ނޭނގި ހިތާ ކުޅެލީ

ލުކުމާން މާވިއްކާ ފިހާރައަކަށް ވަނުމާއިއެކު ލޮލުގައި އަޅައިގަތީ ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެކެވެ. ރަތްލޭކޮޅެއްފަދަ މަލާއި ގަދަފެހިކުލައިގެ ފަތުގެ ސަބަބުން އެ ބުކޭ ފެންނަލެއް ނިކަން ހިތްގައިމެވެ. މީރުވަހެއްވެސް ހިފާލާފައިވެއެވެ. ލުކުމާން އަގު އަހައިލިއެވެ. އެތާ ތިބި ދެ އަންހެންކުދިން ތުއިވޭ ވޭ ތިބެ އެހެން މާތައް ދައްކައިގެން ލުކުމާންއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ލުކުމާން އެކަކަށްވެސް ޝައުގެއްނެތެވެ. އޭނަގެ ޝައުގު ގުޅިފައިވަނީ އެންމެ ކަމަކާއެވެ. މާ ބުކޭއަށް އަގުދައްކާފައި ލުކުމާން ހަރު ހިގުމެއްގައި މިސްރާބުޖެހިއިރު ހިތްވަނީ ތަންކޮޅެއް އަވަސްވެފައެވެ.

ލުކުމާން ސިޓިންރޫމަށް ވަނުމާއިއެކު ހިތަށް ނުބައިގޮތެއްވިއެވެ.

ސަވާނާ ދޮރު ހުޅުވައިލިއިރު ދާދި ކައިރީގައި ލިވިއާ ހުއްޓެވެ. ދެކުދިން ބޭރަށް ދާން ހަމަ ނުކުތްތަނާ އޭނައަށް އާދެވުނީއެވެ.

"ގުޑް އިވްނިން ސަންޝައިން....." ލުކުމާން ހީލާފައި ސަވާނާއަށް ބުކޭ ދިއްކޮށްލައިފިއެވެ. ސަވާނާގެ ދެލޯބޮޑުވެ އަނގަ ހުޅުވުނެވެ. ޝުކުރު އަދާކޮށެއްވެސް ނުލެވުނެވެ. ފުރަތަމަ ފަހަރަށް މިކަހަލަ އިޝްގީ ހަދިޔާއެއް ލިބުނު ވަގުތުކޮޅެވެ. އުފާވެލާފައި އަދި ލިވިއާއަށް ބަލައިލެވުނުއިރު ލިވިއާ ހުރީ ތުން ފިތާލައިގެންނެވެ. ލުކުމާންއަށްވެސް ބަލައިލެވުނީ އޭނަގެ ލޯބިވެރިޔާގެ މޫނަށެވެ. އެމޫނުގައިވި އަސަރުތަކަށެވެ. ސީދާ ހަސަދަވެރިކަމެވެ. ލުކުމާން ހިނި އަންނަގޮތްވިއެވެ. މިކަންތައްތަކާއި ލުކުމާން ގަޔާވާންފެށިއެވެ. ލިވިއާ އަމިއްލައަށް ހޯދައިގަތް ބޮނޑިއެއް ނޫންހެއްޔެވެ؟

"އަހަރެން ވަންނާކަށްވެސް ނުބުނާނަންތަ؟ " ލުކުމާން ހީލަމުން ކޯތާފަތަށް އަޑިކޮޅު އަޅުވައިލިއެވެ.

"ސޮރީ. އަހަރެމެން ހަމަ ބޭރަށް ދާން އުޅެނިކޮށް..." ލިވިއާ ހަމަ ކުއްލިއަކަށް އެބުކޭ އަތުލާފައި އެތެރެއަށް ވަނެވެ. ސޯފާސެޓްގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވާފައި ނުކުތްއިރުވެސް މޫނުމަތިން ނުރުހުމުގެ ކުލަވަރު ފާޅުވާން ހުއްޓެވެ. އޭނަ ސަވާނާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތީ ލުކުމާން އެތާ ހުރިކަމަށްވެސް ހަދާނުލައެވެ. ސަވާނާއާއި އިންނަން އެދުނަސް މިގޮތަށް އަގުބޮޑު މާބޮނޑިތައް ދޭކަށް އޭނަ ބުނި ހަދާނެއްވެސް ނުވިއެވެ. ލިވިއާގެ އެތެރެހަށި ހަސަދައިގެ އަލިފާނުން ފިހި އުތުވިއްޖެއެވެ. ސަވާނާ ލަދުގަންނަގޮތްވިއެވެ. ވާންއުޅޭ ފިރިމީހާއަށް އިހުތިރާމް ކުރަން އޭނަ ޖެހޭނެ ނޫންހެއްޔެވެ؟ ލިވިއާގެ މި އަމަލު ސަވާނާއަކަށް ކަމަކުނުދިޔައެވެ. ނަމަވެސް އޭނައަށް ލުކުމާން ހޯދަދިން މީހަކީ ލިވިއާއެވެ. ލުކުމާންއަކީ ލިވިއާގެ ބޭބެއެކެވެ. އެދޭތެރޭގައި އޭނައަށް ނޭގި އަދި ނުރުހުމެއް ހިގާފައިވިޔަސް އެކަމާއި އޭނަ އެއްޗެކޭ ބުނާކަށް ނުޖެހެއެވެ. އޭނަމިވަނީ ލިވިއާއަށް ދަރަނިވެރިވެފައެވެ.

"މިދަނީ މޯލަށް....ޔޫ ކެން ކަމް ވިތް އަސް..." ސަވާނާ ދައުވަތު ދިނެވެ.

"ނޯ ތޭންކްސް. އަހަރެންވެސް މުހިއްމުކަމެއް އެބައޮތް. އެންޖޯއި ދެކުދިން. ބާއި..." ލުކުމާން ފުންނޭވައެއް ދޫކޮށްލަމުން މާނަވީގޮތަކަށް ހީލައިފިއެވެ. ވީއިރު ލިވިއާއަށް އަދި ފަހުން ކިހާވަރެއް ވާނެހެއްޔެވެ؟ އޭނަގެ ހިތުގައިވާ އެއްޗެއް އެނގޭނަމަ ލިވިއާގެ ހިތުގައި ހަސަދަވެރިކަމަށް އެއްވެސް ކަހަލަ ޖާގައެއް ނޯންނާނެއެވެ. އޭނަގެ ހިތުގައިވާ ބަދަލުހިފުމުގެ އަލިފާން ނިވެންދެން އެހިތުގައިވާ އެއްވެސް ސިއްރެއް ހާމަކުރެވޭކަށް ނެތެވެ. އެހެން އެއްވެސް މީހެއްގެ ނުފޫޒު ފޯރުވާކަށް އޭނަ ނޭދެއެވެ. ވަށައިގެންވާ އެންމެން އޭނައަށް ފެންނަނީ ދުޝްމަނުންގެ ގޮތުގައެވެ.

"ހޭއި ވަން މިނިޓް ސަވާނާ..." ލުކުމާން ކުޑަކޮށް ދުވެލާފައި ގޮސް ސަވާނާމެން ގެ ކުރިމައްޗަށް ހުއްޓުނެވެ.

"އަހަންނަކީ ޕީއޭކަމުގައި ބުނެފައި އޮތީމަ ހިތަށް އަރަނީ މިހާރުއްސުރެ މަސައްކަތް ފަށަންވީއޭ. މާދަން އޮފީހަށް ދަންތަ؟ " ލުކުމާން އަމިއްލައަށް އިސްވެ ވަޒީފާއަށްދާން ހުށަހެޅިއެވެ.

"ޔެސް އޮފްކޯސް......." ސަވާނާ ހީލިއެވެ.

"ބުނަން ލޫކް. ނަންނި ކައިވެންޏަށް ރެޑީވާން ޗުއްޓީއެއް ބޭނުންވާނެއްނު. ކައިވެންޏަށްފަހު ޖޮއިން ކުރަން މަޑުކޮށްލައިފިއްޔާ ކިތަންމެހާވެސް ރަގަޅު........"ލިވިއާ ހަށަން ބަދެލިއެވެ. އޭނަ އަދިވެސް ބޭނުންވާގޮތަށް ލުކުމާންގެ ދިރިއުޅުމުގެ ހުރިހާކަމެއް ދާންވަނީކަހަލައެވެ.

"ކައިވެނިކުރިއޭ ކިޔާފައި ޗުއްޓީ ނަގާނީ ފުދިގެން އުޅޭމީހުން.މިއުޅެނީ އަހަރެންގެ ލައިފް ބިލްޑްކުރަން. ސޯ ޕްލީޒް ކީޕް ޔޯ އޮޕީނިއަން ޓު ޔޯސެލްފް. އަހަރެން ބޭނުމެއްނޫން އެންމެ މިނިޓެއްވެސް ބޭކާރުގޮތުގައި ދުއްވާލަން. ޝޮޕިންކޮށް މަޖާކޮށް އުޅޭވަރަށްވުރެ އަހަރެން ކުރަންވީ މަސައްކަތް ގިނަ. އޯކޭ؟ "ލުކުމާން ހީލުމަކާއިއެކު އެއްބުމަ އަރުވައިލިއެވެ. ލިވިއާ ދެލޯބޮޑުކޮށްލައިގެން ބަލަން ހުއްޓެވެ.

"ލޫކް ބޭނުންގޮތެއް....." ލިވިއާ ހަތިޔާރު ބެހެއްޓިއެވެ.

"އަހަރެން މިހުރިހާ ކަމެއް މިކުރަނީ ލިވީއަށްޓަކާ. ލިވީގެ ޑްރީމްސްތައް ހަމައެކަނި އެނދުގައި އޮވެގެން ބަލާ އެއްޗަކަށް ނުވުމަށް އެދޭތީ. އެންމެފަހުން ލިވީ ޝުކުރުވެރިވާނެ. އެކަމަކު ކުޑަހިތްވަރެއްކޮށްލާ. ކެތްތެރިވޭ. ޓްރަސްޓްމީ. ޔޫ ވިލް ފައިންޑް ހެޕިނެސް.........ޔޫ ވޯންޓް ރިގްރެޓް." ލުކުމާންގެ ދެލޮލުގައި ވި މެސެޖެއް އެހެން މީހަކަށް ނޭގުނެވެ. އެހިމޭން ބަސްމޮށުން ދޭހަވާވަރަށްވުރެ ލިވިއާވަނީ މުއްސަދިކަމަށް ގޮސް ހުސްވެފައެވެ. ތެދުވެރި ލޯބިވެރިޔާއަށްވުރެ ފައިސާ އޭނައަށް މުހިއްމެވެ.

ސަވާނާ މިއަދު އޮފީހަށްދާން ތައްޔާރުވީއިރު ތަންކޮޅެއް ގިނައިރު ނެގިއެވެ. އެތެރެއިން ހެދުމެއްލާފައި ކަޅުކުލައިގެ ސޫޓެއްލުމަށްފަހު އިސްތަށިގަނޑުވެސް ތަންކޮޅެއް ސްޓައިލްކޮށްލިއެވެ. މިއިން ދުވަހެއްގައި އަނދުން ނޭޅިކަމުގައިވިޔަސް އަނދުނުން ދެލޯ ފަވައިލެވުނެވެ. އަގުބޮޑު ސެންޓެއް ޖަހައިލުމަށްފަހު އަމިއްލަ ނަފުސަށް ހީލިއެވެ. ނުކުމެވުނީ މަންމަ ކުރިމައްޗަށެވެ.

"ސަވާނާ ކޮންދުވަހަކު ބުރުގާ އަޅަނީ. ދެމިގެންދާ ފަދަ ފާފައެއް ކުރާކަށް ނުވާނެ. ތިމާގެ ފިރިމީހާއަށް ނޫނީ ޒީނަތްތެރިކަން ދެއްކުމުން ފިތުނަތައް ގިނަވުން ނޫންކަމެއް ނުވާނެ. ސަވާނާ މީހަކާއި އިންނަން އުޅޭއިރު އޭނަވެސް މާ އުފާވާނެ ބުރުގާ އެޅީމަ........" ނަބީލާ އާދޭސްކޮށްކޮށް އަދިވެސް ސަވާނާ ބުރުގާ އަޅާކަށް އެއްބަހެއްނުވެއެވެ. ގޭގައި ހުންނައިރު އަދި އުޅޭލެއް ޅަކަމުން ނަބީލާ އެކަން ރަގަޅުކުރަން މަސައްކަތްކުރެއެވެ. އަދިވެސް ބުނެ ބުނެ ނަމާދުވެސް ގަވާއިދުން ކުރާކަމެއް ނޭގެއެވެ. ކެއުމުގެ ވަކި ގަވައިދެއް ނުހުރެއެވެ. ނިދުންވެސް އެފަދައެވެ.

"ހީޒް ނޮޓް ދެޓް ޓައިޕް. ނުބުނޭ ވަކިގޮތަކަށް ޑްރެސްކުރާކަށް.........."

"ސައި ބޮއިގެން ދައްޗޭ." ނަބީލާ މާޔޫސީގޮތަކަށް ބުނެލިއެވެ. ސަވާނާ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް ޒުވާބުކޮށް އޭނަ ބުނާ ކަންތައްތަކަސް ފާޑުކިޔާއުޅެއެވެ. ސަވާނާގެ ކައިވެނިކުރަން އުޅޭ ޒުވާނާއާއި ބައްދަލުވިޔަސް އެއީ ކޮންކަހަލަ މީހެއްކަމެއްވެސް އެނގިފައެއްނުވެއެވެ. އިމާދުއްދީން ބުނީ ޝޭޚެއްގެ ދަރިއެއްކަމަށެވެ. ދީނީ މީހެއްކަމުގައެވެ. ނަބީލާއަށް ލުކުމާންގެ ގައިން އެބުނާ ދީނީ ސިފައެއް ފެނިފައެއްނުވެއެވެ. އެންމެ ކުޑަވެގެން ސަލާމް ގޮވާލީއެއްވެސް ނޫނެވެ.

ސަވާނާއާއި އެކީގައި އެއްތާކު އެ ޒުވާނާ މަސައްކަތްކުރުމާއިމެދު ވެސް ނަބީލާ ދެކޮޅެވެ. އޮފީހުގެ ޕީއޭއަކަށް ހިލޭ ފިރިހެނަކު ހުރެގެން ނުވެސް ވާނެ ނޫންހެއްޔެވެ؟ އެހެން އުޅޭތީ އޭނަ ކުށްވެރިކުރަނީ އިމާދުއްދީންއެވެ. ފަރަންޖީންގެ އުޅުން ސަވާނާގެ ގައިގާ ހަރުލެއްވީ ހަމަ އިމާދުއްދީންއެވެ. އެކަން ހުއްޓުވަންވެގެން ކިތަންމެ ނަސޭހަތްދިނަސް ސަވާނަގެ ކަންފަތުގައި ހަރުލާނެގޮތެއްނެތެވެ. ފާރާއި ވާހަކަދެއްކުމެކޭ އެއްވަރެވެ. ޅަގޮތްގަނޑުވެސް އެހާ ބޮޑެވެ. ދެން ހުރީ އިމާދުއްދީންއެވެ. އިމާދުއްދީންގެ އުޅުން އިސްލާހުވީކަމަށް ހީކުރެވުނީ އޮޅުމަކުންނެވެ. އޭނައާއި ކައިވެނިކުރުމަށްފަހުވެސް އިމާދުއްދީންގެ ކަށީގައި ހިފާފައި ހުރި ނުބައި އާދަ ނުހުއްޓޭ ބާވައޭ ހިތަށް އަރާ އެކަމާއި ފިކުރުބޮޑުވެފައިވެއެވެ. ގިނަރޭރޭ ނިދަން އަންނަނީ ބާރަޖަހާފަހުންނެވެ. ބައެއްރޭ ރިޒޯޓްގައެވެ.

ސަވާނާގެ ކައިވެނީގެ ވާހަކަ އާއިލާ ތެރޭގައި ދެކެވެން ފެށިއިރު ސަވާނާގެ ޕީއޭގެ ގޮތުގައި ލުކުމާން މަސައްކަތްކުރަންފެށިއެވެ. ޕީއޭގެ ނަން އޮތަސް ސަވާނާގެ މަސައްކަތްތައްވެސް ގިނަފަހަރު ކުރަން އޭނަ އަމިއްލައަށް އަތުލައެވެ. ލުކުމާން މަސައްކަތަށް ޝައުގުވެރިކަމާއި އެތަން ކުރިއެރުމަށް މަސައްކަތްކުރާވަރު ފެނިފާ ސަވާނާގެ އިތުބާރު އެއްކޮށް އޭނަ އަތުލިއެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ލޯބިވެރިޔާއަށް ވުމާއިއެކު ލުކުމާންގެ ފަރާތުން ފެންނަނީ އެހާ ރީތި ސިފަތަކެވެ. އެންމެ އުނިކަމެއްވެސް ނުފެނެއެވެ. ތަނުގެ ހުރިހާ ސްޓާފުން އޭނައާއިހެދި މޮޔަވާވަރުވިއެވެ. އޮފީހުގެ މަސައްކަތާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭގުނަސް ކަންތައް ދަސްކުރަން އުޅެފިއްޔާ މާ އުދަގުލެއްނެތި އެކަމެއް ވާނެއެވެ. ލުކުމާންގެ އެއްވެސް ތަޖުރިބާއެއް ނެތަސް އޭނަ ފައިލްތައް ބަލާ ކޮމްޕިއުޓަރުގައިވާ އެކި މައުލޫމާތުތައް ހޯދާ ކުންފުނި ހިނގާގޮތް ނިކަން ރަގަޅަށް އޮޅުން ފިލުވިއެވެ. ސިއްރު ފައިލްތަކާއި ހަމަޔަށް ވާސިލުވެވެން އަދި ދުވަސްކޮޅެއްނަގާނެއެވެ.

ޓެރެސްގެ ހިޔާކޮށްފައިވާ ބައިން ބޯކޮށް ވާރޭވެހޭ މަންޒަރު ބިއްލޫރިގަނޑުން ފެންނަނީ ނިކަން ހިތްގައިމުކޮށެވެ. ތޫފާނެއް އައިސްގެން އުޅޭފަދައެވެ. ސަވާނާ ސޯފާގެ ލެނގޭބައި މައްޗަށް ދެފައި އަރުވާލައިގެން އޮތްއިރު އިސްތަށިގަނޑު އޮތީ ދޫލަމަތީގައި ކޭއްތިއެވެ. ލިވިއާ އިނީ އެއްފައި މައްޗަށް އަނެއްފައި ލައިގެން އިށީދެލައިގެންނެވެ. ސަވާނާގެ އުޅުން ލިވިއާއަށް އެއްގޮތަކަށްވެސް ކަމަކުނުދެއެވެ. ފިރިހެންކުއްޖެއްވެސް މިހެނެއް ނޫޅޭނެއެވެ. އެހެން އޮތްއިރު އަދި އަނގައިގާ ލޮލީޕޮޕެކެވެ. ލިވިއާ ހޫނު ކޮފީތަށްޓަކަށް އިންސާފުކުރަމުންދާއިރު ދެމީހުންވެސް ދައްކަމުން ދިޔައީ ސަވާނާގެ ކައިވެންޏާއި ބެހޭގޮތުންނެވެ. ލިވިއާ ބުނަނީ ކޮންމެހެންވެސް ހަނީމޫންގައި ދާންވާނެ ކަމުގައެވެ. އޭނަވެސް ގެންދަންވާނެ ނޫންހެއްޔޭ ސަމާސާއަކަށް ބުނެލިއެވެ. ލިވިއާ ބުނީ ޕެރިސް ރޮމެންޓިކްވާނެކަމުގައެވެ. ސަވާނާ ބުނީ ދަގަނޑު ޓަވަރަކަށް އެންމެން ހިތް ޖެހުނަސް އޭނައަށް ޕެރިސް ކަމުނުދާކަމުގައެވެ.

ކުއްލިއަކަށް މީހެއްގެ ހިލަންވުމާއިއެކު ލުކުމާން ސިޑިން އެރިތަން ފެނިފާ ލިވިއާ ފަރިގޮތަކަށް ހީލިއެވެ. ލުކުމާން ހުރީ ކޮންމެވެސް ވަރަކަށް ވާރެއާއި ތެމިގެންނެވެ. އިސްތަށިގަނޑުގަޔާއި އެ އޮމާން ބްރޯންޒް ހަމުގައި ފެންތިކިތައް ހަރުލާފައިވާއިރު ފިލްމެއްގެ އިޝްތިހާރުން ފެންނަ މޮޑެލްއަކާއި ތަފާތެއްނެތެވެ. އެ ދެލޮލަށް ބަލާލައިފި އަންހެންކުއްޖެއްގެ ހިތް އެ ޚަންޖަރެއްފަދަ ތޫނު ދެލޮލުން ޒަޚަމްކޮށްލާނެއެވެ. ސަވާނާ އޮތީ ހިރިލާންވެސް ނުކެރިފައެވެ. އެހެންއޮތްވާ އަދި ލުކުމާން އައިގޮތަށް އޭނައާއި ލިވިއާ އާ ދޭތެރޭގައި ހުރި ޖާގައިގާ ބޭންދި ބޮޑު ޓެޑީ ފެނުމުން އެއީ ކީއްކުރަން ގެނައި އެއްޗެއްބާވައޭ ހިތަށް އެރިއެވެ.

"ސަވާނާ މަތިން ހަދާންވޭ މިކަހަލަ އެއްޗެހި ފެނުނީމަ..." ލުކުމާން އެއްލޯ މަރާލާފައި އަދި ސަވާނާގެ އަނގަޔަށް ޖަހާފައި ހުރި ލޮލިޕޮޕްގެ ދަނޑިކޮޅުގައި ހިފާފައި ދަމާލަމުން އެކޮޅުކޮޅުން އޮވެ މެޓާކާ ކުއްޖަކު މީހަކާއި އިންނަވަރަށް ބޮޑުވެއްޖެކަމަށް ގަބޫލުނުކުރާކަމަށް ބުނެލިއެވެ. ލިވިއާއަށް ލުކުމާން އެކުރި ސަމާސާ އެއްގޮތަކަށްވެސް ކަމަކުނުދިޔައެވެ. ސަވާނާއާއި ވާހަކަދައްކަނީ މާ ގާތްކޮށެވެ. އެތައް ދުވަކުއްސުރެ ދެނެ ފަރިތަ ރައްޓެއްސެއްފަދައިންނެވެ. އެހާ ޅަކޮށްފައެވެ. ސަވާނާ ލުކުމާން ފެނުމުން "ތުއި" ވާކަމަށް ލިވިއާ ވަނީ ފާހަގަކޮށްފައެވެ. މިއީ ކުރިން ސަވާނާގެ ފަރާތުން އޭނަދެކެފައިވާ ސިފައެއް ނޫނެވެ. ސަވާނާ ލުކުމާންއާއި ހިތާވީ ބާވައޭ ހިތަށް އަރާފައިވެސް އެއީ މުސްތަހީލުކަމެއްކަމަށް ހިތަށް އެރުވިއެވެ. ސަވާނާ ހުވާކޮށްފައި ވަނީ އޭނަގެ ހިތަށް އަސަރުކުރާނެ ފިރިހެނެއް އަދި ދުނިޔެއަށް އުފަންނުވާނެ ކަމުގައެވެ. ދެން ހުރީ ލުކުމާންއެވެ. އޭނައަކީ ހުޅުކޮޅެވެ. ލުކުމާންއަކީ ޕަރުވާނާއެވެ. އެކަން ބަދަލެއްނުވާނެއެވެ.

"އަދި އެންމެ ސްޕެޝަލް ހަދިޔާ އޮތީއޭ....." ލުކުމާން ދާން އެނބުރިލުމާއިއެކު ސަވާނާ ފުންމައިގެން ތެދުވުނުގޮތަށް ބެއައާއި ބައްދާލަން އުޅުނުއިރު ލިވިއާވެސް އެއަށް ދަމާލަނީއެވެ. ދެމީހުންވެސް ލުކުމާންގެ އެ ހަދިޔާ ބޭނުންވެގެން އުޅުނުހެން ހީވިއެވެ. އޭނައާއި އެ ބެއާއެކޭ ހުރީ ކޮންތަފާތެއްހެއްޔެވެ؟

"ދެމީހުން ޝެއާ ކުރަން ދަސްކޮށްބަލަ......." ލުކުމާން ހީލީ ލާނެތްކޮށެވެ. ސިޑިން ފޭބިތާ އިރުކޮޅެއްނުވަނީސް ލުކުމާން ގެނެސް ބިންމަތީގައި ބޭއްވި ހުދުކުލައިގެ ސްނޯކޮޅެއްފަދަ ޕާޝިއަން ބުޅާ ފެނިފައި ލިވިއާ ހޭވެރިކަންވެސް ފިލާދިޔައެވެ. ކަންފަތް ބައްވާފަދަ އަޑަކުން ހަޅޭއްލަވައިގަނެފާ އޭނަ ފުންމައިގެންއެރީ ލުކުމާންގެ އުރަށެވެ.

"އޯ މައިގޯޑް....ޔެސް......." ސަވާނާ ގުދުވެފާ އެ ބުޅާނަގާ މޭގައި ފިތާލަމުން މޫނުގައި ޖައްސައިލީ ނިކަން ލޯބިންނެވެ. އޭނަ އެންމެ ބޭނުންވާ ހަދިޔާ ލުކުމާންއަށް އެނގުނީ ކިހިނެއްތޯ އެ ދެލޯ ސުވާލުކުރާފަދައެވެ. ލުކުމާންއަށް ސަވާނާއާއި ހަތަރުކަޅި ހަމަކޮށްލެވުނުއިރު އެއްކަމެއް ފާހަގަވިއެވެ. ސަވާނާއާއި ބުޅަލުގެ އެއްގޮތް ސިފައަކީ މައުސޫމްކަމެވެ. ސަވާނާގެ ސާފު ދެލޮލުން ފެންނަން ހުރި މައުސޫމްކަމާއި ޅަކަން ހާމަވާން ހުރީ ޝައްކެއްވެސް ނުވާ ވަރަށެވެ.

"ލުކްސް ލައިކް ޔޫ......" ލުކުމާން ސަމާސާކޮށްލިއެވެ. ކޮންމެވެސް ކަހަލަ ހަދާނެއް މަޑިކިލަބުގައި ފިޔަޖަހައިލިހެން ހީވިއެވެ. ލުކުމާން އެ ޚިޔާލުތައް ސިކުނޑިން ނެރެއެއްލާލަން މަސައްކަތްކުރިއެވެ. ލުކުމާން އެމަންޒަރު ފޯނަށް ނެގީ ސަވާނާއަށްވެސް އަންގާލުމެއްނެތި ފޯނަކަށް ޖަވާބު ދޭން އުޅުނުކަމަށް ހަދާފައެވެ.

"ކަމޯން ލިވީ. އެއީ ޓައިގަރއެއްނޫން. ކިޓެންއެއް. ބިންމަތީގައި ފައި ޖައްސަބަލަ. އޭތި ނޫޅޭ ލިވީ ކާލާކަށް. އަދި ކާލިޔަސް އެންމެ ކުރިން ސަވާނާ އާއި އަހަރެން ކާލާފައެއްނު ލިވީއާއި ހަމަޔަށް އާދެވޭނީ. ސޯ ހަމަޖެހިބަލަ............" ލުކުމާން ލިވިއާގެ މޫނަށް ބަލައިލީ ނިކަން ލޯބިންނެވެ. ލިވިއާ ބިރުން އުޅޭވަރު ފެނި މަޖާވެފައެވެ. ނަބީލާއަށްވެސް އެހިސާބަށް ދުވެފައި އާދެވުނީ އަންހެންކުއްޖެއްގެ ހަޅޭކުގެ އަޑަށެވެ. އޭރު ފެނުނީ ލަދުވެތި ނުރުހެވޭ މަންޒަރެކެވެ. މި ޒަމާނުގެ ލޯބިވެރިންނަށް އެއީ އާދައިގެ ކަންތައްތައްކަމުގައި ވިޔަސް ނަބީލާއަށް އެކަމާއި ނުރުހެވުނެވެ. އެންމެ އަޖައިބުވީ އަދި ސަވާނާ އިންނަން އުޅޭ ޒުވާނާގެ ގައިގާ އެހެން އަންހެނަކު އައްޓަމަހެއްހެން ތަތްލަވައިގެން އޮތީމައެވެ. އެ އަންހެންކުއްޖާ އުޅޭގޮތުންވެސް ނަބީލާގެ ހިތް ހަމައެއްނުޖެހެއެވެ. އެފަދަ އެކުވެރިން ގެންގުޅުމުން ސަވާނާ ގެއްލި ހަލާކުވާނީ ނޫންހެއްޔެވެ؟

"ދަރިފުޅާ ކުޑަކުއްޖެއް ނޫނެއްނު ތިހާ ބާރަށް ހަޅޭއްލަވަންވީ؟ " ނަބީލާއަށް އަހައިލެވުނީ ތަންކޮޅެއް ރުޅިވެރި ރާގަކަށެވެ. އެއީ އޭނަގެ ހުންނަ އޯގާތެރިކަމާއި ނިޔަނެތިކަމާއި އަރައިރުންވާ ސިފައެކެވެ. އަމިއްލަ ނަފުސަށްވެސް ހައިރާންކަމެއް ލިބުނެވެ. މިހާ ހަރުކަށިކަން އޭނަ ޚިޔާރުކުރަންވީ ސަބަބެއްނެތެވެ. އެތާތިބީ ހިލޭމީހުންނެއްވެސް ނޫނެވެ. ސަވާނާގެ ފިރިމީހާއާއި ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ. ސަވާނާގެ އެންމެ ގާތްއެކުވެރިޔާއެވެ. ނަމަވެސް މިފެނުނީ ނަބީލާގެ ލޮލަށް އުދަގޫ ކުރުވި ކަމެކެވެ. އޭނައަށް އަދިވެސް ލުކުމާންގެ ހަގީގަތެއްނޭގެއެވެ. މިއީ އޭނަގެ ދަރިފުޅަށް އެންމެ ރަގަޅު ބައިވެރިޔާ ކަމާއިމެދު ޔަގީނެއްނޫނެވެ. ކުރެވިފައިވާ ހިތި ތަޖުރިބާ އަމިއްލަ ދަރިފުޅު ކުރާކަށް ނަބީލާ ނޭދެއެވެ. ވަފާތެރި ތެދުވެރި ބައިވެރިޔަކު ނުހޯދިއްޖެއްޔާ އުމުރަށް ހިތާމަކުރަންޖެހޭނެއެވެ. އޭނަފަދައިންނެވެ. ދެލޮލުން ކަރުނަ ނުހިކޭ އެންމެ ދުވަހެއްވެސް ނުދާނެއެވެ.

"ބުޅާގަނޑު ފެނުނީމަ އަޅުގަނޑު ސިހުނީ. އައެމް އެލާޖިކް ޓު ކެޓްސް......." ލިވިއާ އަވަހަށް ލުކުމާންގެ އަތުތެރެއިން ނުކުމެ ހީލައިފިއެވެ.

"އޯކޭ ލިވީ ޗިލް. އައިލް ޓޭކް ހާ ޓު މައި ރޫމް. އެބައަންނަން އިނގޭ ކޮފީ އެއް ބޮއިގެން ދާންވާނީ...........ތެންކިއު..." ސަވާނާ ލުކުމާންއަށް ހިނިތުންވުމެއް ދީފައި އެތަނުން ދާން ހިގައިގަތީ ބެއާވެސް ނަގައިގެންނެވެ. ނަބީލާހުރީ ހައިރާންވެ އަންތަރީސްވެފައެވެ. ބުދުތަކާއި އެއްޗެހި ގެންގުޅުން ހުއްދަނޫންކަން ސަވާނާއަށް ނޭގެނީހެއްޔެވެ؟ ސަވާނާގެ އުމުރުން އެކާވީސް އަހަރުވިޔަސް ބާރައަހަރުގެ ކުއްޖެކޭ ތަފާތެއްނެތެވެ. އެކަމަކު އިސްކޮޅުން ދިގު ބޮޑު މާސިންގާ ފިރިހެނަކާއި އިންނަން ސަވާނާ އުޅެގަތީ ކޮންސަބަބާހެދިއޭ ހިތަށް އެރިއެވެ. ޔަގީނެވެ. ލުކުމާން ސަވާނާގެ ބޮލަށް އެރިގަތީއެވެ. ހައްލައިލީއެވެ. ސަވާނާ އެންމެ ބޭނުންވާ އެއްޗެހި ގެނެސްދިނުމުން އެކަހަލަ މޮޔަކުދިން ހެއްލޭނެއެވެ. ކުޑަކުދިން މެޓާ ދިނީމަ ހެއްލޭކަހަލަ ގޮތަކަށެވެ. އޭނަގެ ސަވާނާގެ ޅަކަމުގެ ފައިދާ އެހެން މީހުން ނެގިޔަ ނުދިނުމަކީ މަންމައެއްގެ ގޮތުން އޭނަގެ ވާޖިބެކެވެ. މަންމަ ދަރިން ދުނިޔެއަށް ގެނެސްފާ އެ ޒިންމާއިން ރެކިގަތުމަކީ ދަރިންނަށް ދެވޭ އެންމެ ބޮޑު އަނިޔާއެވެ.

ފަސްމިނިޓްނުވަނީސް ސަވާނާ ދުވެފައި އައީ ކޮފީ ތަބައް ހިފައިގެންނެވެ. އޭރު މަންމައާއި ލުކުމާން އަދި ލިވިއާވެސް ސޯފާތަކުގައި އިށީދެލައިގެން ތިއްބެވެ. އެންމެންގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ލިވިއާ އިނީ ފޫހިވެފައި ފޯނާއި ކުޅެކުޅެއެވެ. ސަވާނާ ލުކުމާންގެ ކުރިމަތީގައި ތަބައް ބެހެއްޓުމުން ލުކުމާން ކޮފީތަށި ތުނބުގައި ޖެހިއެވެ. އެއާއިއެކު އޯކަށްދަމާގޮތް ވީނަމަވެސް އޭނަ ދެނެހުރިކަމަށް ހަދާނުލާ ކޮފީތަށި ބޮމުން ދިޔައެވެ.

"ސަވާނާ ގަސްތުގައި ހަކުރުގެ ބަދަލުގައި ލޮނު އެޅީކަން ޔަގީން. ހާދަހާ ސިޔާސަ އަންހެންކުއްޖެކޭ........." ލުކުމާން ހިތާހިތުން ކިޔައިލިއެވެ.

"މީރުތަ؟ " ސަވާނާއަށް ނުހުރެވިގެން އަހައިލިއެވެ.

"ތަންކޮޅެއް ފޮނިގަދަ.........ލަވް އިޓް. ސަވާނާ ވަރަށް މޮޅު ކޮފީހަދަން..............." ލުކުމާން ހީލަމުން އަނގަޔަށް ހަދައިލިގޮތުން ޚުދު ސަވާނާވެސް އޮޅޭގޮތްވިއެވެ. އޭނައަށް ލޮނުގެ ބަދަލުގައި ހަކުރު އެޅުނީކަމަށްވެސް ވެދާނެއެވެ. ފޮނިގަދައޭ އެބުނީވެސް އެހެންވީމައެވެ. ލުކުމާންއަށް ލަނޑެއް ނުދެވުނެވެ. މުޅިން ސަކަރާތްވީއެވެ. ނަބީލާ އިރުކޮޅެއްވާންދެން އެކި ވާހަކަދައްކަން އިނުމަށްފަހު ގެއަށް ވަނުމުން ލުކުމާން ސަވާނާ ކައިރީ ރޭގަނޑު ކެއުމަކަށް އޭނައާއިއެކު ދާން ދައުވަތު ދިނެވެ. ސަވާނާ ހީލާފައި ގަބޫލުކުރިއެވެ. ލުކުމާން ބަލައިލާ ކޮންމެ ވަގުތަކު އޭނަގެ ހިތް ބާރުބާރަށް ތެޅިގަންނަގޮތުން އަޑުބޭރަށް ނީވޭނެބާވައޭ ސަވާނާގެ ހިތަށް އެރިއެވެ. އޭނައަށް ލުކުމާން މިކުރާ ވަރުން ހައިރާންވެއެވެ. ބައެއްފަހަރު މުޅިގައިން ހީބިހި ނަގައިލައެވެ. ހަތަރެސްފައި ފިނިވެލައެވެ. ބަނޑުގައި ކުދި ކޮކާތައްފިޔަޖާހެން ހީވާފަހަރުވެސް އާދެއެވެ. ހިތުގެ ވިންދު އަވަސްވާވަރު ހެވީ ނުދެއްކިއްޔާއެވެ. ދެލޯ މަރައިލިޔަސް ނިދިޔަސް ފެންނަނީ ލުކުމާންއެވެ. އެނޫން ޚިޔާލެއް ނުކުރެވެއެވެ. ވާހަކަތަކުގައި އެބުނާ ހުރިހާކަމެއްވިޔަސް މިއީ ލޯބިކަމަށް ސަވާނާއަކަށް ގަބޫލެއްނުކުރެވެއެވެ. ލޯތްބަކީ އަދި މިއެއް ނޫނެވެ. އޭނަ ލުކުމާންދެކެ ލޯތްބެއް ނުވެއެވެ. ސަވާނާ ހިތަށް ވިސްނައިދިނެވެ.

ލުކުމާން ވެސް އޭނަދެކެ ލޯތްބެއް ނުވޭ ނޫންހެއްޔެވެ؟

ނަބީލާ ފަތިސް ނަމާދަށް ގޮވަންވެގެން ސަވާނާގެ ކޮޓަރިއާއި ހަމަވެފައި ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރިކަން އެނގުމުން ވަންއިރު ކޮޓަރިތެރޭވަނީ އުއްބައްތިއެއްގެ ފަނޑު އައްޔެވެ. އުއްބައްތި ދިއްލައިގެން ނިދުމަކީ ގޯސް އާދައެއްކަން ސަވާނާއަށް ނޭގޭހެއްޔެވެ؟ ސަވާނާ ރަޖާދަށުގައި ފޮރުވިގެން އޮތްތަން ފެނިފާ ބަލައިލެވުމާއިއެކު ނަބީލާގެ ހިތުގެ ހިނގުންވެސް ހުއްޓުނެވެ. ސަވާނާ ކައިރި ނިދާފައި އެއޮތީ ކާކުހެއްޔެވެ؟

"ލުކުމާން....."

(ނުނިމޭ)

comment ކޮމެންޓް