ބޯހިޔާވަހިކަމަށް އެދި ދިއްކޮށްލި އަތުގައި ހިފީ ކެހިވެރިއެއް!

މާލެ ސިޓީގެ އިމާރާތްތަކެއް -- ފޮޓޯ/ އަލާމީ

އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ މީސްމީހުން އަތުން މަކަރާއި ހީލަތުން ފައިސާ އަތުލާ މައްސަލަ އަނެއްކާ ވެސް އިތުރުވާން ފަށައިފި އެވެ. އެ ފަދަ އެތައް މައްސަލައެއް ކޮންމެ ދުވަހަކު ވެސް ފުލުހުންނަށް ރިޕޯޓް ކުރަމުންދާ އިރު، މިފަދަ މަކަރުވެރީންގެ ދަލުގައި ޖެހޭ އާންމުން ދަނީ އިތުރުވަމުންނެވެ.

މަކަރު ހެދުމާއި އޮޅުވާލުމުގެ މިފަދަ މައްސަލަތައް ފުލުހުންނަށް ވެސް ތަކުރާރުކޮށް ހުށަހެޅެމުންދާއިރު މީސް މީޑިއާ (ސޯޝަލް މީޑިއާ)ގައި ވެސް އެފަދަ އެތައް މައްސަލައެއްގެ ވާހަކަ އާންމުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ތިން ކުދިންނާއި އަނބިމީހާ ގޮވައިގެން މާލޭގައި ދިރިއުޅޭ ހަސަން (އަސްލު ނަމެއް ނޫން) ވަނީ، އޭނާއަށް ދިމާވި ޙާދިސާއެއް "ސަން"އާ ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ފަސް އަހަރު ވަންދެން ދިރިއުޅުނު އެޕާޓްމަންޓް ދޫކޮށް އެހެން ތަނަކަށް ބަދަލުވާން ޖެހުމުން ވަރަށް އަވަސް އަރުވާލައިގެން ކުއްޔަށް ދޫކުރާ އެޕާޓްމަންޓް އިސްތިހާރު ކުރާ ވެބްސައިޓެއްގައި އޮތް ނަންބަރަކަށް ގުޅައި، ހެޔޮ އަގެއްގައި ތިން ކޮޓަރީގެ އެޕާޓްމަންޓެއް ހޯދި ކަމަށެވެ. އަދި އެޑްވާންސްގެ ގޮތުގައި 30،000 ރުފިޔާ ދެއްކި އެވެ. އެހެން ނަމަވެސް އެޕާޓްމަންޓަށް ބަދަލުވާން އޮތް ދުވަހު ގުޅާގުޅާ ވެސް އެމީހާ ފޯނެއް ނުނެގި ކަމަށެވެ.

"ކިހިނެއް އެނގޭނީ އެއީ އެކަހަލަ މީހެއްކަން. އަހަރެންނާއި އަންހެނުން ދިޔައިން އެޕާޓްމަންޓް ބަލަން ވެސް. އަދި އެމީހާ ވެސް ފެންނަ ފެނުމަށް ވަރަށް ސަޅި. ދެން އެޑްވާންސް ފައިސާ ދިނީމާ ބުނީ ދެ ދުވަސް ފަހުން ބަދަލުވާން. އެކަމަކު ފަހުން ފޯނެއް ނުނަގާ. އޭނާ ކުއްޔަށް ދޭން ބުނި ތަނަށް ދިޔައިރު އެތަން ވެސް ހުރީ ތަޅުލާފައި. އައިޑީކާޑު ކޮޕީއެއް ވެސް ދިނީމާ ގަބޫލުކުރެވުނީ،" ހަސަން ކިޔަދިނެވެ.

ހަސަނަށް ފައިސާ އަނބުރާ ލިބުނީ، އޭނާ އެވާހަކަ މީސް މީޑިއާގައި ލިޔެގެން، ހިޔާނާތްތެރިވި މީހާގެ އާއިލާ މީހުންގެ އެހީތެރިކަމާ އެކު އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރަތް ކޮށްފައިވާ ހައުސިން ޔުނިޓްތަކެއް، އެޕާޓްމަންޓް ދޭނެ ކަަމަށް ބުނެ މަކަރުން ފައިސާ އަތުލުން ދަނީ އިތުރުވަމުން--ސަން ފޮޓޯ: މުހައްމަދު އަފްރާހް

"ސަން"ގެ ނޫސްވެރިންނަށް ކުރެވުނު ތަޖުރިބާ

މިފަދަ މައްސަލަތައް އިތުރުވަމުންދާތީ މި ކަމުގެ ހަގީގަތް ހޯދަން ޝައުގުވެރިވެއްޖެ އެވެ. ތަފާތު ވެބްސައިޓްތަކުގައި ހުރި ނަންބަރުތަކަށް ގުޅައި، އެޕާޓްމަންޓެއް ކުއްޔަށްދޭން އެދެފީމެވެ. ބައެއް ނަންބަރުތަކުން ފޯނުނަގާފައި އެޕާޓްމަންޓާ ގުޅޭ ގޮތުން ދެއްކި ވާހަކައާއި އެޕާޓްމަންޓް ބަލަން ދިޔުމުން ދައްކާ މަންޒަރާ ވެސް ގުޅެ އެވެ.

އެ މަސައްކަތުގައި ކުރިއަށް ދިޔައިރު، މީގެ ކުރިން މިފަދަ މަކަރާ ކުރިމަތިލާން ޖެހުނު މީހުންގެ ކިބައިން ވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބުނެވެ. އަދި އެފަދަ މީހުންގެ ވާހަކަ ގެނެސްދިނުމަށް އެފަދަ ބައެއް މީހުންގެ ނަންބަރު ހޯދައިގެން ގުޅަން ވެސް ގުޅީމެވެ. ނަމަވެސް ފޯނު އޮންނަނީ ނިއްވާލައިފަ އެވެ.

އެ ގޮތަށް އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ ފައިސާ ހޯދާ މީހުންގެ މައުލޫމާތު އެއްކުރަނިކޮށް އެންމެ ފަހުން އަތުޖެހުނީ، މީހުންނަށް އެފަދަ ލަނޑު ދެމުންދާ މީހެއްގެ ދަރިއަކާ އެވެ. އެމީހާ އަޅުގަނޑު ގާތަށް އައީ މިފަދަ މައްސަލަތަކުގެ އަޑިއަށް ފީނަން އުޅޭ ކަމުގެ ވާހަކަ އަޑު އިވިގެންނެވެ. އޭނާގެ ބައްޕަ މީހުންނަށް އެފަދަ ލަނޑު ދޭ ކަމަށް ބުނެ އޭނާ ބޭނުންވީ އާންމުންނަށް އެވާހަކަ ކިޔައިދޭށެވެ.

"އަހަރެންގެ ބައްޕަ ވަރަށް ގިނަ މީހުންގެ އަތުން ފައިސާ ނަގައިފި އެޕާޓްމަންޓް ދޭނަމޭ ކިޔައިގެން. އެވާހަަކަ ބޭނުންވޭ އާންމުނަށް ކިޔައިދޭން. މިހާރު ވެސް އެތައް ބައިވަރު ބަޔަކަށް އެ ލަނޑުދީފި،" މާލެއަށް ނިސްބަތްވާ އެ ޒުވާނާ ކިޔައިދިނެވެ.

އޭނާ ބުނާ ގޮތުން މިހާރު ވެސް އެތައް ބައިވަރު ބައެއްގެ އަތުން އޭނާގެ ބައްޕަ އެތައް ބައިވަރު ފައިސާ ވަނީ ފޭރިގަންފަ އެވެ. ބައްޕަގެ އަމިއްލަ ގެއެއް މާލޭގައި ހުއްޓަސް އެ ގެ މިހާރު ވެސް ހުރީ ކުއްޔަށް ދީފަ އެވެ. އަދި ގެ ކުއްޔަށް ދޭނެ ކަމަށް ބުނެ ބައްޕަ ހަދަނީ ދޮގު ކަމަށް ވެސް އޭނާ ބުންޏެވެ.

"ގެ އެއްކޮށް އެހުރީ ކުއްޔަށް ދީފައި. އަހަރަމެންނަށް ވެސް އެނގުނީ އަހަރަމެންގެ ރައްޓެހިންތަކެއްގެ އަތުން ވެސް އެގޮތަށް ފައިސާ ފޭރުނީމަ. ވަރަށް ވިސްނައިދީފިން ބައްޕައަށް. އެކަމަކު ގަބޫލެއް ނުކުރި. މިހާރު އުޅޭ ތަނެއް ނޭނގެ، ބޭނުމެއް ނުވޭ ހޯދާކަށް ވެސް، ބޭނުން ވަނީ ރައްޔިތުން އެފަދަ މަކަރަކުން ސަލާމަތް ކުރަން،" އޭނާގެ ބައްޕަގެ ފޮޓޯއެއް ދައްކަމުން އެ ޒުވާނާ ކިޔައިދިނެވެ.

މި އަހަރުގެ މިހާތަނަށް މަކަރާޢީ ހީލަތް ހެދުމުގެ 479 މައްސަލަ

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް "އެމްބެޒުލްމެންޓް" ނުވަތަ މަކަރާއި ހީލަތް ހެދުމުގެ 479 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. މީގެ ތެރޭގައި މަކަރާއި ހީލަތުން އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށް ބުނެ ފައިސާ ހޯދާ މައްސަލަތައް ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ.

އިކޮނަމިކް ކްރައިމް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން އޮފިސަރު ހުސައިން ޟިރާރު ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް މެދާ ހިސާބުންނާއި އަހަރުގެ ފަހުކޮޅު މި ފަދަ މައްސަލަތައް އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ކަންބޮޑުވާ މިންވަރަށް މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާ ކަން ވެސް ފާހަގަ ކުރެވޭ ކަމަށެވެ.

އިކޮނަމިކް ކްރައިމް ޑިޕާޓްމަންޓްގެ އިންވެސްޓިގޭޝަން އޮފިސަރު ހުސައިން ޟިރާރު "ސަން"އަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފައިނޭންޝަލް ކްރައިމް ޔުނިޓްގެ އެކްޓިންގ ހެޑް ޗީފް ސްޓޭޝަން އިންސްޕެކްޓަރު މަރިޔަމް ރަޝީދާ "ސަން" އަށް ވިދާޅުވީ، މިފަދަ މައްސަލަތައް އާންމުކޮށް ފުލުހުންނަށް ހުށަހެޅޭ އިރު ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ގިނަ ބަޔަކަށް ގެއްލުން ލިބިފައި ހުންނަ ކަމަށާއި މައްސަލަ ހުށަހެޅިގެން އެކަން ތަހުގީގު ކުރާއިރު ތުހުމަތު ކުރެވޭ މީހާ އެތައް ބައިވަރު ބައެއްގެ އަތުން ފައިސާ އަތުލާފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށެވެ.

ރަޝީދާ ވިދާޅުވީ، މިފަދަ މައްސަލަތައް ބަލައި، ޒިންމާވާން ޖެހޭ މީހުންނާއި މެދު ފުލުހުން ޖިނާއި ދައުވާ ކުރާކަމަށާއި ނަމަވެސް ގެއްލުން ލިބުނު މީހާއަށް ލިބެން ޖެހޭ ފައިސާ، މަދަނީ ގޮތުން ހޯދަން ޖެހޭތީ ގިނަ ބަޔަކު މިފަދަ މައްސަލަތައް ހުށަހަޅަން ޖެހިލުންވާ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ފައިނޭންޝިއަލް ކްރައިމް ޔުނިޓްގެ އެކްޓިންގ ހެޑް ޗީފް ސްޓޭޝަން އިންސްޕެކްޓާ މަރިޔަމް ރަޝީދާ"ސަން"އަށް އިންޓަވިއު ދެނީ--ސަން ފޮޓޯ/ ފަޔާޒް މޫސާ

"ގިނަ ފަހަރަށް ވިކްޓިމައިޒްވާ މީހާ، ތުހުމަތު ކުރެވޭ މީހާއަށް މިދެނީ ވަރަށް މަސައްކަތުން ހޯދާފައި ހުންނަ ފައިސާކޮޅު. ދެންވާ ގޮތަކީ އެ ފައިސާ މި ހޯދަން ޖެހެނީ މަދަނީ މައްސަލަ އެއްގޮތުގައި ސިވިލް ކޯޓަށް ގޮސްގެން. އެހެންވީމަ ފައިސާ ލިބުން ލަސްވެގެންދާތީ ބައެއް މީހުން ފުލުހުންނަށް ރިޕޯޓް ކުރަނީ ލަހުން ކަން ފާހަގަ ކުރެވޭ،" ރަޝީދާ ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ، ވީހާ ވެސް އަވަހަކަށް ފުލުހުންނަށް އެފަދަ މައްސަލަތައް ރިޕޯޓް ކުރަން ޖެހޭ ކަމަށާއި ސަބަބަކީ އެ މީހާގެ ފަރާތުން އިތުރު ބަޔަކަށް އަނިޔާ ނުލިބޭނެކަން ޔަގީން ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެފަދަ މީހުންގެ މައްސަލަ ބަލައި ތަހުގީގުކޮށް ވީހާ ވެސް އަވަހަކަށް ދައުވާ ކުރަން ފޮނުވަން އެ ސާވިސް އިން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

ކުއްޔަށް ހިފާ ތަނަށް ބަދަލު ނުވެވެނީސް އެޑްވާންސް ނުދީ!

މަކަރު ހަދާނީ ކާކު ކޮން އިރަކުކަމެއް ނޭނގޭނެ އެވެ. ނަމަވެސް "ރައްކާވެ ތިބިއްޔާ ދަތުރެވެ." އެހެންވެ އަބަދުވެސް ރައްކާތެރިވެ ތިބެން ޖެހޭނެ އެވެ. ކެހި ދޭނީ ކާކު ކަމެއް ކޮން ވަގުތަކު ކަމެއް ނޭނގޭނެ އެވެ. މުޅި ދިރިއުޅުން މާލެއަށް ބިނާ ވެގެން އުޅޭއިރު ވަރަށް ހާލުން އެއްކުރާ ފައިސާކޮޅު ވިސްނާނުލައި، ނުދަންނަ މީހަކަށް ދޭއިރު އެމީހާގެ އައިޑިކާޑުގެ ކޮޕީއަކީ ހަމަ އެކަނި އިތުބާރަށް ނުހަދާށެވެ.

އަވަސް އަރުވާލައިގެން އެޕާޓްމަންޓް ހޯދި ނަމަވެސް އެ އެޕާޓްމަންޓަށް ބަދަލު ނުވެވެނީސް އެޑްވާންސް ނުދައްކާށެވެ. މިކަމާ ގުޅޭ ގޮތުން ޟިރާރު ވިދާޅުވީ، ކުއްޔަށް ނަގާތަނާ ބެހޭ އެގްރީމަންޓް ހަދާއިރު އަދި އެ އެއްބަސްވުމުގައި ސޮއިކުރާއިރު ވެސް ތަނުގެ ތަޅުދަނޑިއާއި ތަނާބެހޭ އެންމެހާ ލިޔެކިޔުންތައް ކުއްޔަށްދޭ ފަރާތުގެ އަތުން ހޯދުން މުހިންމު ކަމަށެވެ. އަދި އެ ލިޔުންތައް ނުލިބެނީސް ފައިސާ ނުދިނުމަކީ ވެސް ބުއްދިވެރި ކަމެއްކަމަށް ލިރާރު ވިދާޅުވި އެވެ.

"އެގްރިމަންޓްގައި ސޮއި ކުރާއިރުވެސް ވަރަށް ބޮޑަށް ޔަގީން ކުރަން އެބަޖެހޭ ކުއްޔަށް ހިފާ ތަނުގެ ތަޅުދަނޑި ތިމާއަށް ލިބުން. އަދި ފައިސާއަކީ އެންމެ ފަހުން ކުރާ މުއާމަލާތައް ހަދަން އެބަޖެހޭ،" ޟިރާރު ވިދާޅުވި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކޮނަމިކް ކްރައިމް ޑިޕާޓްމަންޓުން "ސަން" އަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކުއްޔަށްދޭ މީހާއާ މެދު ޝައްކެއް އުފެދޭ ނަމަ ފުލުހުންގެ އެހީތެރިކަން ހޯދާ!

ކުއްޔަށްދޭމީހާގެ އަމަލުތަކުން ޝައްކުވާ ކަންކަން ހުރިނަމަ ފުލުހުންނަށް އެކަން އެންގުމަށް ފުލހުން އިލްތިމާސް ކުރެ އެވެ. އަދި އެ މީހާގެ މައުލޫމާތު ފުލުހުން މެދުވެރިކޮށް ކަޝަވަރު ކުރުމަށް ފަހުގައި ނޫނީ ފައިސާގެ މުއާމަލާތް ނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

"ކުއްޔަށް ދޭ މީހާގެ އަމަލުތައް ހުރި ގޮތުން ޝައްކުވާ ނަމަ ފުލުހުންނަށް ގުޅައިގެން އޭނާއާ ބެހޭ މައުލޫމާތު ކަށަވަރު ކުރުން ވަރަށް މުހިންމު. އެގޮތުން އެމީހާގެ ކްރައިމް ރެކޯޑެއް އޮތްތޯ ބެލުން ވަރަށް މުހިންމު،" އައިއޯ ޟިރާރް ވިދާޅުވި އެވެ.

ޟިރާރު ވިދާޅުވީ، އާންމުން ކުއްޔަށް ތަނެއް ހިފާއިރު އަދި ފައިސާގެ މުއާމަލާތް ކުރާއިރު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި އެގޮތުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ އެގްރިމަންޓް ހަދާއިރު އެ އެގްރިމަންޓްގައި ތިމާގެ ހައްގުތައް ކަށަވަރުވާ ގޮތައް އެގްރިމަންޓް ހެދުން ކަމަށެވެ. އަދި ފައިސާ ދޭއިރު އެކަނި ހުރެ ފައިސާ ނުދިނުމާއި އެގްރިމަންޓް ކުރެވޭ މީހާގެ ފިންގަރ ޕްރިންޓް ފަދަ ތަކެތި ހޯދުމަށް އިސްކަން ދިނުން ހިމެނޭ ކަަމަށެވެ.

މަކަރާއި ހީލަތް ހަދާ ކަމަށް ބުނެ މީސް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއް--

މަކަރާއި ހިލަތް ހެދުމަކީ ބޮޑެތި އަދަބުތަކެއް އެކަމުގައި ލިބޭނެ ކުށެކެވެ. އެގޮތުން އައު ގާނުނުލް އުގޫބާތުން އެފަދަ ކުށްތަކަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާއިރު އެފަދަ ކުށެއް ކުރި މީހާ މަކަރާއި ހީލަތުން ހޯދީ، ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ ނުވަތަ އެ އަދަދަށްވާ މުދާ ނަމަ އަދަބު ދިނުމުގެ އަސާސީ މިންގަނޑަކީ ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލުހުކުމެކެވެ.

comment ކޮމެންޓް