އެކްސިޑެންޓެއްގައި ޒަޚަމްވި ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރާ ހަނގުރާމަ ކުރަނީ

އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު ހދ. ކުޅުދުއްފުށި ކަސްތޫރިގޭ އުމުރުން 26 އަހަރުގެ ހުސައިން އަލީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި --- ފޮޓޯ: އާއިލާ

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ހާލު ސީރިއަސްވެ މާލެ ގެނެސްފިއެވެ.

އެ އެކްސިޑެންޓު ހިނގީ އާދީއްތަ ދުވަހުގެ ރޭ 9:00 އެހައިކަންހާއިރު ހދ. އަތޮޅު ތައުލީމީ މަރުކަޒު ކައިރީ ހުންނަ ދަނޑު ކައިރީގައެވެ. އެ އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްތަކެއް ލިބުނު އެރަށު ކަސްތޫރިގޭ އުމުރުން 26 އަހަރުގެ ހުސައިން އަލީގެ އާއިލާ އިން "ސަން" އަށް ކިޔައިދިން ގޮތުގައި އެ އެކްސިޑެންޓު ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ހުސައިން އަލީގެ ގައިގައި ޖެހިގެންނެވެ.

ހުސައިން އަލީގެ ބޭބެ އިބްރާހިމް އަލީ "ސަން" އަށް ކިޔައިންދިން ގޮތުގައި އެ އެކްސިޑެންޓު ހިނގި ކަމުގެ މައުލޫމާތު އާއިލާ އަށް ލިބުނީ މަންޒަރު ފެނުނު މީހަކު ފޯނުކޮށް އެންގުމުންނެވެ.

އިބްރާހިމް އަލީ ބުނީ އެކްސިޑެންޓުވުމުން ސައިކަލް ދުއްވި މީހާ އެމީހާގެ އާއިލާގެ މީހުން އެތަނަށް ގެންދިޔަ ކަމަށާއި ހުސައިން އަލީ ހޮސްޕިޓަލަށް ގެންދިޔުމުގައި އެމީހުންގެ އެއްވެސް އެހީތެރިކަމެއް ލިބިފައިނުވާ ކަމަށެވެ.

"އެކްސިޑެންޓުވި ސައިކަލް ދުއްވި މީހާ ނުއެއް ފިލާ. އޭނަ ހެދިގޮތަކީ އެކްސިޑެންޓުވުމުން އޭނާގެ އާއިލާގެ މީހުން އެތަނަށް ގެންދިޔައީ. ހުސައިން އަލީ ހޮސްޕިޓަލަށް ގެންދިޔުމުގައި އެމީހުންގެ އެއްވެސް އެހީތެރިކަމެއް ނުލިބޭ. އަޅުގަނޑުމެން އަމިއްލައަށް އެމްބިއުލާންސްގައި ހުސައިން އަލީ ހޮސްޕިޓަލަށް ގެންދިޔައީ. 45 މިނިޓްވަންދެން ބިއްމަތީގައި ހުސައިން އަލީ އޮތް،" އިބްރާހިމް އަލީ ކިޔައިދިނެވެ.

ހުސައިން އަލީ އެމްބިއުލާންސަށް އަރުވަނިކޮށް ކުޅުދުއްފުށީ ޕޮލިސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން އެތަނަށް ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާ ކިޔައިދިންގޮތުގައި އުމުރުން ފަސް އަހަރުގައި ނުކުޅެދޭ މީހަކަށްވެ ހުސައިން އަލީ އަކީ އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމްވެފައިވާ މީހެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ހުސައިން އަލީ ބެއްލެވުމަށްފަހު ޑޮކްޓަރު ނިންމީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެން އޭނައަށް ފަރުވާ ދިނުމަށް ކަމަށާއި ނަމަވެސް އާއިލާ އިން އެކަމާ ދެކޮޅު ހެދީ ކަމަށް އިބްރާހިމް އަލީ ކިޔައިދިނެވެ.

"އަޅުގަނޑުމެން އެކަމާ ދެކޮޅު ހެދިން. އަޅުގަނޑުމެން ބުނިން އާއިލާ އިން ބޭނުންވަނީ މާލެ ގެންދާށޭ. ތަކުރާރުކޮށް އަޅުގަނޑުމެން އެދިގެން ފަސް ވަނަ ދުވަހު މި މާލެ ގެނެވުނީ،" އިބްރާހިމް އަލީ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އަންގާރަ ދުވަހުގެ ހަވީރު 5:30 އެހައިކަންހާއިރު މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔުމުން އެ ހޮސްޕިޓަލުން އެންގީ އޮޕަރޭޝަނެއް ކުރުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމަށެވެ.

ހުސައިން އަލީ މާލެ ގެންދިޔުމަށް ލޯންޗަށް އަރުވާފައި --- ފޮޓޯ: އާއިލާ

އޭނާ ބުނިގޮތުގައި އަންގާރަ ދުވަހުގެ ރޭ 9:00 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ހުސައިން އަލީގެ ސިކުނޑީގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އެއީ ދެގަޑިއިރުގެ އޮޕަރޭޝަނެކެވެ.

"ދެގަޑިއިރުގެ އޮޕަރޭޝަނެއް ވަނީ ކޮށްފަ. އެކްސިޑެންޓްވިފަހުން ހޭނާރާ. އޮޕަރޭޝަނަށްފަހު ވެސް ހޭނާރާ،" އިބްރާހިމް އަލީ ކިޔައިދިނެވެ.

އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރާ ހަވާލާދީ އިބްރާހިމް އަލީ ބުނީ އެކްސިޑެންޓުގެ ސަބަބުން އޭނާގެ ކޮއްކޮ ހުސައިން އަލީގެ ސިކުނޑިއަށް ލޭ އެޅި، ސިކުނޑި ދުޅަވެފައިވާ ކަމަށެވެ. ހުސައިން އަލީ ދުނިޔޭގައި ހުންނާނެ ކަމުގެ އޮތީ 50 ޕަސެންޓުގެ ފުރުސަތެއް ކަމަށް ވެސް ޑޮކްޓަރާ ހަވާލާދީ އާއިލާ އިން ބުންޏެވެ.

އޭނާ ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވި މީހާ އަދިވެސް ހައްޔަރުނުކުރާ ކަމަށާއި އެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ހޯދަން އާއިލާ އިން ގުޅުމުން މައުލޫމާތު ދެވެން ނެތް ކަމަށް ކުޅުދުއްފުށީ ޕޮލިސްޓޭޝަނުން ބުނި ކަމަށެވެ.

"އަޅުގަނޑު ކުޅުދުއްފުށީ ޕޮލިސްޓޭޝަނަށް ގުޅީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭގޮތުން މައުލޫމާތު ހޯދަން. އެތަނުން ފޯނު ނެގި ފުލުސް މީހާ ބުނީ މައުލޫމާތު ނުދެވޭނެއޭ. އަޅުގަނޑު ދެންނެވިން މިއީ ހުސައިން އަލީގެ އާއިލާ އިންނޭ. އެ ތަހުގީގާ ގުޅޭގޮތުން އާއިލާ އަށް މައުލޫމާތު ދޭންޖެހޭނެ ނޫންހޭ،" އިބްރާހިމް އަލީ ކިޔައިދިނެވެ.

"އެކްސިޑެންޓަށްފަހު އާއިލާގެ އެންމެން މިތިބީ ވަރަށް ބޮޑު ހިތާމައެއްގައި. މިފަދަ ހިތާމަވެރި ހާލަތެއްގައި އަޅުގަނޑުމެން ތިއްބައި، ހަޑިހުތުރުބަހުން އެ ފުލުސް މީހާ އަޅުގަނޑާ މުޚާތަބުކުރީ. އޭނަ ބުނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގގައި އިނދެ ގުޅިޔަސް ވަރިހަމައޭ. ވާނެ ކަމެއް ނޯންނާނެއޭ،"

ހުސައިން އަލީގެ އާއިލާ އިން ފުލުހުންނަށް ކުރި ތުހުމަތާ ގުޅޭގޮތުން ބަހެއް ހޯދުމަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

comment ކޮމެންޓް