ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާއިން ނިންމީ މުސްލިމުންގެ ބަލިކަށިކަމުން

މަސްޖިދުލްއަގްސާގެ ބައެއް ކަމަށްވާ މަސްޖިދުއްސަޚްރާ

އިސްރާއީލު ގަދަބާރުން ވެރިވެފައިވާ ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާ ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ. އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިއުލާން ކުރައްވާނެކަން އެމެރިކާގެ މަސްއޫލުވެރިންވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

އެމެރިކާގެ އިސް މަސްއޫލުވެރިން ވިދާޅުވީ ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އިސްރާއީލުން ނިންމާފައިވާ ނިންމުން ގަބޫލުކޮށް އަދި އިސްރާއީލުގެ ޓެލްއަވީވްގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކޮށްފައިވާ ގަރާރާ އެއްގޮތަށް އަމަލުކުރުމަށް އެމެރިކާ ސަރުކާރުން ނިންމިކަން މިއަދު ޓްރަމްޕް ދެއްވާ ޚާއްސަ ޚިތާބެއްގައި އިޢްލާން ކުރައްވާނެ ކަމުގައެވެ.

އެމެރިކާގެ މިނިންމުމަކީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ މުޅިން ޚިލާފު ނިންމުމެކެވެ. މިކަން ނުކުރުމަށް އަރަބި އިސްލާމީ ގައުމުތަކުން އެމެރިކާއަށް ތަކުރާރުކޮށް ގޮވާލާފައި ވީނަމަވެސް މިއިން އެއްވެސް ކަމަކަށް އެމެރިކާ ސަރުކާރުން އަޅާލައި ސަމާލުކަން ދީފައެއް ނުވެއެވެ. ޓްރަމްޕް ވަނީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އާ ފޯނުން ގުޅުއްވައި ފަލަސްތީނުގެ ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް ނިންމިކަން އިޢްލާން ކުރައްވާނެކަން އިއްޔެ ހާމަކުރައްވާފައެވެ. ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ ބަލައިގަތްކަން އިއުލާން ކުރިނަމަވެސް ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކުރުން އަދި ދުވަސްކޮޅަކަށް މަޑުޖައްސާލާނެކަން ޓްރަމްޕް ފަލަސްތީނުގެ ރައީސަށް އެންގެވިއެވެ.

އެ ރަށެއްގައި މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ގުދްސަކީ 1967 ހަނގުރާމައިގާ ގަދަބާރުން އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ރަށެކެވެ. ގުދްސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އިސްރާއީލުން 1984 ވަނަ އަހަރު ނިންމާފައިވާ ނިންމުމަކީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ މުޅިން ޚިލާފު ކަމަކަށްވެފައި އިސްރާއީލުގެ އެނިންމުމަކީ ޣައިރު ގާނޫނީ ނިންމެއްކަމުން އިސްރާއީލުކޮޅަށް ގޮސް ހުސްވެފައިވާ ކުޑަ ދެތިން ގައުމެއް ފިޔަވައި ދުނިޔޭގެ އެހެން ގައުމުތަކުން އިސްރާއީލުގެ އެ ނިންމުން މިހާތަނަށް ގަބޫލުކޮށްފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ ޣައިރު ގާނޫނީ އެ ނިންމުން ގަބޫލުކުރުމަށް ދުނިޔޭގެ ބޮޑު ބާރުކަމަށްވާ އެމެރިކާ މިހާރު މިވަނީ ނިންމާފައެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލު އުފައްދައި އިސްރާއީލުގެ ހަރުކަށި އުދުވާނީ އިސްތިޢްމާރީ އަމަލުތަަކަށް އެހީތެރިވާ މައިގަނޑު ގައުމަކީ އަބަދުވެސް އެމެރިކާއެވެ.

ގުދްސަކީ އިސްރާއީލުގެ ދާއިމީ ވެރިރަށް ކަމަށް އިސްރާއީލުން 1984 ވަނަ އަހަރު ނިންމި ޣައިރު ގާނޫނީ ނިންމުން ގަބޫލުކުރުމަށް އެމެރިކާގެ ކޮންގްރެސް އިން ފާސްކުރި ގަރާރު ތަންފީޒު ކުރުމަށް އެމެރިކާގެ ހުރިހާ ސަރުކާރުތަކަކުންވެސް ވަނީ ފަސްޖެހިފައެވެ. މިކަމަށް ފަސްޖެހިފައިވަނީ މިމައްސަލައިގެ ޚުތޫރަތްތެރިކަމުންނެވެ.

އަރަބިންގެ އިތުރުން އިސްލާމީ ދުނިޔެއަށްވެސް މިމައްސަލަ ހައްސާސް ކަމުންނެވެ. ސަބަބަކީ ގުދްސުގައި މުސްލިމުންގެ ފުރަތަމަ ގިބްލަ އަދި ތިންވަނަ ހަރަމްފުޅު ކަމަށްވާ މުސްޖިދުލްއަގްސާ ހުރުމާއެކު އިސްލާމީ ތަރީޚާއި ގުދްސު ގުޅިފައިވުމެވެ. ކީރިތި ރަސޫލާ (ސލވ) ގެ އިސްރާއާއި މިޢްރާޖުގެ ދަތުރުފުޅު ގުދްސާއި މަސްޖިދުލްއަގްސާ އާ ގުޅިފައި ވުުމުގެ ސަބަބުންނެވެ. ނަމަވެސް މިއީ އިސްލާމީ ދުނިޔޭގައި އިސް ދައުރެއް އަދާކުރާ ސައޫދީގެ ސިޔާސަތުތަކަށް ބޮޑު ބަދަލެއް އައިސް ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާއެކު ގާތްގުޅުންތަކެއް ސައޫދީން ބާއްވަމުން ގެންދާ ދުވަސްވަރަކަށްވާތީ މިދުވަސްވަރު މިކަންކުރަން ފަސޭހަވާނެ ކަމަށް އިސްރާއީލާއި އެމެރިކާ ދެކެއެވެ.

އެމެރިކާގެ މިނިންމުމާ ދެކޮޅަށް ސައޫދީ އާއި ޔޫއޭއީ މިސްރު އަދި އުރުދުންފަދަ (ހުރިހާ ކަމެއްގައިވެސް އެމެރިކާއަށް ބަރޯސާވާ) ގައުމުތަކުން އަނގަބަހުން އަޑުފުލުގައި ބަޔާންތަކެއް ދިންނަމަވެސް ގުދްސުގެ މައްސަލައަށް (ގުދްސު ގެއްލިގެންދިޔުމުގެ މައްސަލައަށް) އެގައުމުތަކުގެ ސަރުކާރުތަކުގެ މާ ސީރިޔަސް ކަމެއް ނުދޭނެކަމާއި އެއީ އެމެރިކާއަށް ބަރޯސާވާ ގައުމުތަކެއް ކަމަށްވާތީ އެމެރިކާގެ ނިންމުމަކާ ދެކޮޅަށް އެގައުމުތަކަށް ކުރެވޭނެ މާބޮޑު ކަމެއްނޯންނާނެކަން އެމެރިކާއަށް ރަނގަނޅަށް އެނގެއެވެ.

މިމައްސަލާގައި ސައޫދީގެ އިސް މަސްއޫލުވެރިއަކު އެމެރިކާއާ ދެކޮޅަށް އިންޒާރެއްވެސް ދެއްވާފައެއް ނުވެއެވެ. ހަމައެކަނި މިކަން ނުކުރުމަށް އެމެރިކާއަށް އިލްތިމާސްކޮށް ސައޫދީ ޚާރިޖީ ވުޒާރާއިން ނެރެފައިވަނީ އާދައިގެ ބަޔާނެކެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ސަރުކާރަކީ އެމެރިކާގެ މާލީ އެހީތެރިކަމަށް ބަރޯސާވާ ސަރުކާރެކެވެ. އަދި ފަލަސްތީނަށް ވާގިވެރިވާންތިބި އަރަބި ގައުމުތައް ވަނީ ބައިބައިވެ ހަތުރުންނަށް ވެފައެވެ. ސައޫދީ އާއި ގަލްފުގެ ބައެއް އަރަބި ގައުމުތަކުން ފަރުދާގެ އަނެއް ފަރާތުން އިސްރާއީލާ ގުޅުންތައް ބަދަހި ކުރަމުން ގެންދާތީ މިމައްސަލާގައި އެމެރިކާގެ ނިންމުން ބަދަލުކުރެވޭ ފަދަ ފިއްތުންތަކެއް އަރަބިންގެ ފަރާތުން އެމެރިކާއަށް ކުރިމަތި ނުކުރެވޭނެކަން އެމެރިކާއަށް ރަނގަޅަށް އެނގެއެވެ.

އިސްލާމީ ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައިވާ އަރާރުންތަކާއި ބޮޑެތި ފިތްނަތަކާއެކު އިސްލާމީ ބައެއް ގައުމުތައް އަނެއް ބައިގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަނީ ވަދެގެންފައެވެ. ސޫރިޔާ، އިރާގު، ލީބިޔާ އަދި ޔަމަންގެ ހަނގުރާމަތަކުގެ ފަހަތުގައިވަނީ ވަދަވެރި އަރަބި އިސްލާމީ ބޮޑެތި ގައުމުތަކެވެ. މި ހަނގުރާމަ ތަކުގެ ސަބަބުން އަރަބިންގެ ހާލަތު މިހާރުވަނީ ފަހުގެ ތާރީޚެއްގައި ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފައެވެ. ނިކަމެތިވެފައެވެ. އަރަބި ބޮޑެތި އެތަށް ގައުމެއްވަނީ ދާޚިލީ ހަނގުރާމަތަކުގައި މުޅިން ހަލާކުވެ ފުނޑުފުނޑުވެފައެވެ. މީގެތެރޭގައި އިރާގާއި ސޫރިޔާއާއި ލީބިޔާ އަދި ޔަމަން ހިމެނެއެވެ. މިސްރުވެސްވަނީ ޓެރަރިޒަމްގެ ޝިކާރައަކަށް ވެފައެވެ.

އިސްލާމީ ބައެއް ގައުމުތަކުގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމާއި ސަރަހައްދީ ވާދަވެރިކަމާއި އަރާރުންތަކުގެ ސަބަބުން އިސްރާއީލުގެ އުދުވާނާ ކުރިމަތިލުމަށްވުރެ ބޮޑަށް ބައެއް ގައުމުތަކުން އިސްކަންދެނީ އެމެރިކާއާއި އިސްރާއީލުގެ އެހީތެރިކަން ހޯދައިގެންވެސް ވާދަވެރި އަނެއް އިސްލާމީ ނުވަތަ އަރަބި ގައުމާ ކުރިމަތިލުމަށެވެ. ސައޫދީއާއި އީރާނުގެ އަރާރުން މިކަމުގެ ހެއްކަކަށް ފުދެއެވެ. އިސްރާއީލަށްވުރެ އީރާނުގެ ނުރައްކާތެރިކަން މާބޮޑުކަމަށް ސައޫދީ ބައެއް މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ.

އިސްލާމީ ދުނިޔެއަށް ގޮންޖަހާލުމަށްފަހު މިހާ ނުރައްކާތެރި ނިންމުމެއް ނިންމަން އެމެރިކާއަށް ކެރެނީ މުސްލިމުންގެ މި ބައިބައި ވުންތަކާއި މުސްލިމް ގައުމުތަކުގެ މެދުގައި އުފެދިފައިވާ ފިތްނަތަކާއި ދެކޮޅުވެރިކަމާއި އަރާރުންތަކުގެ ސަބަބުންނެވެ. މުސްލިމުންގެ ނިކަމެތިކަމާއި އާރެއް ބާރެއް ނެތްކަން އެމެރިކާއަށް އެނގޭތީއެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައްވެސް ނުލިބިވަނީ މިކަމުގެ ސަބަބުންނެވެ.

ނަމަވެސް ގުދްސަކީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތްކަން ޓްރަމްޕް އިއްލާން ކުރައްވައިފިނަމަ އިސްރާއީލާ ގުޅުންތައް ކަނޑާލައި އެމެރިކާއާއެކު ބާއްވާ ގުޅުންތައްވެސް ކުޑަކުރާނެ ކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ދެއްވާފައެވެ. ވަކި ގައުމަކުން މިފަދަ އިންޒާރެއް ދިން ނަމަވެސް އެކަން އެމެރިކާއަށް މާބޮޑުކަމަކަށް ނުވާނެއެވެ.

ސަބަބަކީ ހުރިހާ އަރަބި ގައުމުތައް ނޫނީ އިސްލާމީ ގައުމުތައް ގުޅިގެން އެމެރިކާއާ ދެކޮޅަށް ނިންމުމެއް ނުނިންމާނަމަ އެކަމުގެ އަސަރު އެމެރިކާއަށް ނުކުރާނެތީއެވެ. މުސްލިމް އެތަށް ގައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމަށް ޓްރަމްޕް ނިންމެވީވެސް އެކަމާދެކޮޅަށް ކުރެވޭނެ ކަމެއް މުސްލިމުންނަށް ނޯންނާނެކަން އެމެރިކާއަށް އެނގޭތީއެވެ. ބޭނުންގޮތެއް ހެދޭނީ ބަލިކަށި ނިކަމެތިންނަށެވެ. ބައިބައިވެފައިވާ އުންމަތަކާ ދެކޮޅަށެވެ. އަރަބިންނާއި މުސްލިމުންގެ އަދުގެ ހާލަތަކީ މިއެެވެ.

ފަލަސްތީނުގެ މައްސަލަވެސް ހައްލުކުރެވޭނީ އަދި ގުދްސުގެ މައްސަލަވެސް މުސްލިމުން ބޭނުންވާ ގޮތަކަށް ނިންމޭނީ އަދި މިކަންކަމުގައި އެމެރިކާއަށް ފިއްތުންތައް ކުރުމަތި ކުރެވޭނީ އެމެރިކާއާއި ހުޅަނގުގެ ބަދަލުގައި އިސްލާމީ ގައުމުތައް އަމިއްލަ ނަފްސަށް ބަރޯސާވާން ދަސްކޮށްގެނެވެ. އިލްމާއި ޓެކްނޮލޮޖީ ހޯދައި ބާރުގަދަވެ މަސައްކަތްތެރިކަމުގެ ދާއިރާތަކުގައި ކުރިޔަށް ގޮސްގެންނެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއަށް ބަރޯސާ ނުވާ ރަނގަނޅު ގަވަނިންން ނިޒާމެއް (ޑިމޮކްރަސީގެ ނުވަތަ ރައްޔިތުންގެ ބާރުވެރިކަން އޮންނަ) ގާއިމް ކޮށްގެންނެވެ. ނަމަވެސް ގިނަ އިސްލާމީ ގައުމުތަކުން ފެންނަނީ މިއާ މުޅިން ޚިލާފު މަންޒަރުތަކެވެ.

މިއަދު އިސްލާމީ އުންމަތުގެ ކަންތައްތައް ވަނީ ކަރުނަ އަޅަންޖެހޭ ހާލަތުގައެވެ. މުސްލިމުން ކަތިލެވެމުން ދަނީ މުސްލިމުންގެ އަތުންނެވެ. ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެންއުޅޭ ޖަމާއަތްތަކުންވެސް ހަމަލާތައް ދެމުން ގެންދަނީ މުސްލިމުންނަށެވެ. މިދިޔަ ހަފްތާގައި މިސްރުގެ ސައިނާގެ މިސްކިތެއްގައި މުސްލިމުން ހުކުރު ނަމާދަށް ތިއްބައި ބަޑިން ހަމަލާދީ 300 މީހުން މަރާލި ހަދިސާއަކީވެސް މިފަދަ ޙާދިސާއެކެވެ. މފަދަ އެތަށް ޙާދިސާތަކެއް މިސްރުގެ އިތުރުން އިރާގު ސޫރިޔާ އަފްޣާނިސްތާން ޕާކިސްތާން ޔަމަން އަދި ލީބިޔާ ފަދަ އިސްލާމީ ގައުމުތަކުން ދަނީ ފެންނަމުންނެވެ.

comment ކޮމެންޓް