަތުމަށް ނިންމި ނިންމުމާއެކު އިސްރާއީލުގައި ހުންނަ އެމެރިކާގެ އެމްބަސީ އެތަނަށް ބަދަލުކުރާނެ ކަމަށް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕުގެ ނިންމުން ދިވެހި ސަރުކާރުން ވަނީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ދިވެހި ޚާރިޖިއްޔާ އިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ގުދުސަކީ ފަލަސްތީނު އަތުން ފޭރިގަނެފައިވާ ބިމެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ހެދިފައިވާ ގާނޫނުތަކަށް ހުރިހާ ފަރާތްތަކުންވެސް ބޯލެނބުމަށް ދިވެހި ސަރުކާރުންވަނީ ގޮވާލާފައެވެ.

ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނުނު ތަކަށް ބޯލަނބާއި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ސުލްހައިގެ ކަންކަމަށް ބޯލެނބުމަށް އެމެރިކާ ސަރުކާރަށްވެސް ގޮވާލާފައެވެ.

ދިވެހި ސަރުކާރުން ބުނެފައިވަނީ ފަލަސްތީނުގެ ބިންތައް ގަދަ ކަމުން ފޭރިގަނެގެން އިސްރާއިލުން ކުރިއަށްގެންދާ ލާއިންސާނީ އަމަލުތައް ދިވެހި ސަރުކާރުން އަބަދުވެސް ކުށްވެރި ކުރާ ކަމަށާއި މިހާރުން މިހާރަށްވެސް އެ އަމަލުތައް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި ފަލަސްތީނަށް ހައްގުވާ މިނިވަންކަން އެގައުމަށް ދިނުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް