އަހަރެން ފިކުރާވި އިސްލާމްދީން: އުޖޫރަޔަށް ބަކަރި ހުއިހެއްޕެވި ޝަހެންޝާހު

ބަކަރި ކޮށްޓެއްގެ ތެރެއިން -- ސަން ފައިލް ފޮޓޯ

ތަރުޖަމާ: ޢަބްދުﷲ ފާރޫޤު ޙަސަން

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅަކީ އެންމެ ރީތި އެންމެ ފުރިހަމަ ނަމޫނާއެވެ. އެމާތް ނަބިއްޔާ ތުއްޕުޅުއިރުއްސުރެ އާޚިރަތުގެ ގޮވައްޗަށް ދަތުރުކުރެއްވުމާ ހަމަޔަށްވެސްމެއެވެ. ނަމަވެސް އެހެނިހެން ދީނީ ލީޑަރުންނާއި ޤައުމީ ޒަޢީމުންގެ ހަޔާތްޕުޅުތަކަށް ނަޒަރުހިންގާއިރު އޭގެތެރެއިން ވަރަށްގިނަ ބޭފުޅުން ތަކެއްގެ ޒުވާން އުމުރުފުޅު ފެންނަނީ ނުހަނު ކުށްމަގުތަކެއްގައި ވަރަށް ސިޔާސަކޮށް ހިންގަވައި އުޅުއްވައިފައިވާތީއެވެ. ނަމަވެސް އިސްވެދެންނެވުނު ފަދައިން އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅުގައި ކުޑަވެސް ލަކެއްނެތެވެ. އެއްވެސް ހުތުރެއް އައިބެއްނެތެވެ. ނުހަނު ސާފުތާހިރެވެ. އެމާތް ނަބިއްޔާ ތުއްޕުޅުއިރުގައެވެ. ޒުވާން އުމުރުފުޅުގައިވެސްމެއެވެ. އާދެ، ފެންކޮށިފުޅުން ފެށިގެން ކަށްވަޅުފުޅާ ހަމަޔަށް ލޯފުނާއަޅައި ބެލިކަމުގައިވިޔަސްވެހެވެ.

އިތުރުސާހިބާގެ ޒުވާން އުމުރުފުޅުގައި އެމާތްސާހިބާ ހުންނެވީ ބޮޑުބޭބޭފުޅު އަބޫޠާލިބުގެ ހިޔާވަހިކަމުގެ ދަށުގައެވެ. އަބޫޠާލިބުގެ މާލީހާލުކޮޅު ރަނގަޅެއްނޫނެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހުނަށް އުޖޫރަޔަށް ބަކަރި ހުއިހައްޕަވައި ދެއްވިއެވެ. އަބޫޠާލިބުގެ މައިޝީ ބަރު ލުއިކޮށް ދެއްވުމަށްޓަކައެވެ.

  • މިއަޅާގެ ސާހިބާއެވެ.
  • މާތްﷲގެ ޙަޟުރަތުން މުޅި ދުނިޔެއަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވައިފައިވާ ޤާއިދެވެ.
  • ޙިކުމަތްތެރިކަމާއި، ބުއްދިވެރިކަމާއި، ރޯފިލުމުގެ މަތިވެރި ނިޢުމަތުން ޢަރަބީން މުއްސަނދިކޮށްދެއްވި ސާހިބާއެވެ.
  • ރޯމަނުންގެ ގަދަފަދަ ދައުލަތް ބަލިކޮށްލެއްވި ވެރިޔާއެވެ.
  • ޙިކުމަތާއި މަސައްކަތުގެ ދުނިޔޭގެ ހުރިހާ ޚަޒާނާތަކެއް މުސްލިމުންގެ ފައިތިލަދަށުގައި ފަތުރައިދެއްވި މަތިވެރި ޤާއިދެވެ.
  • ރަސްރަސްކަލުންގެ ވެރި ޝަހެންޝާހެވެ.

ތިޔަ ސާހިބާ ޒުވާން އުމުރުފުޅުގައި މީހުނަށް އުޖޫރަޔަށް ބަކަރި ހުއިހައްޕަވައި ދެއްވީމުއެވެ. އޭރު ތިޔަސާހިބާ އުފުއްލަވައިފައިވާނީ ކިހައިބޮޑެތި މުޞީބާތްތަކަކާއި ތުރާތަކެއްތޯއެވެ. އެކަން ހިތަށް އަރުވައިލިޔަސް އަޅުގަނޑު ފެންކަޅިވެއެވެ. ލޮލުން ކަރުނަ އާދެއެވެ.

އެމަތިވެރި ޚުލުޤުފުޅުގެވެރި ޝަޚްޞިއްޔަތުގެ ޤިޔާދަތު ލިބުނީ މުސްލިމުންނަށެވެ. ޔަޤީނުންވެސް މުސްލިމުންނަކީ ހަހުރަކުރުން އެކަށީގެންވާފަދަ ނަސީބުވެރިބައެކެވެ.

ތިޔަސާހިބާގެ ބަކަރި ހުއިހައްޕަވައިވެސް އުޅުއްވީމުއެވެ. ބާރައަހަރުފުޅުގެ ތުއްޕުޅު އުމުރުފުޅުގައި ބޮޑުބޭބޭފުޅުގެ އަރިހުގައި އަމިއްލަފުޅު ވަޒަނާ ދުރަށް ވިޔަފާރި ދަތުރުކުރައްވައި އުޅުއްވީމުއެވެ.

ތިޔަސާހިބާގެ އާއިލާގެ މެމްބަރުންގެ މުދަލުގެ އިތުރަށް ބަލިކަށި ޟައީފު އަންހެނުންނާއި އެހީއަށް ބޭނުންވެފައިތިބި ނިކަމެތީންގެ މުދާކޮޅުކޮޅުވެސް އެދަތުރުފުޅުތަކުގައި ގެންގޮސްދެއްވީމުއެވެ. އެމީހުންނަށްވެސް ކޮންމެވެސް އާމްދަނީއެއް ހޯއްދަވައިދެއްވުމުގެ ހެޔޮނިޔަތުގައެވެ. ތިޔަސާހިބާ އަބަދުވެސް ނިކަމެތީންނާއި، އެހީތެރިކަން ބޭނުންވެފައިވާ ބަލިކަށި މީހުންނާ މެދު ޚިޔާލުފުޅު ބެހެއްޓެވީމުއެވެ. އަޅުއްވައިލައްވައި އެހީތެރިވެ ވަޑައިގެންދެއްވީމުއެވެ.

"އަހަރެން މިދަނީ ބާޒާރަށެވެ. އެއްޗެއް ގަންނަން ބޭނުންވެފައި އެބައޮތްހެއްޔެވެ؟ އަހަރެން ގަނެގެން ގެނެސްދީފާނަމެވެ."

މިއީ އަވަށްޓެރިންނަށާއި މަޖްބޫރީ ހާލަތުތައް ކުރިމަތިވެފައިތިބޭ ބަލިކަށި މީހުންނަށް ތިޔަސާހިބާ އިސްނަންގަވައި ދެއްވާ ދައުވަތެކެވެ. އެމީހުން އެދޭތަކެތި ބައްލަވައިގަނެގެން ގެނެސްދެއްވީމުއެވެ.

އަނިޔާލިބޭ މީހުންނަށް އެހީވުމަށްޓަކައި ޙިލުފުލްފުޟޫގެ ނަމުގައި މައްކާގައި ޖަމްޢިއްޔާއެއް އުފެއްދިއިރު ތިޔަސާހިބާ އެ ޖަމާޢަތުގައި ބައިވެރިވެވަޑައިގެންނެވީމުއެވެ. އެޖަމްއިއްޔާ އަށް ނުހަނު ބޮޑަށް އެއްބާރުލުން ދެއްވީމުއެވެ.

ތިޔަސާހިބާގެ ޙަޔާތްޕުޅަކީ ތެދުވެރިކަމުގެ ނަމޫނާއެކެވެ. ތިޔަސާހިބާ ދުވަހަކުވެސް ވަޢުދަކާ ޚިލާފުވެވަޑައެއް ނުގަންނަވަމުއެވެ. އެއްފަހަރަކު ދިމާވި ޙާދިޘާއެކެވެ. މީހަކު އިތުރުސާހިބާގެ އަރިހުގައި ދެންނެވިއެވެ. ކަލޭގެފާނު މިތާނގައި މަޑުކުރައްވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ." މާތް ނަބިއްޔާ އެތާނގައި މަޑުކުރެއްވައިގެން ހުންނެވިއެވެ. އެއްދުވަހަކު ދެދުވަހަކު ނޫނެވެ. ތިން ދުވަހުއެވެ.

އިތުރުސާހިބާގެ އަރިހުގައި އެތާނގައި މަޑުކުރައްވަން ދެންނެވި ފަރާތުން އެކަން ހަނދާންނެތުނީއެވެ. ތިންވަނަޔަށްވީ ދުވަހު އިއްތިފާޤުން އޭނާއަށް އެމަގުން ދާންޖެހުނެވެ. މާތްނަބިއްޔާ އެތާނގައި ހުންނަވަނިކޮށް އެނާއަށް ފެނުނެވެ. ނުހަނު ލަދުންހުރެ އޭނާ ދެންނެވިއެވެ. "އޭރުއްސުރެ ކަލޭގެފާނު މިތާނގައި ހުންނެވީތޯއެވެ؟" މާތްﷲ ގެ ނަބިއްޔާ ކުޑަކޮށްވެސް ނުރުހުންވެވަޑައެއް ނުގަންނަވައެވެ. ނުހަނު މަޑުމައިތިރިކަމާއެކު ޖަވާބުދެއްވިއެވެ. "ކަލޭގެފާނު އަޅުގަނޑު ގާތު ވިދާޅުވީ މިތާނގައި މަޑުކުރާން ނޫންތޯއެވެ؟"

މިހިރަ މިހިރަ މަތިވެރި މާތްސިފަފުޅުތަކުގެ ސަބަބުން ތިޔަ ސާހިބާއަށް އަލްއަމީނާއި އައްޞިއްދީޤުގެ ލަޤަބު ލިބިވަޑައިގެންނެވިއެވެ. މީހުން އެނަންފުޅުތަކުން ތިޔަ ސާހިބާއާ މުޚާޠަބުކުރާންފެށިއެވެ.

އައްސައްޔިދާ ޚަދީޖާ ބިންތި ޚުވައިލިދު ރަޟިޔަﷲ ޢަންހާ އެކަމަނާގެ ޙަޔާތްޕުޅު ބައިވެރިޔަކަށް ޚިޔާރުކުރެއްވީ މިދެންނެވި އަރާހުރި މަތިވެރި ސިފަފުޅު ތަކުގެ ވެރި ސާހިބާއެވެ. ޝައްކެއްނެތްގޮތުގައި އެއީ ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ހެޔޮނަސީބުފުޅެވެ.

ޚަދީޖަތުގެފާނު އޭގެކުރީން ވަނީ ހުވަފަތްވެޑައިގަތުމުގެ ހިތާމަފުޅު ދެފަހަރަށް ބަރުދާސްކުރައްވައިފައެވެ. އެކަމަނާ އިތުރުސާހިބާއަށް ވުރެ ފަނަރަ އަހަރު ދޮށިފުޅެވެ. އެކަމަނާގެ ލަޤަބުފުޅަކީ "އައްޠާހިރާ" އެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަދީޖަތުގެފާނާ ކާވެނިބައްލަވައިގެންނެވުމުން މުއްސަނދިފުޅުކަމާއި ތިޔާގިކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ރަޙުމަތުގެ ނަބިއްޔާ ހުރިހާ ސަމާލުކަމެއްދެއްވީ އިންސާނިއްޔަތުގެ އިޞްލާޙަށެވެ. އިންސާނީ ޚިދުމަތަށެވެ.

އާއިލީ ޒިންމާތައް ފުރިހަމަޔަށް އަދާކުރައްވަމުން ދީނަށް ގޮވައިލެއްވުމާއި ދީން ޤާއިމުކުރެއްވުމުގެ މަސައްކަތްޕުޅު ފުރިހަމަޔަށް ހިންގެވިތަން އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި މަތިވެރި ނަބިއްޔާގެ ހަޔާތްޕުޅުންނެވެ.

  • ގޯތަމްބުދު ޚިޔާރުކުރެއްވީ ރުހުބާނިއްޔަތެވެ.
  • ޝަންކަރު އަޗާރިއްޔާ ކާވެންޏެށް ނުކުރައްވައެވެ.
  • މަސީހު ޢަލައިހިއްސަލާމު ހުންނެވީ ހުއްސަރިބައިފުޅަށެވެ.

މަޒްހަބުތަކުގެ ލީޑަރުންގެ ތެރެއިން ގިނަބޭފުޅުންނަކީ (އިންސާނި ފިތުރަތާ ޚިލާފު ބޭފުޅުންނެވެ.) ކާވެނިނުކުރައްވާ ބޭފުޅުންނެވެ. ރުހުބާނިއްޔަތުގެ އަހްލުވެރީންނެވެ. ނަމަވެސް އިސްލާމްދީނުގެ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފެންނަނީ (އިންސާނީ ފިޠުރަތާ އެއްގޮތަށް) އާއިލީޒިންމާތައްވެސް އަދާކުރައްވަމުން ގެންދަވަނިކޮށެވެ. ހަމައެއާއެކު ދީން ޤާއިމުކުރެއްވުމުގެ ހުރިހާ މަސްއޫލިއްޔަތު ތަކެއްވެސް ކޮނޑުފުޅުގައި އެޅުއްވިއެވެ. އެކަން އެންމެ ފުރިހަމަޔަށް އަދާކުރެއްވިއެވެ.

އެންމެ އަނބިކަނބަލެއްގެ މަސްއޫލިއްޔަތެއްނޫނެވެ. އެތައް އަނބިކަނބަލުންނެއްގެ މަސްއޫލިއްޔަތު އުފުއްލެވިއެވެ. ތަފާތު އެތައް މަސްއޫލިއްޔަތެއްގައި ނުހަނު ބުރަކޮށް އުޅުއްވިއިރުވެސް އެމާތްސާހިބާގެ އާއިލީ ދިރިއުޅުއްވުމަކީ ނަމޫނާ ދިރިއުޅުއްވުމެކެވެ. އެމާތްސާހިބާގެ އިޖްތިމާއީ ހަޔާތްޕުޅަކީވެސް ނަމޫނާ ހަޔާތްޕުޅެކެވެ.

ކުރީންވެސް ދެންނެވިފަދައިން (ނަބީކަމުގެ ކުރީން) މީހުން އެމާތް ނަބިއްޔާ އާ މުޚާޠަބުކުރަމުން އައީ އަލްއަމީނާއި އައްސާދިޤުގެ ނަންފުޅުންނެވެ. ނަމަވެސް އެމާތް ނަބިއްޔާ ދީނުގެ ދައުވަތުދެއްވުމުން އެބައިމީހުން ބަދަލުވީ އެންމެ ނުބައި ދުޝްމިނުންކަމުގައެވެ.

ދީންތަކުގެ ތާރީޚުގައި ކިތަކަށް އިންޤިލާބީން ދީނުގެ ދައުވަތު ދެއްވައިފައިވޭތޯއެވެ. ނަމަވެސް އިތުރުސާހިބާ އާ ދެކޮޅުވެރިވެވުނު ވަރަކަށް އެހެނިހެން ދާޢީންނަކާ ދެކޮޅެށް ނެހެދެއެވެ. އެމާތް ނަބިއްޔާގެ ދަޢުވަތުގެ ޚާއްޞަކަމަކީ ކޮބައިބާވައެވެ؟

comment ކޮމެންޓް