ކައިވެންޏާއެކު މީހުން ފަލަވާ ވާހަކައަކީ ހަގީގަތެއް!

އަލަށް ކައިވެނި ކުރަން ތައްޔާރުވާއިރު ރައްޓެހިންގެ ފަރާތުން އެންމެ ގިނައިން އިވޭނީ "ދިމާ ކުރުމުގެ" ވާހަަކަތަކެވެ. ކައިވެންޏަށް ފަހު ފަލަވާނެ ވާހަކައާއި ދިރިއުޅުމަށް އަންނާނެ ބަދަލުތަކުގެ ވާހަކައެވެ. މިއީ ރައްޓެހިންގެ މެދުގައި މަޖަލަކަށް ދައްކާ ވާހަކައެއް ނަމަވެސް މިއީ ކޮންމެވެސް ވަރެއްގެ ހަގީގަތެއްވެސް އޭގައި އެކުލެވޭ ކަމެކެވެ.

ސައިންޓިސްޓުން ބުނާގޮތުން "ލޯތްބަކީ ކަނުއެއްޗެއް"ގެ އިތުރުން "މީހާ ފަލަ ކޮށްލާ" އެއްޗެއްވެސް މެއެވެ.

އަލަށް ކައިވެނި ކުރާ މީހުން އަހަރެއްގެ ތެރޭ އެވްރެޖްކޮށް ދެ ކިލޯ ބަރުވާކަމަށް ޔުނިވާސިޓީ އޮފް ގްލެސްގޯ ގެ ސީނިއާ ލެކްޗަރާ އިން ނިއުޓްރިޝަންސް ޑރ. ކެތްރީން ހޭންކީ ވިދާޅުވެއެވެ. ސަބަބަކީ ކައިވެންޏަށް ފަހު ކެއުމުގެ އާދައަށް އަންނަ ބަދަލު ކަމަށާއި ދެމަފިރިން އެކުގައި ގިނަ ވަގުތު ގޭތެރޭ ހޭދަކުރާއިރު، ގަޑިން ގަޑިއަށް ކެއުމަށްފަހު ބޭރަށް ނިކުމެ ހިނގައި ހެދުމާއި ހެލިފެލިވެ އުޅުން މަދުވުން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

"ކައިވެންޏަށް ފަހުވެސް ހަށިގަނޑަށް ބަލަން ޖެހޭ. ކެއުން ބަހައްޓަން ޖެހޭނީ ހަށިގަނޑަށް އޭގެ ސަބަބުން އަސަރު ނުކުރާނެ ގޮތަށް. މާ ބޮޑަށް ފަލަވުމަކީ އަމިއްލަ ނަފުސަށް ކުރާ އިތުބާރަށްވެސް އަސަރު ކުރާނެ ކަމެއް، ދެމަފިރިންގެ ގުޅުމަށްވެސް އޭގެ ސަބަބުން އަސަރު ކުރާނެ،" ކެތްރީން ވިދާޅުވެފައިވެއެވެ.

އުފާވެރި ކައިވެންޏެއްގައި އުޅޭ މީހުން "ފަލަވާ ކަމަށް" ވެސް ދިރާސާތަކުން ވަނީ ދައްކައިފައެވެ. 2013 ވަނަ އަހަރު ސަދާން މެތޮޑިސްޓް ޔުނިވާސިޓީ އިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ބުނެފައިވާގޮތުން ކައިވެނީގައި އުފާވެރި މީހުން އެމިހުންގެ ކައިވެނީގެ ފުރަތަމަ ދެއަހަރު ތެރޭ ފަލަވެއެވެ. އަދި ކައިވެނީގައި އުފާވެރި ނޫން މީހުންގެ ހަށިގަނޑަށް މާބޮޑު ބަދަލެއް ނާންނަ ކަމަށްވެސް އެ ދިރާސާގައި ބުނެފައިވެއެވެ.

ކައިވެންޏާއެކު ހަށިގަނޑަށް އަންނަ ބަދަލާ ގުޅޭގޮތުން ދިރާސާއެއް ކުރިއަށް ގެންގޮސްފައިވާއިރު ވަރިއާ ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލާ ގުޅޭގޮތުންވެސް މިހާރު ދިރާސާއެއް ކުރަމުންދާކަމަށް ސަދާން މެތޮޑިސްޓް ޔުނިވާސިޓީ އިން ބުނެއެވެ.

ކައިވެންޏާއި ވަރިއާ ގުޅިގެންވެސް އެންމެ ބޮޑު ބަދަލެއް އަންނަނީ އަންހެނުންނަށް ކަމަށް ދިރާސާތަކުން ދައްކައެވެ.

(އިންޑިޕެންޑެންޓް)

comment ކޮމެންޓް