ހުވަދު އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސް ދުވަހެއްގައި ލޯންޗެއް ދަތުރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގއ. އަދި ގދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

އެ ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ، މެންދުރު 12:00 އާ ހަމައަށެވެ.

މެޓް އޮފީހުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، އެ ދެ ސަރަހައްދުގެ ކަނޑުތައް އެހާ ގަދަ ނޫން ކަމަށާއި، އާއްމުކޮށް ވައިޖެހެނީވެސް ވަރަށް މަޑުން ކަމަށެވެ. އެހެން ނަމަވެސް އެ ދެއަތޮޅުގައި އޮތް ވިލާގަނޑެއްގެ ސަބަބުން އެލާޓްގެ ވަގުތުތަކުގައި، ވައިގަދަވާނެ ކަމަށެވެ.

"ވިލާގަނޑު ތެރޭގަ ގަދަވާނެ. ގާތްގަނޑަކަށް 40 މޭލަށް. ވިލާގަނޑު ތެރޭގަ ކަނޑުވެސް ގަދަވާނެ، އެހެން ނަމަވެސް ގަދަމިން ހިފަހައްޓާލާނެ ކަމަކަށް ނުބެލެވޭ އެހާ ގިނަ އިރު،" މެޓްގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެލާޓްގެ ވަގުތުގައި ހުވަދު އަތޮޅަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިއަދު ހެނދުނު އޮފީހުން ވަނީ މީމު އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެ އެލާޓް ދެމި އޮންނާނީ މިއަދު މެދންދުރުފަހު 14:30 އާ ހަމަ އަށެވެ.

މެޓްގެ އޮފިޝަލަކު ވިދާޅުވީ، ނެރެފައިވާ އެލާޓް ނިމުމުން އެ ސަރަހައްދުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، މާދަމާވެސް ލަފާކުރެވެނީ އެ ސަރަހައްދަށް މޫސުން ރަނގަޅުވާނެ ކަމަށް ކަމަށެވެ.

comment ކޮމެންޓް