ކަދާ އިންވިޓޭޝަން ކަޕްގެ ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ

ކަދާ އިންވިޓޭޝަން ކަޕްގެ ސެމީގެ ޖާގައެއް ހޯދި އެފްސީ އޭ --- ފޮޓޯ/ އޯލް އިން ވަން ސްޓޫޑިއޯ

ގދ. ވާދޫގައި ކުރިއަށްދާ ކަދާ އިންވިޓޭޝަން ފުޓްސަލް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެ އެވެ.

ސެމީއަށް ދަތުރުކުރި ޓީމުތައް ކަށަވަރުވީ އިއްޔެ ކުޅުނު ގްރޫޕު ސްޓޭޖުގެ ފަހު މެޗުތަކަށް ފަހު އެވެ. ސެމީއަށް ދަތުރުކުރީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ޓީމެވެ.

ކަދާ އިންވިޓޭޝަން ކަޕްގެ ސެމީގެ ޖާގައެއް ހޯދި ދަ ލެޖެންޑްސް --- ފޮޓޯ/ އޯލް އިން ވަން ސްޓޫޑިއޯ

އެ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ކްލަބު ޓީއެންޓީގެ މައްޗަށް އެފްސީ އޭ ވަނީ ކުރި ހޯދައިފަ އެވެ. އެ މެޗުން އެފްސީ އޭ މޮޅުވެފައި ވަނީ 4-5 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ އެފްސީ އޭގެ އިބްރާހިމް ނިޔާޒު (ބޭޑާ) އެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރޭ ޕާކް ޖޫނިއާސްގެ މައްޗަށް ޕާކް ބޯއީސް ކުރި ހޯދާފައި ވަނީ 2-4 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ޕާކް ބޯއީސްގެ ކީޕަރު ވަނީ ޕާކް ޖޫނިއާސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ޕާކް ބޯއީސްގެ ނާއިފް ޝަފީގު (ޔުނާ) އެވެ.

ކަދާ އިންވިޓޭޝަން ކަޕްގެ ސެމީގެ ޖާގައެއް ހޯދި ޕާކް ބޯއީސް --- ފޮޓޯ/ އޯލް އިން ވަން ސްޓޫޑިއޯ

އެ މުބާރާތުގެ ސެމީގެ މެޗުތައް މިއަދު ހަވީރު ފެށޭނެ އެވެ. އެ މުބާރާތުގެ ސެމީއަށް ގްރޫޕް އޭ އިން ދަ ލެޖެންޑްސް އާއި އެފްސީ އޭ ދަތުރުކުރި އިރު، ގްރޫޕް ބީ އިން ސެމީގެ ޖާގަތައް ހޯދީ އެފްސީ ގޫވަލް އާއި ޕާކް ބޯއީސް އެވެ.

ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގްރޫޕް އޭގެ އެއް ވަނަ ދަ ލެޖެންޑްސް އާއި ގްރޫޕް ބީގެ އެއް ވަނަ އެފްސީ ގޫވަލް ބައްދަލުކުރާ އިރު، މިރޭ ކުޅޭ ސެމީގެ ދެ ވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެ ވަނަ އެފްސީ އޭ އާއި ގްރޫޕް ބީގެ ދެ ވަނަ ޓީމް ޕާކް ބޯއީސް އެވެ. އަދި މާދަމާ ހަވީރު ކުޅޭ ސެމީގެ ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ސެމީގެ ފުރަތަމަ މެޗުން ބަލިވާ ޓީމާއި ސެމީގެ ދެ ވަނަ މެޗުން މޮޅުވާ ޓީމެވެ.

ކަދާ އިންވިޓޭޝަން ކަޕްގެ ސެމީގެ ޖާގައެއް ހޯދި އެފްސީ ގޫވަލް --- ފޮޓޯ/ އޯލް އިން ވަން ސްޓޫޑިއޯ

ޖުމްލަ ހަ ޓީމެއް ބައިވެރިވި އެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު އެވެ. ފައިނަލަށް ދަތުރުކުރާނީ ސެމީގެ ފުރަތަމަ މެޗުން މޮޅުވާ ޓީމާއި ސެމީގެ ތިން ވަނަ މެޗުން މޮޅުވާ ޓީމެވެ.

comment ކޮމެންޓް