ރަޝިޔާއާ ގުޅުން ބޮޑު ގައުމުތަކުން މެދުއިރުމަތީގައި ބާރުގަދަ ކުރަނީ

އީރާނުން ޔަމަންގެ ހޫޘީންނަށް ބެލިސްޓިކް މިސައިލް ފޯރުކޮށްދޭ ކަމަށާއި އަދި އެ މިސައިލް ޕްރޮގްރާމް ހުއްޓާލުމަށް އީރާނަށް ގޮވާލާ އދ. ގެ ގަރާރުތަކަށް އީރާނުން ކިޔަމަން ނުވާކަމަށް ސައޫދީ އަރަބިޔާއިން ވަނީ ތުހުމަތު ކޮށްފައެވެ.

އިޓަލީގެ ވެރިރަށް ރޯމްގައި ކުރިޔަށްދާ މެޑިޓަރޭނިޔަން ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު އިއްޔެ ވިދާޅުވީ އީރާނުން ޔަމަންގެ ހޫޘީންނަށް ބަލިސްޓިކް މިސައިލް ފޯރުކޮށްދީ އދ. ގެ ގަރާރުތަކަށް ބޯނުލެނބުގެ އިތުރުން އީރާނުން މެދުއިރުމަތީގައި އަދާކުރަނީވެސް ވަރަށް ގޯސް އަދި ގައުމުތަކަށް "ވެރިވެގަތުމުގެ" އިސްތިޢްމާރީ ދައުރެއް ކަމުގައެވެ. މިގޮތުން އިރާގާއި ސޫރިޔާއާއި ލުބްނާނުގައި އީރާނުން ވަރަށް ބޮޑަށް "ފައިހަރުކޮށްލާފައިވާ" ކަމަށާއި އީރާނަކީ މުޅި ސަރަހައްދަށް އަތްގަދަ ކުރުމުގެ "އިސްތިޢްމާރީ" ސިޔާސަތެއް ގެންގުޅޭ ގައުމެއްކަމަށް ޖުބައިރު ތުހުމަތުކުރެއްވިއެވެ.

ޖުބައިރު ވިދާޅުވީ ޝިޔައީންނަކީ އިސްލާމީ އުންމަތުގެ ބައެއްކަމަށާ މައްސަލައަކީ ޝިޔައީން ނޫންކަމުގައެވެ. މީގެބަދަލުގައި މައްސަލައަކީ އީރާނުން މުޅި ސަރަހައްދު "ކޮންޓްރޯލް" ކުރުމަށް ގެންގުޅޭ އަތްގަދަ ކުރުމުގެ ހަރުކަށި ސިޔާސަތުތައް ކަމަށް ޖުބައިރު ވިދާޅުވިއެވެ. މިގޮތުން އަރަބިގައުމުތަކުގެ ޝިޔައީންވެސް ހިމެނޭގޮތަށް ހުރިހާ ގައުމުތަކެއްގެ ޝިޔައީންނަކީ އީރާނަށް ނިސްބަތްވާންޖެހޭ ބައެއްކަމަށް އީރާނުން ދެކޭކަމަށާ މިއީ ސަރަހައްދަށް އަތްގަދަކުރުމަށް ޖިއޮޕޮލިޓިކަލް ގޮތުން އީރާން ގެންގުޅޭ ނުރައްކާތެރި ސިޔާސަތެއްކަމަށް ޖުބައިރު ވިދާޅުވިއެވެ.

ޖުބައިރު

ސައޫދީން މަސައްކަތް ކުރަނީ އީރާނުން ގެންގުޅޭ މިހަރުކަށި އަދި އަތްގަދަކުރުމުގެ ސިޔާސަތުތަކާ ދެކޮޅަށް މުޅި ސަރަހައްދު އީރާނުގެ އަތްދަށުން ސަލާމަތް ކުރުމަށް ކަމަށް ވެސް ޖުބައިރު ވިދާޅުވިއެވެ. ޖުބައިރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އީރާނުގެ ބާރާއި ނުފޫޒުން ޔަމަނާއި އެސަރަހައްދު ސަލާމަތް ކުރުމަށް ކަމަށްބުނެ ޔަމަނާ ހަނގުރާމަކޮށް ޔަމަންގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ ސިޔާސަތެއް ސައޫދީން ތަންފީޒު ކުރާކަމުގެ ތުހުމަތު ސައޫދީ ގެ މައްޗަށް ކުރެވިފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ބާރާއި ނުފޫޒު ކަނޑުވާލުމަށްކަމަށްބުނެ ސައޫދީ ވަނީ އަރަބި މަދުގައުމަކާއެކު ކޯލިޝަނެއް ހަދައިގެން ޔަމަނާދެކޮޅަށް ހަނގުރާމަފަށައި ޔަމަނަށް ބޮންއަޅައި ޔަމަންގެ ބޮޑުބައެއް ހަލާކުކޮށް ސުންނާފަތިކޮށްފައެވެ.

އަދި ސައޫދީ އިސްކޮށް އޮވެގެން އަރަބި ކޯލިޝަނުން ޔަމަން ޙިސާރުކޮށްފައި އޮތުމުގެ ސަބަބުން ޔަމަންގެ ހަތްމިލިޔަން މީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާ މައްސަލާގައި އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުގެ ފާޑުކިޔުންތައް ސައޫދީ އަށްވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. މިމައްސަލާގައި ސައޫދީއާ ދެކޮޅަށް އދ. އިން ފިޔަވަޅު ނާޅަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ހިމާޔަތް ސައޫދީ އަށް އޮތުމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.

ޔަމަނާދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތަކަށް އދ. ން ތަކުރާރުކޮށް އެދުމުގެ މަތިން ސައޫދީ ކޯލިޝަނުން ލުއެއް ދިންނަމަވެސް އެވަރުން ޔަމަންގެ ރައްޔިތުންގެ ބަނޑު ފުރާނަ މުއްތި ކުރެވޭ މިންވަރަށް ބޭހާއި ކާބޯތަކެތިފަދަ އިންސާނީ އެހީގެ ތަކެތި ޔަމަންގެ ރައްޔިތުންނަށް ފޯރުކޮށް ނުދެވޭނެތީ ހިސާރުގެ ފިޔަވަޅުތައް މުޅިން ނައްތާލުމަށް އދ. ން ވަނީ ސައޫދީ އަށް އިލްތިމާސްކޮށްފައެވެ. ޔަމަންގެ ހައިހޫނު ކަމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގެ ގައުމަކަށް ކުރިމަތިވާ އެންމެ ބޮޑު އިންސާނީ އެއްކާރިސާ ކަމަށް އދ. ންވަނީ ބުނެފައެވެ.

ސޫރިޔާއަށް ބަލާއިރު ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ދަމަހައްޓަން އީރާން މަސައްކަތްކުރާއިރު ސައޫދީ ގެންދަނީ ބައްޝާރުގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް ޓަކައި ސޫރިޔާގެ އިދިކޮޅު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ލީބިޔާއަށް ބަލާއިރު ލީބިޔާގައި އިޚްވާނުލްމުސްލިމޫން ޖަމާއަތުން ވެރިކަމަށް އަތުވެދާނެތީ އިޚްވާނުންނާ އިދިކޮޅު ޖަމާއަތްތަކަށާއި ގަބީލާތަކަށް އެހީތެރިވާކަމުގެ ތުހުމަތު ސައޫދީއާއި ޔޫއޭއީގެ މައްޗަށްވަނީ ކުރެވިފައެވެ. ލީބިޔާގައި ސައޫދީއާއި ޔޫއޭއީ ފަންޑްކޮށްގެން އެމެރިކާގެ ބްލެކްވޯޓަރ ކުންފުނީގެ ކުލީ ސިފައިން ސައޫދީ އާއި ޔޫއޭއީގެ ސިޔާސީ މަގްސަދުތައް ޙާސިލް ކުރުމަށް މަސައްކަތްކުރާ ކަމަށް ލީބިޔާގެ ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުންވަނީ ތުހުމަތުކޮށްފައެވެ.

އިރާގަށް ބަލާއިރު ސައްދާމް ހުސައިންގެ ވެރިކަން ގަދަބާރުން ވައްޓާލައި އިރާގުގެ ވެރިކަމަށް ޝިޔައީން ގެނައީ އެމެރިކާއާއި ސައޫދީ ގުޅިގެންނެވެ. މިމައްސަލާގައި އިރާގުގެ ސުންނީންގެ އިތުރުބާރު ސައޫދީ އަށް ވަނީ ގެއްލިފައެވެ. ޚާއްސަކޮށް މިކަމުގެ ސަބަބުން އިރާގުގެ ސުންނީން ނަށް ލިބުނު ބޮޑުގެއްލުންތަކާއި އިރާގަށް އަތްގަދަ ކުރުމުގެ ފުރްސަތު އީރާނަށް ލިބުމުންނެވެ.

އެމެރިކާގެ އެހީގައި އިރާގުގެ ވެރިކަމަށް ޝިޔައީން ގެނައުމަށްފަހު އިރާގުގައި އީރާނުގެ ބާރުގަދަވާން ފެށުމުން އަނެއްކާ އީރާނުގެ ނުފޫޒާ ދެކޮޅަށް އިރާގުގައި އައިއެސް ޖަމާއަތް އުފައްދައި އެޖަމާއަތަށް ފަންޑުކުރިކަމުގެ ތުހުމަތު ސައޫދީ އާއި ގަތަރުގެ މައްޗަށް ކުރެވިގެން ދިޔައެވެ. މިމައްސަލާގައި އެންމެފަހުން ސައޫދީއާއި ގަތަރާދެމެދުވެސް މައްސަލަޖެހި އެއްގައުމު އަނެއްގައުމަށްވަނީ މިފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާކަމުގެ ތުހުމަތުތައް ކޮށްފައެވެ.

އަނެއްކޮޅުން އީރާނުގެ ބާރާއި ނުފޫޒާދެކޮޅަށް މަސައްކަތް ކުރާކަމަށް ސައޫދީން ބުނާއިރު މިކަމުގައި ސައޫދީން އެމެރިކާއި އިސްރާއީލުގެ އެހީތެރިކަން ހޯދުމަކީ އަރަބި އާންމުންގެ ތާއީދު ސައޫދީއަށް ގެއްލިގެންދާ ކަމެކެވެ. ސައޫދީން އިސްރާއީލާއެކު ފަރުދާގެ އަނެއް ފަރާތުން ބޮޑެތި ގުޅުންތަކެއް ގާއިމްކޮށްފައިވާކަން ހެއްކާއެކު އިސްރާއީލުން ކަށަވަރުކޮށްދޭއިރު ސައޫދީން ވަނީ ހަމައެކަނި އަނގަބަހުން މިކަން ދޮގުކޮށްފައެވެ. ނަމަވެސް މިގުޅުންތައް މިހާރުވަނީ ވަރަށް ބޮޑަށް ބޭޒާރުވެފައެވެ. މިކަމުގެ ސަބަބުން އީރާނާ ދެކޮޅަށް ސައޫދީން މަސައްކަތްކުރަނީ އިސްރާއީލުގެ އެޖެންޑާ ތަންފީޒު ކުރުމުގެ ގޮތުންކަމަށް އަރަބި އާންމުން ވަނީ ދެކެންފަށާފައެވެ. ނަތީޖާއަކީ އީރާނާ އިދިކޮޅު ސުންނީންގެ ތާއީދުވެސް ސައޫދީ އަށް ލިބޭގޮތެއް ނުވުމެވެ. ސަބަބަކީ އީރާނާ ކުރިމަތިލާން އިސްރާއީލާ ގުޅޭތީއެވެ.

ގަތަރަށް ބަލާއިރު ގަތަރާދެކޮޅަށް ސައޫދީ އިސްވެ އޮވެގެން ފިޔަވަޅުއެޅީވެސް ގަތަރުގެ މައްޗަށް ސައޫދީންގެ ބާރާއި ނުފޫޒު ނުހިނގާތީ ގަތަރު ކިޔަމަން ކުރުވުމުގެ ގޮތުން އެޅި ފިޔަވަޅުތަކެއް ކަމަށް ގަތަރުން ވަނީ ފާޅުކަން ބޮޑުގޮތެއްގައި ބުނެފައެވެ. ގަތަރާދެކޮޅަށް ސައޫދީ އިސްކޮށް އޮވެގެން އަރަބި ހަތަރު ގައުމުން އެޅި ފިޔަވަޅުތަކަށް ހަމަސްވީއިރުވެސް އެކަމަށް ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

ޓްރަމްޕް

މިހާރު މެދުއިރުމަތިވަނީ މައިގަނޑު ކޯލިޝަނަކަށް ބެހިފައެވެ. އެއީ އެއްކޮޅުން ރަޝިޔާއާއި އީރާނާއި ތުރުކީއާއި އަނެއްކޮޅުން ސައޫދީ އާއި އެމެރިކާއާއި ޔޫރަޕްގެ ކޯލިޝަންއެވެ. އިސްރާއީލު އޮންނަނީ ސައޫދީ އާއި އެމެރިކާއާއި ޔޫރަޕްގެ ކޯލިޝަންގައި ފަރުދާގެ އަނެއް ފަރާތުގައެވެ. ޗައިނާ އޮންނަނީ ރަޝިޔާއާއި އީރާނާއި ތުރުކީގެ ކޯލިޝަންގެ ފަރުދާގެ އަނެއް ފަރާތުގައެވެ.

މިދެކޯލިޝަންގެ ތެރެއިން މެދުއިރުމަތީގައި މިހާރު ބޮޑަށް ކާމިޔާބު ހޯދަމުން ގެންދަނީ ޗައިނާ ފަހަތުގައި އޮންނަ ރަޝިޔާއާއި އީރާނާއި ތުރުކީގެ ކޯލިޝަން އިންނެވެ. ސޫރިޔާގެ ހަނގުރާމައިންވެސް މިކަންވަނީ ވަރަށް ބޮޑަށް ސާފުވެފައެވެ. ރަޝިޔާ އިސްކޮށް އޮވެގެން އެކޯލިޝަންގެ އެހީގައި އެމެރިކާ މިހާރުވަނީ ސޫރިޔާއިން ގާތްގަނޑަކަށް ފައްސާލާފައެވެ.

ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ހިމާޔަތް ކުރުމުގައި އދ. ގެ ސަލާމަތީ މަޖިލީހުގައިވެސް އެތަށް ފަހަރެއްގެ މަތިން ރަޝިޔާއާއެކު ޗައިނާ ވީޓޯކޮށްފައިވެއެވެ.

އަނެއްކޮޅު ޗައިނާ ގެންދަނީ އަރަބި ގަލްފުގައި އެމެރިކާ ގެ އަސްކަރީ ބާރުތައް އޮންނަ ސަރަހައްދުގެ ވަރަށް ކައިރީގައި ޕާކިސްތާނުގެ ކަނޑުގެ ސަރަހައްދުގައި ހަދާ ބަނދަރުން އަސްކަރީ ފަސޭހަތައް ހޯދާފައެވެ. އަދި ރަތްކަނޑުގެ ގައުމެއްކަމަށްވާ ޖިބޫޓީގައި ވެސް ދާދިފަހުން ޗައިނާވަނީ އަސްކަރީ ބޭހެއް ގާއިމްކޮށްފައެވެ. އަނެއްކޮޅުން ރަޝިޔާ ގެންދަނީ މިސްރު ސިފައިންގެ އަސްކަރީ ބޭސްތައް، ރަޝިޔާ ސިފައިންނަށް ބޭނުންކުރެވޭ ގޮތަށް މިސްރާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއެއްބަސްވުމުގެ ދެލިކޮޕީވެސް މިހާރު ރަޝިޔާއިންވަނީ އާންމުކޮށްފައެވެ.

މިސްރަކީ މިހާތަނަށް ހަމައެކަނި އެމެރިކާގެ އަސްކަރީ ބާރާއި ނުފޫޒު އޮތް ގައުމެވެ. އެެހެންކަމުން މިސްރު ސިޔާސަތަށް މިއަންނަނީ ބޮޑު ބަދަލެކެވެ. އަކެއްކޮޅުން ސޫދާނުންވެސް ދާދިފަހުންވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުކިޔައި އެގައުމުގައި އަސްކަރީ ބޭހެއް ބިނާކުރުމަށް ރަޝިޔާގެ ކިބައިން އެދިފައެވެ.

comment ކޮމެންޓް