އޮރެންޖްގެ އެތެރެއާ އެއްވަރަށް ބޭރުގައިވެސް އެތައް ފައިދާއެއް

--

އޮރެންޖަކީ ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އޭގައިއެކުލެވިގެންވާ މޭވާ އެކެވެ. ވިޓަމިން ސީގެ އިތުރުން ވިޓަމިން އޭ އާއި ބީ އަދި ކެލްސިއަމް އާއި މެގްނީސިއަމް، ޕޮޓޭސިއަމް، ފޮސްފަރެސް އަދި ސޮލިއުބަލް ފައިބާގެ އިތުރުންވެސް ހަށިގަނޑަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އޮރެންޖުގައި އެކުލެވެއެވެ.

އޮރެންޖް ކެއުމަށް އޭގެ ބޭރު ތޮށިގަނޑު ނޮޅާލުމަށްފަހު އެ ތޮށިގަނޑު އެއްލާ ލަނީއެވެ. އެކަމަކު، މި ތޮށިގަނޑަކީ އޮރެންޖްގެ އެތެރޭގައި ހިމެނޭ ބަޔާ އެއްވަރަށް ފައިދާ ހުރި އެއްޗެކެވެ. ހަމައެކަނި ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އޭގައި އެކުލެވުމުގެ އިތުރުން މި ތޮށިގަނޑަކީ ޒީނަތްތެރި ވުމަށާއި، ކައްކާއިރު އެއްޗެހީގައި މީރު ރަހަ ލެއްވުމަށްވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

އޮރެންޖް ތޮށިގަނޑުގެ އެތެރޭގަޔާއި ބޭރުގައި ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭއިރު، މި ތޮށިގަނޑުގެ ބޭނުން ތަފާތު ގޮތްގޮތަށް ބޭނުން ކުރެވިދާނެއެވެ.

އޮރެންޖް ތޮށި ބޭނުންކޮށްގެން މޫނުގައި އުނގުޅާނެ ޕޭސްޓެއް ތައްޔާރު ކުރާނެގޮތް

ބޭނުންވާނީ ހިމުން ކޮށް ގާނާފައި ހުރި ދެ މޭޒުމަތީ ސަމްސާ އޮރެންޖް ތޮށްޓާއި ދެ މޭޒުމަތީ ސަމްސާ ޕްލެއިން ޔޯގަޓްގެ އިތުރުން އެއް މޭޒުމަތީ ސަމްސާ މާމުޔެވެ. މި ހުރިހާ ބާވަތެއް އެއްކޮށްލައިގެން ޕޭސްޓެއް ތައްޔާރުކުރުމަށްފަހު މޫނާއި ކަރުދޮށުގައި އުނގުޅާފައި 20 މިނެޓް ވަންދެން ބަހައްޓާށެެވެ. އެއަށްފަހު މޫނު ދޮވެލާށެވެ. މޫނުގެ ހަންގަނޑު މަޑުވެ، ތާޒާކަން ގެނެސްދޭނެއެވެ. މި ޕޭސްޓް ހަފްތާއަކު ދޭތް ނުވަތަ އިން ފަހަރު ބޭނުންކުރާށެވެ. ދެހަފްތާ ވަރު ތެރޭގައި ނަތީޖާ ފެންނަން ފަށާނެއެވެ.

ދަތްތައް ހުދުކޮށް ބެހެއްޓުމަށްވެސް އޮރެންޖް ތޮއްޓަކީ ބޭނުންކުރެވިދާނެ އެއްޗެކެވެ. އޮރެންޖުން ތޮށިގަނޑު ނޮޅާލުމަށްފަހު ދޭތް ނުވަތަ ތިން މިނެޓް ވަންދެން ދަތްތަކުގައި އުނގުޅާލާށެވެ. ދަތްތަކުގެ ދޭތެރޭގައި ހުންނަ ހަޑިކަން ފިލައިދާނެއެވެ. ޚާއްސަކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ ދަތްތަކުގައި ހުންނަ ހަޑިކަން ފިލުވައިލުމަށް މިއީ ރަނގަޅު އެއްޗެކެވެ. މިގޮތަށް އޮރެންޖް ތޮށި އުނގުޅުމުގެ ބަދަލުގައި އޮތެންޖް ތޮށި ގޭނުމަށްފަހު ފެންފޮދެއް އަޅައިގެން ޕޭސްޓް ތައްޔާރުކޮށްގެން ދަތް އުނގުޅާ ބޭހުގެ ބަދަލުގައި ވެސް ބޭނުން ކުރެވިދާނެއެވެ. ހަފްތާއަކު ދެތިން ފަހަރު މި ޕޭސްޓުން ދަތްއުނގުޅަނިކޮށް ނަތީޖާ ފެނިދާނެއެވެ.

އޮރެންޖް ތޮށްޓަކީ ބަރުދަން ލުއިކުރުމަށްވެސް އެހީއެކެވެ. އޮރެންޖް ތޮށި ހިއްކުމަށްފަހު ފެން ނުޖެހޭނެ ހެން މަތިޖެހި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. ކޮންމެފަހަރަކުވެސް ސައި ސަމްސަލެއްގެ ހިއްކާފައި ހުރި އޮރެންޖް ތޮށި ހޫނުފެނަށް އަޅައި 10 މިނެޓްވަންދެން މަތިބަންދުކޮށްފައި ބެހެއްޓުމަށްފަހު އޮރެންޖް ތޮށިތައް ނަގައި ކުޑަ މާމުއިކޮޅެއް އަޅައިގެން ބޯލާށެވެ. މިގޮތަށް ދުވާލަކު ދެ ޖޯޑު ބޯނަމަ ދާދިއަވަހަށް ނަތީޖާ ފެންނަން ފަށާނެއެވެ.

މި ކަންކަމުގެ އިތުރަށްވެސް އޮރެންޖް ތޮށްޓަކީ ކޮލެސްޓްރޯލް ދަށްކޮށްދީ، މޫނުގައި ހުންނަ ލައްތަކާއި ކަޅުހަންތައް ފިލުވައިލުމަށް ބޭނުންކުރެވިދާނެ ޤުދުރަތީ ފަރުވާއެކެވެ.

comment ކޮމެންޓް