އިސްލާމިކް ކޮންފަރެންސް އޮފް ހެލްތުގައި ބައިވެރިވުމަށް ހެލްތު މިނިސްޓަރު ސައުދީއަށް

ސައުދީގައި ކުރިއަށްދާ އިސްލާމިކް ހެލްތު ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ޏާޒިމް-- ފޮޓޯ : ހެލްތު މިނިސްޓްރީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާއި ސައުދީއަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ބާއްވާ " އިސްލާމިކް ކޮންފަރެންސް އޮފް ހެލްތު" ގެ ހަވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ޑިސެމްބަރު މަހު ފަހަކުން ހަތަކަށް ބާއްވާ އެ ބައްދަލުވުމަކީ އޯއައިސީގެ މެމްބަރު ގައުމުތަކުގެ ސިއްހީ ދާއިރާގެ އިސްވެރީންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ.

ދިވެހިރާއްޖެ އޯއައިސީގެ މެމްބަރަކަށް ވެފައިވަނީ 1976 ވަނަ އަހަރުއެވެ.

ސައުދީގައި ކުރިއަށްދާ އިސްލާމިކް ހެލްތު ކޮންފަރެންސްގައި ހެލްތު މިނިސްޓަރު ޏާޒިމް-- ފޮޓޯ : ހެލްތު މިނިސްޓްރީ

" ހެލްތު އިން އޯލް ޕޮލިސީ" ގެ މައުލޫއަށް މިނިސްޓަރު ތަގްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، މިނިސްޓަރުގެ ތަގުރީރުގައި ރާއްޖޭގެ ސިއްހީ ދާއިރާގެ ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތާއި އަދި އެދާއިރާގައި ރާއްޖެއިން ހޯދައިފައިވާ ކުރިއެރުންތަކާއި އަދި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން އަލިއަޅުވައިލާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ބައްދަލުވުމުގައި ރާއްޖޭ ސިއްހީ ދާއިރާ ކުރިއެރުވޭނެ ގޮތްތައް ހޯދުމަށް މަޝްވަރާކޮށް ސައުދީ ، ކުވޭތު އަދި ޔޫއޭއީގެ ވަފުދުތަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި އެބައްދަލުވުމުގައި އޯއައިސީން 2014- 2023 އަށް ކަނޑއަޅައިފައިވާ " ސްޓްރެޓެޖިކް ހެލްތު ޕްލޭން އޮފް އެކްޝަން " އާ ބެހޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ. އަދި ގައިންގަޔަށް އަރާ އަދި ނާރާ ބަލިތަކާއި، ގައުމުތަކުގެ ސިއްހީ ނިޒާމުތައް ހަރުދަނާ ކުރުމަށާއި އަދި މައިންނާއި ކުޑަކުދިންގެ ސިއްހަތާ ގުޅިން ހުރި ކަންތައްތަކާއި އަދި ކާރިސާތަކުގެ ސިއްހީ ދާއިރާގެ ދައުރުގެ އިތުރުން ފަލަސްތީނުގެ ސިއްހީ ހާލަތާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް