ރާއްޖެ އާއި ޔޫއޭއީގެ ގުޅުން މިވަނީ އާ ހަރުފަތަކަށް ދަތުރުކޮށްފައި: ރައީސް

ރައީސް އަބްދުﷲ ޔާމީން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖެ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގުޅުން މިވަނީ އާ ހަރުފަތަކަށް ދަތުރުކޮށްފައި ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ޔޫއޭއީގެ 46 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެގައުމުގެ ރައީސް ހިޒް ރޯޔަލް ހައިނަސް، ޝެއިހް ހަލީފާ ބިން ޒައިދު އައްނަހްޔާނަށާއި، އެގައުމުގެ ނައިބު ރައީސްގެ މަގާމާއި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާގެ މަގާމު ވެސް އަދާކުރައްވާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށާއި، އެގައުމުގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އައްނަހްޔާނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގަ އެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ދަތުރުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެ ގައުމުގެ ގުޅުން މިގޮތުގައި ދެމިއޮންނާނެ ކަމުގައި އުންމީދު ކުރައްވާ ކަމަށެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަހުވަންތަ ގާތް ގުޅުން، ދެ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށާއި، ދެ ގައުމުގެ ރައްޔިތުންނަށް ލާބަ އާއި މަންފާވާ ގޮތަށް ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހި ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން ރައީސްގެ މެސެޖުގައި ވިދާޅުވެފައި ވަނީ، އެމަނިކުފާނު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެ ކަމަށާއި ދެ ގައުމުގެ ގުޅުން މިގޮތުގައި ދެމެހެއްޓުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެ ކަމަށެވެ.

ޔޫއޭއީގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އެގައުމުގެ ހަތް ސަރަހައްދު އެއްކޮށްލައިގެން މައި ވެރިކަމެއް އުފެދުނު ދުވަހެވެ.

comment ކޮމެންޓް