އެންމެ ފުރިހަމަ ނަމޫނާއަކީ އިސްލާމްދީނުގެ ނަބިއްޔާއެވެ.

މައްކާގެ ހަރަމްފުޅު-- ފޮޓޯ: އޭޕީ

(ޢަބްދުﷲ ފާރޫޤު ޙަސަންގެ ނަބަވީ ސީރަތާއި މި ޒަމާނުގެ މައްސަލަތައް މި ފޮތުން ނަގައިފައި)

އިސްލާމްދީނުގެ ނަބިއްޔާ محمد صلى اللّه عليه وسلم އަކީ އަރަހުށި މާތް اللّه އިންސާނިއްޔަތަށް ދައްކަވައިފައިވާ އެންމެ ފުރިހަމަ ނަމޫނާއެވެ. އިންސާނުން ހިނގާން އޮތް މަގަށް އަލިކޮށްދޭ އެންމެ ފާންކަން ގަދަ ދަންމަރެވެ. އެހެންކަމުން ކީރިތި ޤުރްއާނުގައި އެކަލޭގެފާނަށް ދެއްވައިފައިވާ ލަޤަބަކީ [رحمة للعالمين] ގެ މަތިވެރި ލަޤަބެވެ.

އިސްލާމްދީނުގެ ނަބިއްޔާއާމެދު އަޅުގަނޑުމެން މުސްލިމުން މިބާވަތުގެ ދަޢުވާއެއް ކުރާއިރު މިއީ ހަމައެކަނި އަޅުގަނޑުމެން މުސްލިމުންގެ ދީނީ ޖޯޝުގައި ކުރާ ދަޢުވާއެއް ނޫނެވެ. ހަމައެކަނި ކަމޭހިތުމާއި، ރަނގަޅު ހީގެ މައްޗަށް ބިނާކުރާ ދަޢުވާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ އިންސާނީ ތާރީޚުން އެ ދަޢުވާއެއްގެ ސާބިތު ހެކި ފެންނާން ހުރި ޞަރީޙު ދަޢުވާއެކެވެ.

އިންސާނިއްޔަތަށްޓަކައި ފުރިހަމަ ނަމޫނާއެއް ކަމުގައި ބެލެވޭނީ އެމީހެއްގެ ޙަޔާތުގެ ނަމޫނާގައި ތިން ޝަރުޠެއް ފުރިހަމަވެގެންނެވެ. އެންމެ ފުރަތަމަ ޝަރުޠަކީ އެމީހެއްގެ ސީރަތު ތާރީޚުން ފުރިހަމަޔަށް އެނގޭން އޮތުމެވެ. އެމީހެއްގެ އުޅުމާއި، ގުޅުމާއި، ވަނަވަރާއި، މިހުރިހާ ކަމެއް ތާރީޚީ ފަތްފުށްތަކުގައި ފުރިހަމަޔަށް ރެކޯޑުކުރެވި ރައްކާތެރިކުރެވިފައި އޮތުމެވެ. އިތުބާރުކުރެވޭފަދަ މުޢުތަބަރު ގޮތެއްގައި އަޅުގަނޑުމެންނާ ހަމަޔަށް އެ ވާހަކަތައް އައިސްފައިވުމެވެ. ދެވަނަ ކަމަކީ އެމީހަކު ދުނިޔެއަށް ދިން ދަޢުވަތާއި އެމީހަކު ގެނެސްދިން އިންސާނީ ޙަޔާތުގެ ދުސްތޫރަކީ މުޅި އިންސާނިއްޔަތަށް ޢާއްމު ދަޢުވަތަކާއި ދުސްތޫރެއް ކަމުގައި ވުމެވެ. ވަކި ޚާއްޞަ ހިސާބެއްގެ ވަކި ނަސްލެއްގެ ބަޔަކަށް ޚާއްޞަވެފައި ނުވާ ޢާއްމު ދަޢުވަތަކާއި ދުސްތޫރެއް ކަމުގައި ވުމެވެ. ތިންވަނަ ކަމަކީ އެމީހެއްގެ ސީރަތުން އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާތަކަކަށް މަގު ފެނުމެވެ. އަލިކަން ލިބުމެވެ. އެމީހަކު ތިމާގެ އިމާމެއް ކަމުގައި ބަލައިގެންފި މީހެއްގެ ޙަޔާތުގެ އެއްވެސް ކަމަކަށް ނުވަތަ އެއްވެސް ދާއިރާއަކަށް އަލިކަން ނުލިބި ނޯންނަފަދަ ފުރިހަމަ ގޮތެއްގައި މަގުދައްކައިދެވޭ ނަމޫނާއެއް ކަމުގައިވުމެވެ.

ތާރީޚީ ރެކޯޑުތަކާއި ސަނަދުތައް

އިންސާނީ ތާރީޚުގައި އެމީހެއްގެ ޙަޔާތު ފުރިހަމަޔަށް ރެކޯޑުކުރެވިފައި ވުމާއި، އެ ރެކޯޑުތަކުގެ ސަނަދުތަކުގެ ދާއިރާގައި އިސްލާމްދީނުގެ ނަބިއްޔާ ފިޔަވައި އެހެން ކޮންމެ ދީނީ އިމާމެއްގެ ޝަޚްޞިއްޔަތާމެދު ފިކުރު ހިންގައިލި ކަމުގައި ވިޔަސް ޖެހޭނީ ވަރަށް ބޮޑަށް މާޔޫސް ވާށެވެ. މި މޭރުމުން މިއަދު އަޅުގަނޑު ބަލައިލާނީ ދުނިޔޭގައިއޮތް އެންމެ ބައިގިނަމީހުންގެ ދީންކަމުގައިވާ ކްރިސްޓިއަންދީނުގެ މަރުކަޒީ ޝަޚްޞިއްޔަތު ކަމުގައި ބެލެވޭ عيسى عليه السلام އާ މެދުގައެވެ.

އަޅުގަނޑުމެންގެ މާތް ދީން ކަމުގައިވާ އިސްލާމްދީނުގައި އިރުޝާދު ދެއްވައިފައިވާ ގޮތުގައިވެސް ސަލާމްލެއްވި عيسى ގެފާނަކީ މާތް اللّه ފޮނުއްވި ތެދުވެރި ނަބީބޭކަލެކެވެ. އެހެންކަމުން އަޅުގަނޑުމެންކުރެ ކޮންމެ މުސްލިމަކުވެސް އެކަލޭގެފާނުގެ މަތިވެރި މަޤާމަށް އިޢުތިރާފުވަމުއެވެ. އެކަލޭގެފާނަށް ޙައްޤު ޝަރަފާއި މާތްކަން އަރުވަމުއެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތާމެދު މި މައިގަނޑު ނަމުގައި އަޅުގަނޑު މި ވާހަކަދައްކަނީ ހަމައެކަނި ތާރީޚީގޮތުންނެވެ.

ސަލާމްލެއްވި مسيح عيسى عليه السلام ގެ ޙަޔާތްޕުޅާއި، އެކަލޭގެފާނުގެ ދަޢުވަތުގެ ހަމައެކަނި ރިފަރެންސަކަށް އޮތީ ބައިބްލްގެ ނިއުޓެސްޓަމެންޓެވެ. އެއީ އެކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ވަޙީއާއި، އެކަލޭގެފާނުގެ އިލްހާމުތަކާއި، ވިދާޅުވި ވަޢުޡުތަކާއި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ޙާދިޘާތަކާމެދު އެކަލޭގެފާނުގެ އަރިހުން ސީދާގޮތުންނާއި މެދުވެރީންގެ ވަސީލަތުން މަޢުލޫމާތު ހޯއްދެވި ބޭކަލުންގެ ލިޔުއްވުންތަކާއި އެބޭކަލުންނަށް [ދެއްކެވި ދެއްކެވުންތަކުގެ] މައްޗަށް އެކުލެވިފައިވާ ކަމުގައި ބުނެވޭ މަޖްމޫޢާއެކެވެ. ބައިބްލްގެ މިބައިގައި ވަނީ ހަތާވީސް ޞުޙުފެކެވެ. ނަމަވެސް އޭގެ ތެރެއިން ހަތް ޞުޙުފަކާއި ޞުޙުފެއްގެ ބައެއް ބައިތަކަކީ ޚުދު ކްރިސްޓިއަން ޢިލްމުވެރީންވެސް އެއްބަސްވެވަޑައިނުގަންނަވާ ލިޔުންތަކެކެވެ. (އިޡްހާރުލް ޙައްޤު: ޖިލްދު1)

مسيح ވާހަކަފުޅުދެއްކެވީ އާރާމީބަހުންނެވެ. ނަމަވެސް އިންޖީލުގެ އެންމެކުރީގެ ފޮތެއް ފެންނާން އޮތީ ގްރީކުބަހުންނެވެ. މުރްޤިސް (މާރކް) ގެ އިންޖީލު ލިޔެވިފައިވަނީ މަސީޙުގެ 65-70 އަހަރު ފަހުންނެވެ. މައްތާ (މެތިއު) ގެ އިންޖީލު 85-90 އަހަރު ފަހުންނެވެ. ލޫޤާ (ލޫކް) ގެ އިންޖީލު 90-95 އަހަރު ފަހުންނެވެ. ޔޫޙަންނާ (ޖޯން) ގެ އިންޖީލު 110 އަހަރު ފަހުންނެވެ. އިންޖީލުގެ މުޞައްނިފުންގެ ތެރޭގައި عيسى عليه السلام ގެ ޙަވާރީ ބޭކަލަކު ނެތެވެ. އެއިން އެއްވެސް ފޮތެއްގެ އެއްވެސް ސަނަދެއް ނެތެވެ. ޚުދު عيسى ގެފާނުގެ އަރިހުން އިންޖީލުގެ ކާތިބުންނާ ހަމަޔަށް އައިސްފައިވާ ސަނަދެކެވެ. މުޅި ނިއުޓެސްޓަމެންޓް ލިޔެވިފައިވާ ގޮތާއި، އޭގެ އިތުބާރު ހުރިނެތް މިންވަރަކާ ބެހޭގޮތުން ނިޔާކަނޑައަޅާފައި ވަނީ ބައިބަލާ ބެހޭގޮތުން ބޭއްވުނު ތިންވަނަ ކާރތީޖު ކައުންސިލުންނެވެ. އެ ކައުންސިލް ބާއްވައިފައި ވަނީ عيسى ގެފާނުގެ 397 އަހަރު ފަހުންނެވެ.

އަނެއްކޮޅުން ޚުދު އެ ތަރުޖަމާގެ ޙާލުހުރިގޮތަކީ ޗާޗުން އެންމެ ފުރަތަމަ އެ ތަރުޖަމާ ޤަބޫލެއްވެސް ނުކުރެއެވެ. އެ ތަރުޖަމާ ޤަބޫލުކޮށްފައިވަނީ މާފަހުންނެވެ. ކައުންސިލް އޮފް ޓްރެންޓުން (Council of Trent) ނެވެ. އެހައިތަނަކުންވެސް ކްރިސްޓިއަން ޢިލްމުވެރީން އެ ތަރުޖަމާއަށް ކުރައްވާ އިޢުތިރާޟުތަކަކަށް ނިމުމެއް ނާދެއެވެ. އެބޭފުޅުން ވިދާޅުވާގޮތުގައި އެ ތަރުޖަމާއަކީ [މާއަވަސް އަރުވައިލައިގެން ކުރެވިފައިވާ ތަރުޖަމާއެކެވެ. ވަރަށްގިނަ ބަދަލުތަކެއްގެ ސަބަބުން ނުބައިވެފައިވާ ތަރުޖަމާއެކެވެ.] (ފާދަރ ޔޫނުސް ސިންގް)

ބައިބްލްގެ އެހެނިހެން ތަރުޖަމާތައް ކުރެވިފައިވަނީ އިސްވެ ދެންނެވި ތަރުޖަމާއިންނެވެ. އެ ތަރުޖަމާތަކުގެ ތެރޭގައި ކިންގް ޖޭމްސްގެ އަމުރުފުޅަށް ހެމްޕްޓަންކޯޓް ކޮންފަރެންސް (Hampton Court Conference) ގައި ކުރެވުނު މަޝްހޫރު އިނގިރޭސި ތަރުޖަމާވެސް ހިމެނެއެވެ. އެ ތަރުޖަމާ ޝާއިޢުކުރެވުނީ 1611މ. ގައެވެ. އެއަށްފަހު 1884މ. ގައި އެ ތަރުޖަމާ ވަނީ އަލުން އިޞްލާޙު ކުރެވިފައެވެ. ކިންގް ޖޭމްސް ބައިބްލް (King James Bible) ގެ ނަމުން މަޝްހޫރުވެފައިވަނީ މިދެންނެވި ބައިބަލެވެ.

އިސްވެ ދެންނެވި ޙަޤީޤަތްތަކުގެ އަލީގައި ދަންނަވަންޖެހެނީ ބައިބްލަކީ عيسى عليه السلام މިދުނިޔެއާ ވަކިވެވަޑައިގެންނެވިތާ ދިގު މުއްދަތަކަށްފަހު އެކަލޭގެފާނާ ސީދާ ގުޅުމެއްނެތި ތަރުތީބުކުރެވުނު ފޮތެއް ކަމުގައެވެ. އެ ފޮތުގެ އެޑިޓަރުންގެ ތެރޭގައި އެކަލޭގެފާނުގެ ޙަވާރީއަކުވެސް ހިމެނިވަޑައިގެންފައެއް ނުވެއެވެ. އެ ފޮތަކީ އިތުބާރުހުރި ފޮތެއް ކަމުގައި ކަނޑައެޅޭނެ ސަނަދުގެ ސިލްސިލާއެއްވެސް ނެތެވެ. އެ ފޮތުގެ ބައެއް ޞުޙުފުތަކަކީ ޚުދު ކްރިސްޓިއަނުންގެ ތެރޭގައިވެސް އިތުބާރެއްނެތް ޞުޙުފުތަކެކެވެ. އިންޖީލުގެ އާރާމީބަހުން ލިޔެވިފައިވާ އެއްވެސް ކޮޕީއެއް ނެތެވެ. ސަލާމްލެއްވި مسيح ގެ މާދަރީބަހަކީ އާރާމީބަހެވެ. އެހެންކަމުން އިންޖީލު ފެށިފައިވަނީވެސް ތަރުޖަމާއަކުން ކަމުގައި ބުނާން ޖެހެއެވެ. މިދެންނެވި އެންމެ މުސްކުޅި ތަރުޖަމާއެއްވެސް މިހާރަކު ފެންނާކަށެއް ނެތެވެ. ފެންނާންހުރީ ތަރުޖަމާތަކުގެ ތަރުޖަމާއެވެ. އެ ތަރުޖަމާތަކަކީވެސް ކުރީންވެސް ދެންނެވި ފަދައިން ކްރިސްޓިއަން ބައެއް ޢިލްމުވެރީންވެސް އެ ތަރުޖަމާތަކުގެ ޞައްޙަކަމާމެދު އިޢުތިރާޟުކުރައްވާ ތަރުޖަމާތަކެކެވެ. ކަން މިހެން ހުރުމާއެކު مسيح عليه السلام ގެ ޙާލުކޮޅުތަކާއި އެކަލޭގެފާނުގެ ސީރަތާމެދު އެ ފޮތަކީ އިތުބާރުހުރި ރިފަރެންސެއް ކަމުގައި ބުނާނެ ޖާގައޮތީ ކިހާވަރަކަށްކަން ތިޔައިން އެއްވެސް ބޭފަޅަކަށް ވަންހަނާވެވަޑައިގެންފައެއް ނުވާނެއެވެ. ބައިބްލްގެ މަޝްހޫރު މުފައްސިރެއް ކަމުގައިވާ ހާރަން އޭނާގެ ތަފްސީރުގައި މި މޭރުމުން ލިޔުއްވާފައިވެއެވެ.

[ މުޤައްދަސް ފޮތަކީ ކަލާނގެ ޙަޟްރަތުން އައިސްފައިވާ ވަޙީ ކަމުގައި ބުނާއިރު އޭގެ މާނައަކީ އޭގެ ކޮންމެ ލަފުޒަކީ ނުވަތަ މުޅި ޢިބާރަތަކީ އިލާހީ އިލްހާމެއް ކަމުގައި ބުނުމެއް ނޫނެވެ. އަދި ކީއްތޯއެވެ. މުޞައްނިފުންގެ މުޙާވަރާތަކާއި އެބައިމީހުންގެ ބަޔާންތަކުގައި ހުރި ޚިލާފުތަކުން ސާބިތުވަނީ އެބައިމީހުންގެ ޠަބީޢަތާއި އާދަކާދައާ އެއްގޮތަށް އެމީހެއްގެ އަމިއްލަ ވިސްނުމާ ގުޅޭ ގޮތަކަށް ލިޔުމަށް ހުއްދަދެވިފައިވާ ކަމެވެ. ނަތީޖާއެއްގެގޮތުން އިލްހާމީ ޢިލްމެއް ބޭނުންކުރެވިފައި އެވަނީ ރަސްމީ އެހެން ޢިލްމުތައްވެސް ބޭނުންކުރެވޭ ގޮތަށެވެ. އެބައިމީހުން ބަޔާންކޮށްފައިވާ ކޮންމެ ވާހަކަޔަކީ އިލްހާމީ ވާހަކައެކޭ ނުބުނެވޭނެއެވެ. އެބައިމީހުން ބަޔާންކުރާ ކޮންމެ ޙުކުމަކީ އިލްހާމީ ޙުކުމެކޭވެސް ބުނެވޭކަށެއް ނޯންނާނެއެވެ.]

އެންސައިކްލޮޕީޑިއާ ބްރިޓޭނިކާގައި ލިޔެފައިވެއެވެ.

[ބައިބްލްގައި ލިޔެފައިވާ ކޮންމެ ވާހަކައަކީ އިލްހާމީ ވާހަކައެއް ކަމުގައި ދަޢުވާކުރާ މީހުންނަކަށް އެބައިމީހުންގެ ދަޢުވާ ފަސޭހައަކުން ސާބިތުކޮށެއް ނުދެވޭނެއެވެ.] – (އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ: 19/20)

ދެން އަޅުގަނޑުމެން އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّم ގެ ސީރަތާމެދު ބަލައިލަމާ ހިންގަވާށެވެ. އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّمގެ ސީރަތުގެ މައިގަނޑު ދެ މަޞްދަރެއް އެބައޮތެވެ. އެއީ މާތް اللّه ގެ ފޮތާއި އެކަލޭގެފާނުގެ ސުންނަތެވެ. މިދެންނެވި ދެ މަޞްދަރުގެ ތެރެއިން އެންމެ ފުރަތަމަ މަޞްދަރަކީ ކީރިތި ޤުރްއާނެވެ. އެ ފޮތް އެންމެ ފުރަތަމަ ލިޔެވުނު ބަހުން، އެ އަކުރުތަކުން، އެ ބަހުރުވައިން މިއަދާ ހަމަޔަށްވެސް ވަނީ ރައްކާތެރި ކުރެވިފައެވެ. އިތުރުސާހިބާ صلّى اللّه عليه وسلّمވަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޚުދު އެކަލޭގެފާނުގެ ބެއްލެވުމުގެ ދަށުން އެ ފޮތް ލިޔުއްވައިފައެވެ. އެ ފޮތުގެ އާޔަތްތަކާއި ސޫރަތްތައް ތަރުތީބު ކުރައްވައިފައެވެ. (ޞުޔޫޠީ، އަލްއިތުޤާނު ފީ ޢުލޫމުލް ޤުރްއާން: 1/64، އާލޫސީ، ރޫޙުލްމަޢާނީ) އެތައްބަޔަކު ވަނީ އެކަލޭގެފާނުގެ އަރިހުން ކީރިތި ޤުރްއާން ހިތުދަސްކޮށްފައެވެ. މުސްލިމުންގެ އެންމެ ފުރަތަމަ ޚަލީފާ أبوبكر الصدّيق رضى اللّه عنه ވަނީ ކައުސާހިބާ صلّى اللّه عليه وسلّم ސުވަރުގެ ވަޑައިގެންނެވިތާ އެއް އަހަރުވެސް ނުވަނީސް ކީރިތި ޤުރްއާން ފޮތެއްގެ ސިފައިގައި ދެ ބޭރުގަނޑުގެ ދެމެދަށް ޖަމާކުރައްވައިފައެވެ. މުސްލިމުންގެ ތިންވަނަ ޚަލީފާ عثمان ذوالنّورين رضى اللّه عنه ވަނީ އެންމެން އެއްގޮތަކަށް އެއް ލަހެޖާއަކުން ކީރިތިޤުރްއާން ކިޔަވާގޮތަށް މުސްލިމުން އިއްތިފާޤު ކުރައްވައިފައެވެ. (ޒަރްކަޝީ: އަލްބުރްހާން ފީ ޢުލޫމުލް ޤުރްއާން) މި ހުރިހާކަމެއް މިގޮތަށް ހަމަޖެހިފައިވަނީ އިތުރުސާހިބާ ސުވަރުގެވަޑައިގެންނެވިތާ ތިރީހަކަށް އަހަރުވެސް ނުވަނީހެވެ. އޭރުއްސުރެ އެތައްހާސް ބަޔެއްގެ ހިތްތަކުގައިވެސް ކީރިތިޤުރްއާން ވަނީ ރައްކާތެރިކުރެވިފައެވެ. މާނައަށް ފަރަޤެއް އަންނަފަދަ ލަފުޒީ އެއްވެސް ތަފާތަކާ ނުލައެވެ.

އިތުރުސާހިބާ صلّى اللّه عليه وسلّم ގެ ސީރަތުގެ ދެވަނަ މަޞްދަރަކީ އެކަލޭގެފާނުގެ ސުންނަތެވެ. ނުވަތަ ޙަދީޘްފުޅުތަކެވެ. އެއީ ޙަދީޘްފުޅުތަކުގެ ރާވީންނަކީ ޚުދު އިތުރުސާހިބާގެ ޞަޙާބީންނެވެ. ޙަދީޘްފުޅުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަދަ ބައެއް ވަނީ އިތުރުސާހިބާގެ ޙަޔާތްޕުޅުގައި ލިޔެވިފައެވެ.

އިތުރުސާހިބާގެ ޙަދީޘްފުޅުތަކުގެ ބޮޑު ޚަޒާނާގައި ހިމެނޭ ކޮންމެ ޙަދީޘެއްގެ ސަނަދު ވަނީ ލިޔެވި ރައްކާތެރި ކުރެވިފައެވެ. އެ ސަނަދުތަކުގައި ހިމެނޭ ހުރިހާ ރާވީންގެ ޙާލަތުތައްވެސް ވަނީ ހޯދި ރެކޯޑުކުރެވި ރައްކާތެރި ކުރެވިފައެވެ. އެ ރެކޯޑުތަކަކީ ތާރީޚުގައި އޭގެ ދެވަނަ މިސާލެއްނުވާފަދަ ގިނަގުނަ މަޢުލޫމާތުތަކެކެވެ. އެ ސަނަދުތަކާއި މަޢުލޫމާތުތަކުގެ އަލީގައި ކޮންމެ ޙަދީޘެއްގެވެސް އިތުބާރު ހުރިނެތްގޮތާއި، ގަދަބަލިކަން މިއަދުވެސް ބަލައިލެވޭން އެބައޮތެވެ.

މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ދަޢުވަތު

ދީނަކާމެދު އެ ދީނަކީ ބައިނަލްއަޤްވާމީ ދީނެއްކަން ނުވަތަ މުޅި އިންސާނިއްޔަތުގެ ދީނެއްކަން ކަނޑައެޅުމަށްޓަކައި ބޭނުންވަނީ އެ ދީނެއްގެ އުނގަންނައިދިނުންތަކަކީ ބައިނަލްއަޤްވާމީ އެއްޗެއް ކަމުގައި ވުމެވެ. އެއްވެސް ތަފާތުކުރުމެއްނެތި މުޅި އިންސާނިއްޔަތާމެދު އެއް ނަޒަރަކުން ބަލާ ދީނެއްކަމުގައި ވުމެވެ. އިންސާނުން ތަފާތު ގިންތިތަކަކަށް ބަހާ ދީނެއް ކަމުގައި ނުވުމެވެ.

ސަލާމްލެއްވި عيسى ގެފާނާމެދު މި ރޮނގުން ވިސްނައިލާއިރު ކީރިތި ޤުރްއާނުގައި ވާގޮތުން އެކަލޭގެފާނަކީ ބަނީއިސްރާއީލުންގެ ގާތަށް ފޮނުއްވި ރަސޫލުބޭކަލެކެވެ. (އާލު ޢިމްރާން: 49) އާދެ، ޚާއްޞަ ނަސްލެއްގެ ބަޔެއްގެ ގާތަށް ފޮނުއްވި ބޭކަލެކެވެ. ބައިބްލްގައިވާގޮތުން ޚުދު مسيح ގެ ދޫފުޅުންވެސް މިކަން ތަޞްދީޤުވެއެވެ.

[ ބަނީއިސްރާއީލުގެ ގެއްލިފައިވާ [ ކަންބަޅިތައް] ފިޔަވައި އެހެން ބަޔެއްގެ ގާތަކަށް އަހަރެން ފޮނުއްވިގެންނެއް ނުވެއެވެ.] (މެތިއު: 10: 6، 5)

އިންޖީލުގައިވާގޮތުން عيسى عليه السلام އެކަލޭގެފާނުގެ ދަރިވަރުންނަށް އިރުޝާދު ދެއްވައިފައިވެއެވެ. [އެހެނިހެން ޤައުމުތަކުގެ މީހުންގެ ގާތަށް ނުދާށެވެ. ސާމިރީންގެ ރަށްރަށަށް ނުވަންނާށެވެ. އަދި ކީއްހެއްޔެވެ؟ އިސްރާއީލު ބާގައިގެ ގެއްލިފައިވާ ކަންބަޅިތަކުގެ ގާތަށް ދާށެވެ. (މެތިއު: 6:10) އެހެންކަމުން عيسى ގެފާނުގެ ޙަވާރީއަކު ދީނަށް ގޮވައިލެއްވުމަށްޓަކައި އިސްރާއީލުގެ ދަރިކޮޅުގެ މީހަކު ފިޔަވައި އެހެންމީހެއްގެ ގާތަށް ވަޑައިގެންފިނަމަ އެދުވަސްވަރު އެކަން ހިމެނިފައި އޮތީ ފާޑުކިޔޭ އަދި ބަޙުޘްކުރެވޭ ކަމެއް ކަމުގައެވެ.

އިސްވެދިޔަ ބާވަތުގެ އެތައް ހެކިތަކަކާއި ދަލީލުތަކަކުން ސާބިތުވަނީ ސަލާމްލެއްވި مسيح ގެ ނަބީކަމާއި އެކަލޭގެފާނުގެ ދީނީ ދަޢުވަތަކީ ހަމައެކަނި އިސްރާއީލު ދަރިކޮޅަށް ޚާއްޞަކަމެއްކަމެވެ. އެހެންކަމުން مسيح ގެ ދަޢުވަތަކީ މުޅި އިންސާނިއްޔަތަށް ޢާއްމު ދަޢުވަތެއްކަމުގައި ބުނާ މީހުންނަކީ އެ ދަޢުވާ ސާބިތުކުރެވޭނޭ އެއްވެސް ހެއްކެއް ޤަރީނާއެއްނެތް ދަޢުވާއަކާއިގެން ތެދުވެތިބި ބަޔެކެވެ.

މިތާނގައި ޢާއްމުގޮތެއްގައި އަޅުގަނޑު ބަޔާންކޮށްފައި މިވަނީ ބައިބްލްގައި مسيح ގެ ތަސްވީރު ކުރަހާފައިވާ ގޮތެވެ. ޝައްކެއްވެސް ނެތެވެ. ކޮންމެ ނަބީބޭކަލަކީވެސް އެބޭކަލެއްގެ ދައުރަށްޓަކައި ނަމޫނާއެކެވެ. ނަމަވެސް ޚުދު مسيح ވިދާޅުވާ ގޮތުގައިވެސް އެކަލޭގެފާނު ފޮނުއްވުނީ ކުރީގެ ޝަރީޢަތަށް އެއްވެސް ބަދަލެއް ގެންނަވާކަށެއް ނޫނެވެ. ތައުރާތުގެ އެއްވެސް ޙުކުމެއް ބަދަލުކުރެއްވުމަކީ އެކަލޭގެފާނުގެ މިޝަނެއް ނޫނެވެ. ނަމަވެސް ސެއިންޓްޕޯލް ވަނީ ނުހަނު ކެހިވެރި ގޮތެއްގައި ތައުރާތާއި ކްރިސްޓިއަނިޓީއާ ގުޅުން ކަނޑާލައިފައެވެ.

އަނެއްކޮޅުން އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّم އާމެދު ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައި ވަނީ އެކަލޭގެފާނަކީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. (އަލްއަންބިޔާއު: 107) އެކަލޭގެފާނަށް ބާވައިލެއްވި ކީރިތި ޤުރްއާނާމެދު ވަޙީކުރައްވައިފައިވަނީ އެ ޤުރްއާނަކީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތެއް ކަމުގައެވެ. (އަލްބަޤަރާ: 185)

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ވަނީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވައިގެން އެކަލޭގެފާނުގެ ދަޢުވަތު އުދަރެސްތަކަށް ހުޅުއްވައިލައްވައިފައެވެ. އެޒަމާނުގައި ދުނިޔޭގައި ތިއްބެވި ބޮޑެތި ބޮޑެތި ރަސްރަސްކަލުންނަށް ދީނަށް ގޮވައިލެއްވުމުގެ ފަތްކޮޅުތައް ފޮނުއްވައިފައެވެ. އިތުރުސާހިބާގެ ޞަޙާބީންގެ ތެރޭގައި ދުނިޔޭގެ އެކި ތަންތާނގެ އެކި ނަސްލުތަކުގެ ޞަޙާބީން ތިއްބެވިއެވެ. ޙަބަޝާގެ بلال އެވެ. ރޫމީންގެ صهيب އެވެ. ފާރިސީންގެ سلمان އެވެ. ބަނީއިސްރާއީލުގެ عبداللّه بن سلام އެވެ. ޔަމަނުކަރައިގެ أبوهريرة އެވެ. މައުލާނާ މުނާޒިރު އަޙްސަން ގީލާނީގެ ދިރާސާތަކުން ސާބިތުވާ ގޮތުގައި ހިންދުކަރައިގެ ބޭކަލެއްވެސް ޞަޙާބީންގެ ތެރޭގައި ހުންނެވިއެވެ. ނަންފުޅަކީ ރަތަންއެވެ. (رضى اللّه عنهم)

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ވަނީ މުޅި އިންސާނިއްޔަތަށް ހަމަހަމަކަމާއި އެއްވަރުކަމުގެ ތަޢުލީމު ދެއްވައިފައެވެ. މާތްކަމާއި މަތިވެރިކަމުގެ މިންގަނޑަކީ ނަސްލީ ކަމެއް ނޫންކަން އަންގަވައިފައެވެ. އަދި ކީއްތޯއެވެ. އެ މިންގަނޑަކީ ތަޤުވާވެރިކަން ކަމުގައި އިރުޝާދު ދެއްވައިފައެވެ. (އަލްޙުޖުރާތު: 13)

އިސްވެދިޔަ ދަލީލުތަކުން ސާބިތުވާ ގޮތުގައި އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّم ގެ ދަޢުވަތާއި އެކަލޭގެފާނު ގެންނެވި ރިސާލަތަކީ އިންސާނީ ޙަޔާތުގެ ބައިނަލްއަޤްވާމީ ނުސްޚާއެކެވެ. މުޅި އިންސާނިއްޔަތުގެ ހިތްތަކުގެ ފަރުވާއެކެވެ.

ފުޅާ ދާއިރާއެއްގެ ނަމޫނާއެއް

އިންސާނިއްޔަތަށްޓަކައި ފުޅާ ދާއިރާއެއްގެ ނަމޫނާއެއް ކަމުގައިވާނީ އެ ޝަޚްޞިއްޔަތެއްގެ ސީރަތުގައި އިންސާނީ ދިރިއުޅުމުގެ ހުރިހާ ދާއިރާތަކެއްގެ ނަމޫނާ ފެންނާންހުރި ޝަޚްޞިއްޔަތެކެވެ. އިންސާނުން ހިނގާން އޮތް މަގަށް އަލިކޮށްދޭ ދަންމަރަކީ އެ ޝަޚްޞިއްޔަތެއް ކަމުގައި ބެލުމުން އިންސާނީ ޙަޔާތުގައި އެއްވެސް ހުސްކަމެއް އޮތަ ނުދިނުމަށްޓަކައެވެ. އިރުޝާދާއި ނަމޫނާ ފެންނާންނެތް އެއްވެސް ދިމާއެއް އޮތަނުދިނުމަށް ޓަކައެވެ.

އިންސާނެއްގެ ޙަޔާތު މުހިންމު ތިން ދާއިރާއަކަށް ބަހައިލެވިދާނެއެވެ. އޭނާގެ އިންފިރާދީ ދިރިއުޅުމާއި، ޢާއިލީ ދިރިއުޅުމާއި، އިޖުތިމާޢީ ދިރިއުޅުމެވެ. އިންސާނެއްގެ ޙަޔާތުގެ މި ތިންބައިގެވެސް މަޢުލޫމާތު ލިބޭނީ އެ ދާއިރާއަކަށް ފުރިހަމަޔަށް އަލިކަން ލިބޭން ހުރެގެންނެވެ. ސަލާމްލެއްވި عيسىގެފާނުގެ އިންފިރާދީ ޙަޔާތްޕުޅާމެދު ފުދޭ މިންވަރާ ގާތަށްވެސް އަލިކަމެއް ލިބޭކަށެއް ނެތެވެ. މުޢުޖިޒާތީ ބައެއް ޙާދިޘާތަކާއި، ބައެއް ދަތުރުފުޅުތަކާއި، އަޚްލާޤީ ނަސޭހަތްޕުޅުތަކެއް ފިޔަވައި މި ދާއިރާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ބައިބްލުން ލިބޭކަށެއް ނެތެވެ. އެކަންކަމުގެވެސް އެކަށޭނަ ތަފްޞީލުތަކެއް ނެތެވެ. އެކަލޭގެފާނު ހެދުންކޮޅު ތުރުކުރެއްވި ގޮތްކޮޅެއް، ފަރީއްކުޅުއްވުމުގައި ގެންގުޅުއްވި ފާޑުވެރިކަމެއް، އަވަހާރަފުޅު ލެއްޕެވުމާއި ހޭފުޅުލައްވައި އުޅުއްވުން ހުރީ ކިހިނެއް ކަމެއް، ވާހަކަފުޅުދެއްކެވުމާއި، މީހުނާ ބައްދަލުކުރެއްވުން ހުރިނެތްގޮތެއް، ޠަހާރަތާއި އަޅުކަން ކުރެއްވުމުގައި ގެންގުޅުއްވި އަދަބުތަކެއް ބައިބްލުން އެއްވެސް ވަރަކަށް ފިލާކަށެއް ނެތެވެ. އެހެންކަމުން ފަރުދެއްގެ އިންފިރާދީ ޙަޔާތުގެ ނަމޫނާއެއް ކަމުގައި مسيحބަލައިގަނެވޭނެ ޖާގައެއް ނެތެވެ.

ދެވަނަޔަށް އޮތީ ޢާއިލީ ދިރިއުޅުމެވެ. عيسى عليه السلام އަކީ ޢާއިލީ ދިރިއުޅުއްވުމެއް ބިނާ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި ބޭކަލެއް ނޫނެވެ. އެކަލޭގެފާނު ކާވެނިފުޅެއް ނުކުރައްވައެވެ. އުޅުއްވީ ހުއްސަރިބައިފުޅަށެވެ. އެހެންކަމުން ކާވެނީގެ ގުޅުމުގެ ފާޑުވެރިކަމާއި، ދެމަފިރިންގެ ޙައްޤުތަކާއި، ދަރީންގެ ޙައްޤުތަކާއި، ބަލަދުވެރީންގެ ވާޖިބުތަކާއި، އާމްދަނީ ހޯދުމުގެ ޙަރާމް ޙަލާލު ގޮތްތަކާއި، މިބާވަތުގެ އެއްވެސް ކަމެއްގެ އިރުޝާދެއް مسيح ގެ ފަރާތްޕުޅުން ލިބޭކަށެއް ނެތެވެ.

ދެންއޮތީ އިޖުތިމާޢީ ދިރިއުޅުމެވެ. مسيح އަށް ދުވަހަކުވެސް ވެރިކަމާއި އަމީރުކަމުގެ ފުރުޞަތެއް ލިބިވަޑައިގެންފައެއް ނުވެއެވެ. އެހެންކަމުން ދައުލަތެއްގެ އިދާރީ ހިންގުމާއި، ވެރީންނާއި ރައްޔިތުންގެ ގުޅުމާއި، ޢަދުލުއިންޞާފު ޤާއިމުކުރާނެގޮތާއި، ހަނގުރާމައާއި ޞުލްޙައިގެ ޤާނޫނުތަކާއި، ދޭދޭ ޤައުމުތަކުގެ ގުޅުންތަކާއި، ޢަސްކަރީ ނުވަތަ ދިފާޢީ ނިޒާމާ ބެހޭގޮތުން އެކަލޭގެފާނުގެ ފަރާތްޕުޅުން އެއްވެސް އިރުޝާދެއް ލިބޭކަށެއް ނެތެވެ.

مسيح ގެ ރައްކައުވުމާ ބެހޭގޮތުން ބައިބްލުން އިބްތިދާއީ މަޢުލޫމާތުކޮޅެއް ލިބެއެވެ. އެއަށްފަހު އެކަލޭގެފާނުގެ ޝަޚްޞިއްޔަތު ދަނީ ފަރުދާގެ ނިވަލަށެވެ. ދެން ހާމަވެގެން ދަނީ ނަބީކަން ލިބިވަޑައިގަތުމާ ހަމައިންނެވެ. އޭގެ ފަހުން ހޭދަވެގެން ދިޔަ އަހަރެއް ދެއަހަރެއްހައި ދުވަހުގެ ތެރެއިން ފަރުބަދައިގެ ވަޢުޡާއި، އެނޫންވެސް އެއް އަތުގެ އިނގިލިތަކުން ގުނައިލެވޭ ފަދަ މަދު ޙާދިޘާތަކެއްގެ ޚަބަރު ލިބެއެވެ. އެކަންކަން ހިނގި ގޮތާމެދުވެސް ޚުދު ކްރިސްޓިއަނުންވެސް އިއްތިފާޤެއް ނުވެއެވެ. مسيح ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ބައިތުއްލަޙުމުގައި ކަމެއް، ނާޞިރާގައި ކަމެއްވެސް ކްރިސްޓިއަނުންނަކަށް ކަށަވަރުކޮށެއް ނުދެވެއެވެ.

ކަން މިހެން ހުރިއިރު، މިހާ ބޮޑަށް ފަރުދާގެ ފުރަގަހުގައި ހުންނެވި ޝަޚްޞިއްޔަތެއް އިންސާނީ ޙަޔާތުގެ ނަމޫނާއަކަށް ބެލޭނީ ކިހިނަކުންތޯއެވެ؟ އިންސާނީ ޙަޔާތުގެ މުހިންމު ދައުރުތަކެއް އެބޭކަލެއްގެ ޙަޔާތްޕުޅުގައި އައިސްފައިވެސް ނުވާ ބޭކަލަކު އެފަދަ ދައުރުތަކެއްގެ ނަމޫނާއަކަށް ވާނެތޯއެވެ؟ އިންސާނީ ޙަޔާތުގެ ސަރާސަރު ފުޅާ މައިދާނުގައި އެބޭކަލެއްގެ އަރިހުން ނަމޫނާ ލިބިގަންނާނީ ކިހިނަކުންތޯއެވެ؟

ދެން އަޅުގަނޑު މި ރޮނގުން ބަލައިލާނީ އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅުގެ މައްޗަށެވެ. އިންސާނެއްގެ ޙަޔާތުގައި ދިމާވެދާނެ ކޮންމެ ކަމަކަށް އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ފެންނާން އެބައޮތެވެ. އިންސާނާގެ އުފަލާއި ހިތާމައިގެ ވަގުތުތަކެވެ. އުފަންވުމާއި ފުރައުއްތަވުމެވެ. ފަތަޙައާއި ނާކާމިޔާބީއެވެ. ނިދުމާއި ހޭލާހުރުމެވެ. އިށީނދެއިނުމާއި ހިނގައިބިނގައިވުމެވެ. ބައްދަލުވުމާއި ތަހުނިޔާ ކިޔުމެވެ. ޒިޔާރަތްކުރުމާއި ތަޢުޒިޔާ ކިޔުމެވެ. އަޅުކަންކުރުމާއި އާމްދަނީ ހޯދުމެވެ. ގަނެވިއްކުމާއި ދަރަނި ނެގުމެވެ. ރަހުނުކުރުމާއި ހިބަކޮށްދިނުމެވެ. މުޟާރިބަތާއި ކާވެންޏެވެ. ވަރިކުރުމާއި ދެމަފިރިން ތަފްރީޤު ކުރުމެވެ. ކުށްވެރީންނާއި އެބައިމީހުންގެ އަދަބުތަކެވެ. ދަނޑުވެރިކަމާއި މަޖޫރީ ކުރުމެވެ. ވެރިކަން ހިންގާނެ އުޞޫލުތަކެވެ. ހަނގުރާމައާއި ޞުލްޙައިގެ ޤާނޫނުތަކެވެ. ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ހަމަތަކާއި އުޞޫލުތަކެވެ. ދޭދޭ ޤައުމުތަކާއި ދައުލަތްތަކުގެ ގުޅުންތަކެވެ. އިތުރުސާހިބާގެ ސީރަތުން އެކަމެއްގެ ނަމޫނާ ފެންނަންނެތް އެއްވެސް ދާއިރާއެއް ނެތެވެ. އިސްތިންޖާކުރުމުގެ އަދަބުތަކާއި އަނބިފިރިކަމުގެ ގުޅުން ހިންގާނެ ގޮތްތަކަށް ދާންދެން ހުރިހާ ކަމަކަށްވެސް އިތުރުސާހިބާ ވަނީ އިރުޝާދު ދެއްވައިފައެވެ. މަގުދައްކަވައިފައެވެ. އިތުރުސާހިބާ ރައްކައުވީއްސުރެ އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފުމާ ހަމަޔަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ހުރިހާކަމެއް ވަނީ ލިޔެވި ރެކޯޑު ކުރެވިފައެވެ. ކަރުދާހުގައި ކުރެހިފައިވާ ފިލްމެއް ފަދައިންނެވެ.

ޝައްކެއްނެތެވެ. އިންސާނާގެ ހިތުގައި އޭނާ އުފެއްދެވީ ކޮން މަޤްޞަދެއްގައި ކަމުގެ ސުވާލު އުފެދޭނެ ދުވަހަކީ ނައިސް ނުދާނެ ދުވަހެކެވެ. އެހެން ދުނިޔެއެއްގައި ފިޔަވަޅު އަޅަން ޖެހޭނެކަން ޤަބޫލުކުރެވޭނެ ދުވަހަކީ ޔަޤީނުންވެސް އަންނާނެ ދުވަހެކެވެ. އެދުވަހަކުން އޭނާ ދީންތައް މުޠާލިޢާކުރަން އަވަސްވެގަންނާނެއެވެ. ދީންތަކާއިގެން ވަޑައިގެންނެވި ރަސޫލުންގެ ސީރަތު ދިރާސާކުރުމުގައި ހީވާގިވާނެއެވެ. އޭނާގެ ހޯދުމުގެ ޝައުޤު އޭނާ އެންމެފަހުން ގެންދާނީ އިސްލާމްދީނުގެ ނަބިއްޔާ محمّد صلّى اللّه عليه وسلّم ގެ ހިރިޔާފާތުރާގެ ދަށަށްކަމީ ކަށަވަރު ކަމެކެވެ.

_______________________________

comment ކޮމެންޓް