މާލޭގެ މުހިންމު ދެ ސަރަހައްދެއްގެ ތޮށިގަނޑު އަލުން މަރާމާތު ކުރަނީ

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު--- ފޮޓޯ/ އެމްޕީއެލް

މާލޭގެ މުހިއްމު ދެ ސަރަހައްދެއް ކަމަށްވާ އެމްޕީއެލް ސަރަހައްދުގައިވާ މާލޭ ކޮމާޝަލް ހާބަރު ޖެޓީގެ ތޮށިގަނޑާއި ޓީ ޖެޓީ ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު މަރާމާތު ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ، އެމްޓީސީސީއަކީ ރާއްޖޭގެ ބަނދަރު ހެދުމުގެ އިތުރުން ބަނދަރު މަރާމާތުކުރުމަށް އެންމެ ތަޖުރިބާކާރު ކުންފުނި ކަމަށާއި އަދި އެކަން އެންމެ ފުޅާ ދާއިރާ އެއްގައި ކުރަމުން އަންނަ ކުންފުނި ކަމަށެވެ.

ދެ ސަރަހައްދުގެ ވެސް ތޮށިގަނޑު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެކަމުގެ ސަބަބުން ބާރުމިނުގައި ހިދުމަތް ނުދެވޭ ކަމަށެވެ.

"އެތަން އޮތީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުންވެފައި. ތޮށިގަނޑުގެ ބޮޑު ބައެއް މިވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި. އޭގެ ސަބަބުން ބައެއް އޮޕަރޭޝަންތަކަށް ބުރޫ އަރާ. ވިޔަފާރިވެރިންވެސް މުދާ ގަންނަން މާލެ އައިސް ދޯނިފަހަރު ގާތް ކުރަނީ މި ދެ ސަރަހައްދަށް. އެހެން އުޅޭ އިރު އެެ މީހުންނަށްވެސް ވަރަށް ދަތިވޭ ތޮށިގަނޑު ހަލާކުވެފައި ހުންނާތީ. ޓީޖެޓީ ސަރަހައްދުވެސް ދޯނި ފަހަރު ގާތް ކުރުމުގައި ދަތިތަކެއް ދިމާވޭ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި ދެ ސަރަހައްދުވެސް މަރާމާތުކޮށް ނިމުމުން ވިޔަފާރިވެރިންނަށް ވަރަށް ބޮޑަށް ލުއި ވެގެން ދާނެކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އެމްޓީސީސީގެ ސީއީއޯ ވިދާޅުވީ، އަމާޒަކީ އެއްވެސް ފަރާތަކަށް ދަތި ނުވާނެހެން ދީފައި އޮތް މުއްދަތަށް އެ މަސައްކަތް ނިންމާލުން ކަމަށެވެ.

ޓީޖެޓީ ސަރަހައްދުގެ 232 މީޓަރުގެ ތޮށިގަނޑު މަރާމާތު ކުރަން ޖެހޭ ކަމަށާއި އަދި ކޮމާޝަލް ހާބަރުގެ 347 މީޓަރު މަރާމާތު ކުރަން ޖެހޭކަމަށް ޒިޔަތު ވިދާޅުވިއެވެ.

އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށްފައިވަނީ 9 މިލިއަން ރުފިޔާގެ އަގަކަށެވެ. މަސައްކަތް ނިންމުމަށް ދީފައިވަނީ މަސައްކަތާ ހަވާލުވާތާ 60 ދުވަހެވެ.

comment ކޮމެންޓް