ނޭނގި ހިތާ ކުޅެލީ -06

ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރެ ގަސްތަކުގެ ތެރެއިން ހިނގާލާފައިދިޔައީ އެމީހާގެ ފަހަތުންނެވެ.

"މިގެއިންވެސް އެހެން އަންހެންކުއްޖަކު ޕްރޮޕޯސްކުރަނީ ކަމަށްވާނީ. މިޖެހުނީ އަނެއް ކަންތަކާ. މިހާ އަދަބުވެރިކޮށް މި ފިރިހެނާ ވާހަކަދައްކާނީ އެކަހަލަ ކަމެއްވީމައެއްނު...." ލުކުމާންގެ ސިކުނޑިއަށް ވަން އެއްޗަކުން ހިނި އަންނަގޮތްވިއެވެ. އިތުރު އަންހެނަކާއި ޖެހިއްޖެއްޔާ އޭނަގެ ބޯ ގޮވާފާނެއެވެ. އޭރުން ލިވިއާ ސަވާނާ އެއްފަރާތްކޮށްލާފައި އޮފޭލިއާ ޕްރޮޕޯސަލް ގަބޫލުކުރާނެ ކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ލިވިއާގެ ހުވަފެނީ މަންޒިލަކީ އޮފޭލިއާކަމުގައި އޭނަވަނީ ކިތަންމެ ފަހަރަކު ލުކުމާން ކައިރީ ބުނެފައެވެ.

އަންހެންކުއްޖެއްގެ ބަދަލުގައި އޭނައާއި ބައްދަލުކުރީ މެދު އުމުރުގެ އަންހެނެކެވެ. އަބާޔާއެއް ލާފައި ބުރުގާ އަޅައިގެން ހުރި އަންހެންމީހާ ފެނުމާއިއެކު ލުކުމާންގެ ފިޔަވަޅުތައް ގަނޑުވިގޮތަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނޭޅުނެވެ. މަންމަގެ ކަޅީގައިވާ ކަޅުތިލައިން މަންމަ ކޮންމެ ތާކުން ފެނުނަސް ފާހަގަވާނެއެވެ. މަންމާއޭ ކިޔާފައި ދުވެގޮސް އޮޅުލައިގަންނަން ހިތް އެދުނެވެ. މިއީ އޭނަގެ މަންމައެވެ. ކުޑައިރުއްސުރެ އެމަންމަ ހޯދުމަށްޓަކާ އޭނަ ނުކުރާކަށް މަސައްކަތެއްނެތެވެ. މަންމަ ގެއްލުމުން ލުކުމާން ހާދަ ވަރަށް މަންމަގެ ފޯނަށް ގުޅިއެވެ. ކުރިން ފޯނު ރިންގުވިޔަސް ފަހުންގޮސް އެކަން ހުއްޓުނީއެވެ. އަބަދަށްޓަކާ އޭނައަށް މަންމަ ގެއްލުނީއެވެ.

"ދަރިފުޅާ ލުގުމާން..... " މަންމަ އަރުޖަމަންދުގެ ދެލޮލުން އޮހިގަތް ކަރުނަތައް ކޯތާފަތް ތެންމާލައިފިއެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނަ އައިގޮތަށް ލުކުމާން ގައިގާ އޮޅުލައިގަތެވެ. ނިތްކުރިއާއި އެތަން މިތާ ބޮސްދެމުން ލުކުމާންގެ ނަމުން ކިޔާފައި ރުޔެވެ. އަރުޖަމަންދުގެ އެ ހަރަކާތްތައް ދެކެން ހުރި ފިރިހެންމީހާވެސް އަނެއްފަރާތަށް އެނބުރިލަމުން ދެލޯ ފޮހެލައިފިއެވެ. އަރުޖަމަންދު ލުކުމާންގެ މޫނުގައި ދެއަތުން ހިފާފައި ބަލައިލީ ގަބޫލުކުރަން ދަތިވެފައި ހުރެއެވެ.

"މަންމަގެ ލުގުމާން. މަންމަގެ ދަރިފުޅު. އާނ މަންމައަކަށް ނޯޅޭނެ. ދަރިފުޅުގެ މި މުށި ދެލޯ. މިވަރުގަދަ ބުމަ..................." އަރުޖަމަންދު ރޮއިފާ ހެމުން ދިޔައެވެ. އޭނައަށް ދަރިފުޅާއި ބައްދަލު މިވެވުނީ އެތައް އަހަރެއްފަހުންނެވެ. އެކުޑަކުއްޖާމިވަނީ ފުރިހަމަ ޒުވާނަކަށްވެފައެވެ. ދޮންކޮށް ފުށްކޮށް ހުރިގޮތުން އެންމެން އަންހެންކުއްޖެކޭ ކިޔައިގެން އޭރު އުޅުނެވެ. މިހާރު ހަމަށްވެރިވެފައިވާ ބްރޯންޒްކުލައާއިއެކު ފިރިހެންކަމުގެ ދެވަނައެއްނެތެވެ.

"މަންމާ. މިހުރިހާ ދުވަސްވާންދެން މަންމަ އަޅުގަނޑު ހޯދާކަށް ނޫޅެ މިހާރު ބަލާ ފޮނުވީ ކީއްވެ...." ލުކުމާން ހިންދިރުވައިލިއެވެ. މަންމަ މިގޮތަށް ކަރުނަ އޮއްސާތަން ފެނި ލުކުމާންގެ ލޯވެސް ތެމި ހިތަށް އެތައް އަސަރުތަކެއް ކުރުވައިފިއެވެ. ނަމަވެސް މަންމަ އޭނަ ކުޑައިރު ލޯބިން މަހުރޫމް ކޮށްލާފައި ދިޔައީ ކީއްވެކަން ނޭގި ހިތުގައިވަނީ ޝަކުވާއެވެ. އަރުޖަމަންދުގެ އިޝާރާތް ނުކުރަނީސް ޑްރައިވަރު އެތަނުން ދިޔައީ މަންމައާއި ދަރިފުޅަށް އެކަނިވެރި ވަގުތުދޭން ވެގެންނެވެ. އެދެމީހުން ދައްކަންޖެހޭނެ ކިތަންމެ ވާހަކައެއް ހުންނާނެކަން އެނގޭތީއެވެ.

އަރުޖަމަންދު ލުކުމާންގެ އަތުގައި ހިފައިގެންގޮސް އުނދޯލީގައި އިށީދެ ހެއްލަންފެށިއެވެ.

އަރުޖަމަންދުގެ އާއިލާއަކީ މާލޭގެ މުއްސަދި ފާހަގަކޮށްލެވޭ ގަދަރުވެރި އާއިލާއެކެވެ. އަރުޖަމަންދުގެ އުމުރުން އަށާރަ އަހަރުގައި އޭނަގެ މައިންބަފައިން އޭނަ މީހަކާއި ދެވިއެވެ. އެމީހުންނާއި އެއްފެންވަރެއްގެ ރަގަޅުމީހެކެވެ. ދަރިއަކުވެސް ލިބުނެވެ. ފިރިމީހާގެ އެއްވެސް ކުށެއްނެތި އޭނައާއި ވަކިވީ ފޯނަށް ގުޅަންފެށި ރީތި އަޑެއްގެ ވެރިއެއްގެ އަވައިގާ ޖެހިގެންނެވެ. އާއިލާއާއި ދެކޮޅަށް އެމީހާއާއި ކައިވެނިކޮށްގެން އެރަށަށް ދިޔައީ އުފާވެރި ދިރިއުޅުމެއް ލިބޭނެކަމުގެ ފޮނި އުއްމީދުގައެވެ. ފަގީރު މީހަކަށްވީ ނަމަވެސް ލޯތްބަށްވުރެ އެހެންކަމެއް އޭނައަކަށް މުހިއްމެއްނުވިއެވެ. ނަމަވެސް ލުކުމާންގެ ބައްޕަ ވީ އަރުޖަމަންދު ހީކުރިކަހަލަ މީހަކަށް ނޫނެވެ. އޭނަ އަރުޖަމަންދުއާއި ކައިވެނިކުރީ މުދަލުގެ ދަހިވެތިކަމުގައެވެ. އަރުޖަމަންދުގެ ފަރާތުން އެއްވެސްކަހަލަ ފައިދާއެއް ނުލިބުމުން ތަޅާ އަނިޔާކުރަންފެށިއެވެ. ކޮންމެ ދުވަހަކު އެތައް ހާސްފަހަރު އަރުޖަމަންދު މަރުވިއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް މެދުކެނޑުމެއް ނެތި ލިބި މޮޔަވާވަރުވިއެވެ. އެވަރުވުމުން އޭނަ މަންމަމެން މަތިން ހަދާންވިއެވެ. އެމީހުން ދިން ނަސޭހަތުގައި ހިފުނުނަމައޭ ހިތަށް އެރިއެވެ. ނަމަވެސް އާއިލާއިން ދަރިއެއް ނޫންކަމަށް ބުނެ ގެއިން ނެރެލާފައިވާއިރު އަރުޖަމަންދު އަނބުރާ އެމީހުން ކައިރިއަށް ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ މަންމައާއި ބައްޕަގެ ހެޔޮދުޢާއާއި ނުލާ އެކައިވެނީގައި ބަރަކާތެއް ނުލެއްވީކަން އޭނައަށް ޔަގީންވިއެވެ. ކޮންމެ ރެއަކު އޭނަ ނިދަނީ އަލިފާން އަނގުރު ތަންމައްޗެއްގައެވެ. ލުކުމާންގެ ބައްޕަގެ ފަރާތުން އަނިޔާލިބެންފެށި ގޮތަށް އޭނަ އެންމެފަހުން އެގެއިން ނުކުމެގެން ގޮސްދާނެހެން ހީވާންފެށުމުން ކޮޓަރިއެއްގައި ބަންދުކޮށްފައި ބޭއްވިއެވެ. މީހުންނަށް އޭނަ ވިއްކަންފެށީއެވެ. ނާސިއަކަށް ހެދިއެވެ. ލޯބީގެ ނިމުން އައިގޮތް ފެނި އަރުޖަމަންދުގެ ހިތް ފޮތިފޮތިވިއެވެ. އެވޭނީ ކަރުނަތައް ދެކޭނެ އެއްވެސް އިންސާނެއްނެތެވެ. ވަށައިގެންވީ އޭނަގެ ޖިސްމަށް ދަހިވެތިވެފައި ތިބި ޖަނަވާރުންފަދަ ބަޔެކެވެ.

އަރުޖަމަންދު އެވާހަކަ ކިޔައިދެމުން ދިޔައިރު ލުކުމާންގެ އަތްވަނީ މުށްކެވިފައެވެ. މަންމަގެ މާޒީ ލުކުމާންގެ ހިތުގައި އެހެންކަހަލަ ޖަޒުބާތެއް އުފަންކޮށްފިއެވެ. ބަދަލުހިފުމުގެ ހުޅު ޖިސްމުގައި ރޯވީ އެހާ ފަސޭހައިން އަލިފާން ނިވާލެވޭނެގޮތަކަށް ނޫނެވެ. އެހޫނުގައި އަނދައިގެން ދާނީ ކިތައް މީހުންނެއްކަމެއް އޭނައަކަށްވެސް އެވަގުތު ނޭގުނެވެ. މަންމަގެ ހަޔާތުގެ ފަސާނާ ލުކުމާންގެ ސިކުނޑީގައިވި ޝައިތާނާ ހޭލައްވާލައިފިއެވެ.

"އެ އެންމެން ފަނާކޮށްލާފައި ނޫނީ އަހަރެންގެ މި ރުޅި މައިތިރިއެއްނުވާނެ......އެންމެ ފަހު މީހާއަށް ދާންދެން ނައްތާލާނަން........" ލުކުމާންގެ ކަންފަތް ކައިރީ މީހަކު ބުނިހެން ހީވިއެވެ. ނަމަވެސް ޝައިތާނާގެ ވަސްވާސްތައް ވީ އޭނަގެ ސިކުނޑީގެ ވަކި ހިސާބެއްގައެވެ. ދުލުން އެފަދަ އެއްވެސް ބަހެއް ބޭރުކުރާކަށް އޭނަ ބޭނުމެއްނުވެއެވެ.

"މާލޭ މުއްސަދިންތަކެއް އޭރު އައިސް އުޅުނީ މަންމަހުރި ގެއާއި ޖެހިގެން ހުރި ގެސްޓްހައުސްގައި. ދަރިފުޅުގެ ބައްޕަ އެމީހުން އަތުން ފައިސާ ހޯދައިގެން މަންމަ ވިއްކައިލީ. އެގެސްޓްހައުސްއަށް އަންނަ މީހުންގެ ފަރާތުން މަންމައަށް ގޯނާތައް ކުރިމަތިވަމުންގޮސް މޮޔަވާވަރުވެފައި ހުއްޓާ މަންމަ ބަލިވެއިންކަން އެގުނީ..........." އަރުޖަމަންދުގެ ވާހަކައިގެ އެތަންކޮޅު އަހާފައި ލުކުމާން ސިހޭގޮތްވިއެވެ. ލުކުމާންގެ އަތަށް ބާރުކޮށްލެވުމާއިއެކު އަރުޖަމަންދު އަށް ވާހަކަ ނުދެއްކިގެން ހުއްޓުންއެރިއެވެ. މަންމަގެ އަތްތިލަ ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ.

ލުކުމާން ހަދާން ހުންނަން ފެށީއްސުރެން އޭނަގެ މަންމަ އިންނަނީ ގަބުވެފައެވެ. ބަސްމަދުވެފައެވެ. ކިތަންމެ ފަހަރަކު ޑޮކްޓަރަށް ދައްކަން ގެންދެއެވެ. އޭރުވެސް ބައްޕަ ކައިރީގައި ހިޔަންޏެއްހެން ހުންނާނެއެވެ. މަންމަގެ ދެލޮލުން ބިރުވެރިކަން ނޫން އެހެން އެއްޗެއް ނުފެނެއެވެ. ލުކުމާންގެ އުމުރުން ކުޑައިރު އެހިނގި ހާދިސާ އަދިވެސް ތާޒާކޮށް އޭނަގެ ލޮލަށް ފެންނަނީ ފިލްމެއްގެ މަންޒަރެއްހާ ސާފުކޮށެވެ. އޭނައަށް ހޭލެވުނީ މަންމަ ހަޅޭއްލަވާ ރޯ އަޑަށެވެ. ތެދުވެ ބަލައިލިއިރު ފެނުނީ ދެވަނަފަހަރަށް ދެކެން ބޭނުންނުވާ ބިރުވެރި މަންޒަރެކެވެ. އެ ޅަހިތަށް މަސްހުނި އަސަރުތަކެއްކޮށް ހިތް ރޫރޫއަޅުވައިލި މަންޒަރެކެވެ. އެއީ އޭނައަށް ކުރިން ފެނިފައިނުވާ ފިރިހެނެކެވެ. ލުކުމާންއަށް އެހެންކަހަލަ ބާރެއް ލިބުނުހެން ހީވިއެވެ. އޭނަ އެފިރިހެންމީހާގެ ގަޔަށް އަރައިގަތީ ކުޑަ ސިންގާއެއް ހެންނެވެ. ފުންމައިގެން ދިޔަގޮތަށް އެމީހާގެ ފައިގާ ދަތްއެޅިގޮތަށް ދޫކޮށެއްވެސް ނުލިއެވެ. ފައިން ތަންގަނޑެއް ދުއްވާލިއެވެ. އޭނަގެ މޫނުމަތީގައި އެފިރިހެންމީހާ ޖެހި އެތިފަހަރުން މޫނުމަތި ފަޅައިގެން ލޭގަނޑު އޮހިގަތެވެ. އެކަމުގެ ސަޒާ ލިބުނީ ހީނުކުރާހާ ނުބައިކޮށެވެ. މަންމައާއި އޭނައަށް އެކަމުގެ އަދަބު އެތައް ދުވަހެއްވާންދެން އުފުލަން ޖެއްސިއެވެ.

"ވަރަށް މަސައްކަތުން އެއަނިޔާވެރިޔާގެ ކިބައިން ފިލައިގެން ދަރިފުޅު ގޮވައިގެން މަންމަ މާލެއައިސް މާމަމެންގެއަށް ދިޔަތަނާ ދަރިފުޅުގެ ބައްޕަ ފަހަތުން އައީ، މަންމަހުރީ މޮޔަވެފައިކަމަށް ބުނެ ދަރިފުޅު އަތުލައިގެން ދިޔުމުން މަންމަ އަނބުރައިގަތް. ހޭލެވުނުއިރު މަންމަ އޮތީ ހޮސްޕިޓަލުގައި. މާމަ ޔަގީންކަން ދިނީ ލުގްމާން ސަލާމަތުން އެބަހުރިކަމަށް. މާމަމެން ކައިރީ ގޭގައި ހުރިކަމަށް. ގިނައިރު މަންމަ އޮތީ ނިންދަވާފައި. ފަހުން ގެންދިޔައީ ސައިކޭޓްރިސްޓެއްގެ ކައިރިއަށް. އެތަނަށް ގެންދިޔަގޮތަށް ސްކިޒޮފްރީނިއާއަށް ޓްރީޓްކުރަންފެށީ. ބޭސްކާންފެށިފަހުން މަންމައަކަށް ވާނުވާ ވެސް ނޭގޭ. ހާލުބޮޑުވެގެންގޮސް މަންމަ ލުގްމާންގެ މަތިން ހަދާނެއްވެސް ނުހުރޭ. އަހައިލިޔަސް މާމަމެން ބުނަނީ މާލޭގައި ހުރިކަމަށް. އަރޫ ރަގަޅުވީމައޯ ލުގްމާން އަށް ވިޒިޓްކުރެވޭނީ. ޑޮކްޓަރުންގެ ހުއްދައެއްނެތޭ. އެހެން ކިޔަކިޔާފައި އެއްދުވަހު މާމަ ދިން ޚަބަރަކުން މަންމަގެ ދުނިޔެވެސް ފުނޑުފުނޑުވެގެން ދިޔައީ. ދުނިޔެއިން މޮޔަވި. ލުގްމާން ކަނޑަށް ވެއްޓި ގެއްލިއްޖެކަމަށް މާމަ ބުނީ.........ކިހިނެއް މަންމައަށް އެނގޭނީ އެހާ ބޮޑު ދޮގެއް އަމިއްލަ މައިންބަފައިން ހަދާނެކަމަށް. ނޫނީ އެފަދަ ދޮގެއް ލުގްމާންގެ ބައްޕަ މާމަމެންނަށް ހަދާފާނެކަމަށް މާމަމެންނަށް ނޭގުނީ. ނޫނީ މާމަމެން ލުގްމާން ބޭނުންނުވާތީ މަންމައަށް އޮޅުވައިލީ. ދެން ކާފަ މަންމަ ގޮވައިގެން ބޭރު ގައުމަކަށް ދިޔައީ. މަންމައަށް މުޅިން ރަގަޅުވުމަށްފަހުވެސް ދުވަހަކުވެސް މާލެ އަންނާކަށް ބޭނުމެއްނުވި. ދުނިޔެމަތިންވެސް ފޫހިވި. މުޅިން މާޔޫސްވެ އަމިއްލައަށް މަރުވާފަދަ ޚިޔާލުތަކެއް ކުރެވެންފެށިތަނާ ނަސީބު އަތުގައި ހިފީ. އަލަތު ފިރިމީހާ ދެވަނަފަހަރަށް މަންމަގެ ހަޔާތަށް އައީ. އެ ހެޔޮލަފާ ސާލިހު ފިރިހެނާ ހަޔާތަށް އައުމާއިއެކު ދެވަނަ ހަޔާތެއް ދެއްވިފަދަ. ދަރިފުޅާ. މިހާރު ހިތަށް ވަރަށް ބޮޑު ފިނިކަމެއްލިބިއްޖެ. ދުޢާ އިޖާބަކުރައްވައިފި. މިދުނިޔެމަތިން ބޭނުންވީ ހަމަ އެކަނި އެދުމަކަށްވީ މަންމަގެ ލުގްމާން ދިރިދުނިޔޭގައި ލަހައްޓަވާ މަންމައާއި ބައްދަލުކޮށްދެއްވުން. އެކަލާނގެ ހުރިހާކަމަކަށް ކުޅަދުންވަންތަ.........."

އަރުޖަމަންދުގެ ހަޔާތުގެ ފަސާނާ އަޑުއަހާ ނިމުނުއިރު ލުކްމާން އިނީ ހިމޭންވެފައެވެ.

"ދަރިފުޅާ. މަންމަގެ މައިންބަފައިންނާއި އާއިލާވެސް ދުނިޔޭގައި އެބަތިބި. އެންމެން މިހާރު މަންމައަށް މާފުކޮށްފި. ޔަގީން ދަރިފުޅު ފެނުމުންވެސް އުފާވާނެކަން. ދަރިފުޅާއި އެންމެން ބައްދަލުކުރުވާކަށް މިހާރު އެއްވެސް ހުރަހެއްނެތް. މަންމަ މިހާރު ވަނީ އަމިއްލަ މަސައްކަތުން ހޮޓެލްތަކެއްގެ އޯނަރަކަށްވެފައި. އެހުރިހާ ތަނެއްގެ ވެރިޔަކީ ދަރިފުޅު. އޮފޭލިއާ ހުރިހާތަނެއް މަންމަ ލުގުމާންގެ ނަމުގައި ރެޖިސްޓްރީ ކޮށްދޭނަން........" އަރުޖަމަންދު ލުކުމާންގެ މޫނަށް ބަލައިލަމުން ކަރުނަތައް ފޮހެލައިފިއެވެ.

"މަންމާ. ކަމެއްކޮށްދީފާނަންތަ؟"

"ބުނެބަލަ.."

"މަންމާ އަހަރެން ބޭނުމީ ދުވަސްކޮޅެއްވާންދެން މި ހަގީގަތް އެންމެނަށް ސިއްރުކޮށްދިނުން." ލުކުމާން އެދުނެވެ.

"އެކަމަކު......ކީއްވެ ދަރިފުޅާ؟ " އަރުޖަމަންދު ހައިރާންވިއެވެ.

"ތެދުވެރި ވަފާތެރި ބައިވެރިޔަކު ހޯދުމަށްޓަކާ އެންމެ ރަގަޅީ މިހާރު މިއުޅޭ ހާލުގައި ދިރިއުޅުން. މަންމައަކީ މުއްސަންޖެއްކަން އެނގޭއިރަށް ކިއޫ ބޮޑުވާނެ. ޔޫ ނޯ ވަޓް އައި މީން..." ލުކުމާން ހީލަން އުޅުނަސް އޭނަގެ މޫނުން ފެންނަނީ ސީރިޔަސްކަމެވެ. އޭނަގެ މަންމަ ހޯދަން ކެނޑިނޭޅި މަސައްކަތްކުރަމުން ދަނިކޮށް ފެނުމުން އުފާވިނަމަވެސް މަންމަގެ ހަޔާތުގެ ފަސާނާ އެނަގެ ހިތް ހިލައަށް ހަދަން މަޖުބޫރުކޮށްފިއެވެ. މަންމައަށް އިންސާފު ހޯދަދިނުން ހުރިހާކަމަކަށްވުރެ މުހިއްމުވެއްޖެއެވެ. އަރުޖަމަންދުއަށްވެސް ލުކުމާންގެ އެ ރޭވުން ކަމުދިޔައެވެ. ހިނިވެސް އައެވެ. ލުކުމާންގެ ބުއްދިވެރިކަމަށް ހިތް ސާބަސްދިނެވެ. އެބުނާހެން ލުކުމާންގެ ހަގީގަތް ނޭގި ގުޅޭނީ އޭނަ ދެކެ ލޯބިވާނެ ބައިވެރިޔެކެވެ. މުއްސަންޖެއްކަން އެނގިއްޖެއްޔާ ލޯބީގެ ތެދުވެރިކަން ހާމަކޮށްދޭން އެހާ ފަސޭހައެއްނުވާނެއެވެ.

"އާނ ދަރިފުޅާ. ތިބުނީ ހަމަ ރަގަޅު ވާހަކައެއް. މަންމަ ސަތޭކަ ޕަސެންޓް ތާއީދު. ފައިސާއާއި ހެދި މީހުންނާއި އިންނަ މީހުން މިހާރު ވަރަށް ގިނަވަމުން އަންނަނީ. މަންމަވެސް ވަނީ އެހިތި ތަޖުރިބާކޮށްފައި. މަންމަގެ ހަޔާތް ބަރުބާދުވީ އެކަހަލަ މީހަކާއި ކައިވެނި ކުރެވުނީމަ. ދަރިފުޅާ މަންމަ ކިހާ ދުވަހަކަށް އިންތިޒާރުކުރަން ޖެހޭނެތަ؟ މަންމަ ބޭނުމީ މިހާރުން މިހާރަށް މިގެއަށް މަންމަގެ ކައިރިއަށް ބަދަލުވުން. މަންމަގެ ވިޔަފާރިއާއި ހަވާލުވުން. މަންމައަށް ނުފެނި ޒުވާންވެފައިވާ މިދަރިފުޅު އެންމެ ސިކުންތަކަށްވެސް ލޯ މައްޗަށް ގެއްލެން ހިތަށް ކެތްވާނެތަ ލުގްމާން. ކުޑައިރު ދަރިފުޅު ގެއްލުނުއިރު ހަނދާނަކަށް މަންމައަތުގައި ފޮޓޯއެއްހާ މިންވަރުވެސް ނެތީމަވެސް ހާދަ ހިތާމައެއް ކުރީމޭ..............." އަރުޖަމަންދު ލުކުމާންގެ ތަނަވަސް ނިތުގައި ބޮސްދިނެވެ.

ލުކުމާންއަށް މައިވަންތަކަމުގެ ލޯބި އިހުސާސްކުރެވި ލޮލަށް ކަރުނަ ޖަމާވިއެވެ. މައިންގެ ހިތުގައި ދަރިންނަށްޓަކާ ވާ މަތިވެރި ލޯތްބާއި އެހެން ލޯތްބެއް އަޅާނުކިޔޭނެއޭ ބުނާ ސަބަބަކީ މިއީއެވެ. މަންމައިން ދަރިންނަށްޓަކާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ.

"އިޓްސް އޯކޭ މަންމާ. މިހާރު މިގޭގައި އެކަކުވެސް ނޫޅެނީތަ؟ " ލުކުމާން ހާސްވީ އޭނަގެ ހަގީގަތް އެހެން މީހަކަށް އެނގިދާނެތީއެވެ.

"އާނ ލުގްމާން. މިވަގުތު ދޮންބައްޕަވެސް ވީ އޮފީހުގައި. މާމަމެން ދިރިއުޅެނީ އެހެންގެއެއްގައި........ޔޯ ބްރަދަރ........"

"މަންމާ ޕްލީޒް އިހަށް ފެމިލީ އެއްވެސް މީހެއްގެ ވާހަކަ ނުދައްކަފާނަންތަ؟ ނޫނީ މާ ބޮޑަށް އިމޯޝަނަލީ އެޓޭޗްވެދާނެ. އަދި އެހެން މީހުނަށް މިކަންތައް އެގެން ހަދައިގެން އަޅުގަނޑުގެ ޕްލޭން ކާމިޔާބު ނުވެ ހިގައިދާނެ. މަންމާ ޕްރޮމިސް މީ. ކީޕް ދިސް އެ ސިކްރެޓް......" ލުކުމާން ތެދުވެ މަންމަގެ އަތުގައި ހިފައިލިއެވެ. ލުކުމާން އަވަހަށް ދާން ބޭނުންވިޔަސް އަރުޖަމަންދު އެހާ އަވަހަށް ދަރިފުޅު ލޮލުގެ ކުރިމަތިން ގެއްލޭކަށް ނޭދުނެވެ. އަރުޖަމަންދު އެދުނީ ސައިބޮއިގެން ދިޔުމަށެވެ. އަތުގައި ހިފައިގެން ގޭތެރެއަށް ވަދެފައިވެސް ލުކުމާން ހަދާންކުރީ ލިވިއާއެވެ. މުއްސަދިކަމާއި ނަސީބު ލުކުމާން ވަށައިލީ އެއްވެސް މަސައްކަތަކާއި ނުލައެވެ. ހެއްދެވިފަރާތުގެ ރަހުމަތާއި ނަސީބު ދެއްވަންވީމަ ލަހެއްފަހެއް ނުވާނެއެވެ. މިގެއަށް ލުކުމާންވަނީ ދަރަނިވެރިވެ ވިކިފައިވާ މީހެއްގެ ގޮތުގައި ހުރެއެވެ. އެގެއިން ނުކުމެގެން ދިޔައިރު ލުކުމާންވަނީ މަހުޖަނެއްގެ ދަރިއަކަށްވެފައެވެ. ލިވިއާ ކައިރީ ހުރިހާ ވާހަކައެއް ދައްކާފައި ސަވާނާގެ ކައިވެނި ކެންސަލް ކުރަން ހިތަށް އެރިއެވެ. ލިވިއާއަށްވެސް ހަގީގަތް އެނގުމުން ލޯބިވެރިޔާ އެހެން މީހަކާއި ހިއްސާކުރަން ބޭނުމެއް ނުވާނެތާއެވެ.

ލިވިއާއަށް ސިއްރެއް ހިފަހައްޓައިގެން ހުންނާކަށް ނޭގޭނެއެވެ. ވީއިރު ލިވިއާއަށް އަދި ސިއްރުކުރަން އެބަޖެހެއެވެ. އޭނަ ޖެހޭނީ ސަވާނާއާއި ވާހަކަދައްކައިގެން މި ކައިވެނި ހުއްޓުވާށެވެ. ސަވާނާގެ ކުށެއްނެތި އެއްވެސް ދެރައެއް ހިތާމައެއް ލިބޭކަށް ލުކުމާން ބޭނުމެއްނޫނެވެ. އިމާދުއްދީން ކައިރީވެސް އޭނަ ހަގީގަތް ހާމަކުރާނެއެވެ. އޭނަގެ އާއިލާ އޮޅުވާލާފައި ދީންވެރި ޝޭޚެއްގެ ދަރިއެކޭ ބުނެފައިވަނީ ކައިވެންޏަށް އެއްބަސްކުރުވުމަށެވެ. ލިވިއާ އޭނަ ދޮގުވެރި ކެހިވެރިއަކަށްވެސް ހަދައިފިއެވެ. މިވެސް ލޯތްބަށްޓަކާހެއްޔެވެ؟

ލުކުމާން ލިވިއާއާއި ބައްދަލުކޮށްފައި ލިވިއާއަށް ވިސްނާދޭން މަސައްކަތްކުރިއެވެ. މުއްސަދިކަން ބޭނުމިއްޔާ އޭނައަށް ދުވަސްކޮޅެއްދޭން އެދުނެވެ. ލިވިއާ އެއްބަސްވާނެކަމުގެ އުއްމީދުގައި ހުރެ ލުކުމާން ދެއްކިވާހަކަތަކުން ލިވިއާގެ ޚިޔާލު ބަދަލުވާނެގޮތެއްނުވިއެވެ. ލުކުމާންގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. ލިވިއާ އޭނައަށްވުރެވެސް އިސްކުރީ މުދަލެވެ. ފައިސާއެވެ. ގަބޫލުކުރަން ހިތް ދެކޮޅުހެދިޔަސް ހަގީގަތްވާނީ ހަގީގަތަށެވެ. ލުކުމާން އޮފޭލިއާއަކީ އޭނަގެ މަންމަގެ ކުންފުންޏެއްކަމާއި އޭނަ ބޭނުމިއްޔާ މިހާރުވެސް މިލްކުކުރެވިދާނެކަމަށް ބުނެފިއްޔާ ލިވިއާއަށް އޭނަ ވަރެއް ނުހުންނާނެއެވެ. ސަވާނާފަދަ އެކުވެރިއަކަށްވެސް ބޭނުމެއްނުވާނެއެވެ. ލުކުމާންގެ ހިތަށް ނުބައި އަސަރެއްކުރިއެވެ. އެވަރުންވެސް އޭނަ ހުރީ ލިވިއާއަށް ތެދުވެރިވާށެވެ. ވަފާތެރިކަންމަތީގައެވެ.

ލިވިއާއަށް އޭނަ ދޭނީ ސަޕްރައިޒެކެވެ. ލިވިއާގެ ހިތް އުފަލުން ފުރާލަދޭނެއެވެ. ސަވާނާގެ ކައިވެނި ކެންސަލްކޮށްލާފައި އޭނަ ލިވިއާއާއި ކައިވެނިކުރާނީއެވެ. އޮފޭލިއާގެ ރަނިކަން ކޮންމެވެސް ދުވަހަކުން ލިވިއާއަށް ކުރެވޭނެކަމުގައި ބުނާނީއެވެ. ލިވިއާގެ މޫނުމައްޗަށް ވެރިވާނެ ކުލަދެކޭހިތުން ލުކުމާންއަށް ކެތްވަނީއެއް ނޫނެވެ. ލިވިއާގެ ހުވަފެންތައް ފުރިހަމަކޮށްދެވެން އުޅޭކަމަށްޓަކާ ޚުދު އޭނަގެ ހިތަށްވެސް ލިބެނީ ބަޔާން ކުރަން ދަތި އުފާތަކެކެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއޭ ބުނެ އުޅެއެވެ. އަބަދަށްޓަކާ ހިތާމައިގެ ސާލު އޮޅާލައިގެން ހުންނާކަށް ދެނެއް ނުޖެހޭނެކަން ނޭގެއެވެ.

ލުކުމާން އިމާދުއްދީންއާއި ބައްދަލުކުރަން އެގެއަށް ވަނެވެ. ސިޓިންރޫމްގެ ސޯފާގައި ދެމީހުން ތިބީ އެކަކު އަނެކަކަށް ކުރިމަތިލައިގެންނެވެ.

"ސަރ އައި ހޭވް ޓު ޓެލް ޔޫ ސަމްތިން...." ލުކުމާން އިނީ އިމާދުއްދީންއާއި ހަތަރުކަޅި ހަމަކުރަން ބޭނުންނުވެފައެވެ.

"އަވަހަށް ބުނޭ...." އިމާދުއްދީން މޭޒުމަތީގައި ހުރި ކޮފީތަށި ނެގިއެވެ. އެވަގުތު ލުކުމާންގެ ނަޒަރު ހުއްޓުނީ އިމާދުއްދީންގެ އަތަށެވެ. އެތައްފަހަރު ދިމާވެފައިވީއިރުވެސް އެކަން ފާހަގަނުކުރެވި މިވަގުތު ލޮލުގައި އަޅައިގަތުމަކީވެސް އަޖައިބެކެވެ. އޭނަގެ ކޮން ކުޑަ އިނގިއްޔެއްގެ ކައިރީ އަދި އެހެން އިނގިއްޔެއް ފަޅާފައިވިއެވެ. ފަސް އިނގިލީގެ ބަދަލުގައި ހަ އިނގިލި ހުރި މީހެކެވެ. ކޮންމެ ކަމަކަށްވެސް ވަގުތެއްވޭ ނޫންހެއްޔެވެ؟ ކަނޑައަޅާފައިވާ ވަގުތު ނުޖެހި އޮތީއެވެ. ކުޑަތަންކޮޅެއް ލަސްވިނަމަވެސް އޭނައަށް ލަނޑެއް ލިބުނީސްކަން ޔަގީނެވެ. އޭނަ އުޅުނީ އެކައިވެނި ނުކުރެވޭނެ ވާހަކަ ބުނާށެވެ. ނަމަވެސް އިމާދުއްދީންގެ އަތަށް ބަލައިލެވުނުގޮތަށް އިސްޖެހުނުއިރު ލުކުމާންގެ ޚިޔާލު ބަދަލުވެއްޖެއެވެ. ކެތްތެރިކަން ކޮޅުންލައިގެންގޮސް އެހުރިހާ އިނގިލިތައް ވަކިވަކިން ބިންދާލަން ބޭނުންވިއެވެ. ދުވަހަކު އެހާ ރުޅިގަދަވިކަމެއް ނޭގެއެވެ. ރުޅިވެރިކަން މުޅިހަށިގަނޑުގައި ހިނގައިގަތްވަރުން ލޮލުންނާއި ކަންފަތުންވެސް ދުން ނުކުމެދާނެފަދައެވެ. މޫނަށްވެސް ހޫނުކަމާއި ރަތްކަންވެރިވިއެވެ. އަމިއްލަ ނަފުސް އަމިއްލަ އަތުން ވީއްލިގެން ދިޔަ ސިކުންތުތަކަކަށްފަހު ލުކުމާން ވަރަށް އަވަހަށް އެ ޝުއޫރުތައް ފޮރުވައިލިއެވެ. ކުޅަދާނަކަމާއި އެކީގައެވެ.

"ސަރ........" ލުކުމާން އިމާދުއްދީންގެ ލޮލާއި ހަތަރުކަޅި ހަމަކުރިއެވެ.

"ކުރިން ބުނީމެއްނު ކުޑަ ހަފްލާއެކޭ. އެކަމަކު މިހާރު އަޅުގަނޑުގެ ޚިޔާލު ބަދަލުވެއްޖެ. އަޅުގަނޑުވެސް ބޭނުން އޮފީސް މީހުންނާއި މުޅި އާއިލާއާއި ސަރގެ އެކުވެރިންނަށްވެސް ދައުވަތުދޭން. ކައިވެނީގެ ހަފްލާވެސް އެހާ ގަދަކޮށްފައި އަދި ރާއްޖެ ނުދެކޭފަދަ ޕާޓީއެއް ބާއްވަން..........." ލުކުމާން ގެ ޖުމްލައާއިއެކު އިމާދުއްދީންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމާލިއެވެ. އުފާވެރިކަމުގެ ހުނުމެކެވެ. އެއަޑުވެސް ލުކުމާންގެ ކަންފަތުގައި ޖެހުނީ ހޮނުގުގުރީގެ ސިފައިގައެވެ. އެހާ އުދަގޫވި އަޑެއް ކަންފަތަކު ނުޖެހެއެވެ. ނަމަވެސް ލުކުމާންވެސް އެހުނުމާއި ބައިވެރިވިއެވެ.

"ޝުއަރ. ތިއީ އަހަރެން ބޭނުންވިގޮތް. މުއްސަންޖެއްގެ ހުރި އެންމެ އަންހެންދަރި މީހަކާއި އިންނައިރު އެހާ ކުޑަ ހަފްލާއަކުން ނިންމައިފިއްޔާ އެކުވެރިން މަލާމާތްކުރާނެ. ވާދަވެރިން އެހާ ގިނަ. އަހަރެން ހޮޓަލް ވިޔަފާރި ފެށީމަ އެހެންމީހުންވެސް އެކަންތައް ކުރަންފެށީ. ވާދަވެރިންނާއި ކުރިމަތިލާ އެމީހުންނަށްވެސް ކަންދެއްކޭނީ މިކަހަލަ ޕާޓީތައްވެސް ބޭއްވިގެންކަމަށް އަހަރެން ދެކެނީ. ވަރަށް އުފާވެއްޖެ ލޫކް ތިގޮތަށް ނިންމީމަ......" އިމާދުއްދީން ވަގުތުން ފޯނު ނަގައިގެން އެކިފަރާތްފަރާތަށް ގުޅަންފެށިއެވެ. ރިޒޯޓަކަށްވެސް ގުޅިއެވެ. ޕާޓީ ބާއްވަންވީތަނަކާއި ބެހޭގޮތުންވެސް ލަފާ ހޯދިއެވެ. ކައިވެނީގެ ހަފްލާވެސް ފުރިހަމަކުރަން ވީހާވެސް ގިނަމީހުންނަށް ދައުވަތުދޭން ނިންމިއެވެ. ލުކުމާން ކޮފީތަށި ލަސްލަހުން ބޯންއިންއިރު އޭނަގެ އެތެރެހަށިވެސް އަނދަމުން ދިޔައެވެ. އިމާދުއްދީން ފޯނު ކޯލުތައް ނިންމާލުމަށްފަހު ލުކުމާންގެ އައިޑީ ބަލައިލަން ބޭނުންވުމުން ވޮލެޓުން ނަގާލާފައި ދިއްކޮށްލައިފިއެވެ.

"އަހުމަދު ލުކުމާން" އިމާދުއްދީން އެނަން ކިޔައިލުމުން ލުކުމާން ހީލިއެވެ. އޭނަގެ މަންމައާއި ބައްޕަ އޭނައަށް ގޮވާއުޅެނީ ލުގުމާންގެ ނަމުންނެވެ. ލުގުމާންއަކީ ނަބީ ބޭކަލެއްގެ ނަންފުޅުކަމަށް މަންމަވަނީ ބުނެފައެވެ. އަދި ގުރުއާނުގައިވެސް އެނަންފުޅުވެއެވެ. އޭނަގެ އައިޑީ ކާޑު ހެދިއިރު ގާފުގެ ބަދަލުގައި ކާފެއް ލިޔެން ޖެހުނު ސަބަބެއް އޭނަ އެހާ ހަދާނެއްނެތެވެ. ދަންނަ އެންމެން ކިޔަންފެށީ ލުކުމާންގެ ނަމުންނެވެ. އެކުވެރިންދިން ނަމަކީ ލޫކްއެވެ. މަދު ބަޔަކު މާނު ކީނަމަވެސް އެނަން އެހާ ހިނގާފައެއް ނުވެއެވެ.

"ހީ ވޯޒް އެ ވައިސް މޭން. އަދި ޕްރޮފެޓެއްކަމަށް ބައެއް އިލްމުވެރިން ބުނޭ.............." ލުކުމާން ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ސޯފާގައި ލެނގިލިއެވެ.

"ވަރަށް ރީތި ޔުނިކް ނަމެކޭ ބުނެވޭނީ......." އިމާދުއްދީންއިނީ އޭނަގެ ވާން އުޅޭ ދަބި ދަރިފުޅާއިމެދު ނިކަން ހިތްހަމަޖެހިފައެވެ. މިފަދަ ހަރުދަނާ ފިރިހެންދަރިއަކު ހުރެއްޖެއްޔާ އޭނަގެ ކުންފުންޏާއިމެދު ވިސްނާކަށް ނުޖެހޭނެއެވެ. ހުރިހާކަމެއްގެ ޒިންމާ ނެގޭނެ ވެރިއެއް ފާޑު އެބަހުއްޓެވެ. ޖެހިލުން ކުޑަ ކެރޭފަދަ ޒުވާނެއްކަން މޫނުމަތިން ފާޅުވާން އެބަހުއްޓެވެ. މުސްތަގުބަލްގައި ވެރިކަން ކުރާނީ މިފަދަ ޒުވާނުންނެވެ.

ލުކުމާން މާވިއްކާ ފިހާރައަކަށް ވަނުމާއިއެކު ލޮލުގައި އަޅައިގަތީ ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެކެވެ. ރަތްލޭކޮޅެއްފަދަ މަލާއި ގަދަފެހިކުލައިގެ ފަތުގެ ސަބަބުން އެ ބުކޭ ފެންނަލެއް ނުކަން ހިތްގައިމެވެ. މީރުވަހެއްވެސް ހިފާލާފައިވެއެވެ. ލުކުމާން އަގު އަހައިލިއެވެ. އެތާ ތިބ ދެ އަންހެންކުދިން ތުއިވޭ ވޭ ތިބެ އެހެން މާތައް ދައްކައިގެން ލުކުމާންއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ލުކުމާން އެކަކަށްވެސް ޝައުގެއްނެތެވެ. އޭނަގެ ޝައުގު ގުޅިފައިވަނީ އެންމެ ކަމަކާއެވެ. މާ ބުކޭއަށް އަގުދައްކާފައި ލުކުމާން ހަރު ހިގުމެއްގައި މިސްރާބުޖެހިއިރު ހިތްވަނީ ތަންކޮޅެއް އަވަސްވެފައެވެ.

ލުކުމާން ސިޓިންރޫމަށް ވަނުމާއިއެކު ހިތަށް ނުބައިގޮތެއްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް