ފޭވަރިޓުންނަކީ ނިއު، ނަމަވެސް ޓީސީން ވަރުގަަދަ ފައިޓެއް ދޭނެ!

އުރީދޫ ދިވެހި ޕްރިމިއަ ލީގުގައި ނިއު ރޭޑިއަންޑް އާއި ޓީސީ ބައްދަލު ކުރި މެޗެއްގެ ތެރެއިން--- ސަން ފޮޓޯ/ މުހައްމަދު އަފްރާހްް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކުރިޔަށް ގެންދާ އެފްއޭ ކަޕްގެ ފައިނަލް މެޗު މިރޭ އޮންނާނެއެވެ. މިރޭގެ މެޗަށް ނިކުންނައިރު ގިނަ މީހުން ގަބޫލުކުރާގޮތުގައި، މެޗުގެ ފޭވަރިޓުންނަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. ސަބަބަކީ އެ ޓީމު އޮތީ ރަނގަޅު ފޯމެއްގައި ކަމަށްވުމެވެ. އަދި ނިއުއިން ވަނީ މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބު ހަތަރު ފަހަރެއްގެެ މަތިން ބަލި ކޮށްފައެވެ.

ނިއުއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކޮށްގެންނެވެ. ޓީސީން ފައިނަލް މެޗުގެ ޖާގައެއް ކަށަވަރުކުރީ ސެމީގެ ފުރަތަމަ މެޗުގައި 2-0 އިން އެސްޓީއޯ މާލެ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްގެންނެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު އޮސްކާ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ނަމަވެސް ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފައި ވަނީ ޓީސީ އަކީ މި ސީޒަނުގައި ނިއުއާ އެންމެ ކައިރިން ވާދަ ކުރި ޓީމު ކަމަށާއި އެހެންކަމުން އެ ޓީމާ ދެކޮޅަށް މިރޭ އެފްއޭ ކަޕް ފައިނަލުގައި ވަރުގަދަ ފައިޓެއް ދޭނެ ކަމަށެވެ. އަދި ޕްރިމިއަރ ލީގާއި މާލޭ ލީގުގައިކުޅުނު މެޗުތަކާއި މިރޭގެ މެޗާ ވަރަށް ތަފާތު ވާނެ ކަމަށް އޭނާ ބުންޏެވެ.

"ޓީސީގެ އޮތީ ވަރަށް ހަލުވި އެޓޭކެއް، ބޯޅަ ގެއްލުވާލައި ފަރުވާކުޑަ ކޮށްލައިފިނަމަ، ކައުންޓާ އެޓޭކުގައި ޓީސީ ނުރައްކާ ކުރާނެ. އަހަރެމެން ޖެހޭނެ ސަމާލުވާން. މެޗު ފަސޭހައެއް ނުވާނެ،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ނިއު މިވަގުތު އޮތް ފޯމުގައި އެ ޓީމު ބަލިކުރުން ވެގެންދާނީ އުނދަގޫ ކަމަކަށް ކަމަށާއި އިތުބާރާ އެކު އެ ޓީމު ކުޅެފި ނަމަ ކޮންމެ މެޗެއް ވެސް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ދެ ޓީމު ވެސް ފައިނަލަށް ނުކުންނައިރު މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ސެމީގައި ވެސް މި ދެ ޓީމު ވާދަކުރިއެވެ. މި މެޗުގައި ނިއު ބަލިކޮށް އެފަހަރުގެ ފައިނަލުން ޖާގަ ހޯދީ ޓީސީއެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީސީއަށް ބަލި ނުކުރެވޭވަރުގެ ޓީމެއް ނެތް ކަމަށާއި މިވަގުތު ޓީސީގެ ހަމައެކަނި ވިސްނުމަކީ އެފްއޭ ކަޕްގެ ފައިނަލުގައި ނިއު ބަލިކޮށް، ތަށި ހޯދުން ކަމަށެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ):--- ސަން ފޮޓޯ/ ފަޔާޒް މޫސާ

"ފޯކަސް ހުރީ އެފްއޭ ކަޕަށް. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އެފްއޭ ކަޕް އުފުލާލުން، އެއީ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ. ނިއު އަކީ ވަރަށް ވަރުގަދަ ޓީމެއް. ނަމަވެސް ޓީސީ ޓީމެއްގެ ގޮތުގައި ކުޅެފިނަމަ ބަލިނުކުރެވޭ ފެންވަރުގެ ޓީމެއް ރާއްޖެއަކު ނެތް. ޓީމާ މެދު ވަރަށް ޔަގީންކަން އެބައޮތް،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ އޮސްކާގެ ކޯޗު ކަމުގެ ދަށުން ނިއުއިން ކުޅެމުންދަނީ ވަރަށް އޮގަނައިޒްޑް ސަޓައިލަކަށް ކަމަށާއި އެ ޓީމު ބްރޭކް ކޮށްލައި ގޯލު ފޫއަޅޫވާލެވޭނީ ޓީސީ ފަދަ އެޓޭކު ރަނގަޅު ޓީމަކަށް ކަމަށެވެ.

މި މެޗަށް ނުކުންނައިރު މި ދެ ޓީމަށް ވެސް އޮތީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުވެފައެވެ. ނިއުއިން އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރުކުރީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. ޓީސީއަށް އޭއެފްސީ ކަޕްގެ ޖާގައެއް ލިބުނީ އެފްއޭ ކަޕްގެ ފައިނަލުން ޖާގައެއް ކަށަވަރުކޮށް ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިގެންނެވެ.

comment ކޮމެންޓް