މިރޭ މެންދަމުން ފެށިގެން ދިރާގުން އައިފޯން އެކްސް ވިއްކަން ފަށަނީ

ޑިސެންބަރު 1 އިން ފެށިގެން ދިރާގުން އައިފޯން އެކްސް ވިއްކަން ފަށާނެ -- ފޮޓޯ: އެޕަލް

ދުނިޔޭގެ މަޝްހޫރު އަދި އަގުބޮޑު އެޕަލް ކުންފުނިން ބާޒާރަށް އެންމެ ފަހުން ނެރުނު އައިފޯން އެކްސް ރާއްޖޭގެ ބާޒާރަށް ނެރެ މިރޭ މެންދަމު 12:01 ފެށިގެން ދިރާގުން ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުން މިއަދު ބުނީ، އެޕަލް ކުންފުނިން ރާއްޖެއަށް އައިފޯން އެކްސް ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހަކީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. އެހެން ކަމުން ދިރާގުގެ ކަސްޓަމަރުންނަށް އެއްވެސް އިންތިޒާރު ކުރުކަމަކާއި ނުލާ މިރޭ މެންދަމު 12:01 ފެށިގެން ފޯނު ވިއްކަން ފަށާނެ ކަމަށެވެ.

މިރޭ 10 ޖަހާއިރު ހާއްސަ ރަސްމިއްޔާތަކާ އެކު ދިރާގުން އައިފޯން އެކްސް ލޯންޗު ކުރާއިރު މިރޭ މެންދަމު 2:00 ޖަހަންދެން ފޯނު ވިއްކުމުގެ ހަރަކާތް ކުރިއަށްގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރު ކުރައްވާފައިވާ ފަރާތްތަކަށް މިރޭ ފޯނު ހަވާލު ކުރާނެ ކަމަށާއި މިރޭ 10:00 އިން ފެށިގެން ކިއު ހެދުން ފެށޭނެ ކަމަށެވެ. އަދި ފޯނު ވިއްކަމުން ދާނީ ކިއު ތަރުތީބުން ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން އައިފޯން އެކްސް ވިއްކަން ހަމަޖެހިފައިވަނީ އިންސްޓޯލްމަންޓަށާއި އެއްފަހަރާ ލާރި ދައްކާފައި ގަންނަ އުސޫލުންނެވެ.

އިންސްޓޯލްމަންޓަށް ފޯން ގަންނަ ފަރާތްތަކުން 64 ޖީބީގެ ފޯނެއް ނަމަ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 2999 ރުފިޔާ ދެއްކުމަށް ފަހު އިންސްޓޯލްމަންޓަށް 12 މަސް ދުވަހަށް ބަހާލައިގެން 1500 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި 256 ޖީބީގެ ފޯނެއް ނަމަ އިންސްޓޯލްމަންޓަށް މަހަކު 1750 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުން އައިފޯން އެކްސް އެއްފަހަރާ ލާރި ދީފައި ގަންނަ ފަރާތްތަކަށް ވިއްކަން ހަމަޖެހިފައިވާ އަގަކީ 64 ޖީބީ ފޯނެއް ނަމަ 20999 ރުފިޔާ އެވެ. އަދި 256 ޖީބީ ފޯނެއް ނަމަ 23999 ރުފިޔާ އަށެވެ.

ދިރާގުން އައިފޯން އެކްސްއަށް ޕްރީއޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގަ އެވެ. ދިރާގުން އައިފޯން އެކްސް ގަންނަ ފަރާތްތަކަށް ފަސް ޖީބީ ޑޭޓާ ހަ މަސް ދުވަސް ވަންދެން ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

comment ކޮމެންޓް